ވާނަން އެކުގައި... 20

އެ މަންޒަރު ސުމާއަށް ފެނުމުން، ހިތަށް އުނދަގޫގޮތެއް ވިއެވެ. އެއީ ކީއްވެ ވީ ގޮތެއްކަމެއް އޭނާއަކަށް ނޭނގުނެވެ. ލިޝާއަށް އަތް ދުރުކޮށްލެވުނީ އިހުތިޔާރަކު ނޫނެވެ. ޝަފާޒުގެ ގާތްކަމުން އޭނާއަށް އުނދަގޫވިއެވެ. ޝަފާޒަށް ހިންދިރުވައިލެވުނެވެ. ލިޝާ ހަމަ ރަނގަޅަށްވެސް އޭނާ އާއި ދުރުވެއްޖެއެވެ.

*********

"އެއީ ތިމީހުންގެ މައްސަލައެއް ނޫނޭ..." ލިޝާ ބުނެލިއެވެ.

ލިޝާ ވާހަކަދެއްކިލެއް ދުރުކަން ފާހަގަވީ ހަމައެކަނި ޝަފާޒަކަށް ނޫނެވެ. ސުމާވެސް ސިހިފައި ލިޝާގެ މޫނަށް ބަލައިލިއެވެ. ވާހަކަ ދެއްކުނީ ކުރިން ދައްކާ ގޮތަށް ނޫންކަން އިހުސާސްވުމުން، ލިޝާ ދެރަވިއެވެ. އޭނާގެ މަގުސަދަކީ ޝަފާޒްމެން ދުރުކޮށްލުމެއް ނޫނެވެ. ލިޝާގެ އެކުވެރިންނަކީ އެއީއެވެ. އެހާ ދުރުން އެކުވެރިން އައިސް ތިބީ ލިޝާގެ ހައްގުގައެވެ. އެކުވެރިޔާ ސަލާމަތްކުރާށެވެ.

"ކީއްވެ ދެމީހުން ތި ބަލަނީ؟..." ކުޑަކޮށް މަޖާވެލާފައި ލިޝާ ސުވާލުކުރިއެވެ. "ގޮރިއްލާއެއް ވައްތަރު ޖަހަނީތަ؟..."

ލިޝާ ދެކޮލުގައި އަތް ޖައްސާލަމުން ސުމާއަށް ބަލައިލިއެވެ. އޭނާގެ މަގުސަދަކީ ސުމާމެން ހެއްވައިލުމެވެ. ނުތަނަވަސްކަން ދުރުކުރުމެވެ.

ސުމާ މަޑުމަޑުން ލިޝާގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އޭނާ ބޭނުންކުރީ، ދެލޮލަށް ޖަމާވި ކަރުނަތައް ފޮރުވަން އެންމެ ރަނގަޅު އުކުޅެވެ. ލިޝާ ފޮރުވަން އުޅުނަސް، އޭނާގެ ހިތާމަތައް ސުމާއަށް ސިއްރެއް ނުވެއެވެ. ކަރާއި ގައިގައި ފެންނަން ހުރި އަނިޔާގެ ނިޝާންތަކަކީ ލިޝާ ތަހަންމަލުކުރި ވޭނުގެ ހެއްކެވެ. އެފަދަ ހިތްދަތިކަމެއް ތަހަންމަލުކޮށްފައިވެސް ލިޝާ މަސައްކަތްކުރީ އެހެން މީހުންގެ ހިތްހަމަޖައްސައިދޭށެވެ. އެކުވެރިޔާގެ ގާތްކަން ލިބުމުން، ލިޝާގެ ދެލޮލަށް ކަރުނަ ޖަމާވާކަށް ގިނައިރެއް ނުނެގިއެވެ. ކުރަމުންދިޔަ ހިތްވަރު ގެއްލިދާނެއޭ ހީވީ، ކުރިމަތިލާންޖެހުނު ބިރުވެރި ހާދިސާތައް ހިތަށް ސިފަވާން ފެށުމުންނެވެ.

"ދެން ދުވަހަކުވެސް އަހަރެމެންނާ ވަކިނުވާތި!..." ސުމާ ބުނެލިއެވެ.

ލިޝާ ހަނދާންވީ އާރިޒްގެ މަތިންނެވެ. ސުމާ ފަދައިން އާރިޒްވެސް އޭނާގެ ހިމާޔަތުގައި ހުރެދިނެވެ. ހިތާމަތަކުން އަރައިގަންނަން ފަސޭހަވެ، ރައްކާތެރިކަން އިހުސާސްކުރެވުނީ އާރިޒްގެ ސަބަބުންނެވެ. އެކަމަކު މިއަދު އާރިޒެއް ނެތެވެ.

********

ބާރު ދުވެލީގައި ދަތުރުކުރަމުން އައި ކާރު މަޑުކޮށްލީ، ސަޗިންގެ ގެ ހުންނަ މަގަށެވެ. އާރިޒް ކާރުން ފައިބައިގެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަނެވެ. އޭނާ ލިޝާއާއި ދައްކަން ބޭނުންވާ އެތައް ވާހަކައެއް ހުއްޓެވެ. ދެމީހުން ދުރުގައި ތިއްބަސް، އެދެމެދުގައި އުފެދުނު ގުޅުން ނެތިގެން ދާން ބޭނުން ނުވާކަން ބުނެދޭން ބޭނުންވިއެވެ. އެކަމަކު، އާރިޒަށް އާދެވުނީ މާލަހުންނެވެ. ލިޝާއެއް ނެތެވެ. ގޭތެރޭގައިވީ ފަޅުކަމެވެ. ވަދާއީ ސަލާން ކުރުމެއްނެތި، ލިޝާ ދިޔައީ ހެއްޔެވެ؟ ދެން ބައްދަލުނުވާނެ ހެއްޔެވެ؟ އާރިޒަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.

"ޝިޓް ޝިޓް ޝިޓް..." އާރިޒް އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

މޭޒުމަތީގައި ކާން ހަދާފައި ހުއްޓެވެ. ފަހު ވަގުތުގައިވެސް ލިޝާ ވިސްނީ އާރިޒާއި މެދުގައި ހެއްޔެވެ؟ މޭޒު ކައިރިއަށް ޖެހުނު ވަގުތު، ފަތްޖަހާލާފައި އޮތް ކަރުދާސްކޮޅަކާއިއެކު، އާރިޒް ލިޝާއަށް ދިން ފޯނު ބާއްވާފައި އޮއްވާ ފެނުނެވެ. އާރިޒްގެ ހިތް މަރުވިއެވެ. ލިޝާ ދިޔައީ އާރިޒާއި ދެމެދު އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައި ހެއްޔެވެ؟ ތުރުތުރުލަމުންދިޔަ އަތުން އާރިޒް ކަރުދާސްކޮޅު ނެގިއެވެ. އޭގައި އޮތީ، އާރިޒްގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކޮށް ލިޔެފައިވާ އިބާރާތްކޮޅެކެވެ.

"ވައި؟..." އާރިޒް ހިންދިރުވައިލިއެވެ.

އާރިޒްގެ ހިތް އެދުނީ އެ ނޯޓުގައި އެހެން ވާހަކަތަކެއް އޮތުމަށެވެ. ދެމީހުންގެ މެދުގައި އުފެދުނު ގާތް އެކުވެރިކަމާއިބެހޭ އެއްވެސް ވާހަކައެއް ނެތުމުން، އޭނާގެ ހިތަށް ތަދުވިއެވެ. ކަރުދާސްކޮޅު ބޮނޑިކޮށްލިއެވެ. އެއްލައިލަން އުޅުނެވެ. އާރިޒަށް އެކަމެއް ނުކުރެވުނެވެ. އެއީ ލިޝާގެ އެންމެފަހުގެ ހަނދާނެވެ. އޭނާ އެ ކަރުދާސްކޮޅު އެއްލައިލާނީ ކިހިނެއް ހެއްޔެވެ؟ އާރިޒް ކަރުދާސްކޮޅު ފަތްޖަހާލާފައި ޖީބަށްލިއެވެ.

ގެއިން ނުކުތްއިރު، ހިނގާނެ ވަރުވެސް އާރިޒްގެ ހަށިގަނޑުގައި ނެތެވެ. ތުނިތުނިކޮށް ވެހެމުންދިޔަ ވާރޭ ތިކިތައް އާރިޒްގެ ގައިގައި ބީހެމުން ދިޔައީ، އޭނާގެ ހިތާމައިގައި ބައިވެރިވާ ފަދައިންނެވެ. މާހައުލު ކިތަންމެ ފިންޏަސް، ވާރޭއިން ހިޔާވާކަށް އާރިޒް ބޭނުމެއް ނުވިއެވެ. ލައިގެން ހުރި އެއްޗެހި ތެމުނަސް އޭނާގެ ފަރުވާލެއް ނެތެވެ. އާރިޒް ހުރި ހާލު ފެނުމުން، ސަޗިންގެ ހިތުގައި ރިއްސާލިއެވެ. އެއީ ދުވަހަކުވެސް އާރިޒް އުޅުނުގޮތެއް ނޫނެވެ. އާރިޒަކީ އެހާ ފިނޑިމީހެއް ނޫނެވެ. އެކަމަކު އެންމެ އަންހެންކުއްޖެއް ސަބަބުން އާރިޒަށް ހާދަ ބޮޑު ބަދަލެއް އައިސްފިއެވެ.

"ސަރ!... ވެއިޓް..." ކާރުން ފައިބަމުން ސަޗިން ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.

ޑިކީއިން ކުޑައެއް ހިފައިގެން ސަޗިން ހަލުވި ފިޔަވަޅުތަކެއްގައި އާރިޒްގެ ކައިރިއަށް ދިޔައެވެ. ކުޑައިން އާރިޒްގެ ހަށިގަނޑު ހިޔާކޮށްދިނެވެ. އާރިޒް އެކަން ބޭނުމެއް ނުވިއެވެ. ކުޑަ ދުރުކޮށްލިއެވެ. އޭނާ ބޭނުންވަނީ ހަމައެކަނި ލިޝާގެ އެހީއެވެ. އެ ކުޑަ ހިފައިގެން ލިޝާ އައިނަމަ، އޭނާ ކިހާ އުފާވީސް ހެއްޔެވެ؟

"ވާރޭ ބޯކޮށްލަން ކަންނޭނގެ އެ އުޅެނީ..." އުޑުމައްޗަށް ނަޒަރު ހިންގައިލަމުން ސަޗިން ބުންޏެވެ.

"ސަޗިން ދޭ... އަހަރެން މަޑުކޮށްލާނަން..." އާރިޒްގެ އަޑުގައި ވަނީ މަޑުމޮޅިކަމެވެ.

********

ކުޑަދޮރުގެ ކައިރީގައި ހުއްޓިލައިގެން ލިޝާ ހުއްޓެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތިކިތައް ބިއްލޫރިގަނޑުގައި ބީހިލާފައި ތިރިއަށް ދިޔައެވެ. ބޭރު ފެންނަން އޮތީ ފުސްކޮށެވެ. އުޑުމަތި ބަނައެވެ. ލިޝާއަށް ވިސްނުނީ އާރިޒާއި މެދުގައެވެ. ވާރޭވެހޭނަމަ، އާރިޒް އުފުލަންޖެހޭނެ ތަކުލީފު ހިތަށް އެރުމުން، ލިޝާގެ ހިތަށް އުނދަގޫވިއެވެ. އެހީވާން ބޭނުންވިއެވެ. އޭނާ ނެތްނަމަ، އާރިޒް ރަނގަޅަށް ކާނެބާއޭ ހިތަށް އެރިއެވެ.

ކޮޓަރި ދޮރުގައި ޓަކިޖަހާލާފައި ސުމާ އެތެރެއަށް ވަނެވެ. އޭނާގެ އަތުގައި އާވި އަރައަރާ ހުރި ކޮފީތައްޓެއް ހުއްޓެވެ.

"ތި ސްވެޓަރ ހަމަ ހެޔޮވަރު ދޯ...." ލިޝާގެ އަތަށް ކޮފީތަށި ދިއްކޮށްލަމުން ސުމާ އަހައިލިއެވެ.

ލިޝާ ލައިގެން ހުރީ ސުމާގެ ސްވެޓަރަކާއި، ހަރުވާޅެކެވެ. ރީނދޫކުލައިގެ ސްވެޓަރުގައި ލިޝާ ފެންނަލެއް ލޯތްބެވެ. އެކުލަ ލިޝާގެ ހަންގަނޑާއި ނުހަނު ގުޅެއެވެ. ޝަފާޒަށް ފެނިއްޖެނަމަ މޮޔަވާނެއޭ ސުމާގެ ހިތް ބުންޏެވެ. ލިޝާގެ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައި އޮތްއިރު، ކުދި އިސްތަށިކޮޅުތައް ކަނދުރާއަށް ގޯނާކުރަމުން ދިޔައެވެ.

"ހިނގާ ބޭރަށް... ޝަފްވެސް އެބައިން ކޮފީ ބޯން..." ސުމާ އުޅުނީ ހިނގައިގަންނާށެވެ.

"ސުމް!..." ސުމާގެ އަތުގައި ހިފަހައްޓަމުން ލިޝާ ގޮވައިލިއެވެ.

"ކިހިނެއްވީ؟..." ސުމާ ހާސްވިއެވެ.

"އަހަންނަށް މިކުރެވެނީ ކުށެއްތަ؟..." ލިޝާ އަހައިލިއެވެ. އެ އަޑުގައި ރިހުމުގެ އަސަރު އެކުލެވިގެންވިއެވެ. "އަހަންނަށް އެނގޭ އަހަރެން ޝަފްދެކެ ވަރަށް ލޯބިވިކަން... ޝަފްވެސް އަހަރެންދެކެ... އެކަމަކު..."

"މިތާ އިށީނދެބަލަ..." ސުމާ އަވަހަށް ލިޝާގެ އަތުގައި ހިފައި، އެނދުގައި ބޭންދިއެވެ. "ތިކަހަލަ ވާހަކަ ދައްކަންވާނީ ވަރަށް ހަމަޖެހިގެން އިނދެ..."

ލިޝާ ހިތް ހުޅުވައިލުމުން، އެ ފުރުސަތު ދޭން ސުމާ ބޭނުންވިއެވެ.

"ތެދަށް ބުނަންޏާ، އަހަންނަށް ވަރަށް އުނދަގޫ މިހާރު ޝަފްގެ ކުރިމައްޗަށް އަރަން...." ލިޝާ ފާޅުކުރީ ހަގީގަތެވެ. "އަހަންނަކަށް ނޭނގެ ކީއްވެ ކަމެއް؟..."

ޝަފާޒް ފެނުމުން، ލިޝާއަށް ކުރެވެނީ ކުށްވެރިވެފައިވާކަމުގެ އިހުސާސެވެ. ބޭވަފާތެރިވެވުނީއޭ ހިތް ބުނެއެވެ. ޝަފާޒް ވީ ލޯބީގެ ބަދަލުގައި އޭނާއަށް ދެވުނީ ކޯއްޗެއް ހެއްޔެވެ؟ ޝަފާޒްގެ ކުށެއްނެތި، އޭނާ ދޫކޮށްލާފައި އެހެން ކައިވެންޏެއް ކުރިއެވެ. އެވަރުންވެސް ޝަފާޒް އޭނާދެކެވީ ލޯތްބަކަށް ބަދަލެއް ނާދެއެވެ. އެހާ ދުރަށް އައިސް ހުރީ ލިޝާއަށްޓަކައެވެ. އެ ލޯތްބަށްޓަކައެވެ. އެކަމަކު، މިއަދުވެސް އޭނާއަށް ޝަފާޒް ބާކީ ކުރެވެނީއެވެ. ޝަފާޒްގެ ކުށެއް ނެތެވެ. ލޯތްބަކަށް ދެގޮތެއް ނުވެއެވެ. ވީއިރު، ލިޝާގެ ހިތް ބަދަލުވީ ކީއްވެ ހެއްޔެވެ؟

"ތީ ލިޝް އަދި ހަމައަކަށް ނޭޅޭތީ ވާ ގޮތެކޭ... މިހާރު ތިހުރީ މީހުންދެކެ ފޫހިވެފަ... އެހާ އަނިޔާއާ ކުރިމަތިލާންޖެހުނީމަ ވާގޮތެއް ތީ... ފަހުން ހުރިހާ ކަމެއްވެސް ހަމައަކަށް އެޅޭނެ... ޝަފް އެހުރީ ލިޝްއަށް އެހީވާން ތައްޔާރަށް... އޭނާއަށް އެފުރުސަތު ދީ..." ސުމާ ވިސްނައިދިނެވެ.

"އަހަންނަށް އެނގޭ ޝަފް އަހަރެންދެކެ ވަރަށް ލޯބިވާކަން... އެކަމަކު، އެ ލޯބި އަހަންނަށް ހައްގެއް ނޫނޭ ހިތަށް އަރަނީ...." ލިޝާ އިސްޖަހައިލިއެވެ.

"ނޫނޭ... ތީ ލިޝްއަށް ހީވާގޮތެކޭ... ލިޝް ބޭނުންވެގެން ކުރި ކައިވެންޏެއް ނޫނެއްނު އެއީ... ޝަފްއަށްވެސް އެވަރު ވިސްނެޔޭ..." ސުމާ ވާހަކަދެއްކީ އޯގާތެރިކޮށެވެ.

"އެއީ ކުރިން... އެކަމަކު މިހާރު..." ލިޝާ ވާހަކައެއް ބުނަން އުޅުނެވެ. އެކަމަކު ކުރިއަށް ނުގެންދެވިގެން ހުއްޓައިލިއެވެ. އާރިޒްގެ ވާހަކަ ބުނާކަށް ލިޝާއަށް ފަސޭހައެއް ނުވިއެވެ.

"މިހާރު ކިހިނެއްވީ؟... ލިޝް އެހެން މީހެއްދެކެ ލޯބިވަނީތަ؟..." ސުމާ ކަމްބޮޑުވެފައި ސުވާލުކުރިއެވެ.

"މަންމަ މަތިން ހާދަ ހަނދާންވޭ..." ލިޝާ މައުޟޫޢު އޮޅުވައިލިއެވެ. އޭރު އޭނާއަށް ރޮވިއްޖެއެވެ. އާރިޒްއާއި ވަކިވާންޖެހޭތީ ލިޝާ ދެރަވަނީއެވެ. އެކަމަކު، ސުމާގެ ކައިރީގައި އެވާހަކަ ބުނަން އޭނާ ފަސްޖެހެނީއެވެ.

"ދެން ދެރަނުވޭ... މަންމަ ކައިރިއަށް ވަރަށް އަވަހަށް ދެވޭނެ..." ސުމާ ޔަގީންކަން ދިނެވެ.

ދެމީހުން އެކުގައި ބޭރަށް ނުކުތްއިރު، ޝަފާޒް ސޯފާގައި އިނެވެ. ޓީވީއިން ދައްކަމުންދިޔައީ ފުޓްބޯޅަ މެޗެކެވެ. ލިޝާގެ ކައިރީގައި ސޯފާއަށް ދިޔުމަށް އެދިފައި ސުމާ އެތަނުން ދިޔައީ އެ ދެ މީހުންނަށް ފުރުސަތު ދީފައެވެ. ލިޝާ ފެނުމުން ޝަފާޒަށް އެނޫން ދިމާއެއް ނުބެލުނެވެ. ކޮންމެ ކަހަލަ ހެދުމެއްގައިވެސް ލިޝާ ނުހަނު ރީއްޗެވެ. ހާމައަށް އޮތް ކަނދުރާ ފެނުމުން، ޝަފާޒްގެ ހިތަށް ކުރިން ނުވާ ގޮތްތަކެއް ވާންފެށިއެވެ. ލިޝާއަށް އެކަން ފާހަގަވުމުން، އަވަހަށް އިސްތަށިގަނޑު ތިރިއަށް ވައްޓާލިއެވެ. އޭނާ ހަނދާންވީ، އާރިޒްގެ މަތިންނެވެ.

ޝަފާޒް ކުޑަކޮށް ދުރަށްޖެހިލައި ލިޝާ އިށީނުމަށް ޖާގައެއް ހަދައިދިނެވެ.

"ބޮލުގެ ރިހުން ކިހިނެއް؟..." ލިޝާ އިށީނުމުން، ޝަފާޒް އަހައިލިއެވެ.

"ރަނގަޅު..." ލިޝާ ހިނިތުންވެލަން މަސައްކަތް ކުރިއެވެ.

ދެމީހުންގެ ދޭތެރޭގައި އެކަށީގެންވާ ހުސްޖާގައެއް އޮތެވެ. ޝަފާޒް އިނީ ލިޝާގެ ކައިރިއަށް ޖެހިލަންވެސް ނުކެރިފައެވެ. ދެއްކޭ ވާހަކައަކުން ލިޝާ ހިތްހަމަނުޖެހިދާނެތީ އެކަމާއިވެސް ވިސްނަން އޭނާއަށް މަޖުބޫރުވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު