ޒުވާނުންގެ މެދުގައި މިހާރު އެންމެ ބޮޑަށް މަޤުބޫލުވެފައިވާ ވީޑިއޯ ޝެއާކުރާ އެޕްލިކޭޝަން ކަމަށްވާ ޓިކްޓޮކްގެ ޑޭޓާ އާއި ސެކިއުރިޓީ ޕްރެކްޓިސްތަކާ ގުޅިގެން ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ތަހުގީގެއް ކުރަމުން އަންނަ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.
މި ތަހުގީގަށް ފަހު އެ ކުންފުންޏާ ދެކޮޅަށް ސެޓަލްމަންޓެއް ނުވަތަ ދައުވާއެއް ކުރަން ޖެހިދާނެ ކަމަށް ވަނީ އެނަލިސްޓުން ލަފާކޮށްފައެވެ.
އެމެރިކާ ސަރުކާރުގެ ތަހުޤީޤީ އިދާރާ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ)އިން މައިގަނޑު ގޮތެއްގައި މި ފަހަރު ތަހުގީގު ކުރަނީ ޓިކްޓޮކް އިން ފެޑެރަލް ގާނޫނާ ހިލާފަށް، ޗައިނާގެ ވަކިވަކި ފަރުދުންނަށް އެމެރިކާގެ ޔޫޒާ ޑޭޓާ އަށް ވަނުމަށް ފުރުޞަތު ދީފައިވޭތޯ ބެލުމަށެވެ.
މީގެ އިތުރުން 13 އަހަރުން ދަށުގެ ކުދިންގެ ޒާތީ މައުލޫމާތު އެއްކުރުމުގެ ކުރިން ބެލެނިވެރިންގެ ރުހުން ހޯދަން ޖެހޭ ކުޑަކުދިންގެ އޮންލައިން ޕްރައިވެސީ ޕްރޮޓެކްޝަން އެކްޓް (ސީއޯޕީއޭ)އާ ޚިލާފުވެދާނެ ކަމަށް ބެލެވޭ ކަންކަން ވެސް އެ އެޖެންސީން އަންނަނީ ބަލަމުންނެވެ.
މި ތަހުގީގުގެ ސަބަބުން ވޮޝިންޓަންގައި ޓިކްޓޮކަށް ރެގިއުލޭޓަރީ ޕްރެޝަރު މިވަނީ ވަރަށް ބޮޑުވެފައެވެ. ގައުމީ ސަލާމަތުގެ ސަބަބުތަކާ ހުރެ ބެއިޖިންގެ މައި ކުންފުނި ބައިޓްޑާންސާ އެކު ޓިކްޓޮކް އޮންނަ ގުޅުން ކަނޑާނުލައިފިނަމަ އެމެރިކާގައި އެ ޕްލެޓްފޯމް މަނާކުރެވޭނެ ގޮތަށް ހުށަހަޅާފައިވާ ފެޑެރަލް ބިލާ ދެކޮޅަށް އެ ކުންފުނިން މިހާރު ވެސް ދަނީ ހަނގުރާމަ ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްޓީސީގެ ތަހުގީގު ނިމުމަކާ ގާތްވެފައިވާ އިރު، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މައްސަލަ ކޯޓަށް ނެގެންގޮސް ޓިކްޓޮކާ އެކު އެއްބަސްވުމަކަށް އާދެވިދާނެއެވެ. ނަމަވެސް އޭގެ ބަދަލުގައި އެ އެޖެންސީން މައްސަލަ ކުރިއަށް ގެންދަން ނިންމައިފިނަމަ އަނެއްކާ ވެސް އިތުރު ދައުވާތަކާ ކުރިމަތިލުމަށް ޓިކްޓޮކަށް ޖެހިދާނެއެވެ.
މި ތަހުގީގަކީ ޗައިނާގެ ބައިޓްޑާންސްގެ މުވައްޒަފުން ތަކުރާރުކޮށް އެމެރިކާގެ ޓިކްޓޮކް ބޭނުންކުރާ މީހުންގެ ޑޭޓާއަށް ވަދެފައިވާ ކަމަށް ބުނެ 2022 ވަނަ އަހަރު ނެރުނު ރިޕޯޓަކާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގެކެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އިންޓެލިޖެންސް އޮފިޝަލުންގެ ފާޑުކިޔުން ޓިކްޓޮކަށް އަމާޒުވެފައި ވަނީ ޗައިނާ ސަރުކާރުން އެމެރިކާގެ ޔޫޒާ ޑޭޓާއަށް ވަނުމަށް ނުވަތަ އެ އެޕްލިކޭޝަންގެ ބާރުގަދަ އަލްގޯރިދަމް މެދުވެރިކޮށް އާންމުންގެ ހިޔާލަށް ނުފޫޒު ފޯރުވައިފާނެ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
ރެގިއުލޭޓަރީ ޕްރެޝަރުތައް އިތުރުވަމުންދާއިރު، އެމެރިކާގެ ބާޒާރުގައި ޓިކްޓޮކްގެ މުސްތަގުބަލް އަދިވެސް އޮތީ ޔަގީންނުވެފަ އެވެ. އެހެންނަމަވެސް ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ޓިކްޓޮކް ބޭނުން ކުރަނީ މިހާރުވެސް އެމެރިކާގައެވެ.