އިންޑިއާ ފަތުރުވެރިން މަދުވުމުން އެއް ބިލިއަން ރުފިޔާގެ ގެއްލުންވެއްޖެ: ޞާލިޙް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް: އިންޑިއާ ފަތުރުވެރިން މަދުވުމުން އެއް ބިލިއަން ރުފިޔާގެ ގެއްލުންވެއްޖެ ކަމަށް ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

މީގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު މަދުވުމުން ލިބުނު ގެއްލުމުގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރާއި ދެކުނަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ޞާލިޙް ވިދާޅުވީ އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައި ވަނީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތް ގޮތުން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިންޑިއާއިން ގާތްގަނޑަކަށް 53،000 ޓޫރިސްޓުން ރާއްޖެ އައި ކަމަށާއި މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

"އެހެން ނަމަވެސް މިއަހަރުގެ މިތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 33،000އަށް ދަށްވެފައި، 20،100އަށް ވުރެ ގިނަ ޓޫރިސްޓުން މަދުވެއްޖެ. މީގެ އިމްޕެކްޓް މީގެ އިގުތިސާދީ ގެއްލުން އަޅުގަނޑުމެންގެ މުޅި ގައުމަށް އެބަ ކުރޭ،" ޞާލިޙް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އޭގެ ސަބަބުން މިތިން މަސް ތެރޭ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ގެއްލުން 58 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އަދި އެ ދާއިރާއާ ގުޅިފައިވާ އެހެން ދާއިރާތަކަށް ލިބުނު ގެއްލުން އެއްކުރުމުން، ގެއްލުމުގެ އަގު ގާތްގަނޑަކަށް 68 މިލިއަން ޑޮލަރަށް ވުރެ އިތުރުވާ ކަމަށާއި އެއީ އެއް ބިލިއަން ރުފިޔާކަން ޞާލިޙް ފާހަގަކުރެއްވިއެވެ.

"ދައުލަތަށް ލިބެމުންދާ އާމްދަނީ މަދުވަމުންދާ ސަބަބުތަކަކީ މިއީ. އިގުތިސާދީ ސިޔާސަތެއް ތަސައްވުރެއް ނެތް، ހަމައެކަނި ޓެކްސްގެ ގޮތުގައި މި ލިބޭ އާމްދަނީ އިތުރުވެގެން މިދަނީ މި ވޭތުވެދިޔަ އަހަރު ޓެކްސްގެ ނިޒާމަށް އަޅުގަނޑުމެންނަށް ގެނެވުނު ބަދަލެއްގެ ސަބަބުން. އިތުރު އެއްވެސް ކަމެއް ނުކުރޭ،" ޞާލިޙް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މައްސަލައާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ އިގުތިސާދީ ހާލަތު ހީނުކުރާ މިންވަރަކަށް ގޯސްވެދާނެ ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީން އަޣުލަބިއްޔަތު ހޯދަން ޖެހޭ ކަމަށް ވެސް، އެ ޕާޓީގެ ރައީސްކަން ކުރިން ކުރެއްވި ޞާލިޙް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، ރާއްޖެއަށް ހަވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އިންޑިއާއިން އިއްޔެއާ ހަމައަށް އައިސްފައިވަނީ 33،336 ފަތުރުވެރިންނެވެ.

މި ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އިންޑިއާއާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ވާހަކަދެއްކެވި މައްސަލައިގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބޮއިކޮޓް ކުރުމަށް ގޮވާލައި އެގައުމުގައި ކެމްޕެއިނެއް ކުރިއަށްގެންދިޔައެވެ. ރާއްޖެއަަށް އާންމުކޮށް ޗުއްޓީއަށް އަންނަ އެގައުމުގެ މަޝްހޫރު އެކްޓަރުންތަކެއް ވެސް އެ ކެމްޕެއިންގައި ބައިވެރިވިއެވެ.

އިންޑިއާއިން އަންނަ ފަތުރުވެރިން މަދުވުމުން ރާއްޖެއަށް 1.8 ބިލިއަން ޑޮލަރާއި ދެ ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބިދާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އިސް ބައެއް ތަޖުރިބާކާރުން ވަނީ ލަފާ ކުރައްވާފައެވެ.

https://sun.mv/189740

އެ ކަންބޮޑުވުންތަކާ ގުޅިގެން އެމްއެމްޕީއަރުސީން ބުނެފައިވަނީ، އިންޑިއާގެ ފަތުރުވެރިން އިތުރުކުރަން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް