ފަތުރުވެރިއަކު މޫދަށް އެރި އުޅެނިކޮށް، ފައިސާއާއި ފޯނު ވަގަށް ނަގައިފި

ފުވައްމުލަކު ސިޓީ: ފަތުރުވެރިއަކު މޫދަށް އެރި އުޅެނިކޮށް، ފައިސާއާއި ފޯނު ވަގަށް ނެގި މައްސަލައެއް ވަނީ ފެންމަތިވެފަ -- ފޮޓޯ/ ފުވައްމުލައް އެއާޕޯޓު؛ ފޭސްބުކް

ފުވައްމުލަކު ސިޓީގައި ފަތުރުވެރިއަކު މޫދަށް އެރި އުޅެނިކޮށް، އޭނާގެ ފައިސާއާއި ފޯނު ހިމެނޭ ގޮތަށް ތަކެތި ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ފަތުރުވެރިއެއްގެ ތަކެތި ފުވައްމުލަކު އަތިރިމަތީ ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައެއް އިއްޔެ 17:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް މިހާރި ފުލުހުންނަށް ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.

އެ ފަތުރުވެރިޔާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު އޭނާ ބުނި ގޮތުގައި އޭނާ އަތިރިމަތީގައި ޑްރޯނެއް އުދުއްސަން ހުއްޓާ ދެ ފިރިހެން ކުއްޖަކު އޭނާ ކައިރިއަށް އައިސް ޑްރޯންގެ އަގު އަހައި، އެކި ވާހަކަތައް ދެއްކިއެވެ. ބެލެވޭ ގޮތުގައި އެ ދެ ކުދިންނަކީ 15 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުން ކަމަށް ފަތުރުވެރިޔާ ބުންޏެވެ.

އޭނާ ބުނީ އޭގެ ފަހުން ޑްރޯން ތިރިކޮށް، ތުވާލިއެއްގައި އޮޅާފާއި ބޭއްވުމަށް ފަހު އޭނާ މޫދަށް އެރުނު ކަމަށެވެ. އޭނާގެ ސައިކަލު ކައިރީގައި އޭނާގެ ދަބަސްތައް ބޭއްވުމަށް ފަހު މޫދަށް އެރި އޮތް އިރު ވެސް އެ ދިމާލަށް މީހަކު ދޭތޯ ބަލަން އޮތް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ވައްކަން ކުރި މީހުން ގަސްތަކުގެ ތެރޭގައި ފިލާ ތިބުމަށް ފަހު ފަތުރުވެރިޔާގެ ތަކެތި ގެންދިޔައީ ކަމަށް އޭނާ ބުންޏެވެ. ވަގަށް ގެންދިޔަ ތަކެތީގެ ތެރޭގައި ފައިސާއާއި ކްރެޑިޓް ކާޑުތައް ހިމެނޭ ވޮލެޓާއި ސައިކަލުގެ ތަޅުދަނޑިއާއި އޭނާގެ ލިޔެކިޔުން ހިމެނޭ ކަމަށް ފަތުރުވެރިޔާ ބުންޏެވެ.

"އަހަރެންގެ ވޮލެޓުގައި 1500 ވަރަކަށް ރުފިޔާއާއި 200 ޑޮލަރު އޮންނާނެ. އަހަރެންގެ ފޯނު ވެސް އޮތީ އެ ދަބަހުގައި. އަހަރެންގެ ފޯނު ވަރަށް ބޮޑަށް އެބަ ބޭނުންވޭ،" ފަތުރުވެރިޔާ ބުންޏެވެ.

މީގެ އިތުރުން، ފައިސާ އަނބުރާ ނުލިބުނަސް މައްސަލައެއް ނެތް ކަމަށާއި އޭނާގެ އެހެނިހެން ތަކެތި ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ތަކުރާރުކޮށް ބުންޏެވެ.

ފަތުރުވެރިން މޫދަށް އެރި އުޅެނިކޮށް އެމީހުންގެ ތަކެތި ވަގަށް ނެގުމުގެ މައްސަލަތައް މީގެ ކުރިން މާލެއިން ވެސް ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް