ޖޯކެއް ބުނެލައިގެން ''ލަސްވިޔަސް''ގެ ޓިކެޓު ހޯދުމުގެ ފުރުސަތު

މުހައްމަދު ނިޔާޒް (ޓެޑްރީ) ގިނަ ދުވަސްތަކެއްގެ މަސައްކަތް ހަގީގަތަކަށް ހަދައި ނެރެން ތައްޔާރުވެފައިވާ ފިލްމު "ލަސްވިޔަސް"ގެ ޕްރޮމޯޝަނަށް އެކި ކަހަލަ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެގޮތުން މިފަހަރު ޕްރޮމޯޝަނަށް މިއޮތީ ނަސީބުވެރިޔަކަށް ފިލްމު ބަލާލެވުމުގެ ފުރުސަތެވެ. ކުރަން ޖެހޭ މަސައްކަތަކީ ޖޯކެއް ބުނެލުމެވެ.

ގިނަ ބަޔަކު ވެސް އިންތިޒާރުކުރަމުން އަންނަ ފިލްމު ލަސްވިޔަސް ރިލީޒްކުރުމުގެ ތާރީހު ކައިރިވަމުން އަންނައިރު ފިލްމާ ގުޅޭ ތަފާތު މައުލޫމާތު އަންނަނީ އާންމުކުރަމުންނެވެ.

ދާދިފަހުން ލަސްވިޔަސް އޮފިޝަލް އިންސްޓަގްރާމް ޕޭޖަށް އާންމުކުރި ޕޯސްޓެއްގައި ވަނީ ޗެލެންޖެއް ފަށާފައެވެ. އެއީ ފިލްމު ފެށުމުގެ ކުރީން ފިލްމު ޕްރިމިއާ ކުރުމުގެ ކުރީން ބައިވެރިއަކަށް ދެ ޓިކެޓު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ޗެލެންޖެކެވެ.

މި ޗެލެންޖުގައި ކޮންމެ ބައިވެރިއަކު ވެސް އެންމެ މޮޅު ހެން ހީވާ "ޕަން" ނުވަތަ ޖޯކެއް ކޮމެންޓު ކޮށްލަން ވީއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކޮމެންޓަކަށް ދެ ޓިކެޓު ލިބުމުގެ ފުރުސަތު އޮންނާނެއެވެ. މި ފުރުސަތު އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި އޮންނާނެއެވެ. މި ފިލްމުގެ ޓިކެޓު ލިބޭނީ ފިލްމުގެ ޕްރިމިއާ ރެއަށެވެ.

ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަނެވެ. އޭގެ އިތުރުން، އަހުމަދު އީސާ (އާނަންދު)އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެންނާނެއެވެ.

ލަސްވިޔަސްގައި ވާޝިޔާ ފެނިގެންދާނީ ޔުސްރާ ކިޔާ ރޯލަކުންނެވެ. އަދި، އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. ޑްރާމާ ޖޯންރާއަށް ގެނެސްދޭ މި ފިލްމުގައި ޒޯޔާ ފެނިގެންދާނީ ފެނިގެންދާނީ ހަމްރާގެ ރޯލުންނެވެ.

މި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް