ދުރުގާ ވާން ނޭދުނަސް ހިތް… 01

------------------------

ދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. ދުނިޔޭގެ ތަޖުރިބާއިން ކިތަންމެ ގިނަ ފިލާވަޅުތަކެއް ލިބުނު ނަމަވެސް، ދުނިޔޭގެ ތަބީޢަތު ދަސްކުރުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އުފަލާއި ހިތްހަމަޖެހުމާއި، ހިތްދަތިކަމާއި ވޭނަކީ ކޮންމެ އިންސާނަކުވެސް ކުރިމަތިލާންޖެހޭ އިޙްސާސްތަކެކެވެ. ތާއަބަދު އުފަލުގައި އެއްވެސް އިންސާނަކަށް ދިރިއެއް ނޫޅެވޭނެއެވެ. ބައެއް ޙާލަތުގައި ނިކަމެތިކަމާއިއެކު، އިސްޖަހާލަން އިންސާނާއަށް މަޖުބޫރުވެއެވެ.

ދުނިޔެއަކީ ސިއްރުތަކުން ފުރިގެންވީ ތަނެކެވެ. ﷲ ތިމާއާ އިމްތިޙާނެއް ކުރިމަތި ކުރައްވާނީ ކޮން އިރަކު، ކިހިނެއްކަމެއް އެއްވެސް އިންސާނަކަށް ނޭނގޭނެއެވެ. އެހެންނަމަވެސް، އިންސާނާއަށް އޮތް ގޮތަކީ މާތް ﷲ ތިމާއަށް ކުރިމަތިކުރުވާ ކޮންމެ އިމްތިޙާނަކަށް ވެސް ކެތްތެރިވުމެވެ. ކިތަންމެ މޮޅު ފަލްސަފާއެއް ރޭވި ނަމަވެސް، ދުނިޔޭގައި އެއްވެސް ކަމެއް ﷲގެ ކުޅަދުންވަންތަކަމާ ލައިގެން މެނުވީ ނުހިނގައެވެ. އިންސާނާ ދުނިޔޭގައި އުޅޭހާ ހިނދަކު ތަފާތު އިމްތިޙާނުތައް އެމީހަކާ ކުރިމަތިވާނެއެވެ. އުފާތަކާއި، ވޭނާއި، ގިލަންވެރިކަން ގިރާކުރަން ޖެހޭ ޙާލަތްތައްވެސް އަތުުވެދާނެއެވެ. އެހެންނަމަވެސް، އެއް ޙާލަތެއް އަބަދަކު ދެމިއެއް ނޯންނާނެއެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް އުންމީދަކީ ހިތް އެދޭގޮތަށް ހުރިހާކަމެއް ހާސިލްވުން ނަމަވެސް އެކަން އެގޮތަށް ވުމަކީ ނާދިރުކަމެކެވެ. ދުނިޔޭގެ އުސޫލަކީ އުފަލަކަށްފަހު، ހިތާމައެކެވެ. ހިތާމައަކަށްފަހު، އުފަލެކެވެ. އުފާވެރިކަން ހިތާމައަށް ބަދަލުވެ، ހިތާމަވެރިކަން އުފަލަށް ބަދަލުވެގެން ދެއެވެ. ބައެއްކަންތައްތަކުގެ ނިމުން އަންނަނީ ތިމާ ހީވެސް ނުކުރާ ގޮތަށެވެ. ހިތާމަތަކުން ތިމާގެ ހިތަށް ތަދުކުރުވަމުންނެވެ. އެހެންނަމަވެސް، ޙަޤީޤީ ބުއްދިވެރިންނަކީ ޙަޔާތުގެ ނަވުގައި ތިމާ ކުރަމުން ދާ ދަތުރުގައި ދިމާވާ ކަންތައްތަކަށް ކެތްތެރިވެ، ތިމާ ދާން ބޭނުންވާ މަންޒިލަށް ދިޔުމަށް މަސައްކަތްކުރާ މީހުންނެވެ. ތިމާގެ ޙަޔާތަށް ބިންދާލާ ކޮންމެ ރާޅަކާއި ދިމާވާ ކޮންމެ ތޫފާނަކާއި ހިތްވަރާއެކު ކުރިމަތިލާމީހުންނެވެ. ކަނޑު ގަދަ ދުވަހެއްގައި ރުޅިވެރި ރާޅުތަކުގެ ހަމަލާ އަމާޒުވަމުންދާ ހިނދުވެސް، ލޯންޗެއް ސަލާމަތުގެ އަސްސޭރިއަށް ދިޔުމަށްޓަކައި ދަތުރުކުރާފަދައިން އުންމީދާއެކު ކުރިއަށްދާ މީހާއެވެ. **

އުޑުމަތީގައި ލެވިފައިވާ ބޯ، ކަޅު ވިލާތަކުގެ ސާލުގެ ސަބަބުން މުޅި މާހައުލަށް ފެތުރިފައިވަނީ އަނދިރިކަމެވެ. ހަވީރުއްސުރެ މަތި މައްޗަށް ނަގަމުން ދިޔަ ބޯ ވިލާތައް ހީވަނީ އުޑުމަތީގައި ފުނިޖެހިފައިވާ ހެންނެވެ. އިރުގެ އަލިކަން ދުނިޔެއަށް ފޯރުމުގައި ނާކާމިޔާބު ވެފައިވަނީ އެ ކަޅުވިލާތަކުގެ ސަބަބުންނެވެ. ވައި ރޯޅިތައް ހިނދެއް ހިނދަކަށް ބާރުވަމުން ދިޔަ އިރު، ފަޒާގައި "ޒޫމް" އަޑެއް ކިޔާލާފައި ހުއްޓެވެ. އިރުއޮއްސެމުން ދިޔަ ވަރަކަށް، އަންނަން އުޅޭ ތޫފާނުގެ އަސަރު ދިޔައީ ގަދަވަމުންނެވެ. އެހެންކަމުން މުޅި މާހައުލުގައި ވެސް ވަނީ އަނދިރިކަމެވެ.

ރަށުގެ ފަޅުތެރެއަށް ވަންނަން އައި ލޯންޗުގެ ދުވެލި މަޑެވެ. ދުއްވަން އިން ކައްޕި ކިތަންމެ މޮޅު ނަމަވެސް، ލޯންޗްގެ ދެފަރާތުން ހަމަލާދެމުން ދިޔަ ބިޔަ ރާޅުތަކުގެ ސަބަބުން، ލޯންޗު ދުއްވުން ވީ އުނދަގޫކަމަކަށެވެ. ތޫފާނުގެ ސަބަބުން ރުޅިގަދަވެފައިވާ ރާޅުތައް ލޯންޗްގެ ތެރެއަށް ހަމަލާދެމުން ދިޔައިރު، ހީވަނީ ދެންމެ ދެންމެ ލޯންޗު ބަންޑުން ޖަހާލަފާނެހެންނެވެ. އެއިން ކޮންމެ ފަހަރަކު، ލޯންޗުގައި ތިބި މީހުންގެ ހަޅޭކުގެ އަޑުން އިވެއެވެ. ބައެއް މީހުން ރޯ އިރު، އަނެއް ބައި މީހުން ދުޢާކުރަނީއެވެ.

ފަޅުތެރެއަށް ވަދެވުމާއެކު، ކޮންމެވެސް ވަރަކަށް ރާޅުތަކުގެ އަސަރު މަޑުވެލިއެވެ. އެއާއެކު، ލޯންޗުގައި ތިިބި މީހުން ހަމަޖެހުމުގެ ނޭވާއެއް ލިޔެވެ. ބަނދަރަށް ލޯންޗު ކައިރިކުރުމާއެކު، ކޮންމެ މީހަކުވެސް އަވަސްވެގަތީ، އަވަހަށް ލޯންޗުން ފޭބުމަށެވެ. ލޯންޗުގެ އެންމެ ފަހަތު ސީޓުގައި ލެނގިލައިގެން ބޮލުގައި އަޅަން ގެންގުޅޭ ތޮފިން މޫނު ނިވާކޮށްލައިގެން އިން ޒުވާނާގެ އަތް ހަރަކާތްކޮށްލީ ދެނެވެ. އެ ދަތުރު ފެށުނީއްސުރެ އޭނާ އިނީ އެ ތޮފިން މޫނު ނިވާކޮށްލައިގެންނެވެ. ލޯންޗު ތެރޭގައިވީ އެއްވެސް ކަމަކަށް އޭނާ ސަމާލުކަން ނުދޭފަދައެވެ. މީހަކަށް ނޭނގުނު ނަމަވެސް، އޭނާ އޮތީ ނިދާފައެއް ނޫނެވެ. މުޅި ދަތުރުގައިވެސް އޭނާ އޮތީ ހޭލައެވެ. އެހެންނަމަވެސް، އެކަން އެއްވެސް މީހަކަށް އަންގަން އޭނާ ބޭނުން ނުވީއެވެ. އަދި އެހެން މީހަކާ ވާހަކަ ދައްކާ، ކުރިމަތިލާންވެސް ބޭނުން ނުވީއެވެ. މަޑުމަޑުން ތޮފި ނެގުމަށްފަހު, ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު, އޭނާގެ ދިގުކޮށްލާފައި އޮތް އިސްތަށިގަނޑުގައި ޖަހާފައިވާ ހުޅި ރަނގަޅު ކޮށްލުމާއެކު، ދަބަސް ކޮނޑުގައި އަޅުވާލާ ލޯންޗުން ފައިބަން އަވަސްވެގަތެވެ.

ބަނދަރުމައްޗަށް ފޭބިއިރު، ވައި ބާރުކަމުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ދޭތެރެ ދޭތެރެއިން ޖެހިލާ ވައިރޯޅިތަކުން ހީވަނީ ބަނދަރުމަތީގައި ހުރި ގަސްތައް ވެސް މުލުން ލުހިގެން ހިނގައިދާންހެންނެވެ. ދުރު ދުރަށް ދާންދެންވެސް ފަތްތައް ވަޔާއެކު އުދުހިގެންދާ މަންޒަރު ފެނެއެވެ. ފަޒާގައި ވެސް ވަނީ ގަދަ ފިނިކަމެކެވެ. ޖީބުން ނެގި ތަޅުދަނޑިފައްޗަށް ބަލައިލުމަށްފަހު، ވަށައިގެން ހޯދާލިއެވެ. އެތަނުގައި ހުރި ސައިކަލެއްގެ މަތީގައި އިށީނދެލައިގެން އިން ޒުވާނެއް ލޮލުގައި އަޅައިގަތުމާއެކު، ލަސްފިޔަވަޅުތަކެއްގައި ގޮސް އޭނާ އެ ޒުވާނާއާ ވާހަކަ ދެއްކިއެވެ.

"އޯކިޑް ވިލާ ހުންނަނީ ކިހާ ހިސާބަކުކަން އެނގޭތަ؟" އެ އަޑު ބަރުވެފައި ފިރިހެންވަންތައެވެ.

"މީ ރަށުގެ ހުރަސްމަގު. މި މަގުން ހުރި ސީދަލަށް ދޭ. ދާއިރު ފެންނާނެ އަލަށް މީހުން އާބާދުވާން ފެށި ހިސާބެއް. އެ ހިސާބުގައި ހަދާ ނިމިފަ ހުންނާނީ ޖުމްލަ ދެ ގެ. އެ ދެ ގޭގެ ތެރެއިން ބިއްދޮށަށް ރަށުގެ ފުއްޓަރު ފަރާތަށް ހުންނާނީ އޯކިޑް ވިލާ." ސައިކަލު މަތީގައި އިން ޒުވާނާ ބުނެލިއެވެ.

"ތޭންކްސް." ޝުކުރު އަދާކޮށްފައި އެ ބުނި މަގުން ހިނގައިގަންނަމުން އެ ޒުވާނާ ޖީބުން ނެގި ވޭޕު ދަމައިލާފައި ދޫކޮށްލި ދުންތައް މުޅިތަނަށް ފެތުރިގެން ދިޔައެވެ.

އިޝްފާންއަކީ އިސްކޮޅުން ދިގު ޒުވާނެކެވެ. އޭނާއަށް ލިބިފައިވަނީ ރާއްޖޭގެ ގިނަ ޒުވާނުންނެކޭ އެއްފަދައިން އޮޅަލި ކުލައިގެ ހަންގަނޑަކެވެ. ހަށިގަނޑު ހިކި ނަމަވެސް، ބަލާބެލުމަށް އައިބެއް ނޫނެވެ. އެ ގަދަ މުށި ކުލައިގެ ލޮލުން ފެންނަނީ ބުނެދޭން ނޭނގޭ ފަދަ ތޫނުކަމެކެވެ. ހީވަނީ އެ ދެލޮލުގެ ތެރޭގައި ފާޅުކުރަން ބޭނުންނުވާ އެތަކެއް ސިއްރެއް ގައިދުކޮށްފައިވާ ހެންނެވެ. ނޫކުލައިގެ ގޮޅި ޖެހި ގަމީހާ އެކު ލާފައިވާ ޖީންސްގެ ކަކުލާ ދިމާލުންވަނީ ވީދާލާފައެވެ.

ކޮނޑުގައި އަޅުވާލާފައި އޮތް ބެކްޕެކް ނޫން އިތުރު އެއްޗެއް އިޝްފާންގެ އަތަކު ނެތެވެ. އަންނަން އުޅޭ ތޫފާނުން ސަލާމަތް ވާން ފިޔަވަޅު އަވަސްކުރުމުގެ ވިސްނުމެއް ވެސް އޭނާގެ ނެތެވެ. ހިނގަމުން ދިޔައީ އާދައިގެ ވަރަކަށެވެ. ވިއްސާރަކަމުން ކަންނޭނގެެއެވެ. މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މަގުގައި ހެދިފައިވާ ގަސްތަކުގެ ސަބަބުން، ވެސް މުޅިތަން ފެންނަނީ ނާމާންކޮށެވެ.

ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓް ހިނގިފަހުން، ރަށުގެ ހުރަސްމަގުގެ އެ ބުނާ ހިސާބަށް އިޝްފާންއަށް އާދެވިއްޖެއެވެ.

އެ ހިސާބުގައި އެންމެ ބިއްދޮށަށް ހަދާފައި ހުރިގެއަށް ބަލާލާފައި ފުންނޭވާއެއް ދޫކޮށްލާފައި އޭނާ އެ ދިމާލަށް ހިނގައިގަތެވެ. ގޭގެ ގޯތި ވަކިކުރަން ޖަހާފައިވާ ފެންސުތައް ކައިރީގައި ޖަހާފައިވާ ނަން ބޯޑުގައި "އޯކިޑް ވިލާ" ލިޔެފައިވެއެވެ. ޖެހިގެން ހުރި ގެއާ އެ ގެ ވަކިކޮށްލާފައި ވަނީ ވެސް ލަކުޑި ފެންސުތަކުންނެވެ. ގޯތިތެރެއަށް ވަދެގެން ގޮސް އޭނާ މަޑުކޮށްލީ އެގޭގެ ދޮރު ކައިރީގައެވެ. ދޮރުގެ ދެފަރާތު ބޭރު ފެންޑާގައި، އިށީނދެވޭ ގޮތަށް ޖޯލިތައް ބަހައްޓާފައި ހުރި އިރު އެތަންވެސް ވަނީ ހިޔާކޮށްފައެވެ. އަތުގައި އޮތް ތަޅުދަނޑުފަތި ނަގާ އޭނާ އެންމެ ފުރަތަމަ ޖެހުނު ތަޅުދަނޑިން ދޮރު ހުޅުވަން މަސައްކަތް ކުރިއެވެ. ކާމިޔާބު ވާގޮތް ނުވުމުން ދެބުމަ ކައިރިކޮށްލުމާއެކު، ތަޅަށް ރަނގަޅަށް ބަލާލާފައި، އެހެން ތަޅުދަނޑިއެއް ލައްވާލިއެވެ. ދޮރު ހުޅުވުމާއެކު، އިޝްފާން، އެތެރެއަށް ވަދެ ސްވިޗު ބޯޑުތައް ހޯދާލިއެވެ. ލައިޓް ދިއްލާލުމާއެކު، ވަށައިގެން ގޭތެރެއަށް ބަލާލިއެވެ.

އެ ގޭގައި ހުރީ ދެ ކޮޓަރިއާއި ސިޓިން ރޫމަކާއި ބަދިގެއެކެވެ. އެއީ އާދައިގެ ވަރެއްގެ އެޕާރޓްމެންޓެކެވެ. ސިޓިން ރޫމުގައި ސޯފާއެއްގެ އިތުރުން، ޓީވީއާއި، ސްޓަޑީ ޓޭބަލްއެއްވެސް ހުއްޓެވެ. ހުޅުވޭ ގޮތަށް ކުޑަ ދޮރުތައް ހުރިއިރު، އެ ދޮރުތައް ފަރުދާކޮށްލާފައިވަނީ ގަދަ އަޅިކުލައިގެ ދޮރު ފޮތިތަކަކުންނެވެެ. ސޯފާގެ ކައިރީގައި ދަބަސް ބަހައްޓަމުން އިޝްފާން ސޯފާމައްޗަށް ވެއްޓިގަތެވެ. ދެގަޑިއިރަށްވުރެ ދިގު އެ ދަތުރުގެ ސަބަބުން އޭނާއަށް ވަރުބަލިކަން އިޙްސާސްކުރެވެމުން ދިޔައެވެ. މޯޅިއަކަށް ދެމިލާފައި ހަަމަޖެހިލި ވަގުތު ބޯކޮށް ވާރޭ އޮއްސާލި އަޑު އިވުނެވެ. ނިތުގައި ދެ އަތް ކާތާލުމާއެކު، ތެދުވެ އިށީނީ ބަނޑުން އަޑު ކިޔަން ފެށުމުންނެވެ. ބަނޑުހައިވެފައި ހުރިވަރު އިޙްސާސްކުރެވުނީ ދެނެވެ.

އިޝްފާން އޭނާގެ ދަބަސް ހުޅުވާލާފައި އޭގެ ތެރޭގައި އޮތް އެކްސެލް ދަޅު ނަގާ ކަނޑާލުމަށްފަހު، އެ ބޯން ފެށިއެވެ. ނިންމާލާފައި އަނެއްކާވެސް އޭނާ ސޯފާގައި އޮށޯތެވެ. ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމާއެކު "ޗޮކެއް" ކަނޑާލާފައި އޭނާ ފޯނު ނަގާ ގުޅަނީ ކާކު ތޯ ބަލާލިއެވެ. ސްކްރީނަށް އަރާފައިވާ، ނަން ފެނުމާއެކު އިޝްފާންގެ ދެބުމަ ގޮށްޖެހުނެވެ. ފޯނަށް ބާރުކޮށްލެވުނު ވަރުން އަތުގެ ނާރުތައް ވެސް ކޮންމެވެސް ވަރަކަށް ފުއްޕާލިއެވެ. ރިންގްވެފައި ކެނޑުނުއިރުވެސް، ފޯނު ނެގުމުގެ ޚިޔާލެއް އޭނާ ނުކުރެއެވެ. އެހެން އިނދެފައި ދަތްކުނޑި ވިކައިލިލެއް ބާރުކަމުން އޭނާގެ ކަތުރު ކަށިގަނޑުވެެސް ހީވީ ގުޑައިގެން ގޮސްދާނެހެންނެވެ. އިޝްފާންގެ ތަބީޢަތަށް އައި އެ ބަަދަލު ގުޅިފައިވަނީ ދެންމެ އޭނާއަށް އައި ފޯނު ކޯލާއެވެ. އުނދަލުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން، ލީ ފުންނޭވާއާއެކު، ވަމުން ދިޔަ އުނދަގުލުން ސަލާމަތްވާން އިޝްފާން މަސައްކަތްކުރަމުން ދިޔައެވެ. ހަމަޖެހިލިތާ މާގިނަ އިރެއްނުވެ، އޭނާއަށް ނިދޭގޮތްވިއެވެ.

އިޝްފާންއަށް ދެން ހޭލެވުނީ ޖެހި ބާރު ގުގުރީގެ އަޑާއެކުގައެވެ. ސޯފާއިން ތެދުވެ އިށީނދެލުމަށްފަހު، ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން މޯޅިއަކަށް ދެމިލިއެވެ. އޭރު އޭނާއަށް ބަނޑުހައިހޫނުކަން އިންތިހާއަށް އިޙްސާސްކުރެވެމުން ދިޔައެވެ. ގަޑި ބަލާލިއިރު، މެންދަމުން އަލިވެ ދެއެއް ޖަހަނީއެވެ. އޭރުވެސް ހުއްޓާނުލާ ވާރޭ ވެހޭ އަޑު އިވެމުންދިޔައެވެ.

