ފުރޭތަގެ ވަދާއީ ޝޯތައް ހަފުތާ ބަންދަށް

ޑާކްރެއިން އެންޓަޓެއިންމެންޓުން މިހާރު އޮލިމްޕަހުގައި ދައްކަމުންދާ ފިލްމު "ފުރޭތަ" ދެއްކުން ނިންމާލައި އޮލިމްޕަހުން ނެގުމަށް ތައްޔާރުވެއްޖެއެވެ.

ޑާކްރެއިންއިން މިއަހަރު ދައްކާ ފުރަތަމަ ފިލްމުގެ ގޮތުގައި އާންމުކުރި ފިލްމު "ފުރޭތަ" ޕްރިމިއާ ކޮށްފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެއަށް ފަހު ފިލްމަށް ބޮޑު މަގުބޫލުކަމެއް އަންނަނީ ލިބެމުންނެވެ.

ނަމަވެސް މިހާރު ފިލްމު އޮލިމްޕަހުން ނެގުމާ ގާތް ވެއްޖެ އެވެ. އެގޮތުން ފިލްމުގެ އެންމެ ފަހު ދެ ޝޯ އަޅުވާނެ ތާރީހުތައް ވަނީ މިހާރު ޑާކްރެއިން އިން އާންމުކޮށްފައެވެ. ޑާކްރެއިން އިން އާންމުކޮށްފައިވާ ގޮތުގައި ފިލްމުގެ ވަދާއީ ޝޯ ދައްކާނީ ބުރާސްފަތި ދުވަހުގެ ރޭ އަދި ހުކުރު ދުވަހުގެ ރެއެވެ. ދެ ޝޯ ވެސް ފަށާނީ 2200 ގައެވެ.

މި ފިލްމު އޮލިމްޕަހުން ނެގުމަށް ތައްޔާރުވާއިރު އަންނަ މަހު ވެސް އޮލިމްޕަސް އޮތީ ބިޒީކޮށެވެ. އެގޮތުން މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ ގިނަ ބަޔަކު އިންތިޒާރު ކުރާ ފިލްމު "ލަސްވިޔަސް" އަންނަ މަހުގެ ކުރީ ކޮޅުގައި ދައްކަން ފަށާނެއެވެ.

"ރިވެންޖު" ފިލްމެއްގެ ގޮތުގައި ޕްރޮމޯޓު ކުރާ ފިލްމަށް އާންމުންގެ ތެރޭގައި ވަނީ ބޮޑު މަގުބޫލު ކަމެއް ލިބިފައެވެ.

ފުރޭތައިގެ ފިލްމުގައި ލީޑުން ފެންނަނީ އިންޑަސްޓްރީގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތަރި ޝަރަފު ޢަބްދުﷲއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ރަވީ ފާރޫގާއި މުހައްމަދު މަނިކާއި އަހުމަދު ސައީދު އަދި މުހައްމަދު ރިފްޝާނާއި އަލީ ނަދީހާއި އާމިނަތު އަސީލާ ފަދަ އެކްޓަރުން ފެނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަހުމަދު ތޮލާލު ކުރިއިރު ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޝިފާއު (ޗިއްޕެ)އެވެ. މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގައިފައިވަނީ އަހުމަދު ޒިފާފެވެ.

comment ކޮމެންޓް