ވާނަން އެކުގައި... 21

ދެމީހުންގެ ދޭތެރޭގައި އެކަށީގެންވާ ހުސްޖާގައެއް އޮތެވެ. ޝަފާޒް އިނީ ލިޝާގެ ކައިރިއަށް ޖެހިލަންވެސް ނުކެރިފައެވެ. ދެއްކޭ ވާހަކައަކުން ލިޝާ ހިތްހަމަނުޖެހިދާނެތީ އެކަމާއިވެސް ވިސްނަން އޭނާއަށް މަޖުބޫރުވިއެވެ.

********

"ޗެނަލް ބަދަލުކޮށްލަން؟..." ޝަފާޒް އަހައިލިއެވެ.

ލިޝާ ބޯޖަހައިލުމުން، ޝަފާޒް ޓީވީ ރިމޯޓު ދިއްކޮށްލިއެވެ. ލިޝާއަށް ރިމޯޓުގައި ހިފުނީ ޝަފާޒުގެ އަތާއި އެއްކޮށެވެ. ދެމީހުންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓުނެވެ. ލިޝާގެ މޫނުން ހާސްކަން ފެނުނުއިރު، ޝަފާޒްގެ މޫނުން ފެނުނީ ހަމަޖެހުމުގެ އަސަރެވެ. ކުށެއް ކުރެވުނު ފަދައިން ލިޝާ އަވަހަށް އަތް ދަމައިގަތެވެ.

"ފިލްމެއް އަޅުވަންތަ؟..." ލިޝާ އަވަސް އަވަހަށް ބުނެލިއެވެ.

"ރަނގަޅުވާނެ..." ޓީވީއަށް ނަޒަރު ހުއްޓައިލިއިރު، ޝަފާޒްގެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ.

********

ގްރީން ގާޑެން ހޮޓެލްގައި ރަސްމީ ބައްދަލުވުމެއް ހިނގަމުންދިޔަ ވަގުތެކެވެ. އާރިޒްއާއިއެކު އިންވެސްޓަރުންގެ ދެތިން މީހަކު ބައްދަލުވުމުގައި ތިއްބެވެ. ޕްރެޒެންޓޭޝަން ހުށަހަޅަން ހުރީ މާނަވްއެވެ. އާރިޒްގެ ފޯނު ރިންގްވާން ފެށީ އެންމެ މުހިއްމު ހިސާބުންނެވެ. ބައްދަލުވުމެއް ހިނގަމުންދާއިރު ފޯނަށް އިސްކަންނުދޭ އާރިޒް އަވަހަށް ފޯނު ނަގާ، އިސްކްރީނަށް ނަޒަރެއް ދިނެވެ. ލިޝާގެ ކޯލަކަށް އޭނާ އިންތިޒާރުކުރާތާ ކިތަންމެ އިރެކެވެ. އެކަމަކު، އިސްކްރީނަށް އަރާފައި އޮތީ އާރިޒް އުއްމީދުކުރި ނަމެއް ނޫނެވެ.

"މިޖާ!..." އާރިޒްގެ ދެބުމަ ގޮށްޖެހުނެވެ.

މާނަވް ހައިރާންވެފައި އާރިޒްގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. އެއީ އޭނާ ދަންނަ އާރިޒެއް ނޫނެވެ. އާރިޒް ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ.

މިޖާގެ ނަން ފެނުމުންވެސް އާރިޒްގެ ލޭ ކެކިގެންދެއެވެ. ހިތްހަމަނުޖެހުނު ވަރުން އާރިޒް އޭނާގެ ފޯނު ބަންޑުންވާހެން މޭޒުމަތީގައި ބޭއްވިއެވެ. ބައްދަލުވުމުގެ ބާކީބައި އާރިޒް އުއްމީދުކުރި ގޮތަކަށް ނުދިޔައެވެ. އިންވެސްޓަރުންގެ ފަރާތުން އެދެވޭ އެންމެ ޖުމުލައެއްވެސް އޭނާގެ ކަންފަތާއި ހަމައަކަށް ނައެވެ. އާރިޒް ބައްދަލުވުން ކުރުކޮށްލުމަށްފަހު، އޭނާގެ ކެބިންއަށް ދިޔައެވެ. އޭރު އޭނާގެ ބޮލުގައި ދިލަ ރިހުމެއް ހުއްޓެވެ.

މޭޒުމަތީގައި ސިޓީއުރައެއް އޮތެވެ. ޓައީ ދޫކޮށްލަމުން އާރިޒް ގޮނޑިއަށް ވެއްޓިގަތެވެ. ސިޓީއުރައިގައި އޮތް އެއްޗެއް ނެގިއެވެ. އޭގައި އޮތީ، ސަޗިންގެ ގެ ގަތުމަށް އާރިޒާއި ސަޗިންއާއި ދެމެދު ވެފައިވާ އެއްބަސްވުމެވެ. ސަޗިން ސޮއިކޮށްފައި އޮތްތަން ފެނުމުން، އާރިޒަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

"ކިހިނެއްވީ ކުއްލިއަކަށް މީޓިންގ ނިންމާލީ؟... އަހަރެންގެ ޕްރެޒެންޓޭޝަން ކަމުނުދަނީތަ؟...." އާރިޒްގެ ކެބިންއަށް ވަންއިރު މާނަވްގެ މޫނުން ފެންނަން ހުރީ ހިތްހަމަނުޖެހުމުގެ އަސަރެވެ.

އެއްބަސްވުމުން ނަޒަރު ވަކިކޮށްލުމަށްފަހު، އާރިޒް ނެގީ މޭޒުމަތީގައި އޮތް ފައިލެކެވެ. މާނަވް އިތުރަށް ހިތްހަމަނުޖެހޭގޮތް ވިއެވެ. އޭނާގެ ސުވާލަށް ޖަވާބުނުދީ އާރިޒް އެހެން ކަމެއް ކުރަން ފެށުމުން ހިތުގައި ޝަކުވާ އުފެދުނެވެ.

"ކެރިއަރ ބިލްޑް ކުރަން އަހަންނަށް ޗާންސްދީފަ ތިކުރި ކަންތައް އެހާ ރަނގަޅެއް ނޫން..." މާނަވް ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"އަހަރެން ބޭނުންވީ އޭނަ ދެރަކުރަން... އެކަމަކު އަހަރެން މި ދެރަވަނީ ކީއްވެ؟..." އާރިޒް އިނީ ފުން ވިސްނުމެއް ތެރޭގައެވެ.

"ކާކު ދެރަކުރަން؟..." މާނަވްގެ ރުޅި ފިނިވިއެވެ. އޭނާ ގޮނޑީގައި އިށީނެވެ. މޭޒުކައިރިއަށް ގޮނޑި ދަމާލާފައި އާރިޒްގެ ވާހަކަ އަޑު އެހުމަށް ތައްޔާރުވެލިއެވެ.

"ލިޝާ..." އާރިޒަށް ބުނެވުނެވެ.

"އޭނ؟..." މާނަވްގެ ދެލޯ ބޮޑުވިއެވެ. "ކޮން ލިޝާއެއް؟..."

އާރިޒަށް ބުނެވުނު އެއްޗެއް ރޭކައިލީ ދެނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ގެ ގަތުމަށް ވެފައިވާ އެއްބަސްވުން މާނަވްއަށް ދައްކައިލިއެވެ.

"އަހަންނަށް އެނގޭ އާރި ތިއުޅެނީ ކޮންމެސް ކަމެއް ލައިގަނެގެންކަން..." އެއްބަސްވުން ބެލުމަށް ޝައުގުވެރިކަމެއް ނެތޭ ބުނާ ފަދައިން މާނަވް ފެށީ އެހެން ވާހަކައެކެވެ. "އަހަރެން މީ އާރިގެ އެކުވެރިއެއް... އާރިއަށް ދެރަވާގޮތަކަށް އަހަރެން ލަފައެއް ނުދޭނަން... އާރި އަހަންނަށް ޓްރަސްޓް ނުކުރަނީތަ؟..."

މާނަވް އިނީ ދެރަވެފައެވެ. އެކަން އޭނާގެ މޫނުންވެސް ފެންނަން ހުއްޓެވެ. އާރިޒް މާނަވްއަށް ބަލަން އިރުކޮޅަކު އިނެވެ. އަމިއްލަ ދިރިއުޅުމުގެ އެހާ ޒާތީ ވާހަކައެއް އެހެން މީހަކަށް ހިއްސާކުރާކަށް އާރިޒަކަށް ފަސޭހައެއް ނޫނެވެ. އެކަމަކު، ކަންތައް ގޮސްފައިވާގޮތުން މީހަކާއި ހިއްސާނުކޮށް އޭނާގެ ސިކުނޑިއަށް ކެތްވާ ވަރެއް ނޫނެވެ.

"ލިޝާއަކީ... އަހަންނަށް ހީވަނީ އަހަރެން އޭނަދެކެ ލައިކްވާހެން..." އާރިޒް ވާހަކަދެއްކީ އުނދަގުލުންނެވެ.

"ދެން ކޮބާ މައްސަލައަކީ؟... އަވަހަށް ތިކަން ނިންމަން އުޅޭ..." މާނަވްގެ ދެލޯ ވިދައިގަތެވެ. އެނޫނީ އަންހެންކުއްޖަކުދެކެ ގަޔާވާ ވާހަކައެއް އާރިޒް ނުދައްކައެވެ.

