އުތުރުތިލަފަޅުގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް ހިއްކާނީ 200 ހެކްޓަރުގެ ބިން: ރައީސް

ރައީސް ބ. ކެންދޫގައި --- ފޮޓޯ/ރައީސް އޮފީސް

ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށާއި އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމަށް ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބިން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އުތުރުތިލަފަޅުގައި ބިން ހިއްކައި، ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ)އިން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ވަނީ ހަވާލުކޮށްފައެވެ.

ރޭ އޮތް ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އަމިއްލައަށް އުފެއްދޭ ފަދަ ކާބޯތަކެތި ރާއްޖޭން ބޭރުން އިމްޕޯޓް ކުރުމަށް މިހާރު ހަރަދު ކުރަމުން އަންނަ ބޮޑު ހޭދަ ހުއްޓާލުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މި ގައުމުގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް އުފެއްދުމަށްޓަކައި އެ އަމިއްލަވަންތަކަން ގާއިމުކުރުމަށްޓަކައި އެ ވަނީ މަސައްކަތް ފެށިފަ. އެ ފުޑް ސެކިއުރިޓީ މި ދައުރުގައި ފުރިހަމައަށް ގާއިމުކުރާނަން،" ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި މަޝްރޫއަށް އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބިން ކަމަށާއި ރާއްޖޭގެ އަތޮޅުތެރޭގައި ދަނޑުވެރިކަން ކުރާ ބައެއް ރަށްތައް ވެސް މި މަޝްރޫގައި ހިމަނުއްވާނެ ކަމަށެވެ.

"އެ އިމްޕޯޓް ކުރުން ނިންމުމަކަށް ގެނެވުނީމަ ދެން އަޅުގަނޑުމެންގެ އިގުތިސޯދަށް އަންނާނީ އިތުރު ދިރުމެއް. އަދި އަޅުގަނޑުމެންގެ އަމާޒަކީ އެ ހިސާބުން ނިންމައި ނުލާ ދެވަނަ މަރުހަލާއަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ފުޑް ސެކިއުރިޓީ ގާއިމް ކުރުމަށް ފަހު ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ މިންވަރަށް ވެސް ކާބޯތަކެތި އުފެއްދުން،" ރައީސް ވިދާޅުވިއެވެ.

މި ގައުމުގައި އަމިއްލައަށް ކުރެވޭނެ ކަންކަން ގާއިމުކުރުމަކީ މުސްތަގްބަލަށްޓަކައި އެޅޭނެ އެންމެ ވަރުގަދަ ބިންގާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އޭރުން އެތައް ވަޒީފާތަކެއް އުފެދި ފުދުންތެރިކަން ގާއިމުވެގެން ދާނެ ކަމަށެވެ.

ގައުމީ ފެންވަރުގައި ކުރިޔަށް ގެންދާ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަކޮށް، ރާއްޖޭގައި މޭވާއާއި ތަރުކާރީ އަދި ޕޯލްޓްރީ އުފައްދާމިންވަރު އިތުރުކުރުމާއެކު އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ. އަދި އިގްތިސާދީ ތަރައްގީ ހޯދައިދިނުމާ އެކު ދަނޑުވެރިކަމުގެ ދާއިރާއަށް އިވެންސްޓްމެންޓް ހޯދުމެވެ.

މި މަޝްރޫއުގެ ދަށުން ދަނޑުވެރިކަމުގެ ބާވަތްތަކާއި، ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ ތަކެތި ޑިސްޓްރިބިއުޓްކުރާ ސެންޓަރެއްގައި ގޮތުގައި ދަނޑުވެރިކަމަށް ޚާއްޞަ ޒޯން ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން އުތުރުތިލަފަޅުގައި ފަސިންޖަރުންނާއި މުދާ އުފުލާ ޓާމިނަލް ގާއިމްކޮށް، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކެއް ވެސް ތަރައްގީކުރުމަށް ވަނީ ހިމަނާފައެވެ.

އެސްޓީއޯއިން ބުނެފައިވަނީ މޭވާއާއި ތަރުކާރީއަށް އަދި ދަނޑުވެރިކަމަށް މީހުން ތަމްރީނުކުރާ ބަޔަކު ވެސް މި މަޝްރޫއު ނިމޭއިރު ތިބޭނެ ކަމަށެވެ.

https://sun.mv/190360

މި މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 800،000 މީހުންނަށް ސީދާ މަންފާކުރާނެ ކަމަށް ސީއެޗްއީސީން ބުނެއެވެ. އެ ގޮތުން ދިވެހީންގެ އާންމު ދިރިއުޅުމަށްކުރާ ޚަރަދުތައް 40 އިންސައްތައިން ދަށްކުރުމަކީ މި މަޝްރޫއުގެ އަމާޒެކެވެ.

comment ކޮމެންޓް