ޗައިނާއިން ރާއްޖެއަށް 10 ޕިކަޕު ހަދިޔާކޮށްފި

ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެހިކަލްތައް --- ފޮޓޯ/ ސަފީރު ވެންގް ލީޒިން

ޗައިނާ ސަރުކާރުން ރާއްޖެއަށް 10 ޕިކަޕް އިއްޔެ ހަދިޔާކޮށްފިއެވެ.

ޗައިނާގެ ޝަންޑަންގް ޕްރޮވިންސްއިން ހަދިޔާކުރި މި ވެހިކަލްތައް ސަރުކާރާ ހަވާލުކޮށްފައިވަނީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު ވަންގް ލީޒިންގެވެ.

ސަރުކާރުގެ ފަރާތުން މި ވެހިކަލްތަކާ ހަވާލުވެ ވަޑައިގަތީ ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފެވެ.

ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވެހިކަލްތަކުން، މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި އުފުލުމަށާއި އެހެނިހެން އާންމު މަސައްކަތްތައް ކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.

އަދި ރާއްޖެއަކީ ސާފުތާހިރު ރީތި ތަނެއް ގޮތުގައި ބޭއްވުމަށް އެހީތެރިވެދޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ވެސް ސަފީރުގެ ޕޯސްޓުގައިވެއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދަން ހެލްތު މިނިސްޓްރީން ވަނީ އިއްޔެ ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މީގެ އިތުރުން ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި 1،500 ޓަނުގެ ބޯފެން މިދިޔަ އަންގާރަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ.

comment ކޮމެންޓް