"އެއީ މޯލްޑިވްސް ކުއްޖެއް..." އާރިޒްގެ ހިތް ހުޅުވެން ފެށިއެވެ.

"ދެން؟... ކޮބާ މައްސަލައަކީ؟... ލޯބިވާކަށް ވަކި ގައުމެއް ތަނެއް ނޯންނާނެ... އޭލިއަންދެކެ ލޯބިވެވުނަސް އަހަރެން އޭނަ އެ ޕްލެނެޓުން އުފުރާލައިގެން ގެންނާނަން..." މާނަވް ބުނެލިއެވެ.

"މައްސަލައަކީ އެއީއެއް ނޫނޭ..." އާރިޒް ބޯ ހޫރައިލިއެވެ.

"ދެން ކޮބާ މައްސަލައަކީ؟... އަނެއްކާ އެއީ މީހެއްގެ އަނތްބެއްތަ؟...." މާނަވްގެ މޫނުން ހާސްކަން ފެނުނެވެ. "ނޫނީ މައްސަލައަކީ އޭނަގެ ދީންތަ؟..."

އާރިޒް ބޯ ހޫރައިލިއެވެ.

"އަހަރެމެން ދެމީހުންވެސް މީ މުސްލިމުން... އެކަމަކު، އޭނަ ލައިކްވަނީ އެހެން މީހެއްދެކެ... އެއީ އޭނަގެ ފުރަތަމަ ލޯބި..." އާރިޒް ދޫކޮށްލީ ފުން ނޭވާއެކެވެ. "އޭނަ އެނބުރި އެ ދިރިއުޅުމަށް އައިއްސި... އެހެންވީމަ އަހަންނަށް ޖާގައެއް ނޯންނާނެއެއްނު..."

"އެކަމާތަ ތި ވިސްނަނީ؟..." މާނަވް ޗޮކެއް ކަނޑައިލިއެވެ. "އަދި އެމީހުން މެރީއެއް ނުކުރެއެއްނު... އާރިއަށް ފުރުސަތު ގެއްލޭނީ އެމީހުން މެރީކުރީމަތާ... ކޮންމެހެން ފުރަތަމަ ލޯތްބެއް މުހިއްމެއް ނޫނޭ... ބޭނުންތަ އޭނަޔާ އިންނަން؟..."

"އެކަމަކު..." އާރިޒް ވާހަކަ ދައްކަދައްކާ އިންދާ، މާނަވް އެ ވާހަކަ ހުއްޓުވިއެވެ.

"އަހަރެން ހުއްޓާ އާރި ހާސްވާކަށް ނުޖެހޭނެ... ބޭނުމިއްޔާ ބުނޭ... ތިކަން ހަމަޖައްސާކަށް ތީ އެއްވެސް ކަމެއް ނޫން..." މާނަވް ޔަގީންކަމާއި އެކުގައި ބުނެލިއެވެ.

"ބައްޕަ ވަރަށް ހިތްހަމަނުޖެހިފަ ހުރީ... އެކަން ހުއްޓާލަން ބުނީ... ބައްޕަޔާ ދެކޮޅަށް އަހަރެން ކިހިނެއް މިކަން ކުރާނީ؟..." އާރިޒް އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

"އަންކަލްއާ ދޭތެރޭ ހާސްނުވޭ... އަހަރެން އެކަން ހަމަޖައްސާނަން..." މާނަވް ޔަގީންކަން ދިނެވެ.

"ބައްޕަ އޯކޭވިޔަސް އަހަންނަށް ލިބޭނެ އުފަލެއް ނެތް... ހަގީގަތް އެނގޭއިރަށް ލިޝް އަހަންނާ ދުރަށް ދާނެ..." އާރިޒް އިސްޖަހައިލިއެވެ.

"ކޮން ހަގީގަތެއް؟..." މާނަވަށް ލިބުނީ ހައިރާންކަމެކެވެ.

"ލިޝްއަށް ދިމާވި ހުރިހާ ހިތާމައެއްގެ އަސްލަކީ އަހަރެން... ލިޝްއަށް އަދިވެސް އަހަންނަކީ ކާކުކަމެއް ނޭނގޭނެ..." އާރިޒް އިސްއުފުލައިލިއިރު، ދެލޮލުގައި ކަރުނައިގެ އަސަރުވިއެވެ. "އަހަންނަކީ ކާކުކަން، ކީއްކުރަން ލިޝްގެ ލައިފަށް އައި މީހެއްކަން އެނގިއްޖެއްޔާ...."

އާރިޒް މާނަވަށް ހުރިހާ ވާހަކައެއް ހިއްސާކުރިއެވެ. މާނަވް އާއި ވާހަކަ ދައްކާލެވުމުން، އާރިޒްގެ ހިތަށް ހަމަޖެހުން ލިބުނެވެ. ހިތްވަރު ލިބުނެވެ. އަޒުމު އައުވިއެވެ. މާނަވް ދެއްކީ އުއްމީދީ މަގުތަކެވެ. ގޮތް ހުސްވެ، މަގު ގެއްލޭފަދަ ގޮތަކަށް އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކަމަކު، ލިޝާގެ ހަނދާންތަކުން އާރިޒްގެ ހިތަށް ވަމުންދިޔަ އުނދަގޫތަކަށް ލުޔެއް ނުލިބުނެވެ. ބަލައިލި ކޮންމެ ދިމާއަކުން އޭނާއަށް ފެންނަމުން ދިޔައީ އެ އަންހެންކުއްޖާގެ ހަނދާންތަކެވެ.

އޮފީހުން ނުކުތްގޮތަށް އާރިޒް ދިޔައީ ސަޗިންގެ ގެއަށެވެ. ގެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކުގައިވެސް ލިޝާގެ ހަނދާންތައް އޭނާ ވަށާލިއެވެ. ޑޯނަޓް ހެދި ދުވަހު ލިޝާ އިންގޮތް ސިފަވުމުން، އާރިޒްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ހަމަ އެހާ އަވަހަށް އެ ހިނިތުންވުން ފިލައިދިޔައެވެ. ދެން އޭނާއަށް ލިޝާ ނުފެންނާނެއެވެ.

ދޮރު ހުޅުވުނު އަޑު އިވުމުން އާރިޒް ފަސްއެނބުރި ބަލައިލިއެވެ. އެގެއަށް އަންނާނެ އިތުރު މީހަކަށް މިހާރު ހުންނާނީ ހަމައެކަނި ލިޝާއެވެ. އެކަމަކު، ލިޝާ އައިސްދާނެއޭ އާރިޒްގެ ހިތެއް ނުބުންޏެވެ.

"ހާއި...." އާރިޒް ބަލައިލުމުން، ލިޝާ އަތުން ހަނާ އަޅައިލިއެވެ.

އާރިޒް އަވަސް އަވަހަށް އެސްފިޔަ ޖަހައިލިއެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެގެންނެވެ. އެކަމަކު، މަންޒަރު ބަދަލެއް ނުވިއެވެ. ދޮރުން އެތެރެއަށް ވަދެގެން ލިޝާ އާރިޒާއި ދިމާއަށް ދިޔައެވެ. ލިޝާ ހުރީ މެރޫންކުލައިގެ ސްވެޓަރަކާއި، ނޫ ޖީންސެއްގައެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައި އޮތްއިރު، ކަނދުރާ ހާމައަށް ފެންނަން އޮތެވެ.

"ލިޝް..." އާރިޒްގެ ދޫ ހަރަކާތްކުރީ ލިޝާ ނުހަނު ކައިރިވެފައި ހުއްޓައެވެ.

ލިޝާ ހިނިތުންވެލިއެވެ. އާރިޒާއި ނުހަނު ކައިރީގައި ހުއްޓުނެވެ. އޭރުވެސް ހުރި ފިޔަވަޅުމަތީގައި އާރިޒް ހުއްޓެވެ. ގުޑިލަންވެސް ނޭނގިފައެވެ.

"ކިހިނެއް؟..." ލިޝާ އަހައިލީ އޯގާތެރި ރާގަކަށެވެ.

"ރަނގަޅު... ލިޝް ކިހިނެއް؟..." އާރިޒްވެސް ހުރީ ލިޝާގެ ހާލު އެނގެން ބޭނުންވެފައެވެ.

"ރަނގަޅު..." ލިޝާ ޖަވާބުދިނެވެ.

ލިޝާ މުޅިގެއަށް ނަޒަރު ހިންގައިލިއެވެ. ދެ ދުވަސްވީއިރުވެސް ގޭތެރެ އޮތީ އޭނާ ދިޔައިރު އޮތް ގޮތަށެވެ. އެއްޗެއް ކައްކާފައިވާކަމުގެ ނިޝާނެއް ނެތެވެ. ލިޝާއަށް ހިންދިރުވައިލެވުނެވެ. އާރިޒް އެހާ ފަރުވާކުޑައީ ކީއްވެ ހެއްޔެވެ؟ އޭނާއާއި ނުލައި އާރިޒް އުޅޭނެގޮތް އަންދާޒާ ކުރެވުމުން، ލިޝާ ދެރަވިއެވެ. އޭނާ އައީ ވަދާއުގެ ސަލާން ކުރާށެވެ. އެކަމަކު، އާރިޒްގެ ހާލު ފެނުމުން ހިތްވަރެއް ނުލިބުނެވެ.

( ނުނިމޭ )

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު