ރޯދަވެރިޔާ ލޭ ހަދިޔާކުރުން

މީހަކު ލޭ ހަދިޔާ ކުރަނީ--- ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މި މަސްއަލާގައި ގިނަޢިލްމުވެރިން ޤިޔާސްކުރައްވަނީ ކަވާޖެހުމަށެވެ. ކަވާޖެހުމުން ރޯދަގެއްލޭނެހެއްޔެވެ؟ ނުވަތަ ނުގެއްލޭނެ ހެއްޔެވެ؟ ކަވާޖެހުމުން[1] ރޯދަގެއްލުމުގެ މަސްއަލައިގައި ޢިލްމުވެރިންގެ ރައުޔު ތަފާތެވެ.

ކީރިތިރަސޫލާ ޙަދީޘްކުރެއްވިއެވެ. (( خَيْرُ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ [2]- ތިޔަބައިމީހުންކުރާ އެންމެ ރަނގަޅު ފަރުވާއަކީ ކަވާޖެހުމެވެ. )) ކަވާޖެހުމުގެ މަސްއަލައިގައި ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވަނީ ދެ ޙަދީޘެއްގެ ސަބަބުންނެވެ. އެއްޙަދީޘަކީ ޘަވްބާނުގެ އަރިހުން ވާރިދުވެފައިވާ ޙަދީޘެވެ. މި ޙަދީޘު ބުނަނީ (( أَفْطَرَ الْحَاجِمُ ، وَالْمَحْجُومُ [3] - ކަވާޖަހާމީހާ އާއި ކަވާޖަހާދެވޭމީހާގެ ރޯދަ ގެއްލިއްޖެއެވެ.)) ދެވަނަ ޙަދީޘަކީ އިބްނު ޢައްބާސްގެފާނުގެ އަރިހުން ރިވާވެގެންވާ ޙަދީޘެވެ. އެކަލޭގެފާނު ވިދާޅުވަނީ (( احْتجمَ رسولُ اللهِ ﷺ مُحْرِمًا صائمًا [4] – ރަސޫލުﷲގެފާނު އިޙްރާމުބަންނަވައިގެން ރޯދަފުޅަށް ހުންނަވާ ކަވާޖެއްސެވިއެވެ. ))

މި ކަމުގައި ދެ މަޛްހަބެއްވެއެވެ.

ފުރަތަމަ މަޛްހަބު : ކަވާޖެހުމަކީ ރޯދަވެރިއާއަށް ޙަރާމްކަމެކެވެ. އެހެންކަމުން ކަވާޖެހުމުން ރޯދަގެއްލޭނެއެވެ. މިއީ ޙަންބަލީ މަޛްހަބެވެ. ދާވޫދާއި އައުޒާޢީ އާއި އިބްނު ރާހިވައހިއާއި އިބްނު އިސްޙާޤާއި އިބްނު ޚުޒައިމާ ގެ ބަހަކީވެސް މިއެވެ. މިބޭކަލުންގެ ދަލީލަކީ، ރަމަޟާންމަހު ދުވާލުގެ ވަގުތެއްގައި ، މީހަކު ބަޤީޢުގައި ކަވާ ޖަހަން އިންދާ ރަސޫލުﷲގެފާނަށް ވަޑައިގެންނެވުނެވެ. އެހިނދު އެކަލޭގެފާނު r ޙަދީޘްކުރެއވިއެވެ. (( أَفْطَرَ الْحَاجِمُ ، وَالْمَحْجُومُ [5] - ކަވާޖަހާމީހާ އާއި ކަވާޖަހާދެވޭމީހާގެ ރޯދަގެއްލިއްޖެއެވެ. )) މި ޙަދީޘާ ބެހޭގޮތުން ޞަންޢާނީ ވިދާޅުވަނީ ރަސޫލުﷲގެފާނު އެ ފަދައިން ޙަދީޘްކުރެއްވީ އެދެމީހުން އެކަންކުރަމުން ދިޔައިރު ނެތިމޮށެމުންގޮސްފައިވާތީއެވެ. އަލްބަޣްވީ ވިދާޅުވާ ގޮތުގައި " أَفْطَرَ " ގެ މާނައަކީ ޙަޤީޤީ މާނައެއްނޫނެވެ. އެހެނަސް އޭގެ މާނައަކީ " مقاربة الفطر " އެވެ. މީގެ އިތުރަށް އިބްނު ޢައްބާސްގެފާނުގެ އަރިހުން ވާރިދުވެފައިވާގޮތުގައި " ރަސޫލުﷲގެފާނު r އިޙްރާމު ބަންނަވައިގެން ރޯދަފުޅަށް ހުންނަވާ ކަވާޖެއްސެވިއެވެ.މިކަމުގެ ސަބަބުން އެކަލޭގެފާނު ވަރުފުޅުދެރަވިއެވެ. "މިހެންވެ ކަވާޖެހުން ނަހީކުރެއްވިއެވެ. މި ޙަދީޘު ބުނާގޮތުގައި ކަވާޖެހުމަކީ އަޞްލުގައި ހުއްދަކަމެކެވެ. ނަމަވެސް އެކަމުގެ ސަބަބުން ރޯދަވެރިއާ ވަރުދެރަވާތީ އެކަން މަނާކުރެއްވީއެވެ. ބުޚާރީ ރިވާކުރެއްވި ޙަދީޘެއްބުނާގޮތުގައި އަނަސުގެފާނަށް ދެންނެވުނެވެ. ރޯދަވެރިއާ ކަވާޖެހުމަކީ މަކްރޫހަކަމެއްތޯއެވެ؟ އަނަސުގެފާނު ޖަވާބުގައި ވިދާޅުވިއެވެ.ނޫނެކެވެ. އެކަމަކު ވަރުދެރަނުވާނަމައެވެ. [6] ބައެއްބޭކަލުން ވިދާޅުވާ ގޮތުގައި أَفْطَرَ الْحَاجِمُ ، وَالْمَحْجُومُ [7] - ކަވާޖަހާމީހާ އާއި ކަވާޖަހާދެވޭމީހާގެ ރޯދަގެއްލިއްޖެއެވެ. މި ޙަދީޘް ވަނީ އިބްނު ޢައްބާސްގެފާނުގެ އަރިހުން ވާރިދުވެފައިވާ ޙަދީޘް (( احْتَجَمَ مُحْرِمًا صَائِمًاَ [8]– ރަސޫލުﷲގެފާނު އިޙްރާމުބަންނަވައިގެން ރޯދަފުޅަށް ހުންނަވާ ކަވާޖެއްސެވިއެވެ. )) ގެ ސަބަބުން މަންސޫޚުވެފައެވެ.

ދެވަނަ މަޛްހަބު :މި ބޭކަލުން ވިދާޅުވާގޮތުގައި ރޯދައަށްހުރެ ކަވާޖެހުމަކީ މަކްރޫހަކަމެއްނެތް ހުއްދަކަމެކެވެ. އެކަމަކު ކަވާޖެހުމުން ވަރުދެރަވާމީހަކަށް ރޯދައަށް ހުރެ ކަވާޖެހުން މަކްރޫހަވާނެއެވެ. މިއީ ޙަނަފީންނާއި މާލިކީންނާއި ޝާފިޢީންނާއި ޡާހިރީންގެ ބަހެވެ.އަބޫ ސަޢީދުލްޚުދްރީއާއި ، އިބްނު މަސްޢޫދާއި ، އުއްމު ސަލަމާއާއި، ޙުސައިނުގެފާނާއި، ޢުރްވަތު ބުނުއް ޒުބައިރާއި ، ސަޢީދު ބުނު ޖުބައިރާއި، އައްނަޚްޢީ އާއި، އައްޘަވްރީ ގެ ބަހަކީ މިއެވެ. [9]މިބޭކަލުންގެ ދަލީލުތަކަކީ އިބްނު ޢައްބާސުގެ އަރިހުން ބުޚާރީ ރިވާކުރެއްވި ޙަދީޘް " احْتَجَمَ مُحْرِمًا صَائِمًاَ [10]– ރަސޫލުﷲގެފާނު އިޙްރާމުބަންނަވައިގެން ރޯދަފުޅަށް ހުންނަވާ ކަވާޖެއްސެވިއެވެ. " އަދި ޘާބިތުލްބަނާނީގެ އަރިހުން ބުޚާރީ ރިވާކުރެއްވި ޙަދީޘެއް ބުނާގޮތުގައި ، އަނަސުގެފާނަށް ދެންނެވުނެވެ. ރޯދަވެރިއާ ކަވާޖެހުމަކީ މަކްރޫހަކަމެއްތޯއެވެ؟ އަނަސުގެފާނު ޖަވާބުގައި ވިދާޅުވިއެވެ.ނޫނެކެވެ. އެކަމަކު ވަރުދެރަނުވާނަމައެވެ. [11] ޢަޠާއު ބިން ޔައްސާރުގެ އަރިހުން އިބްނު އަބީ ޝައިބާ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. (( ثَلاَثٌ لاَ يُفَطِّرْنَ الصَّائِمَ. الْقَىْءُ ، وَالاِحْتِلاَمُ ، وَالْحِجَامَةُ [12] - ތިންކަމަކުންކުރެ ކަމަކުން ރޯދަ ގެއްލިނުދާނެތެވެ. އެއީ : ކަވާޖެހުމާއި ހޮޑުލެވުމާއި އިޙްތިލާމުވެމެވެ. " މި ޙަދީޘްތަކުން ސާފުކޮށް އެނގޭގޮތުގައި ކަވާޖެހުމުގެ ސަބަބުން ރޯދައެއް ނުގެއްލޭނެއެވެ. މީގެ އިތުރަށް މިބޭކަލުން ވިދާޅުވާގޮތުގައި، އެއީ ދޮސް ނުކުތުން ނުވަތަ ނެރުން ފަދަކަމެކެވެ. ދޮސް ނުކުތުމުން ރޯދަގެއްލޭނެކަމަކަށް އެއްވެސް ބޭކަލަކު ވިދާޅެއްނުވެއެވެ.

ލޭ ދިނުން

ހ- މިކަމުގެ މައްޗަށް ބައްލަވައި ، ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ލޭ ދިނުމުން އޭނާގެ ރޯދަގެއްލޭނެއެވެ. އިބްނު ތައިމިއްޔާ އާއި ޙަންބަލީ މަޛްހަބުގައި މަޝްހޫރުވެގެންވާ ބަހަކީ ލޭ ދިނުމުން ރޯދަ ގެއްލޭނެއެވެ.

ށ- ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ރޯދަވެރިޔާ ލޭ ދިނުމުން ރޯދައެއް ނުގެއްލޭނެއެވެ.މިކަމުގެ ދަލީލަކީ އިބްނުޢައްބާސްގެފާނުގެ އަރިހުން ވަރިދުވެފައިވާ ޙަދީޘް (( احْتَجَمَ مُحْرِمًا صَائِمًاَ [13]– ރަސޫލުﷲގެފާނު އިޙްރާމުބަންނަވައިގެން ރޯދަފުޅަށް ހުންނަވާ ކަވާޖެއްސެވިއެވެ. )) މި ބޭކަލުން ވިދާޅުވާގޮތުގައި ކަވާޖެހުމުން ރޯދަގެއްލޭނެކަމަށް ބުނާ ޙަދީޘް ވަނީ އިބްނުޢައްބާސްގެފާނުގެ ޙަދީޘުން މަންސޫޚުވެފައެވެ. އަދި ޘާބިތުލްބަނާނީގެ އަރިހުން ބުޚާރީ ރިވާކުރެއްވި ޙަދީޘެއް ބުނާގޮތުގައި ، އަނަސުގެފާނަށް ދެންނެވުނެވެ. ރޯދަވެރިއާ ކަވާޖެހުމަކީ މަކްރޫހަކަމެއްތޯއެވެ؟ އަނަސުގެފާނު ޖަވާބުގައި ވިދާޅުވިއެވެ.ނޫނެކެވެ. އެކަމަކު ވަރުދެރަނުވާނަމައެވެ. [14] މީގެ އިތުރަށް ، ޢަޠާއު ބިން ޔައްސާރުގެ އަރިހުން އިބްނު އަބީ ޝައިބާ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. " ثَلاَثٌ لاَ يُفَطِّرْنَ الصَّائِمَ. الْقَىْءُ ، وَالاِحْتِلاَمُ ، وَالْحِجَامَةُ [15] - ތިންކަމަކުންކުރެ ކަމަކުން ރޯދަ ގެއްލިނުދާނެތެވެ. އެއީ : ކަވާޖުހުމާއި ހޮޑުލެވުމާއި އިޙްތިލާމުވެމެވެ. " މި ޙަދީޘްތަކުން ސާފުކޮށް އެނގޭގޮތުގައި ކަވާޖެހުމުގެ ސަބަބުން ރޯދައެއް ނުގެއްލޭނެއެވެ.އެހެންކަމުން ލޭ ހަދިޔާ ކުރުމަކީ ރޯދަ ގެއްލޭ ކަމެއް ނޫނެވެ.

ޓެސްޓެއް ކުރުމަށްޓަކައިލޭ ނެގުން

މިމަސްއަލައާ ލޭދިނުމާ ވަރަށް ތަފާތެވެ. ތަޙްލީލުކުރުމަށްޓަކައި ނަގާ ލޭފޮދަކީ ވަރަށް ކުޑަމިންވަރެކެވެ. އެހެންކަމުން ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި ތަޙްލީލެއްކުރުމަށްޓަކައި ލޭ ނެގުމަކުން ރޯދައެއް ނުގެއްލޭނެއެވެ. މިގޮތަށް ވިދާޅުވާބޭފުޅުންގެ ތެރޭގައި ޑރ. ޤަރްޟާވީ އާއި ، ޝައިޚު ބިން ބާޒާއި ޝައިޚު ޢުޘައިމީނާފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ރިފަރެންސް:

[1] - ކަވާޖެހުމަކީ ހަށިގަނޑުގެ ތަނަކުން ލޭދަމައިގެން ނެރުމެވެ. ފިޤްހުޢިލްމުވެރިން ވިދާޅުވާގޮތުގައި ކަވާޖެހުމަކީ ބޮލުގެ ފުށްކިބައިން ލޭ ނެރުމެވެ. ކަވާގައި ކެފުމާ ދެމުން ހިމެނޭނެއެވެ. މިއީ ފަރުވާއަކަށްޓަކައި ހަށިގަނޑުގައި ހުންނަ ނުސާފު ލޭތައް ބޭރަށް ނެރުމަށް ކުރާކަމެކެވެ.މި ކަމުގެ ސަބަބުން ލޭ ތާޒާވެ ދުޅަހެޔޮކަން އިތުރުވެއެވެ.
[2] - رواه البخارى ومسلم والبيهقى وأحمد
[3] - رواه البيهقى وأحمد ، وصححه أحمد
[4] - أخرجه أبو داود (٢٣٧٣)، والترمذي (٧٧٥)، وابن ماجه (١٦٨٢)
[5] - رواه البيهقى وأحمد ، وصححه أحمد
[6] - رواه البخارى رقم 1838 ، والترمذى رقم 1358
[7] - رواه البيهقى وأحمد ، وصححه أحمد
[8] - رواه البيهقى ومسند الشافعى ، حديث صحيح
[9] - البحر الرائق ، بداية المجتهد ، مواهب الجليل ، المجموع ، مغنى المحتاج ، الشرح الكبير ، والمحلى
[10] - رواه البيهقى ومسند الشافعى ، حديث صحيح
[11] - رواه البخارى رقم 1838 ، والترمذى رقم 1358
[12] -أخرجه الترمذى من حديث أبى سعيد الخدرى ، مصنف ابن أبى شيبة
[13] - رواه البيهقى ومسند الشافعى ، حديث صحيح
[14] - رواه البخارى رقم 1838 ، والترمذى رقم 1358
[15] -أخرجه الترمذى من حديث أبى سعيد الخدرى ، مصنف ابن أبى شيبة ، السنن الكبرى للبيهقى ، صحيح ابن خزبمة ، موطأ مالك

comment ކޮމެންޓް