ނައިޖީރިއާގައި ރަހީނުކޮށްފައިތިބި ކުދިން ދެ ހަފުތާ ފަހުން ސަލާމަތްކޮށްފި

ސްކޫލް ކުދިން ރަހީނުކުރުމާ ގުޅިގެން މުޒާހަރާކުރާ ނައިޖީރިއާގެ ކުޑަ ކުއްޖެއް -- ފޮޓޯ/ބީބީސީ

ނައިޖީރިޔާގެ ހަތިޔާރު އެޅި ޖަމާއަތަކުން ރަހީނުކޮށްފައި ތިބި 287 ދަރިވަރުންނާއި މުދައްރިސުން ސަލާމަތްކޮށްފިއެވެ.

ނައިޖީރިއާގެ އަސްކަރިއްޔާއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފައިވާ އެ ކުދިން ރަހީނުކޮށްފައިވަނީ ނައިޖީރިޔާގެ ހުޅަނގުއުތުރުގައި އޮންނަ ކަޑޫނާ ސްޓޭޓްގެ ކުރީގާ ކިޔާ ރަށެއްގައި ހުންނަ މަދަރުސާއަކުން މި މަހު ހަތްވަނަ ދުވަހުއެވެ.

ސަލާމަތް ކުރުމަށްފަހު އެ ކުދިން އާއިލާއާ ހަވާލުކުރުމުގެ ކުރިން މެޑިކަލް ޓެސްޓްތައް ހެދުމަށް ކަޑޫނާގެ ވެރިރަށަށް ވަނީ ގެންގޮސްފައެވެ.

އެ ކުދިން ސަލާމަތްކޮށްފައިވަނީ އެ ކުދިން މިނިވަންކުރުމުގެ ބަދަލުގައި ހުށަހަޅައިފައިވާ 620،000 އެމެރިކާ ޑޮލަރު ދައްކަން ދިން މުއްދަތު ހަމަވުމުގެ އެއް ދުވަސް ކުރިންނެވެ.

ނައިޖީރިޔާގެ އަސްކަރިއްޔާގެ ތަރުޖަމާނު މޭޖާ ޖެނެރަލް އެޑްވަރޑް ބޫބާ ވިދާޅުވީ ރަހީނުކޮށްފައިވާ ދަރިވަރުންގެ ތެރެއިން 137 ދަރިވަރުން ފެނިފައިވަނީ ކަޑޫނާއާ އިންވެގެން އޮންނަ ޒަމްފާރާ ސްޓޭޓުން ކަމުގައެވެ. އޭގެ ތެރޭގައި ހިމެނެނީ 76 އަންހެން ދަރިވަރުންނާއި 61 ފިރިހެން ކުދިންނެވެ.

ނައިޖީރިޔާގެ ސްކޫލްތަކުން ކުދިން ރަހީނުކުރަން ފުރަތަމަ ފަށާފައިވަނީ މީގެ 10 ވަރަކަށް އަހަރު ކުރިން ބޮކޯ ހަރާމް ކިޔާ ހަތިޔާރު އެޅި ޖަމާއަތަކުންނެވެ. އެ ޖަމާއަތުން ވަނީ, ނައިޖީރިޔާގެ އިރުއުތުރުގައި އޮންނަ ބޯނިޔޯ ސްޓޭޓްގެ ރަށެއް ކަމުގައިވާ ޗިބޯކުން 276 ދަރިވަރުން ރަހީނު ކޮށްގެން ގެންގޮސްފައެވެ. އޭގެ ތެރެއިން ބައެއް އަންހެން ކުދިން އަދިވެސް މިނިވަންކޮށްފައެއް ނުވެއެވެ. އޭގެ ފަހުން، ނައިޖީރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި އެހެން ޖަމާއަތްތަކުން ވެސް ވަނީ މަދަރުސާތަކުގެ ދަރިވަރުން ރަހީނުކުރަން ފަށައިފައެވެ.

ހަތިޔާރު އެޅި ޖަމާއަތްތަކުން ރަހީނުކޮށްފައިވާ އަސީރުންގެ ބަދަލުގައި އެ ޖަމާއަތްތަކަށް ފައިސާ ދިނުމަކީ ނައިޖީރިޔާގެ ގާނޫނުތަކުން މަނާ ކަމެއް ނަމަވެސް އެއީ އެ ގައުމުގައި ކޮންމެ ދުވަހަކުހެން ހިނގާ ކަމެކެވެ. އޭގެ ސަބަބުން ބުރަ މަސައްކަތުން އެއްކުރާ ފައިސާ ކޮޅާއި، ބިމާ ގޯތި ގެދޮރު ވިއްކައިގެން ވެސް އެ ފައިސާ ހޯދުމަށް ނައިޖީރިއާގެ އާންމުންނަށް ވަނީ މަޖުބޫރުވެފައެވެ.

comment ކޮމެންޓް