ޕީއެންސީ ޕްރައިމަރީން ނާކާމިޔާބުވި ފަޒީލްގެ ނަން ޗައިނާ ސަފީރު ކަމަށް

ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު --

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޕްރައިމަރީން ނާކާމިޔާބުވި ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު ޗައިނާގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ނިންމަވައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ފަޒީލަށް ރުހުން ހޯދުމަށް މަޖިލީހަށް ރައީސް ފޮނުއްވި ސިޓީ އިއްޔެ މަޖިލީހުގެ ތަޅުމުގައި ވަނީ އިއްވާފައެވެ. ފަޒީލްގެ އިތުރުން، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު، ބަންގްލަދޭޝްއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރަން ރުހުން ހޯދުމަށް ވެސް ވަނީ އިއްޔެ މަޖިލީހަށް ފޮނުއްވާފައެވެ.

ކުރިއަށް އޮތް 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ޓިކެޓް ހޯއްދެވުމަށް ފަޒީލް ވާދަކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާއަށެވެ. ނަމަވެސް ޕްރައިމަރީން އޭނާއަށް ލިބިވަޑައިގަތީ 190 ވޯޓެވެ. ޓިކެޓު ކާމިޔާބު ކުރެއްވި އިބްރާހީމް ހުސައިންއަށް ލިބިފައި ވަނީ 447 ވޯޓެވެ.

އޭނާ ވަނީ އެމްއެމްއޭގެ ގަވަރުނަރުގެ އިތުރުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

މި ސަރުކާރުން ފަޒީލް ޗައިނާގެ ސަފީރުކަމަށް އައްޔަން ކުރައްވާއިރު، ސަރުކާރުން ގެންދަވަނީ ޗައިނާއާ ގާތް ގުޅުމެއް ބާއްވަމުންނެވެ.

comment ކޮމެންޓް