އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި އުމްރާއަށް ދާ މީހުން އެގެންދާ ޖަމާއަތަކަކީ, އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާޢަތްތަކެއްތޯ ކަށަވަރު ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ އިލްތިމާސް ކުރައްވައިފިއެވެ.
ހައްޖާއި އުމްރާއަށް މީހުން ގެންދާ ބައެއް ގުރޫޕުތަކުން އަމަލު ކުރާ ނުރަނގަޅު އުސޫލުތަކުގެ ސަބަބުން އެތައް ބަޔަކަށް މީގެ ކުރިން ލަނޑު ލިބިފައި އެބަހުއްޓެވެ.
މިނިސްޓަރު ޝަހީމް ރޭ ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ޖަމާއަތްތަކުގެ ލިސްޓް މީގެ ކުރިން އާއްމު ކޮށްފައިވާ ކަމަށެވެ. އުމްރާއަށް ދިއުމުގެ ކުރިން އެ ޖަމާއަތަކީ އެ ލިސްޓްގައި ހިމެނޭ ޖަމާއަތެއްތޯ ޔަގީން ކުރެއްވުމަށް ޝަހީމް އިލްތިމާސް ކުރެއްވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓުގައި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެވިފައިވާ ކުންފުނިތަކުގެ ލިސްޓުވަނީ އާންމުކޮށްފައެވެ. އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ޖުމްލަ 50 ކުންފުންޏަކަށް ދީފައިވާއިރު، ހަތަރު ކުންފުންޏެއްގެ ހުއްދަ މި މާޗު 2024އަށް އޮތީ ހަމަވެފައެވެ.
ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ނަމުގައި މަކަރުހަދައި އޮޅުވާލާ ކުންފުނިތަކުގެ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެެވެ. އެހެންވެ މި ފަހުން ސަރުކާރުން ނިންމާފައި ވަނީ ރާއްޖޭން މީހުން ހައްޖަށް ގެންދާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެކަނި ކަމަށެވެ.