ނަރުހަކު ބަލި މީހަކަށް ފަރުވާ ދެނީ -- ފޮޓޯ/ އައިޖީއެމްއެޗް

ރޯދައަށް ހުންނަމީހާ ފަރުވާގެ ގޮތުގައި ބައެއްފަހަރަށް ކުރަންޖެހޭ ކަންތައްތަކެއް ހުރެދާނެއެވެ. މި ފަދަ ބައެއް ކަންތައްތަކުގެ ޙުކްމާ ބެހޭގޮތުން ވަރަށް ގިނައިން ސުވާލުކުރެވޭ ތަން ފެނެއެވެ. އޭގެ ތެރޭގައި ލޮލަށް ބޭސްއެޅުމާއި ، ނޭވާހިއްލާމީހުން ބޭނުންކުރާ ނޭވާހި ބޭނުންކުރުމާއި ، އުގުރިޖެހުމާއި ، ލޭ ހަދިޔާކުރުމާއި ފަދަ ކަންތައްތައް ހިމެނެއެވެ. މި ތާނގައި އޭގެ ތެރެއިން ބައެއް ކަންތައްތަކަށް ބަލައިލާނަމެވެ. މިއީ ޒަމާނީ ފިޤްހީ މަސްއަލަތަކެކެވެ.

1- ނޭވާހިއްލާމީހުން ބޭނުންކުރާ ނޭވާހި: މި ގުންބާއަކީ ދިޔާ ބޭހެއް އޭގައި ހުންނަ އެއްޗެކެވެ. މި ބޭހުގެ ތެރޭގައި ފެނާއި އޮކްސިޖަނާއި ބައެއް ކެމިކަލްސް ހިމެނެއެވެ. ރޯދަވެރިޔާ ނޭވާހި ބޭނުންކުރުމުން ރޯދަ ނުގެއްލޭނެއެވެ. މިގޮތަށް ވިދާޅުވާ ޢިލްމުވެރީންގެ ތެރޭގައި އައްޝައިޚު ޢަބްދުލްޢަޒީޒު ބިން ބާޒާއި އައްޝައިޚު މުޙައްމަދުލް ޢުޘައިމީން އާއި އައްޝައިޚު ޢަބުދުﷲ ބިން ޖަބްރީނާއި ، ޑރ. ޔޫސުފުލްޤަރްޟާވީ ފަދަ ބޮޑެތި ޢާލިމުން ހިމެނިވަޑައިގަންނަވައެވެ. ނޭވާހި ބޭނުންކުރުމުން ރޯދަނުގެއްލެނީ އެއީ ކެއުމާއި ބުއިމުގެ ތެރޭގައި ހިމެނޭކަމަކަށް ނުވާތީއެވެ. ރޯދަވެރިއާ ވުޟޫކުރާ އިރު އަނގަދޮންނަ އިރުގައްޔާއި ނޭފަތަށް ފެންލާއިރު އެއަށް ވުރެ މާގިނަ ފެން އެތެރއަށް ދާނެއެެވެ. މީގެ އިތުރަށް، ގުންބާ އިން މިފިތާލައި އެތިފޮދު މަޢިދާ ތެރެއަށް ހިގައިދާނެ ކަމާމެދު ޝައްކެވެ. ޑަކްޓަރުން ވިދާޅުވާގޮތުގައި ދަތްއުނގުޅަން ބޭނުންކުރާ ސިވާކުގައި މާ ގިނަ ކެމިކަލްސް ހުރެއެވެ. އެކަމަކު އެއީ ރޯދަވެރިންނަށް ބޭނުންކުރުން ހުއްދަ އެއްޗެކެވެ.އަދި ޢިލްމުވެރިން ވިދާޅުވާގޮތުގައި ރޯދަވެރިޔާ ދަތްއުނގުޅާބޭސް ބޭނުންކޮށްގެން ދަތްއުނގުޅުމަކީ ހުއްދަކަމެކެވެ. އެބޭހުގެ ރަހަ އަނގަތެރޭގައި ހުއްޓަސް މަސްއަލައެއް ނެތެވެ.

2- ދޫދަށަށްލާ ގުޅަ: މި ގުޅައަކީ ހިތުގެ ކުއްލި ބަލިތަކުން ( ހާރޓް އެޓެކް ފަދަ ކުއްލި ޙަމަލާތަކުން ) ސަލާމަތްވުމަށްޓަކައި، އަދި ހިތަށް ފަރުވާދިނުމަށްޓަކައި ބޭނުންކުރާ ގުޅައެކެވެ. މެއަށް ތަދުވެލާ އިރަށް މިގުޅަ ދޫދަށަށްލައި ކުޅުދިރުވުމަށް ޑަކްޓަރުން ނަޞީޙަތް ދެއްވައެވެ. މިއީ ވަގުތުން ވިރި ލޭތެރެއިން ލައިފާ ހިތަށް ދާ ބޭހެކެވެ. ހިތަށް ދެވޭ ކުއްލި ޙަމަލާތަކުން މީހާއަށް ދިފާޢުވުމަށް މި ބޭސް ބޭނުން ކުރެވެއެވެ. ޢިލްމުވެރީން ވިދާޅުވާގޮތުގައި މި ބޭސް ބޭނުންކުރުމުން ރޯދަވެރިޔާގެ ރޯދައެއް ނުގެއްލޭނެއެވެ. އެހެނީ މި ބޭސް އަނގަތެރެއިން ލައިފާ އެތެރެހަށްޓަކަށް ނުދެއެވެ. މި ބޭސް ހިތަށް ދަނީ ނާރުތަކުގެ ތެރެއިން ލައިފައެވެ.

3- ނޭފަތަށް ތިކިޖެހުން: އަރިދަފުސް އަޅައިގެން ނޭފަތް ބައްދާތީ އަދި ނޭވައިލުމަށް އުދަނގޫވާތީ ބޭސްފަރުވާއެއްގެ ގޮތުން ނޭފަތަށް ބޭސްއަޅަން ޖެހިދާނެއެވެ. މި ގޮތަށް ނޭފަތަށް ތިކިޖެހުމުގެ ސަބަބުން ރޯދަ ނުގެއްލޭނެކަމަށް ގިނަޢިލްމުވެރީން ވިދާޅުވެއެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި ނޭފަތަށް ޖަހާ ތިކިން ނުކުންނަ އެތިފޮދުގެ މިންވަރަކީ 0.06 ކޮޑިސެންޓިމީޓަރުގެ އެތިފޮދެކެވެ. ނޭފަތުތެރެއަށް ޖަހާ މި އެތިފޮދުން މަޢިދާއާ ހަމައަށްދާނީ ވަރަށް މަދުމިންވަރެކެވެ. އަދި ބައެއްފަހަރަށް ނުދިޔުން ވެސް އެކަށީގެންވެއެވެ.ހިޖްރައިން 1418 ވަނައަހަރު އިސްލާމީ ފިޤްހު އެކަޑެމީގެ ދިހަވަނަ ދައުރުން ނެރެފައިވާ ޤަރާރު ބުނާގޮތުގައި ނޭފަތަށް ތިކިޖެހުމުން ރޯދައެއް ނުގެއްލޭނެއެވެ.އެކަމަކު ނޭފަތަށް ޖެހި ތިކި ކާނާހޮޅިއާ ހަމައަށް ދިޔުމުން އެ ތިކި ދިރުވައިލައިގެން ނުވާނެއެވެ. އެ ތިކި ދިރުވާލައިފި ނަމަ އޭނާގެ ރޯދަގެއްލޭނެއެވެ.

4- ކަންފަތަށް ބޭސް އެޅުން: މި ޒަމާނުގެ މެޑިކަލް ސައިންސް ކަށަވަރުކޮށްދޭ ގޮތުގައި ކަންފަތާ ބަނޑާ ގުޅުވައިދޭނެ އެއްވެސް މަގެއް ނެތެވެ. އެހެންކަމުން ކަންފަތަށް އަޅައި ބޭސް ބަނޑަށް ނުދާނެތީ ކަންފަތަށް ބޭސް އެޅުމުން ރޯދައެއް ނުގެއްލޭނެއެވެ.

5- ލޮލަށް ބޭސް އެޅުން: ޝާފިޢީންނާއި ޙަނަފީން ވިދާޅުވާގޮތުގައި ލޮލަށް ބޭސްއެޅުމުން ރޯދައެއް ނުގެއްލޭނެއެވެ. އެހެނީ ލޮލަކީ ބަނޑާގުޅިފައިވާ މަގެއްނޫނެވެ. ޑރ. ޤަރްޟާވީ އާއި ޝައިޚު އިބްނު ބާޒާއި ޝައިޚު ޢުޘައިމީން ފަދަ އެތައް ދަންނަބޭކަލުންނެއް ވިދާޅުވާގޮތުގައި ލޮލަށް ބޭސް އެޅުމުން ރޯދައެއް ނުގެއްލޭނެއެވެ. މިއަދުގެ ސައެންސް ކަށަވަރުކޮށްދޭ ގޮތުގައި މި ބޭސްތިކި ކަރުނައިގެ ކާންތަކުން ލައިފާ ދާއިރު ކާނާ ހޮޅިއާ ހަމައަށް ދިޔުމުގެ ކުރިން އެ ތިކި ލޮލުގެ ކާނު ތެރެއަށް ހިދިގެންދާނެއެވެ. މީގެ އިތުރަށް އެއީ ކާނާއެއްވެސް ނޫނެވެ.

6- ބޭސްފަރުވާއަށްޓަކައި އިންޖެކްޝަން ޖެހުން : އިންޖެކްޝަން ބެހެނީ ތިން ބަޔަކަށެވެ.އެއީ : މަސްގަނޑަށް ޖަހާ އިންޖެކްޝަނާއި، ހަންގަނޑަށް ޖަހާ އިންޖެކްޝަނާއި ، ނާރަށް ( ވޭނަށް ) ޖަހާ އިންޖެކްޝަނެވެ.

ހަންގަޑަށާއި މަސްގަނޑަށް ޖަހާ އިންޖެކްޝަނުން ރޯދަ ނުގެއްލޭނެކަމަށް ހުރިހާ ޢިލްމުވެރިން ވިދާޅުވެއެވެ. އެބޭފުުޅުންގެ ތެރޭގައި ޑރ. ޤަރްޟާވީ އާއި ޝައިޚު އިބްނު ބާޒާއި ޝައިޚު ޢުޘައިމީން ފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އިސްލާމިކް ފިޤްހު އެކަޑެމީ ވެސް ފަތުވާ ދެއްވާފައިވަނީ މިގޮތަށެވެ. އެކަމަކު މި އިންޖެކްޝަން ކާނާއެއްކަމުގައި ވެގެން ނުވާނެއެވެ.

ކާނާ އަކަށް ވެދާނެފަދަ އިންޖެކްޝަނެއް ނާރަށްޖެހުމުން ރޯދަ ގެއްލޭނެކަމާމެދު ދަންނަބޭކަލުންގެ މެދުގައިވަނީ ދެބަސްވުން އުފެދިފައެވެ.

ފުރަތަމަ ރައުޔު : ރޯދަ ގެއްލޭނެއެވެ. މިއީ ޝައިޚު އިބްނު ބާޒާއި ޝައިޚު ޢުޘައިމީން ފަދަ ދަންނަބޭކަލުންނާއި އިސްލާމީ ފިޤްހު އެކަޑެމީގެ ރއުޔުއެވެ. އެހެނީ މިފަދަ އިންޖެކްޝަނެއް ޖެހުމުން ބަނޑުހައިކަން ފިލައިގެންދާނެއެވެ. މިއީ ކެއުމާއި ބުއިމުގެ މާނާގައި ހިމެނޭ ކަންތައްތަކެކެވެ.

ދެވަނަ ރައުޔު : ރޯދައެއް ނުގެއްލޭނެއެވެ. އެއީ އިންޖެކްޝަނުގެ ސަބަބުން ހަށިގަނޑަށް ދާ އެއްވެސް އެއްވެސް އެއްޗެއް ބަނޑަަށް ވާޞިލު ނުވާތީއެވެ. ބަނޑަށް ދިޔަކަމުގައި ވިޔަސް އެ އެއްޗެއް ބަނޑަށް ވާޞިލުވަނީ ބަނޑާ ގުޅިފައިވާ ދޮރުތަކުންކުރެ ދޮރަކުން ލައިފައެއް ނޫނެވެ.

ތިންވަނަ ރައުޔު : މަކްރޫހަވާނެއެވެ.އެއީ، މިކަމުގެ ސަބަބުން ރޯދަވެރިޔާ އަށް ބަނޑުހައިހޫނުކަން ތަޙައްމުލުކުރަން ނުޖެހޭތީ ، ރޯދައިގެ ޙިކްމަތްތަކުން ޙިކްމަތަކާ އަރާރުންވާތީއެވެ.

ނޯޓް : ހަކުރުބަލިޖެހިފައިވާ މީހާ ޖަހަންޖެހޭ އިންސިޔުލިން އިންޖެކްޝަން ޖެހުމުން ނުވަތަ އެހެންވެސް ބައްޔެއްގެ ފަރުވާއަކަށްޓަކައި ޖަހަންޖެހޭ އިންޖެކަޝަން ޖެހުމުން ރޯދައެއް ނުގެއްލޭނެއެވެ.

7- ފަރުވާދިނުމަށްޓަކައި ނުވަތަ ފޮޓޯ ނެގުމަށްޓަކައި ކެތެޓަރ ކުރުން: ކެތެޓަރ އަކީ ( ނުވަތަ ޤަސްޠަރާ ) އަކީ ފަރުވާ ދިނުމަށްޓަކައި ނުވަތަ އެތެރެބެލުމަށްޓަކައި ނާރުތެރެއަށް ވައްދާ ހިމަ ހޮޅިއެކެވެ. މިކަމުގެ ސަބަބުން ރޯދަ ނުގެއްލޭނެ ކަމަށް އިސްލާމިކް ފިޤްހު އެކަޑަމީން ފަތުވާ ނެރުއްވާފައި ވެއެވެ. ސަބަބަކީ އެއީ ކެއުމެއް ނޫނެވެ. އަދި ބުއިމެއްވެސް ނޫނެވެ. އަދި އެއީ މަޢިދާއަށް ވާޞިލުވާ އެއްވެއްވެސް ނުމެ ނޫންމެއެވެ.

8- ގުރުދާ ދޮވުން ( ކިޑްނީ ޑަޔާލިސިސް ) : މި ކަންތައް ދެގޮތަށް ކުރެވެއެވެ.

ފުރަތަމަގޮތަކީ : ޞިނާޢީ ގުރުދާއެއް ބޭނުންކޮށްގެން ލޭ ދެމުމަށްފަހު ، މި ޞިނާޢީ ގުރުދާ ބޭނުން ކޮށްގެން ލޭގައި ހުރި ނުރައްކާތެރި މާއްދާތައް ނަގައި ސާފުކުރުމަށްފަހު ނާރުގެ ތެރެއިންލައިފާ ސާފުކުރި މިލޭ އަލުން ހަށިގަނޑަށް ފޮނުވާލުމެވެ.މިކަންތައް ކުރާ އިރު ކާނާ ހުރި ދިޔާ އެއްޗެހި ފަރުވާދެވޭ މީހާއަށް ނާރުގެ ތެރެއިންލައިފާ ދޭންޖެހޭނެއެވެ. ދެވަނަގޮތަކީ : ޕެރިޓޮނިއަލް ޑަޔަލިސިސް (Peritoneal dialysis ) އެވެ.މި ގޮތަށް ދޮންނައިރު ފޫޅުން މަތީގެ ހިސާބަކުން މި ހޮޅި ބަނޑުތެރެއަށް ވައްދާ 2 ލިޓަރެއްހާ ދިޔާއެއްޗެހި ބަނޑު ތެރެއަށް އަޅައިފާ ވަކި މުއްދަތަކަށް ބަހައްޓާނެއެވެ. މިއީ ގުލްކޯޒު ( ނުވަތަ ހަކުރު ) ވަރަށް ގިނަ ދިޔާ އެއްޗެކެވެ. ބަނޑުގައި މި ދިޔާއެއްޗެހި ވަކި ގަނޑިއެއް ވަންދެން ބެހެއްޓުމަށް ފަހު އޭއްޗެހި ބޭރަށް ނެރެނީއެވެ. ދޮންނަ ދުވަހު މި ކަންތައް މިގޮތަށް އެތައް ފަހަރަކު ތަކްރާރު ކުރާނެއެވެ. ގުރުދާ ދޮވުމުން ރޯދަގެއްލޭނެހެއްޔެވެ؟ ނުވަތަ ނުގެއްލޭނެ ހެއްޔެވެ؟

1- ޝައިޚް އިބްނު ބާޒު ވިދާޅުވާ ގޮތުގައި މި ގޮތަށް ގުރުދާ ދޮވުމުން ރޯދަ ގެއްލޭނެއެވެ. ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީގެ ރައުޔަކީވެސް މިއެވެ. މި ބޭފުޅުން ވިދާޅުވާގޮތުގައި ދޮންނައިރުު ހަށިގަނޑަށް ވަރަށް ބައިވަރު ލޭ އެޅެއެވެ. އަދި ކާނާއެއްކަމުގައި ބެލެވޭ އެތައް މާއްދާތަކެއް ހަށިގަނޑަށް ދެވެއެވެ.

2- އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ގުރުދާ ދޮވުމުން ރޯދައެއް ނުގެއްލޭނެއެވެ. ދޮންނައިރު ދެވޭ ލެޔާއި ފަރުވާއެއްގެ ގޮތުން ދެވޭ ކެމިކަލްސްތަކަކީ ކާނާއެއް ނޫނެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ރޯދަގެއްލޭކަންތައްތަކުގެ ތެރޭގައި މިކަން ނައްޞުން އައިސްފައެއް ނެތެވެ. އަދި ނައްޞުން އައިސްފައިވާ ކަންތައްތަކުގެ މާނައިގެ ތެރޭގައި ވެސް މިކަމެއް ނުހިމެނެއެވެ. އެންމެ ރަނގަޅުގޮތަކީ ރަމަޟާންމަހުގައި ގުރުދާ ދޮންނަން ޖެހިއްޖެ ނަމަ ރޭގަނޑަށް އެކަން ފަސްކުރުމެވެ.

9- އަންހެނާގެ ކުރިމަތިފަރާތަށް ޖަހާ އުނގުރި[1] :

1- މާލިކީންނާއި ޙަންބަލީން ވިދާޅޫވާގޮތުގައި އަންހެނާގެ ކުރިމަތިފަރާތަށް ދިޔާއެއްޗެއް ވެއްދުމަކީ ރޯދަ ގެއްލޭނެ ކަމެއްނޫނެވެ. މިކަމުގެ ސަބަބަކީ ބަނޑާ ފަރްޖު، ގުޅިފައިވާ ދެ ތަން ކަމުގައި ނުވުމެވެ.

2- ޝާފިޢީންނާއި ޙަނަފީން ވިދާޅުވާ ގޮތުގައި ކުރިމަތިފަރާތަށް އެއްޗެއް ވެއްދުމުން ރޯދަ ގެއްލޭނެއެވެ. ސަބަބަކީ ކުރިފަރާތާ މަޘާނާ ގުޅިފައިވާތީއެވެ.

3- މިޒަމާނުގެ ސައެންސީ ޙަޤީޤަތްތައް ބުނާގޮތުގައި އަންހެނާގެ ޖިންސީ ނިޒާމާ ބަނޑާ ދެމެދުގައި އެއްވެސް ދޮރެއް ނެތެވެ. އެހެންކަމުން ކުރިމަތިފަރާތަށް ބޭސް އެޅުމުން ރޯދައެއް ނުގެއްލޭނެއެވެ.

10- ފުރަގަސް ފަރާތަށް އުނގުރި ޖެހުން:

މިއީ އެތައް ބޭނުމަކަށްޓަކައި ކުރެވޭ ކަމެކެވެ. ބައެއް ފަހަރަށް ހުންގަދަވެގެން ހުން ތިރިކުރުމަށްޓަކައި ފުރަގަސްފަރާތަށް އުނގުރި ޖަހައިގެން ފަރުވާ ދެވެއެވެ. އަނެއްބައި ފަހަރަށް ބަނޑުހަރުވެގެން ގިފިއްޔަށް ނުދެވިގެން ވެސް އުނގުރި ފަރުވާދެވެއެވެ. އަދި ބައެއްފަހަރަށް ބަވާސީރު ބަލީގެ ވޭންތައް ކެޑުވުމަށްޓަކައިވެސް އުނގުރި ބޭނުންކުރެވެއެވެ. އުނގުރީގެ ތެރޭގައި ބޮޑު ގުންބާކުރުންވެސް ހިމެނެއެވެ.

