ކައުންސިލް އިދާރާ އިމާރާތްކުރާނެ ރަށްތައް ހޮވުމުގެ އުސޫލުތައް އާންމުކޮށްފި

ލޯކަލް ގަވާނަންްސް މިނިސްޓަރު އާދަމް ޝަރީފް -- ފޮޓޯ/ މިނިސްޓްރީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ރަށު ކައުންސިލްތަކުގެ އާ އޮފީސްތައް އިމާރާތްކުރުމުގެ މަޝްރޫއު ހިންގުމަށް އެންމެ ފުރަތަމަ އިސްކަން ދޭނެ ރަށްތައް ކަނޑައަޅާނެ ގޮތުގެ މިންގަނޑެއް ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

މިގޮތުން ރައީސް މިދިޔަ މަހުން ފެށިގެން އެ މަނިކުފާނު އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅުގައި ހދ. މަކުނުދޫގައި ބޭއްވި ޖަލްސާއެއްގައި ވަނީ ރާއްޖޭގެ ގިނަ ކައުންސިލްތަކުގެ އިމާރާތްތަކަކީ ގިނަ ދުވަސްވެފައިވާ ބާ އިމާރާތްތަކެއް ކަމަށް ވިދާޅުވެފައެވެ.

އަދި މި އިމާރާތްތައް އާ ކުރުމުގެ މަޝްރޫއު ރާއްޖޭގެ 50 ރަށެއްގައި ކުރިއަށްގެންދާނެ ކަމަށާއި، މި އަަހަރު ތެރޭ މި މަޝްރޫއު ފަށާނެކަމަށް ރައީސް އެ ޖަލްސާގައި ވިދާޅުވިއެވެ.

އެ 50 ރަށް އިމާރާތްކުރަން ހޮވާއިރު އެންމެ އިސްކަމެއް ދެވޭނީ އިމާރާތް ބޮޑަށް ބާވެފައި، ޖާގަ ކުޑަކޮށް ހުރި އަދި އާބާދީ ބޮޑު ރަށްތަކަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިގޮތުން އިމާރާތްކުރުމަށް 50 ރަށުގެ ކައުންސިލް އިދާރާ ކަނޑައެޅުމަށް ބޭނުންކުރާނެ މިންގަނޑުތަކާއި މާކްސް ދެވޭނެ ގޮތް ލޯކަލް ގަވަމެންޓް މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފައެވެ.

ރަށުގެ އާބާދީ، ކައުންސިލުގެ ވަސީލަތް އަދި މިހާރު އިމާރާތް ހުރި ހާލަތަށް ބަލައި ކޮންމެ ބަޔަކަށް 20 މާކްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން އަދި އަންހެނުންގެ ކޮމިޓީ މަސައްކަތް ކުރާނެ ޖާގައަށް ކޮންމެ ބަޔަކަށް ވަކިން ގިނަވަގެން 10 މާކްސް ދޭން ވަނީ ހިމަނާފައެވެ.

އަދި ކޮންމެ އަހަރެއްގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލަކަށް އެލްޖީއޭއިން ދެމުން އަންނަ އެވޯޑު ލިބިފައިވާ ކައުންސިލުތަކަށް އިތުރު 10 މާކްސް ދޭން ލޯކަލް ގަވަމެންޓް މިނިސްޓަރީއިން ވަނީ ނިންމާފައެވެ.

މާކުސް ދޭ ގޮތާއިމެދު ޙިޔާލެއް އޮތްނަމަ މި އަންނަ ހަފުތާ ބުރަސްފަތި ދުވަހު 01:00 ގެ ކުރިން ހުށަހެޅުމަށް މިނިސްޓަރީ އިން ވަނީ އެދިފައެވެ.

ވޭތުވެދިޔަ 13 އަހަރު ރާއްޖޭގެ ކައުންސިލުތަކުގެ އުމްރާނީ ތަރައްގީއަށް އެއްވެސް ސަރުކާރަކުން އިސްކަންދީފައި ނުވާކަމަށާއި، މި ސަރުކާރުން އެ ކަން ބަދަލުކޮށްދެއްވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް