މާލޭގައި އާންމުކޮށް ގަވައިދާ ޚިލާފަށް ކުނި އަޅައިފައި ހުންނަ ތަންތަން މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާލެއިން އާންމުކޮށް ކުނި އަޅައިފައި ހުންނަކަން ފާހަގަ ކުރެވޭ 10 ސަރަހައްދެއް އާންމުކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އަލަމާ ގޯޅި
- ކެނެރީ ގޯޅި
- ހަދީބީ މަގު
- އޯޑިއޯން ގޯޅި
- މާވެޔޮމަގު ފަތަހަ ކަންމަތި
- ހެންވޭރު ސަހާރާ ކަންމަތި، ކާސިންޖީ މަގު
- ބަރުޖޯރާ ގޯޅި ކަންމަތި
- މ.ޕިއްޒާ ބޯނާ ކަންމަތި
- ދިލްބަހާރު މަގު، ދަގަނޑުކެނޑިގޭ ގޯޅި ކަންމަތި
- ޖަމާލުއްދީން ސްކޫލް ކުރިމަތީ ހަނި ގޯޅި
އެ ޕޯސްޓުގައި އާޒިމް ވަނީ މާލެ މަގުމަތީގައި ކުނި ބަހައްޓަމުންދާ މީހުން ފާހަގަ ކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް މަގުތަކުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ މާލެ ސިޓީ ކައުންސިލުގެ ވައިބާ އަދި ވަޓްސް އެޕް ނަމްބަރު ކަމަށްވާ 9341144 ނަމްބަރު ނުވަތަ ވެބްސައިޓު މެދުވެރިކޮށް ފޮނުވަން އާޒިމް ވަނީ ރައްޔިތުންގެ ގާތުން އެދިލައްވައިފައެވެ.
މީގެ ކުރިންވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ސީސީޓީވީގެ އެހީގައި މާލޭގެ މަގުމައްޗަށް ކުނިއެޅި މީހުން ހޯދައި ޖޫރިމަނާކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ.
އެގޮތުން، ނުގަވާއިދުން ކުނި އަޅާ މީހުން 500 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް އެ ކައުންސިލުން ވަނި ބުނެފައެވެ.
ސިޓީ ކައުންސިލުން ވަނީ މަގުމައްޗަށް ކުނި ނޭޅުމަށާއި، ދިރިއުޅޭ ގެދޮރާއި ތިމާވެށި ސާފުކޮށް ބޭއްވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މީގެ ކުރީ އަހަރުތަކުގައި ވެސް ރޯދަ މަހު ގެތައް ސާފުކުރުމަށް ފަހު އެއްލައިލައި ކުނިން މަގުތައް ފުރާލައި މައްސަލަ ބޮޑުވެފައިވެއެވެ.