އިޝްފާން ތެދުވެގެން ގޮސް ދޮރު ފޮތިތައް ކަހާލިއެވެ. އެއަށްފަހު، ކުޑަ ދޮރު ހުޅުވާލިއެވެ. އެއާއެކު ފެނުނު މަންޒަރުން އެންމެ ފުރަތަމަ އޭނާއަށް ލިބުނީ ސިހުމެކެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ރަނގަޅަށް ބަލާލުމާއެކު، އޭނާގެ މޫނުމައްޗަށް ހައިރާންކަމުގެ ކުލަވަރުތައް ވެރިވިއެވެ. މަގުމަތީގައި ދިއްލާފައިވާ އޮރެންޖުކުލައިގެ ލައިޓްގެ އައްޔާއި ގޭގެ ބޮކީގެ އަލިކަމުން މަންޒަރު ސާފުވެއެވެ.

އެގެއާ އިންވެގެން ހުރި ގޭގެ ގޯތިތެރޭގައި ކަކޫ ބިންމަތީގައި ޖައްސާލައިގެން އިސްޖަހާލައިގެން އިނީ އަންހެން ކުއްޖެކެވެ. އެ އަންހެން ކުއްޖާގެ ބޯ ވަނީ ބުރުގާއަކުން ނިވާކޮށްލާފައެވެ. ބަލާބެލުމަށް ހީވަނީ ރޮނީ ހެންނެވެ. އެ ކުއްޖާ އިނީ އޭނާއަށް ފުރަގަސްދީގެންނެވެ. އެހާ ދަންގަޑިއެއްގައި އެފަދަ ގޮތަކަށް އެކުއްޖާ އިންނަންވީ ސަބަބަކީ ކޮބައިތޯ އިޝްފާންއަށް އޭނާގެ އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށް އޭނާގެ ހިތް އެދި ގޮވަން ފެށިއެވެ. އެ އަންހެން ކުއްޖާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިޝްފާން އެތަކެއް އިރަކު ހުއްޓެވެ. ވާރޭ ތުނިކޮށްލީވެސް އޭނާ އެ އަންހެން ކުއްޖާގެ ހަރަކާތްތަކަށް ފާރަވެރިވެ އެތަނުގައި ހުއްޓައެވެ. އެހެން ހުއްޓާ ޖެހެމުން ދިޔަ ވައިރޯޅިތަކުން އޭނާގެ ކަންފަތާ ހަމައަށް ފޯރުކޮށްދިނީ ވޭނާ ކެކުޅުން އެކުލެވޭ އެ އަންހެން ކުއްޖާގެ މަޑުމަޑު ގިސްލުމުގެ އަޑެވެ.

(ނުނިމޭ)

ނޯޓް: ވާހަކައަކީ އަމިއްލަ ޚިޔާލަކަށް ލިޔަމުން ގެންދާ ޚިޔާލީ ވާހަކައެކެވެ. ވުމާއެކު ވާހަކައިގެ ހިމެނޭ ކަންތައްތަކާއި ވާހަކައިގެ ސިފަކުރުންތައް ގެނެސްދީފައިވާނީ އަޅުގަނޑަށް ސިފަކުރެވޭ ގޮތަށެވެ. މީ ފަހަރެއްގައިވެސް ހިނގަމުންދާކަމަކާ ނުވަތަ ހިނގާފައިވާ ކަމަކާ ނުވަތަ ހިނގާފާނޭކަމަށް ލަފާކޮށް ލިޔަމުން ގެންދާ ވާހަކައެއް ނޫނެވެ. މި ވާހަކައަކީވެސް ތިޔަ ކިޔުންތެރިންނަށް ކަމުދާނެ ތަފާތު ރީތި ވާހަކައަކަށް ވާނެކަމަށް އުންމީދުކުރަމެވެ. މި ފުރުސަތުގައި އަޅުގަނޑުގެ ވާހަކަތަކަށް ތިޔަ ދެއްވާ ތަރުހީބަށް ހިތުގެ އިޚްލާސްތެރި ޝުކުރު ރައްދުކުރަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު