ރަންބީރާއި އާލިއާގެ ކުޑަ ދަރިފުޅަށް 30 މިލިއަން ޑޮލަރުގެ ގެއެއް

އާލިއާ އާއި ރަންބީރު ދަރިފުޅު ރަހާ ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ދައްކާލަނީ -- ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެންމެ މަގުބޫލު ދެމަފިރިން ކަމަށްވާ އާލިއާއާއި ރަންބީރު އެއްވަރަކަށް ހިއްސާވެގެން ބިނާކުރަމުން އަންނަ އަގުބޮޑު ގެ އަލަތު ދަރިފުޅު ރަހާ ކަޕޫރަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ އަގުހުރި މި ގެ ދަރިފުޅު ރަހާއަށް ހަދިޔާކުރި ނަމަވެސް ގޭގެ އެއް ހިއްސާދާރަކަށް ރަހާގެ މާމަ ނީތޫ ކަޕޫރު ވާނެ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އެއީ, ރިޝީ ކަޕޫރު މަރުވިއިރު ރިޝީގެ މިލްކިއްޔާތުގައި ހުރި ހުރިހާ ގެއެއް ވެސް އަންހެނުން ނީތޫގެ ނަމަށް ބަދަލުކޮށްފައިވާތީއެވެ.

އާލިއާ ދަރިފުޅު ރަހާއާ އެކު އަނަންތު އަމްބާނީގެ ޕްރީވެޑިންގް ހަފuލާއަށް ކުރި ދަތުރުގައި-- ފޮޓޯ/ ފިލްމުފެއަނިއުސް

މުމްބާއީގެ ބަންޑްރާގައި ޢިމާރާތް ކުރަމުން އަންނަ ކްރިޝްނާ ރާޖް ބަންގްލޯ އަކީ މީގެ އަހަރެއްހާ ދުވަސްކުރިން މަސައްކަތް ފެށި އިމާރާތެކެވެ. މި ގޭގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށް ދޭތެރެދޭތެރެއިން މި ދެމަފިރިން ނީތޫއާ އެކު ސައިޓަށް ޒިޔާރަތްކުރާއިރު މިއިން ކޮންމެ ޒިޔާރަތަކަށް ވެސް ނޫސް ރިޕޯޓަރުންގެ ސަމާލުކަން އަބަދުވެސް ލިބެއެވެ.

ކުރީގެ އެކްޓަރު ރިޝީ ކަޕޫރުގެ ކާފަ ދަރިފުޅު ރަހާގެ ނަމަށް މި ގެ ބަދަލުކުރުމާ އެކު ކުޑަކުޑަ ރަހާ ވެގެންދާނީ ބޮލީވުޑްގެ އެންމެ ހަގު އަދި އެންމެ މުއްސަނދި ސްޓާ ކިޑްއަށެވެ. މި ގޭގެ މަސައްކަތް އެއްކޮށް ނިމޭއިރު ދެމަފިރިންގެ މި ހުވަފެނީ ގެ ވެގެންދާނީ މުމްބާއީގައި ހުރި އެންމެ އަގުބޮޑު ސެލެބްރިޓީ ބަންގްލޯއަށެވެ. އެއީ، މަޝްހޫރު ފިލްމީތަރިން ކަމަށްވާ އަމީތާބް ބައްޗަންގެ ގެ ޖަލްސާ އަދި ޝާހްރުކް ޚާންގެ ގެ މަންނަތު ވެސް ފަހަތަށް ޖައްސާލުމަށްފަހުއެވެ.

މި ބަންގްލޯގެ އިތުރުން ވެސް ބަންޑްރާ ސަރަހައްދުގައި އާލިއާއާއި ރަންބީރުގެ ނަމުގައި ހަތަރު ފުލެޓު ހުރެއެވެ. މި ފުލެޓުތަކުގެ އަގު ޖުމުލަ ހަތް މިލިއަން ޑޮލަރަށް އަރާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރަންބީރު ކަޕޫރު ދަރިފުޅު ރަހާއާ އެކު އަނަންތު އަމްބާނީގެ ޕްރީވެޑިންގް ހަފްލާއަށް ކުރި ދަތުރުގައި -- ފޮޓޯ/ ފިލްމުފެއަނިއުސް
ކްރިޝްނާ ރާޖްގެ ނަމުގައި ހުރި މި ބަންގްލޯގެ ހަގީގީ މިލްކުވެރިންނަކީ ކުރީގެ ފިލްމީތަރި އަދި ރިޝީ ކަޕޫރުގެ ބައްޕަ ރާޖް ކަޕޫރާއި އަންހެނުން ކްރިޝްނާ ރާޖްއެވެ. ނަމަވެސް ރަންބީރު ކަޕޫރަކީ ރާޖް ކަޕޫރުގެ ހުރި ހަމައެކަނި ފިރިހެން ކާފަ ދަރިފުޅަށްވުމުން މި ބަންގްލޯ ވަނީ ކާބަފައިންގެ މުދަލުން އެކްޓަރަށް ވާރުތަ މުދަލުގެ ގޮތުގައި ލިބިފައެވެ.

މި އަގުބޮޑު ބަންގްލޯގެ މަސައްކަތް ނިމުމުން ރަންބީރުގެ ދެމަފިރިންނާ އެކު ނީތޫ ވެސް ދިރިއުޅޭނީ މި ބަންގްލޯގައި އެއް ފުރާޅެއްގެ ދަށުގައެވެ. މިހާރު ވެސް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ކުޑަކުޑަ ރަހާއަކީ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ އެއް ސްޓާ ކިޑްއެވެ.

comment ކޮމެންޓް