ވާނަން އެކުގައި... 18

"ޝަފް... އަހަރެމެން މިހެން ތިބެގެން ވާކަށް ނެތް... ހިނގާ ޕޮލިހަށް..." ސުމާއަށް ޝަފާޒްގެ އަތުގައި ހިފައިލެވުނެވެ.

********

ގޭގެ ނޯކަރުމީހާ ކިޔައިދިން ވާހަކަތަކެއްގެ ސަބަބުން ސުމާ ހުރީ ހާސްވެފައެވެ. ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފޮރުވާކަށްވެސް އޭނާ ނޫޅުނެވެ. އަކްރަމް ލިޝާއަށް ކަންތައްކުރި ގޮތާއި ލިޝާ އެގެއިން ނުކުމެގެން ދިޔަގޮތް ނޯކަރެއްގެ ދުލުން ކިޔައިދިނީ ސުމާއަށް ސިފަވާނޭ ވަރަށެވެ. ފައިވާނަށްވެސް ނާރާ ލިޝާ ދުވެފައި ނުކުމެގެން ދާއިރު، ހިނގައިދިޔަ ކަންތަކުގެ ސަބަބުން އެކުއްޖާގެ ހިތް ބިރުގަންނާނެވަރު ސުމާއަށް އެނގެއެވެ. ސުމާއަށް އުނދަގޫގޮތަކަށް ހިންދިރުވައިލެވުނެވެ. ލިޝާއަކީ އަމިއްލަ މައިންބަފައިންގެ ހިމާޔަތް ލިބިގެން ބޮޑުވި ކުއްޖެކެވެ. ވީއިރު، އެފަދަ ކަމެއް ދިމާވުމުން، ސަލާމަތްވާން ކުރާނެ މާބޮޑު ކަމެއް އެ ސިކުނޑިއަށް ނާންނާނެކަމަށް ސުމާއަށް ގަބޫލުކުރެވުނެވެ. ލިޝާ ދުނިޔޭގައި ހުރިކަމާއިމެދުވެސް ސުމާއަށް ޝައްކުވިއެވެ. ވީއިރު، އެހުރިހާ ވާހަކައެއް އޭނާ ޝަފާޒަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟

"ސުމާ ވެއިޓް... ވީގޮތެއް ބުނެބަލަ..." ސުމާ ޓެކްސީއެއް ހޯދަން އަވަސްވެގަތުމުން، ޝަފާޒް ކަންބޮޑުވެފައި އަހައިލިއެވެ.

"ޝަފް... އަކްރަމަކީ ވަރަށް ނުބައި މީހެއް... އޭނަ ލިޝްއަށް..." ސުމާއަށް ކަރުނައެއް ނުހިފޭއްޓުނެވެ. އަޑު ކުރެހިގެން، ވާހަކަދެއްކުން ހުއްޓައިލިއެވެ. "ލިޝް ނޭނގެޔޯ ދުނިޔޭގަ..."

ލިބުނު ޝޮކްގައި ޝަފާޒަށް ހުރެވުނީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ. ޖުމުލައިގެ އެއްބައި ފުރިހަމަކުރިޔަސް، ސުމާ ބުނަން އުޅުނީ ކީކޭ ކަން ޝަފާޒަށް އެނގުނެވެ. ސުމާ ކުއްލިއަކަށް ޝަފާޒްގެ މޭގައި މޫނު ފޮރުވައިލިއެވެ. ގިސްލާފައި ރޮމުންދިޔަ ސުމާ ހުއްޓުވަންވެސް ނޭނގިފައި ޝަފާޒަށް ހުރެވުނެވެ. މަގުމަތިން ހިނގަމުންދިޔަ މީހުންގެ ނަޒަރު ދެމީހުންނަށް ހުއްޓެމުން ދިޔަކަން އެނގޭވަރަށްވުރެ ދެމީހުންގެ ހާލު ބޮޑެވެ.

********

ދޮރުކައިރީގައި ތިބި ގާޑުންނަށް އިރުޝާދު ދީފައި އާރިޒް އެތެރެއަށް ވަނެވެ. ލިޝާ ފެންނަން ނެތުމުން، އާރިޒަށް ލިބުނީ ސިހުމެކެވެ. އޭނާ ނުކުތްއިރުވެސް ލިޝާ އެނދުގައި އޮތެވެ. އެހާ އަވަހަށް ދާނީ ކޮންތާކަށް ހެއްޔެވެ؟ އާރިޒަށް އިތުރު ނުތަނަވަސްކަމެއް ލިބުނީ ލިޝާގެ އަތަށް ގުޅާފައިވާ އައިވީ ނައްޓުވާލާފައި އޮތް ތަން ފެނުމުންނެވެ. އެނދުމަތީގައި ކޮންމެވެސް ވަރަކަށް ލޭގެ އަސަރުވެސް ހުއްޓެވެ. އާރިޒް ބާރު ބާރަށް ހިނގާފައި ގޮސް އެނދު ކައިރީގައި ހުއްޓުނެވެ. އެނދުދަށާއި، ކަބަޑުތައް ބެލިއެވެ. ކުޑަދޮރު ހުޅުވައިގެން ބޭރު ބަލަން ހުއްޓާ، ލިޝާ ފާހާނާއިން ނުކުތެއެވެ.

"އާރި!... ތިތާ ކީއްކުރަނީ؟..." އާރިޒް ގުދުވެގެން ތިރި ބަލަން އޮތްތަން ފެނުމުން، ލިޝާ ހައިރާންވެފައި ސުވާލުކުރިއެވެ.

އާރިޒް ފަސްއެނބުރި ބަލައިލިއެވެ. އޭނާގެ ބޮޑު ދެލޮލުން ފެންނަމުންދިޔައީ ބިރާއި ސިހުމެވެ. ލިޝާ ގެއްލުނީއޭ ހީވާފަދަ ނަޒަރެކެވެ. ހުރިހާ ތަނެއް ބެލިއިރުވެސް ފާހާނާ ބަލާކަށް އާރިޒް ހަނދާނެއް ނުވިއެވެ. އާރިޒް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ލިޝާގެ ގައިގައި ބައްދައިލިއެވެ. ދެއަތުގެ ތެރޭގައި އެ އަންހެންކުއްޖާ ފިއްތާލިގޮތުން، ލިޝާއަށް ރަނގަޅަށް ނޭވާވެސް ނުލެވުނެވެ. އާރިޒްގެ ހިތް އޭރުވެސް ހަމައަކަށް ނޭޅެއެވެ. ވެދިޔަ ކަންތަކުން ލިޝާއެކޭ އެއްވަރަށް އާރިޒްގެ ހިތުގައިވެސް ބިރުވެރިކަން އުފެދިފައިވިއެވެ. ލިޝާއަށް ދެރަގޮތެއް ވާން އޭނާގެ ހިތެއް ނޭދެއެވެ.

"ހިނގާ ގެއަށް... މިތަން މާ ފިނި..." އާރިޒް ދުރުކޮށްލަމުން ލިޝާ ބުނެލިއެވެ.

ލިޝާ ދެއްކި އުޒުރު ބަލައިގަނެވޭ ވަރަށްވުރެ އާރިޒް ހުރީ ކަންބޮޑުވެފައެވެ.

"އަދި ފިޓެއް ނުވެއެއްނު... ފިޓުވީމަ ގެއަށް ދާނީ..." އާރިޒް ލިޝާގެ ދެކޮނޑުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ. "ކީއްވެ އައިވީ ނައްޓާލީ؟..."

"މިހާރު ފިޓުވެއްޖެއޭ..." ލިޝާ ބުންޏެވެ.

ލިޝާ ބޭނުންވީ ގެއަށް ދާށެވެ. ހޮސްޕިޓަލުގެ ހަރަދުތައް ހަމަޖެއްސޭނެކަމުގެ ޔަގީންކަން ލިޝާއަށް ނެތީއެވެ. އެހާ ބޮޑު ހޮސްޕިޓަލެއްގައި ޕްރައިވެޓް ކޮޓަރިއެއްގެ އަގު ލިޝާއަށް އަންދާޒާވެސް ކޮށްނުލެވޭހޭ ބޮޑުވާނެއެވެ. އާރިޒްގެ އަތުގައި ފައިސާ ނުހުންނާނެކަން ލިޝާއަށް އެނގެއެވެ.

ލިޝާ ކުރުނުކޮށް ކިޔަން ފެށުމުން އާރިޒަށް މަޖުބޫރުވީ ގެއަށް ދާށެވެ. އަވަހަށް ބޭރަށް ނުކުމެފައި ސަޗިންގެ އަތުން ފައިސާކޮޅެއް އަތުލިއެވެ. ކައުންޓަރަށް ފައިސާ ދެއްކުމަށް ވޮލެޓު ނެގި ވަގުތު، އެއިން ވެއްޓުނު ކުޑަ ތަސްވީރު ވަޔާއިއެކު ދިޔައީ ލިޝާގެ ފައި ކައިރިއަށެވެ. ލިޝާ އުނދަގޫގޮތަކަށް ގުދުވެފައި ތަސްވީރު ނެގިއެވެ. އޭނާ އުޅުނީ ތަސްވީރު އަނބުރާ އާރިޒްގެ އަތަށް ދޭށެވެ. އެކަމަކު، ފެނުނު ސޫރައަކުން އޭނާއަށް އެކަން ކުރަން އުނދަގޫވިއެވެ. ތަސްވީރުން ފެންނަމުންދިޔަ އަންހެންމީހާއަށް ބަލަން ލިޝާއަށް ހުރެވުނެވެ. ހިނިތުންވެގެން ހުރީ ޒުވާން އަންހެނެކެވެ. އޭނާ ހުރީ ކުޑަ އަންހެންކުއްޖަކު އުރައިގެންނެވެ. އަންހެންކުއްޖާއަށްވުރެ އަހަރެއްވަރު ދޮށީ ފިރިހެންކުއްޖަކުވެސް އެ ތަސްވީރުގައި ހުއްޓެވެ. އެކުއްޖާ ހުރީ މޭޒެއްގެ މައްޗަށް އަރާ އަންހެންމީހާގެ ކަނދުރާގައި ދެއަތް ވަށާލައިގެންނެވެ. އެކުއްޖާ އާރިޒާއި ވައްތަރެވެ. ލިޝާއަށް މުހިއްމުވީ އެކަމެއް ނޫނެވެ. ތަސްވީރުން ފެނުނު އަންހެންމީހާއެވެ. އޭނާ ކޮންމެވެސް ތަނަކުން އެ އަންހެންމީހާއާއި ބައްދަލުވެފައިވާހެން ހީވާތީއެވެ.

ބިލު ދައްކާފައި އާރިޒް އެނބުރުމުން، ލިޝާ އަވަހަށް ތަސްވީރު ފުރަގަހަށްލައި ފޮރުވިއެވެ. އެއީ ކީއްވެ ކުރެވުނު ކަމެއް ކަމެއްވެސް ލިޝާއަކަށް ނޭނގުނެވެ. އޭނާއަށް ކުރެވުނީ ވައްކަމެއް ކުރެވުމުން ކުރެވޭ އިހުސާސެވެ. ތަސްވީރަކީ އާރިޒްގެ އެއްޗެއްކަން އެނގޭއިރުވެސް އެ އަނބުރާ ދޭކަށް ނުކެރުނެވެ.

"ހިނގާ ދާން..." އާރިޒް ހިނިތުންވެލިއެވެ.

ޓެކްސީ ގޭގެ ދޮރުމައްޗަށް މަޑުކޮށްލުމުން އާރިޒް އަވަހަށް ފޭބިއެވެ. ލިޝާގެ އަތުގައި ހިފައިގެން ޓެކްސީއިން ފޭބުމަށް އެހީވެދިނެވެ. އުނަގަނޑުގައި ހިފަހައްޓާލާފައި ފަޔަށް ބާރުނުލުމަށް އެދުނެވެ. ޓެކްސީ ނައްޓާލުމުން، ދެމީހުން ހިނގައިގަތީ ގެއަށް ވަންނާށެވެ. ލިޝާއަށް ހިނގެނީ އާރިޒްގެ އެހީގައިވެސް ކޮރާޖަހައިގެންނެވެ.

ލިޝާއަށް ކުއްލި ސިހުމެއް ލިބުނީ ދޮރުމަތީގައި ތިބި ބަޔަކު ފެނުމުންނެވެ. އޭނާގެ ފިޔަވަޅުތައް ހުއްޓުނުއިރު، ދެލޯ ބޮޑުކޮށްގެން ބަލަން ހުރީ ގަބޫލުނުކުރެވިފައި ހުރި ކަހަލަ ގޮތަކަށެވެ. ލިޝާ ފެނުމުން، ސުމާއަށާއި ޝަފާޒަށްވެސް ވެފައިހުރީ އެފަދަ ގޮތެކެވެ. ދެމީހުންނަށްވެސް ތިބީ ހަރަކާތެއް ކޮށްލަން ނޭނގިފައެވެ. ނިކަމެތިވެފައިވާ ލިޝާގެ ހަށިގަނޑާއި، ހުރި ހާލު ފެނުމުން، އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.

ސުމާ ކުޑަކޮށް ދުވެލާފައި ގޮސް ލިޝާގެ ގައިގައި ބައްދައިލިއެވެ. އާރިޒަށް ލިޝާގެ ގައިން ދޫކޮށްލެވުނެވެ. ކުޑަކޮށް ދުރަށްޖެހިލީ ލިބުނު ޝޮކު ފިލައިގެން ނުދާތީއެވެ. ޝަފާޒާއި ސުމާއަކީ ކާކުކަން އާރިޒަށް އެނގެއެވެ. އޭނާއަށް ނޭނގުނީ އެމީހުންނަށް ލިޝާ ހުރި ތަނެއް އެނގުނު ގޮތެވެ. އާރިޒްގެ މޫނުން ފެނުނީ ހާސްކަމެވެ. ލިޝާ ގެއްލިދާނެއޭ ހީވެ، ހިތް ނުތަވަސްވިއެވެ.

"ލިޝް... އައި އޭމް ސޮރީ... އަހަންނަށް މިއާދެވުނީ މާ ލަހުން..." ސުމާ ރޮއެރޮއެފައި މާފަށް އެދުނެވެ.

ލިޝާއަށް ހުރެވުނީ ނޭވާލާންވެސް ހަނދާންނެތިފައެވެ. އުފާވާންވީ ކަމެއްވެސް އޭނާއަށް ނޭނގުނެވެ. ހުރިހާ ކަމެއް ވަމުންދިޔައީ ނުހަނު އަވަހަށެވެ. ލިޝާގެ ނަޒަރު ހުއްޓިފައިވީ ކުރިމަތީގައި ހުރި ޝަފާޒަށެވެ. ޝަފާޒުވެސް އެފަދައެވެ. ކަޅި ޖަހާވެސްނުލައި ލިޝާއަށް އޭނާ ބެލިއެވެ. ލިޝާއަކީ ހިކި ކުއްޖެކެވެ. އެކަމަށް ކުރިއަށްވުރެ އެތައް ގުނައެއް އެކުއްޖާގެ ހަށިގަނޑު ހިކި އަނަރޫފަވެއްޖެއެވެ. މޫނުމަތިން ދިރުމެއް ނުފެނެއެވެ. ލިޝާގެ ހާލު ފެނުމުން، ޝަފާޒުގެ ހިތަށް އުނދަގޫވިއެވެ. އެއީ އޭނާގެ އަލަތު ލޯތްބެވެ. ދުރުގައި ހުންނާކަށް ހިތެއް ނޭދުނެވެ.

ކޮޅަށް ހުންނަން އުނދަގޫވެގެން ލިޝާއަށް ސުމާގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ. ކުޑަކޮށް އަރިއަޅާލަން އުޅުމުން ޝަފާޒަށާއި އާރިޒަށް ލިޝާއާއި ދިމާއަށް ދެވުނީ އެއްފަހަރާއެވެ. އާރިޒަށްވުރެ ކުރިން ޝަފާޒު ގޮސް ލިޝާގެ ގައިގައި ހިފަހައްޓާލިއެވެ. އަތް މައްޗަށް އުފުލައިލީ ލުއި ފަތެއް އުފުލައިލާނޭހައި ފަސޭހަކޮށެވެ. އެމަންޒަރު ބަލަން އުނދަގޫވެގެން އާރިޒް އިސްޖަހައިލިއެވެ. އޭނާއަށް އުނދަގޫގޮތަކަށް ހިންދިރުވައިލެވުނެވެ.

އެންމެން ގެއަށް ވަންއިރުވެސް އާރިޒް ހުރީ ބޭރުގައެވެ. ލިޝާއަށް ދެން އޭނާ މުހިއްމު ނުވާނެއޭ އާރިޒްގެ ހިތް ބުންޏެވެ. މާޔޫސްވެފައިވާ އާރިޒްގެ ހިތް އިތުރަށް ޒަހަމުވީ ލިޝާއާއި ޝަފާޒްގެ ގާތްކަން ފެނުމުންނެވެ. އެމަންޒަރުން އޭނާގެ ހިތަށް ހަންޖަރެއް ހަރާލައިފިއެވެ. ހިތް ޒަހަމުވިކަން އޭނާއަށް ކަށަވަރެވެ.

ގޭގެ ވަށައިގެން ނަޒަރު ހިންގައިލި ސުމާއަށް އިތުރަށް ރޮވޭގޮތްވީ ލިޝާ އުޅޭ ހާލު ފެނުމުންނެވެ. ބޮޑު ގެއެއްގައި އުޅެފައި، އެފަދަ ކުޑަ ކޮށްޓެއްގައި ލިޝާ ކެތްކުރީ ކިހިނެއްބާއޭ ސުމާގެ ހިތަށް އެރިއެވެ. ދެ އެކުވެރިންނަށް ފުރުސަތު ދީފައި، ޝަފާޒު ބޭރަށް ނުކުތެވެ. އާރިޒް ފެންނަން ނެތުމުން ޝަފާޒަށް ދެބުމަ ކައިރިކޮށްލެވުނެވެ. އާރިޒް ފެނުނު ވަގުތުން ފެށިގެންވެސް ޝަފާޒުގެ ހިތް ގޯސްވެއްޖެއެވެ. އާރިޒަކީ ނުރައްކަލެކޭ ހިތް ބުންޏެވެ.

ޝަފާޒަށް ސިފަވަމުން ދިޔައީ އާރިޒް ޓެކްސީއިން ފައިބައިގެން ގޮސް، ލިޝާ ބޭލުވިގޮތެވެ. އަތުލަފިކޮށްގެން ގެއާއި ހަމައަށް ގެނައީ ނުހަނު ގައިގޯޅިވެހުރެއެވެ. އާރިޒް ލިޝާއަށް ބެލި ނަޒަރުވެސް ޝަފާޒަކަށް ކަމަކުނުދިޔައެވެ. ދެމީހުން ގާތްވެލައިގެން ތިބިގޮތުން އެދެމެދުގައި ގާތް ގުޅުމެއް އުފެދިފައިވާކަން ޝަފާޒަށް ޔަގީންކުރެވުނެވެ. ދުރުހިލޭ މީހަކަށް ލިޝާ އެފަދަ ފުރުސަތެއް ނުދޭނެއެވެ.

"އަހަރެމެން މިއައީ ލިޝް ބަލާ... ދެން ލިޝް ދެރަވާނެކަމެއް ނެތް... ތި ހިތްދަތި ދިރިއުޅުން މިހިސާބުން ނިމުނީ..." ސުމާ ބުނެލީ ޔަގީންކަމާއި އެކުގައެވެ.

ޝަފާޒު އެތެރެއަށް ވަނުމުން، ލިޝާއަށް ބެލުނީ ދޮރާއި ދިމާއަށެވެ. ޝަފާޒުގެ ފަހަތުން އާރިޒް ވަދޭތޯއެވެ. އެކަމަކު، އާރިޒެއް ނައެވެ. ލިޝާގެ ހިތަށް އުނދަގޫވިއެވެ. ސުމާ ދެއްކި ވާހަކައަކަށްވެސް އޭނާއަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ.

"އަހަރެން މިއައީ ޝަފްވެސް ގޮވައިގެން... ޝަފް އެހުރީ ކޮންމެ ގޮތަކުންވެސް ލިޝްއަށް ހެލްޕްވާން ތައްޔާރަށް..." ޝަފާޒު އައުމުން ސުމާ ބުނެލިއެވެ.

ލިޝާގެ މޫނުން މާބޮޑު އުފާވެރިކަމެއް ނުފެނުނެވެ. އެކަން ބޮޑަށް ފާހަގަވީ ޝަފާޒަށެވެ. ވެދިޔަ ކަންތަކާއި ބެހޭގޮތުން ސުމާ އެއްވެސް ސުވާލެއް ނުކުރީ، ލިޝާއާއި ދޭތެރޭގައި ވިސްނާފައެވެ. ލިޝާ ހަމައަކަށް އެޅުމުން އޭނާ ހުރިހާ ކަމެއް އޮޅުންފިލުވާނެއެވެ.

********

ނައީމު އައިސް ގެއަށް ވަންއިރު، މަދީހާގެ ދެފައި އެއްތާކު ނުޖެހެއެވެ. އުފާވެރިކަން ފެންނަމުންދިޔަ މޫނު އިތުރަށް ފޮޅިގެން ދިޔައީ ނައީމު ފެނުމުންނެވެ.

"ހުރިހާ ކަމެއް ހުއްޓާފަ ގެއަށް އަންނަން ބުނީ ކީއްކުރަން؟..." މަދީހާ ސަލާމަތުން ހުއްޓާ ފެނުމުން ނައީމު ސުވާލުކުރިއެވެ.

މަދީހާ ގުޅާފައި ގެއަށް އަންނަން ބުނިގޮތުން ނައީމު ހީކުރީ މަދީހާއަށް ބޮޑުކަމެއް ދިމާވީ ކަމަށެވެ.

"ނައީމު... އަހަރެމެންގެ ދަރިފުޅު ފެނިއްޖެ.... ލިޝާ ފެނިއްޖެ..." ނައީމުގެ އަތުގައި ހިފާލަމުން މަދީހާ ބުންޏެވެ.

"އޭނ؟...." ނައީމަށް ލިބުނީ ޝޮކެކެވެ.

"އާނ ނައީމް... ސުމާމެން އެމަންޖެ ހޯދައިފި...." މަދީހާ އުފާވެލާފައި ބުންޏެވެ.

"އަލްހަމްދުލިﷲ.... ތީ ހާދަ އުފާވެރި ހަބަރެކޭ..." ނައީމުގެ މޫނު އުޖާލާވިއެވެ. މަދީހާދެކެ ކުޑަކޮށް ހިތްހަމަނުޖެހިފައި ހުއްޓާ ލިބުނު ހަބަރަކުން އެހުރިހާ ކަމެއް ނައީމުގެ ހިތުން ފިލައިގެން ދިޔައެވެ.

"އަހަރެން އެމަންޖެއާ ވާހަކަވެސް ދައްކައިފިން... ނައީމު ކައިރީ އަވަހަށް އަންނަން ބުނީ އެހެންވެއޭ...." މަދީހާ އިތުރު ތަފްސީލް ދިނެވެ. "އެންމެ އަވަހަށް ފުރާ ފުލައިޓަކުން އެކުދިން ރަށަށް އަންނާނެ... ނައީމު، އަހަރެން ބޭނުން މާލެދާން.... ލިޝާ އަންނައިރު ކައިރީގަ ހުންނަން އަހަރެން ވަރަށް ބޭނުން.... އަހަރެން މާލެ ފޮނުވާނަންތަ؟..."

"ތީ އަހާ ކަހަލަ ސުވާލެއްވެސް ނޫނެއްނު... އަހަރެންވެސް މަދީއާ އެކީ މާލެ ދާނަން..." ނައީމު ބުންޏެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު