ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުގެ ބައިތައް ވަގަށް ނަގާ މައްސަލަ ބޮޑުވެއްޖެ

ސްޓެލްކޯ ޓްރާންސްފޯމަރެއް ވަގަށް ނަގައިފި --

ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެ އެ ކަމުގެ ކަންބޮޑުވުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެ މައްސަލަ ބޮޑުވުމާއެކު މިރޭ ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލަމުން ވެސް އަންނަ ކަމަށެވެ.

އަދި އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވިފައިވާތީ އެ ކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފައިވާކަމަށް ވިދާޅުވިއެވެ.

އެގޮތުން ރޭ ފަތިހާއި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ވެސް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާ ގުޅިގެން ކަމަށް ވިދާޅުވިއެވެ.

"މިއީ މިކަން ކުރާ ފަރާތްތަކަށް ވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން މި ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް،" ފަހުމީ ވިދާޅުވިއެވެ.

މިއީ ކުންފުނިން ކަރަންޓު ޚިދުމަތް ދޭން ކުރާ މަސައްކަތަށް އެޅޭ ހުރަހެއްކަން ފާހަގަކުރައްވައި އޭނާވަނީ އެ ފަދަ ކަންކަން ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވައިފައެވެ.

ކަރަންޓު ޓްރާންސްފޯމަރުތަކުން ވައްކަން ކުރަން އުޅުމަކީ ނުރައްކާތެރިިކަމެކެވެ. މީގެ ކުރިން މިފަދަ ކަންކަން ފެންމަތިވެފައި ނުވި ނަމަވެސް މިދިޔަ އަހަރުގެ ތެރޭ ވަނީ ކަރަންޓު ނަރުތަކެއް ގެއެއްގެ ތެރެއިން ވަގަށް ނަގަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މަރު ވެސް ވެފައެވެ.

comment ކޮމެންޓް