އައިކެއާގެ ސުކޫކު ކާމިޔާބު ކަމާއެކު ނިންމައިލައިފި

އައިކެއާ--

އައިކެއާއިން ބޭއްވި ސުކޫކްގެ ސަބްސްކްރިޕްޝަން ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.

މިކަމާ ގުޅިގެން އައިކެއާއިން ބުނީ، މި ސަބްސްކްރިޕްޝަން ނިންމައިލައި މާލީ ބާޒާރުން 26 މިލިއަން ރުފިޔާ މިހާރު ހޯދައިފައިވާ ކަމަށެވެ.

މިއީ ހުޅުމާލޭގެ ލޮލުގެ ފަރުވާއަށް ޚާއްސަ ހޮސްޕިޓަލެއް އައިކެއާ ސެންޓަރުގެ ނަމުގައި ޤާއިމްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ނެރުނު ސުކޫކެއް ކަމަށް އައިކެއާއިން ބުނެއެވެ.

މި ސުކޫކްގެ އިންވެސްޓަރުންނަށް އަހަރަކު އަށް ޕަސެންޓުގެ ރޭޓުން ފަސް އަހަރަށް ފައިދާ ދޫކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ އަހަރަކު ދެ ފަހަރުކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

އައިކެއާއިން ބުނީ މި ސުކޫކް އިޝޫ ކޮށްފައިވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީން ރެގިއުލޭޓް ކުރާ ޕްރައިވެޓް ޕްލޭސްމެންޓް މާކެޓް ގައި ކަމަށެވެ. އަދި މި މާކެޓުން ހިންގާ މާލީ މުޢާމަލާތްތަކަކީ ސީއެމްޑީއޭއިން ހުއްދަ ލިބިގެން ކުރެވޭ މުޢާމަލާތްތަކެވެ.

މި ސުކޫކްގެ ސަބްސްކްރިޕްޝަން މިދިޔަ އަންގާރަ ދުވަހު ވަނީ ނިމިފައިވާއިރު މިކަމަށް ވިޔަނަ ޕްލެޓްފޯމުގެ ގިނަ އަދަދެއްގެ އިންވެސްޓަރުންގެ ތަރުހީބުވަނީ ލިބިފައެވެ.

އެ ކުލިނިކުން ބުނީ ވިޔަނަ ޕްލެޓްފޯމުގައި މިހާރު 400 އަށްވުރެ ގިނަ އިންވެސްޓަރުން ރެޖިސްޓަރުވެފައިވާ ކަމަށެވެ.

އައިކެއާގެ މި ސުކޫކް މާލީ ބާޒާރަށް ނެރެދޭން އެރޭންޖު ކޮށްދިނުމަށް މަސައްކަތް ކޮށްފައިވަނީ ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފަސްޓް ނޭޝަނަލްއިން ބުނީ މި އިންވެސްޓްމެންޓް ފުރުސަތުތަކާއި މާލީ ބާޒާރުގައި ކުރިއަށްހުރި އިޝުއަންސްތަކާ ގުޅޭ މަޢޫލޫމާތު އެކަމަށް ޚާއްސަ ކުރެވިފައިވާ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު