ބަދުރު ހަނގުރާމައިން ދަސްކުރަންޖެހޭ ކާމިޔާބީގެ ތަޅުދަނޑިތައް  

ހައްޖު ވެރިންތަކެއް އަޅުކަމުގައި--- ފޮޓޯ: އޭޕީ

މުސްލިމުންނާ ކާފަރުންނާ ދެމެދުގައި ހިނގި އެންމެ ފުރަތަމަ ކުރިމަތިލުމަކީ ބަދްރު ހަނގުރާމައެވެ. އެއީ މުސްލިމުންގެ ހިތްތަކުގައްޔާއި އިސްލާމީ ތާރީޚުގެ ޞަފްޙާތަކުގައި މަތިވެރި މަޤާމެއް ލިބިފައިވާ ހަނގުރާމައެކެވެ. ﷲ ތަޢާލާ އެ ދުވަހަށް (ޔައުމުލް ފުރްޤާނި ) ގެ ނަންދެއްވިއެވެ. ޙައްޤާއި ބާޠިލު ވަކިވެގެންދިޔަ ދުވަސްކަމުގައި ވާތީއެވެ. މާތް ﷲ އިސްލާމީ މި ލަޝްކަރުގެ ބައިވެރިންނަށް ޝަރަފުވެރިކަމުގެ މެޑެއްޔާއި އައްޑަނައާއި ހިތްވަރުގަދަކަމާއި އިޚްލާޞްތެރިކަމުގެ ކުލަތައް ދެއްވިއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި މެޑެލިތަކާއި ޝަރަފުވެރިކަން އެހެން ހަނގުރާމަތަކުގެ ބައިވެރިންނަކަށް ނުދެއްވައެވެ.

މި ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ޞަޙާބީއެއްކަމުގައިވާ ޙާޠިބު ބިން އަބީ ބަލްތަޢަތުގެފާނު މައްކާ ފަތަޙަކުރެއްވުމަށް ޓަކައި ރަސޫލާ ތައްޔާރުވެވަޑައިގަންވަމުންދާ ޚަބަރު މައްކާގެ މުޝްރިކުންނަށް ދެއްވަން އުޅުއްވުމުން އޭނާގެ އިސްތަށިފުޅު ކަނޑައިލުމުގެ ހުއްދަ ދެއްވުމަށް ޢުމަރުގެފާނު ދެންނެވުމުން ކައު ރަސޫލާ e ޙަދީސްކުރެއްވިއެވެ. (( لَعَلَّ اللَّهَ قَدِ اطَّلَعَ عَلَى أَهْلِ بَدْرٍ فَقَالَ: اعْمَلُوا مَا شِئْتُمْ، فَقَدْ وَجَبَتْ لَكُمُ الجَنَّةُ [1]- ބަދްރުގެ އަހްލުވެރިންނަށް ﷲ ބައްލަވައިވޮޑިގެންފައިވާތީއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ބޭނުން ކަމެއް ކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ސުވަރުގެ ވާޖިބުވެފައި ވެއެވެ. )) ﷲ ތަޢާލާ ވަނީ އެބައިމީހުންގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާ ދެއްވައިފައެވެ. ކުރިމަގުގައި އެބައިމީހުންނަށް ކުރެވޭ ފާފަތައް ފުއްސަވާދެއްވާނެކަމުގެ ހެޔޮ ޚަބަރު ވެސް ވަނީ ދެއްވައިފައެވެ. އެކަލާނގެ އެބައިމީހުންނަށް ތައުބާވުމުގެ ދޮރުތައް ހުޅުއްވައިދެއްވައިފާ ވާތީއެވެ.

ބަދްރު ހަނގުރާމައަކީ އާދައިގެ ހަނގުރާމައެއް ނޫނެވެ. ހުރިހާ ފެންވަރުތަކެއްގައި ފައިދާއާއި ގެއްލުން ލިބުނު ހަނގުރާމައެކެވެ.އެހެނަސް މި ހަނގުރާމައިގައި ގިޔަމުތަކެއް ވެއެވެ. މި ހަނގުރާމައިގެ ނަޞްރުގެ ބަހާތަކަކީ މި ގިޔަމުތަކާއި އަގުތަކެވެ. ތަޅުތައް ހުޅުވައިލުމަށް ޓަކައި ބޭނުންވާ ތަޅުތަނޑިތައް އޭގައި ވެއެވެ.

ދުނިޔޭގައި ފެށިފައިވާ އަރާރުންތަކާއި ކުރިމަތިލުންތައް ފެށުމުގެ ކުރިން އެންމެ ފުރަތަމަ އަރާރުންތައް ހިނގަނީ މަޤްޞަދުތަކާބެހޭ ގޮތުންނެވެ. އިންސާނާ ވަކިކަމެއް ކުރުމަށް ޢަޒްމުކަނޑައަޅައި ހިތްނިޔަތް ޚާލިޞްކޮށް އެކަމަށް ތައްޔާރުވެ ﷲގެ ޙަޟްރަތުން ނަޞްރަށް އެދި މަސައްކަތްކޮށްފިނަމަ ﷲގެ ވާގިފުޅާއި މަދަދާއި ތާއީދު އޭނާއަށް ލިބި އޭނާގެ މަސައްކަތުގައި ނަޞްރާއި ކާމިޔާބު ލިބޭނެއެވެ.

ރޯދައަކީ އެހެނިހެން ޢިބާދާތުތައް ފަދައިން އިންސާނާގެ ޢަޒްމު ވަރުގަދަކޮށް ހަރުދަނާކޮށްދޭ އަޅުކަމެކެވެ. މި ޢަޒްމު ނިކަމެތިކޮށް އިޚްލާޞްތެރިކަމުގެ އިމުން ބޭރަށް ލެވޭތޯ އިންސީންނާއި ޖިންނިންގެ ޝައިޠާނުން ވަސްވާސްދީ ހެއްލުންތެރިކޮށް ވައުވައްދަން އުޅެތެވެ. ބާޠިލު ބިމުގައި އިންދާ އެގަހަށް ފެންދީ ބޮޑުކުރެތެވެ. ބާޠިލު ކޯލި ދަނޑުތަކުގައި ބިސްތައް އަޅުވައި ފީކޮށް ފިޔޮއްތައް ވިއްސާ ބޮޑުކޮށް ޙައްޤަށް ހުރަސްއެޅުމަށް މަސައްކަތްކުރެތެވެ. ކީރިތި ޤުރްއާން ވަނީ މި ޙަޤީޤަތް ބަޔާންކޮށް ދެއްވައިފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.((فَأَمَّا الزَّبَدُ فَيَذْهَبُ جُفَاءً وَأَمَّا مَا يَنْفَعُ النَّاسَ فَيَمْكُثُ فِي الْأَرْضِ كَذَلِكَ يَضْرِبُ اللَّهُ الْأَمْثَالَ[2] - ފަހެ، މައްޗަށްއަރާ ފޮނު ދަންނާށެވެ! ބޭނުންނެތް ގޮތުގައި، އެ އުކައިލެވި، ގެއްލިދަނީއެވެ. އަދި މީސްތަކުންނަށް ފައިދާހުރި ކަންތައް ދަންނާށެވެ! ފަހެ، ބިމުގައި އެ، ހަރުލައި ހުންނާނެތެވެ. އެފަދައިން اللَّه مثال ޖައްސަވަތެވެ. )) މި ބިމުގައި ކިތައްކިތައް ސިންގާސަނާތައް ޤާއިމުވެ ފަނާވެގޮސްފައިވޭ ހެއްޔެވެ؟ ނެތިވެފަނާވެދާ ކޮންމެ އިމްބަރާޠޫރިއްޔަތެއްގެ ބަދަލުގައި އެހެން އިމްބަރާޠޫރިއްޔަތެއް ޤާއިމުވެގެން ދެއެވެ. އިނގިރޭސި އިސްތިޢުމާރާއި ފަރަންސޭސި އިސްތިޢުމާރާއި ސްޕޭންގެ އިސްތިޢުމާރާއި ޕޯޗުގީޒު އިސްތިޢުމާރު ކޮބައިހެއްޔެވެ؟ ސޮވިއެޓް ޔުނިއަން އުފެދި ފަނާވެ ހިނގައްޖެއެވެ. (( وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ[3]-ތިމަންރަސްކަލާނގެ އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ.))

ދެވަނަ ކަމަކީ ނަޞްރަކީ ﷲ ތަޢާލާ ދެއްވާ އެއްޗެއްކަން ޤަބޫލު ކުރުމެވެ. ހަތިޔާރާއި ސިފައިންނަކީ ނަޞްރަށް ވާސިލުކޮށްދޭ ވަސީލަތްތަކެކެވެ. މުސްލިމުން ބަދްރު ހަނގުރާމަކުރީ ޢަދަދުގެ ގޮތުން ވެސް ހަތިޔާރުގެ ގޮތުން ވެސް ކާފަރުންނަށް ދެރަ ބައެއްގެ ގޮތުގައި ތިބެއެވެ. އެހެނަސް މާތް ﷲ މުސްލިމުންނަށް ނަޞްރުދެއްވިއެވެ. ކާފަރުންނަށް އެމީހުންގެ ހަތިޔާރާއި ބޮޑު ލަޝްކަރުން ޙިމާޔަތެއް ނުލިބުނެވެ. ހަތިޔާރު ކިތަންމެ ވަރުގަދަވިޔަސް ، ކިތަންމެ ވިސްނުން ތޫނަސް، ފަންނިއްޔަތުގައި ކިތަންމެ ކުރިއަރައިފައި ވިޔަސް ހަތިޔާރަށް އެކަނި ހަނގުރާމައެއް ނުކުރެވޭނެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އަންގައިވައިފައިވާ ފަދައިން މުސްލިމުން ހަނގުރާމައަށް ތައްޔާރުވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ وَمِنْ رِبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ وَآخَرِينَ مِنْ دُونِهِمْ لَا تَعْلَمُونَهُمُ اللَّهُ يَعْلَمُهُمْ وَمَا تُنْفِقُوا مِنْ شَيْءٍ فِي سَبِيلِ اللَّهِ يُوَفَّ إِلَيْكُمْ وَأَنْتُمْ لَا تُظْلَمُونَ [4]- އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން اللَّه ގެ عدوّ ންނާއި، ތިޔަބައިމީހުންގެ عدوّ ންނާއި، އެއުރެންނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ. ތިޔަބައިމީހުންނަކަށް އެއުރެންނެއް ނޭނގެތެވެ. اللَّه، އެއުރެން ދެނެވޮޑިގެންވެތެވެ. އަދި اللَّه ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް، ތިޔަބައިމީހުންނަށް ފުރިހަމަޔަށް ލިބޭނެތެވެ. އަދި ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. )) މުސްލިމުން ބަދްރު ހަނގުރާމަ ކުރީ މާތް ﷲ އެމީހުންނަށް ނަޞްރުދެއްވާނެކަމުގެ ޔަޤީންކަންމަތީގައި ތިބެގެންނެވެ. އެމީހުން ﷲގެ ޙަޟްރަތުން ވާތްގަށް އެދިތިބެގެންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُمْ بِأَلْفٍ مِنَ الْمَلَائِكَةِ مُرْدِفِينَ وَمَا جَعَلَهُ اللَّهُ إِلَّا بُشْرَى وَلِتَطْمَئِنَّ بِهِ قُلُوبُكُمْ[5] -ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ. ملائكة ންގެ ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާހުށީމެވެ. އެކަކަށްފަހު އަނެކަކު އަންނަގޮތުގައެވެ.އުފާވެރިކަމުގެ خبر އެއް ކަމުގައްޔާއި، އެކަމުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމަށްޓަކައި މެނުވީ، اللَّه އެކަންތަކެއް ނުލައްވައެވެ. )) މުސްލިމުން މާތްﷲ އެހީއަށް އެދި ދުޢާދެންނެވުމުގެ ކުރިން ކައު ރަސޫލާ ވަނީ ﷲއަށް ދުޢާ ދަންނަވައިފައެވެ. އެކަލޭގފާނުގެ ދުޢާފުޅު ދިގުކުރެއްވިލެއް ބޯދުކަމުން އެކަމާމެދު އަބޫބަކްރުގެފާނު ވެސް ޙައިރާންފުޅުވިއެވެ. އަދި އަބޫބަކްރުގެފާނު ރަސޫލާއަށް ދެންނެވިއެވެ. (( އޭ ﷲގެ ނަބިއްޔާއޭވެ! ކަލޭގެފާނަށް ﷲ ވަޢުދުކުރެއްވި ކަންތައް އެކަލާނގެ ފުއްދަވައިދެއްވާނެކަން ކަށަވަރެވެ. ))[6]

ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ޙަޟްރަތުން ނަޞްރަށް އެދެންވާނީ ހަމައެކަނި ދުޢާކޮށްގެންނެއް ނޫނެވެ. މަދަދަށާއި އެހީއަށް ދަންނަވައިގެނެއް ނޫނެވެ. މީގެއިތުރަށް އިސްލާމީ އުޞޫލުތަކާއި ގިޔަމުގައި ހިފަހައްޓައިގެންނެވެ. މި ގިޔަމުގެ ތެރޭގައި ވަފާތެރިކަން ވެއެވެ. މާތްﷲ ރުއްސުންލެއްވި ޙުޛައިފަތު ބުނުލް ޔަމާން ވިދާޅުވިއެވެ. (( އަހުރެމެން ދެބަފައިން މައްކާއިން ނުކުމެގެން ދަތުރުކުރަނިކޮށް މުޝްރިކުން އަހުރެމެން ހިފަހައްޓައިފާ ބުންޏެވެ. ތިޔަ ދެބަފައިން ތިޔަދަނީ މުޙައްމަދުގެފާނަށް ނަޞްރުދޭން ހެއްޔެވެ؟ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ނޫނެކެވެ. މި ދަނީ މަދީނާއަށެވެ. މުޝްރިކުން އަހުރެމެންގެ ކިބައިން ޢަހްދުކަށަވަރު ހިފުމަށްފަހު ދޫކޮށްލިއެވެ. ޙުޛައިފަތުގެފާނު ވިދާޅުވިއެވެ. އަހުރެމެން ދެބަފައިން ރަސުލާގެ އަރިހަށް ގޮސް މި ވާހަކަ ދެންނެވުމުން ޙަދީސްކުރެއްވިއެވެ. އެބައިމީހުން ވީ އަޙްދަށް ވަފާތެރިވާށެވެ. މާތްﷲ އެބައިމީހުންގެ މައްޗަށް ވާގިދެއްވުމަށް އެދޭށެވެ! ))[7] މުޝްރިކުން ﷲގެ ރަސޫލާއާ ދެކޮޅަށް ހަނގުރާމަކުރަމުންދިޔައިރުގައި ވެސް ކައު ރަސޫލާ މި ވަނީ ޢަހްދަށް ވަފާތެރިވުމަށް އަންގަވައިފައެވެ.

ވަފާތެރިވުމުގެ ޒިންމާއަށްވުރެ ޚިޔާނަތްތެރިވުމުގެ ޒިންމާ މާ ބޮޑެވެ.ﷲ ޚާއިނުންދެކެ ލޯބިވެވޮޑިނުގަންވަތެވެ. އެހީއަށް އެދުމާއި ވަފާތެރިވުމުގެ ނަތީޖާއާމެދު ވިސްނާލަމާހިނގާށެވެ. އޭގެ ނަތީޖާއަކީ ﷲގެ މަދަދު އައުމެވެ. މުސްލިމުންގެ ހިތްތަކަށް ހިތްހަމަޖެހުން ލިބުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِنْهُ وَيُنَزِّلُ عَلَيْكُمْ مِنَ السَّمَاءِ مَاءً لِيُطَهِّرَكُمْ بِهِ وَيُذْهِبَ عَنْكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ عَلَى قُلُوبِكُمْ وَيُثَبِّتَ بِهِ الْأَقْدَامَ [8] - އެކަލާނގެ حضرة ން އައި أمان ކަމެއްގެ ގޮތުގައި ނިދިޖެހުން ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައި، އަދި އެކަލާނގެ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، شيطان އާގެ ވަސްވާސް ތިޔަބައިމީހުންގެ ކިބައިން ފިއްލެވުމަށާއި، ތިޔަބައިމީހުންގެ ހިތްތަކަށް ގަދަކަން ދެއްވުމަށާއި، (ތިޔަބައިމީހުންގެ) ފައިތިލަތައް ސާބިތު ކުރެއްވުމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިހިނދު، ހަނދުމަކުރާށެވެ! )) މުސްލިމުންގެ ޚަބަރު ބަލަން ކާފަރުން ފޮނުވި ޖާސޫސު ޢުމައިރު ބިން ވަހަބު މުސްލިމުންގެ ހިތްވަރާއި ބާރު ދެކެފައި އެނބުރި ގޮސް ބުންޏެވެ. (( އޭ ޤުރައިޝޫންނޭވެ! އެއީ މަރުއުފުލައިގެން އައިސް އޮތް ދާއްބައެކެވެ. މަދީނާގެ ޖަމަލުތައް ތިބީ ދާއިމީ މަރު އުފުލައިގެންނެވެ. އެމީހުން މަނާކުރާނެ އަދި އެމީހުންނަށް ހިޔާވަހިކަންދޭނެ ތަނެއް ނެތެވެ. އެމީހުންގެ ކަޑިތައް މެނުވީއެވެ. އެމީހުން ތިބީ މަންމަންކަން މަތީގައި އަނގަ ބަންދުކޮށްގެންނެވެ. ނާގަ ހަރުފަތަކެއް ފަދައިން ދޫ ނެރެގެން ވިހަލާނެ އެއްޗެއް ނުފެނިގެންނެވެ. މާތްﷲ ގަންދީ ބުނަމެވެ. އެމީހުންގެ މީހަކު މަރައިލައިފިނަމަ އަހުރެމެންގެ ތެރެއިން މީހަކު މަރުވާނެއެވެ. އެމީހުންގެ ތެރެއިން ބަޔަކު މަރައިފާ އަހުރެމެންނަށް ރަގަނޅު ޙަޔާތެއް ނުލިބޭނެއެވެ. ތިޔަބައިމީހުން ރަނގަޅަށް ވިސްނާ ބަލާށެވެ! ))[9]

ބަދްރު ހަނގުރާމައިން މުސްލިމުންނަށް ލިބިފައިވާ ސަރްމަދީ މެސެޖަކީ (( وَلَقَدْ نَصَرَكُمُ اللَّهُ بِبَدْرٍ وَأَنْتُمْ أَذِلَّةٌ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ[10] - ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدر ހަނގުރާމައިގައި اللَّه، ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكر ވެރި ވުމަށްޓަކައެވެ. )) މުސްލިމުންނަކީ ޢަދަދުގައިވެސް އަދި ހަތިޔާރާއި އާލަތާއި ވަސީލަތްތަކުގައި ވެސް ނިކަމެތީންނެވެ. ކާފަރުންގެ ރޭވުންތައް ކިތަންމެ ވަރުގަދަޔަސް މާތްﷲ މި ރޭވުންތައް ބަލިކަށި ކުރެއްވިއެވެ.

ކުރަންޖެހޭ މަސައްކަތެއް ކާމިޔާބު ކުރެވޭނީ އެ މަސައްކަތެއް ކުރަން ތިބި މީހުންގެ މެދުގައި އިންސާފުވެރިކަމާއެކު މަސައްކަތްތައް ބަހައިލައިގެންނެވެ. ބުރަ ތަޙައްމުލުކުރުމުގައި އެންމެން އެއްވަރަށް ޙިއްޞާވެގެންނެވެ. ބަދްރުހަނގުރާމައަށް ނުކުތް މުސްލިމުންގެ ލަޝްކަރުގައި ސަވާރީ މަދުކަމުން ކޮންމެ ތިން މީހަކު ހިއްސާކުރާގޮތަށް ސަވާރީތައް ބައްސަވައިލެއްވިއެވެ. ކީރިތި ރަސޫލާ މި ގޮތަށް ޢަމަލު ކުރައްވަންވެގެން ސަވާރީން ފައިބާވަޑައިގަންނަވަން އުޅުއްވުމުން އެކަލޭގެފާނުގެ އަނެއް ދެ ބައިވެރިން ރަސުލާއަށް ދެންނެވިއެވެ. " އަޅުގަނޑުމެން ހިނގައިފާދާނަމެވެ. ކަލޭގެފާނު ސަވާރީ މަތީގައި އިންނަވާށެވެ! އެހިނދު ކައު ރަސުލާ ޙަދީސްކުރެއްވިއެވެ.ތިމަންކަލޭގެފާނަށްވުރެ ތިޔަ ދެ ބޭކަލުން ވަރުފުޅު ގަދަވެގެން ނުވެއެވެ. އަދި ތިމަންކަލޭގެފާނު ތިޔައިން ބޭކަލަކަށްވުރެ ފުދުންތެރިކަން ބޮޑުވެގެން ވެސް ނުމެވޭމެއެވެ. ))[11] މުޖްތަމަޢުގެ ކޮންމެ ފަރްދަކު އޭނާގެ މަޤާމަށާއި ޢާއިލާއަށާއި ރަށަށް ނުބަލައި އޭނާގެ ވާޖިބުތައް ﷲގެ ޙަޟްރަތާ ކުއްތަންވުމަށް ޓަކައި އަދާކުރާނަމަ މުޖްތަމާއު ކުރިއަރައިގެންދާނެއެވެ. ކޮންމެ މީހަކުވެސް ހެޔޮކަމުގެ މައިދާނުގައި ވާދަވެރި މީހަކަށް ވެގެންދާނެއެވެ.

ނަޞްރު ލިބުމަށް ވާގިވެރިވާ ބަހާތަކުގެ ތެރޭގައި މަޝްވަރާކުރުން ވެއެވެ. މައްކާގެ ކާފަރުންނާ ކުރިމަތިލައްވައި ހަނގުރާމަކުރައްވަން ޖެހިވަޑައިގަތްފިކަން ރަސޫލާއަށް ކަށަވަރުވެ ވަޑައިގަތުމުން ކައު ރަސޫލާ އަންޞާރުންނާއި މުހާޖިރީންނާ މަޝްވަރާކުރެއްވިއެވެ. އެކަލޭގެފާނު މައްކާގެ ކާފަރުންނާ ކުރިމަތިލައްވަން ނިންމެވީ އެބޭކަލުން ހަނގުރާމަކުރެއްވުމަށް ރަސޫލާއަށް ދެންނެވުމުންނެވެ. މަޝްވަރާއަކީ ނަޞްރާއި ކާމިޔާބީގެ ތަޅުދަނޑިއެކެވެ. މަޝްވަރާކުރުމަކީ އިސްލާމީ ދީމުޤްރާޠީ ނިޒާމުގެ އަސާސުތަކުގެ ތެރޭގައި ހިމެނޭ އަސާސެކެވެ. މުޖްތަމަޢުގެ ތަޖްރިބާކަރުންނަށާއި ޢާލިމުންނަށާއި ތަޢުލީމީ ބޭފުޅުންނަށް ޤައުމުގެ ކަންކަމުގައި މަޝްވަރާ ދެއްވުން މަނާކުރެވިއްޖެނަމަ މުޖްތަމަޢު ކުރިއަކަށް ނުދާނެއެވެ.

ކިޔަވާދިނުމާއި އުނގަންނާދިނުމަކީ މުސްލިމު އަޅާ އޭނާގެ ވެރިރަސްކަލާނގެއާ އޭނާގެ ދީނާއި ދުނިޔެ ދެނެގަތުމުގެ ތަޅުދަނޑިތަކުން ތަޅުދަނޑިއެކެވެ. ޤައުމާ ކުރިމަތިވެފައިވާ ބިނާކުރުމުގެ ހަނގުރާމައާއި، ބިމާއި އަބުރު ރައްކައުތެރިކުރުމުގެ ހަނގުރާމައާއި ، ތިމާގެ އަމިއްލަ ޝަޚްޞިއްޔަތާއި ޤައުމީ ވަންތަކަން ޙިމާޔަތްކުރުމުގެ ހަނގުރާމަ ކުރެވޭނީ ތަޢުލީމާއި ސަޤާފަތް އުނގެނިގެންނެވެ. ބަދްރު ހަނގުރާމައިގައި މުޝްރިކުންގެ ތެރެއިން އަސީރުވި ބައެއް މީހުންގެ ފިދާއެއް ކަމުގައި ކައު ރަސޫލާ ހެއްދެވީ ދިހަ ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުމެވެ. މިއީ ދުނިޔޭގައި މި މައިދާނުގައި އެޅުނު އެންމެ ފުރަތަމަ ރަސްމީ ފިޔަވަޅެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ނިންމެވުމެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. (( މައްކާ މީހުންނަކީ ލިޔަންކިޔަން ދަންނަ ބައެކެވެ. މަދީނާގެ މީހުންނަކީ ލިޔަންއކިޔަން ދަންނަ ބައެއްނޫނެވެ. މަދީނާގެ ކުދިންގެ ތެރެއިން ދިހަ ކުއްޖަކަށް ލިޔަން ރަނގަޅަށް ދަސްކޮށްދީފިނަމަ އެއީ އޭނާގެ ފިދްޔައެވެ.))[12] އެހެންކަމުން ކީރިތި ރަސޫލާ މި އެޅުއްވި ފިޔަވަޅަކީ އިސްލާމީ އުންމަތް ތަޢުލީމު ޔާފުތާ ބަޔަކަށް ހެއްދެވުމަށް ޓަކައި އެޅުއްވި ފިޔަވަޅެކެވެ. ކީރިތި ޤުރްއާނުން ބާވައިލެއްވި ފުރަތަމަ އާޔަތުގައި ކިޔެވުމަށް އަމުރުކުރައްވައިފާ ވާތީއެވެ.

ޙައްޤާ ބާޠިލާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައަކީ މިއަދުގެ އަދި އިއްޔެގެ ކަމެއް ނޫނެވެ. އެއި މާތް ﷲ އިންސާނާ ހެއްދެވި ދުވަހުން ފެށިގެން ފެށިފައިވާ ހަނގުރާމައެކެވެ. އެއީ މާތް ﷲ އިންސާނާގެ ދަރަޖަ މަތިވެރިކުރެއްވުމުން ޝައިޠާނާގެ ހިތުގައި އަނދައިގަތް ޙަސަދައިގެ އަލިފާނުގެ ސަބަބުން ފެށިފައިވާ ހަނގުރާމައެކެވެ. ހަނގުރާމައެއްގައި ކާމިޔާބު ލިބުނަސް މިކަމާމެދު ޣާފިލުވެގެން ނުވާނެއެވެ. ބާޠިލު އަބަދުވެސް ދާނީ ކަޅިއަޅަމުންނެވެ. ފުރްޞަތަށް ބަލަމުންނެވެ. މުސްލިމުންގެ ޝިޢާރަކަށް އަބަދުވެސް ހަދަންޖެހޭނީ ހޭލުންތެރިކަމެވެ. ސަމާލުވުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَدَّ الَّذِينَ كَفَرُوا لَوْ تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُمْ مَيْلَةً وَاحِدَةً [13] - ތިޔަބައިމީހުން ގެންގުޅޭ ތަކެއްޗާއި، ހަތިޔާރުތަކާމެދު، ތިޔަބައިމީހުން غافل ވާނެނަމައޭ ހިތައި، كافر ވި މީހުން (އެކަމަށް) އެދުނެވެ. އޭރުން، އެއްފަހަރާ ލެނބިގަންނަ ލެނބިގަތުމަކުން ތިޔަބައިމީހުންގެ މައްޗަށް އެއުރެން ލެނބިގެންފާނެތެވެ. (އެބަހީ: އެއްފަހަރާ އައިސް حملة ދީފާނެތެވެ.)) ހޭލުންތެރިމީހާއަށް އޭނާގެ ދުޝްމަނުގެ ބަލިފައި އެނގޭނެތެވެ. އެންމެ ކުޑަ ގެއްލުމަކާއެކު ހަނގުރާމަ ކާމިޔާބުކުރަން އެނގޭނެތެވެ.

ރިފަރެންސް:

[1] - أخرجه البخاري (٦٢٥٩)، ومسلم (٢٤٩٤)
[2] - الرعد: 17
[3] - آل عمران: 140
[4] - الأنفال: 60
[5] - الأنفال: 9، 10
[6] - مصنف ابن أبي شيبة
[7] - مسند أحمد وقال محققوه صحيح
[8] -
[9] - مغازي الواقدي
[10] - آل عمران: 123
[11] - مسند أحمد
[12] - عيون الأثر
[13] - النساء: 102

comment ކޮމެންޓް