(1) ބޮޑުގުންބާކުރުން :

ހ- ހަތަރު އިމާމުންނާއި ކުރީގެ ވަރަށްގިނަޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި އެއީ ރޯދަގެއްލޭނެ ކަމެކެވެ.މިކަމުގެ ސަބަބަކީ ފަލަގޮހޮރާ ބަނޑު ގުޅިފައިވާތީއެވެ.

ށ – އިބްނު ތައިމިއްޔާ އާއި ޡާހިރީން ވިދާޅުވާ ގޮތުގައި ބޮޑުގުންބާކުރުމުގެ ސަބަބުން ރޯދައެއް ނުގެއްލޭނެއެވެ. އެއީ ބޮޑުގުންބާ ކުރުމުގެ ސަބަބުން ހަށިގަނޑަށް ކާނާއެއް ނުލިބޭތީއެވެ.

ނ- މިޒަމާނުގެ ޢިލްމުވެރިންގެ ރައުޔު ވެސް ތަފާތެވެ. ބައެއްބޭފުޅުން ވިދާޅުވާގޮތުގައި ރޯދަ ގެއްލޭނެއެވެ. އެއީ ފަލަގޮހޮރު ހިމަގޮހޮރާ ގުޅި ، ހިމަގޮހޮރު ބަނޑާ ގުޅިފައިވާތީއެވެ.

ރ- ބޮޑުގުންބާކުރުމުގެ ސަބަބުން ހަށިގަނޑަށް ކާނާއެއް ލިބޭކަމުގައިވާނަމަ ރޯދަގެއްލޭނެކަމަށް ގިނަބޭފުޅުން ވިދާޅުވެއެވެ. އެކަމަކު އޭގައި ހުރީ ހަމައެކަނި ފަރުވާއެއް ނަމަ ރޯދައެއް ނުގެއްލޭނެއެވެ.

ބ- ފުރަގަސް ފަރާތަށް ޖަހާ އުނގުރި : ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ފުރަގަސްފަރާތަށް އުނގުރި ޖެހުމުން ރޯދައެއް ނުގެއްލޭނެއެވެ. އެއީ ކާނާއަކަށް ނުވާތީއެވެ. މިގޮތަށް ފަތުވާދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި ޝައިޚު ޢުޘައިމީން ހިމެނިވަޑައިގަންނަވައެވެ. ބުރަވެވެނީ މި ރައުޔަށެވެ.

11- ފުފަރެސް[2] :

މިއީ ގޮހޮރު ތެރެ ބެލުމަށްޓަކައި ފުރަގަސްފަރާތު ދޮރުން އެތެރެއަށް ވައްދާ އެތެރެ ދައްކުވާދޭ ހޮޅިއެކެވެ. މި ހޮޅިވެއްދުމުގެ ސަބަބުން ރޯދަ ނުގެއްލޭނެ ކަމަށް ގިނަދަންނަބޭކަލުން ވިދާޅުވެއެވެ.

12- ފިރިހެނާގެ ކުރިމަތިފަރާތުން އެތެރެއަށް ބޭސް އެޅުން ނުވަތަ ކެތަޓަރ ކުރުން

ހ- ޙަނަފީންނާއި މާލިކީންނާއި ޙަންބަލީން ވިދާޅުވާ ގޮތުގައި ފިރިހެނާގެ ކުރިމަތިފަރާތުން އެތެރެއަށް ބޭސްއެޅުމުން ނުވަތަ ކެތަޓަރ ކުރުމުން ރޯދައެއް ނުގެއްލޭނެއެވެ.

ށ- ޝާފިޢީން ވިދާޅުވާ ގޮތުގައި ރޯދަގެއްލޭނެއެވެ.

ނ- މި ޒަމާނުގެ ސައެންސް ބުނާގޮތުގައި ކުރިމަތިފަރާތު ދޮރާ ބަނޑު ގުޅުވައިދޭނެ ދޮރެއް ނެތެވެ. އެހެންކަމުން ބަނޑަށް އެއްޗެއް ދާތީ ރޯދަ ގެއްލޭ އުޞޫލުން ރޯދައެއް ނުގެއްލޭނެއެވެ.

ރިފަރެންސް:

[1]-ނުވަތަ Suppositories އެވެ. މީގެ ތެރޭގައި ފަރްޖު ދޮވުން ވެސް ހިމެނެއެވެ.
[2]- ނުވަތަ colonscopy

comment ކޮމެންޓް