ވަގުތުގެ ބޭނުން ރަނގަޅަށް ހިފުން

ރޯދަމަހާއި އަޅުކަން: ނަމާދަށް ފަހު، ގިނަ އަދަދެއްގެ މީހުން، މިސްކިތްތަކުގައި ޤްރުއާން ކިޔަވަން މަޑުކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަ ފަރްޟުކުރެއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ﷲ ތަޢަލާ ބަޔާންކުރައްވައިފައިވާ ފަދައިން ތަޤްވާއެވެ. ރޯދައިގެ އެންމެ ފޮނި މޭވާއަކީ ތަޤްވާއެވެ. ތަޤްވާވެރިކަމެއް ނެތްނަމަ ހިފާ ރޯދަވާނީ ގިތި އެއްޗަކަށެވެ. ރަހައެއްނެތް ހެވާކޮޅެއްނެތް ހުއްސަކަށެވެ.

ރޯދައިގެ މަޤްޞަދުތައް ޙާޞިލުކުރެވޭނީ ވަގުތަށް ޙުރްމަތްތެރިކޮށް ހިތައިގެންނެވެ. ރަމަޟަން މަސް ފެށެނީ ވަކި ވަގުތެއް ޖެހުމުންނެވެ.އެ މަސް ނިމެނީ ވެސް ވަކި ވަގުތެއް ޖެހުމުންނެވެ. ކީރިތި ރަސޫލާ e ޙަދީސްކުރެއްވިއެވެ. (( صُومُوا لِرُؤْيَتِهِ وأَفْطِرُوا لِرُؤْيَتِهِ[1] - ތިޔަބައިމީހުންނަށް ހަނދުފެނުމުން ރޯދަހިފަންފަށާށެވެ. އަދި ތިޔަބައިމީހުންނަށް ހަނދުފެނުމުން ރޯދަހިފުން ހުއްޓައިލާށެވެ. ! )) މި ބަސްފުޅުގެ މާނައަކީ ރަމަޟަންމަހުގެ ހަނދުފެނުމުން ރޯދަހިފަން ފަށާށެވެ. އަދި ޝައްވާލުމަހުގެ ހަނދުފެނުމުން ރޯދަހިފުން ނިންމައިލާށެވެ. އެއީ މާތްﷲ ރޯދައަށް ކަނޑައެޅުއްވި ވަގުތެވެ. މި ވަގުތަށް އަޅުގަނޑުމެން ޙުރްމަތްތެރިކޮށް ހިތަންޖެހޭނެއެވެ. މާތް ﷲ މި ކަނޑައެޅުއްވި ވަރަށްވުރެ ގިނައިން ރޯދައެއް ނުހިފޭނެއެވެ. އަދި ރަމަޟާންމަސް އައުމުގެ ކުރިން ރަމަޟާންމަހުގެ ފަރްޟު ރޯދައެއް ނުހިފޭނެއެވެ.

ވަގުތަކީ ވަރަށް މުނިންމު އެއްޗެކެވެ. އެއީ ތިބާގެ ޙަޔާތެވެ. އެއީ ތިބާގެ ޢުމުރުގެ މާއްދާއެވެ. ތިބާ މި ދުނިޔޭގައި ހޭދަކުރާ ކޮންމެ ހިނދުކޮޅަކީ ތިބާ ތިބާގެ ކަށްވަޅާ ގާތްކޮށްދޭނެ ހިނދުކޮޅެކެވެ. އާދަމުގެދަރިޔާއަށް ކުރިމަތިލާން ޖެހޭ ކޮންމެ ދުވަހެއް ބުނާނެއެވެ. " އޭ އާދަމުގެދަރިޔާޢެވެ! މަށަކީ އައު ދުވަހެކެވެ. ތިބާގެ ޢަމަލުތަކަށް މަށަކީ ހެކިވެރިއަކީމުއެވެ. އަހުރެންގެ ބޭނުން ރަނގަޅަށް ހިފާށެވެ. އިރުއޮއްސިއްޖެނަމަ އަހުރެން އަބުރާ ނާންނާނަމެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އަހުރެމެން އެ ދުވަހު ކުރި ޢަމަލުތަކުގެ ހެކިވެރިއެކެވެ. އެ ދުވަސް ވާނީ އަހުރެމެންނާ އެއްކޮޅަށް ނުވަތަ އަހުރެމެންނާ ދެކޮޅަށް ﷲގެ ޙަޟްރަތުގައިހެކިބަސްދޭނެ ދުވަހަކަށެވެ. އަހުރެމެން މި ތިބީ ބޮޑު އިމްތިޙާނެއްގައެވެ. މި ދުވަސްކޮޅަކީ އެކަލާނގެ އަހުރެމެންނަށް ދެއްވި މުހްލަތެކެވެ. އެކަލާނގެ މި ދެއްވި ހެޔޮކަމުގެ ފޯވަހީގެ ބޭނުން ހިފަމާހިނގާށެވެ! ﷲ ތަޢާލާ އަހުރެމެންނަށް ދެއްވި ޞިއްޙަތާއި ދުޅަހެޔޮ ދުވަސްތަކުގެ ބޭނުން ރަނގަޅަށް ހިފަމާހިނގާށެވެ! މި ދުވަސް ފާއިތުވުމުން އެކަމާމެދު ދެރަވުމުގެ ބޭނުމެއް ނެތެވެ.

ވަގުތުގެ މުހިންމުކަން ބަޔާންކޮށްދެއްވާ ކައުރަސޫލާصلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((لا تزولُ قدما عبدٍ يومَ القيامةِ حتّى يُسألَ عن أربعِ خِصالٍ: عن عمرِه فيما أفناه، وعن مالِه من أين اكتسبه، وفيما أنفقه، وعن عِلمِه ماذا عمِل فيه [2]- ޤިޔާމަތްދުވަހުން ހަތަރު ކަމަކާ ބެހޭގޮތުން ސުވާލުކުރެވުމުގެ ކުރިން އަޅާގެ ދެ ފަޔަށް ސާބިތުކަމެއް ނުލިބޭނެތެވެ. އޭނާގެ ޢުމުރު ފަނާކުރީ ކޮންކަމެއްގައިތޯއާއި އޭނާގެ މުދާ ހޯދީ ކިހިނަކުންތޯއާއި އެ މުދާ ހޭދަކުރީ ކޮންކަމެއްގައިތޯއާއި އޭނާގެ ޢިލްމުން އޭނާކުރީ ކޮން ކަމެއްތޯއެވެ؟ ))

ވަގުތާމެދު އިންސާނާ ފަރުވާކުޑަކުރާތީ އެކަމަށް ސަމާލުވުމަށް އަންގަވާ ލޮބުވެތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ.((نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ: الصِّحَّةُ، وَالْفَرَاغُ [3]- މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ފަރުވާކުޑަކުރާ ދެ ނިޢުމަތެއް ވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ. ))

އިންސާނާ އޭނާގެ ވަގުތަށް އަހަންމިއްޔަތުދީ އެ ވަގުތު ރަގަނޅު ގޮތުގައި ވުނަކުރުމަކީ މާތްﷲ އިންސާނާއަށް ދެއްވި ވަގުތުގެ ނިޢުމަތަށް ޝުކުރުކުރާކަމުގެ ޢަލާމަތެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِأُولِي الْأَلْبَابِ[4] - ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهل ވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ. ))

ﷲ جل شأنه ކޮންމެ ވަގުތަކަށް ކަމެއް ޢައްޔަންކުރައްވައިފައި ވެއެވެ.އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَمِنْ رَحْمَتِهِ جَعَلَ لَكُمُ اللَّيْلَ وَالنَّهَارَ لِتَسْكُنُوا فِيهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ[5] - އެކަލާނގެ رحمة ވަންތަކަމުން ތިޔަބައިމީހުން އަރާމުކުރުމަށާއި، އެކަލާނގެ فضل ވަންތަކަމުން ދެއްވާ رزق ހޯދުމަށް މަސައްކަތް ކުރުމަށް، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭގަނޑާއި، ދުވާލު ލެއްވިއެވެ. (އެއީ) ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ. ))

މާތް ﷲ ރޭގަނޑާއި ދުވާލު ލެއްވި ޙިކްމަތް ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ. (( وَجَعَلْنَا اللَّيْلَ وَالنَّهَارَ آيَتَيْنِ فَمَحَوْنَا آيَةَ اللَّيْلِ وَجَعَلْنَا آيَةَ النَّهَارِ مُبْصِرَةً لِتَبْتَغُوا فَضْلًا مِنْ رَبِّكُمْ وَلِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ وَكُلَّ شَيْءٍ فَصَّلْنَاهُ تَفْصِيلًا[6] - ރޭގަނޑާއި، ދުވާލަކީ، ދެ ހެކިކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ، ރޭގަނޑުގެ ހެކިން نور ފުހެލެއްވީމެވެ. އަދި ދުވާލުގެ ހެކި އެއީ (ތަންތަން) ދައްކައިދޭ އެއްޗެއްކަމުގައި ލެއްވީމެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ތިޔަބައިމީހުން، فضل ވަންތަކަން އެދި އުޅުމަށްޓަކައެވެ. އަދި އަހަރުތަކުގެ عدد އާއި، حساب، ތިޔަބައިމީހުން ދެނެގަތުމަށްޓަކައެވެ. އަދި ކޮންމެ ކަމެއްމެ تفصيل ކޮށް ތިމަންރަސްކަލާނގެ ބަޔާންކޮށްދެއްވީމެވެ. ))

އަލްއިމާމު ފަޚްރުއްރާޒީ ޢަޞްރު ސޫރަތުގެ ތަފްސީރުގައި ވިދާޅުވެފައިވާ ގޮތުގައި ﷲ ތަޢާލާ މި ސޫރަތް ފަށްޓަވައިފާ ވަނީ ޢަޞްރު ( ޒަމާން) ގަންދެއްވައެވެ. ޒަމާނުގައި ހިމެނޭ އަޖައިބުވަނިވި ކަންތައްތަކާ ހެދިއެވެ. ތަނަވަސްކަމާއި ދަތި ޙާލަތު ހިމެނޭތީއެވެ. ދުޅަހެޔޮކަމާއި ބަލިމަޑުކަން ހިމެނޭތީއެވެ. ފަޤީރުކަމާއި މުއްސަނދިކަން ހިމެނޭތީއެވެ.

މާތް ﷲ ރޯދައިގެ މަދުރަސާ ލެއްވީ މި މަދުރަސާއިން ވަގުތުގެ މުހިންމުކަން ދަސްކުރުމަށެވެ. މި މަހުގައި ރޯދަވެރިޔާއާސް ކުރަން ކަނޑައަޅުއްވައިފައިވާ ކަންތައްތައް އެ ކަންތައްތަކުގެ ވަގުތުގައި އަދާކުރުމަށެވެ. އިރުއޮއްސުނީމާ ރޯދަވީއްލުން ފަސްކޮށްގެން ނުވާނެއެވެ. ބަނޑުހައި ނުވިޔަސް ހާރުކާންވާނެއެވެ. ހާރުކެއުމަކީ ބަރަކާތަކަށް ވާތީއެވެ. މުސްލިމުންގެ ރޯދައާއި އަހްލުކިތާބީންގެ ރޯދަ ތަފާތުކޮށްދޭ މުހިއްމު ކަމަކަށް ހާރުކެއުން ވާތީއެވެ.ހާރުކެއުން ފަތިސްނަމާދާ ވީހާ ކައިރި ވަގުތަކަށް ފަސްކުރުމަކީ ވެސް ސުންނަތެކެވެ.

ރޯދަވީއްލާއިރު ހެޔޮ ދުޢާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ދުޢާ އިޖާބަކުރައްވާ ވަގުތެކެވެ. މި ވަގުތު ބީވެގެންދިޔަދީގެން ނުވާނެއެވެ.މުހިންމު ވަގުތަކަށް ވާތީއެވެ.

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ރޯދަ ފަރްޟުކުރެއްވީ ތަޤްވާވެރި ބަޔަކަށް މުސްލިމުން ވުމަށް ޓަކައެވެ. ހަމައެކަނި ކެއިންބުއިމުންނާއި ޝަހަވާތްތަކުން ދުރުހެލިވެގެން ތަޤްވާވެރިއެއް ނުވެވޭނެއެވެ. ތަޤްވާވެރިވެވޭނީ ﷲގެ ޙަޟްރަތަށް ގިނަގިނައިން ދެވިގެންނެވެ. އެކަލާނގެ ދެކެ ބިރުގަނެގެންނެވެ. އެކަލާނގެ ރަޙްމަތަށް އެދިގެންނެވެ. ނަރަކައިން މިންޖުކޮށްދެއްވުމަށް އެދި ދަންނަވައިގެންނެވެ. މާތް ﷲގެ ދަރުބާރަށް ދިޔުމަށް ލިބިފައިވާ އެންމެ ރަނގަޅު ކޮއްތަކީ ތަޤްވާއެވެ. މި ތަޤްވާ ޙާޞިލުކުރެވޭތޯ ﷲގެ އޮޑިއަށް އަރާށެވެ! ކީރިތި ޤުރްއާނަކީ ﷲގެ އޮޑިއެކެވެ. ޤުރްއާނަކީ މާތްﷲ ފަރުބަދައެއްގެ މައްޗަށް އޭތި ބާވައިލެއްވިނަމަ، އެ ފަރުބަދައެއް اللَّه އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާނެ އެއްޗެކެވެ.

ރަމަޟާންމަހުގައި މާތްﷲ އަޅުގަނޑުމެންނަށް ދެއްވައިފައިވާ 720 ގަޑިއިރު ބޭކާރަށް ނަގައިނުލާށެވެ. އޭރުން އަހުރެމެން ވާނީ ގެއްލެނިވެގެންވާ މީހުންގެ ތެރޭގައެވެ.

އަޅުގަނޑުމެންގެ ހެޔޮ ލަފާ ސަލަފުންނަކީ ރަމަޟަންމަސް އައުމުން އެބޭކަލުންގެ އެހެން ފިހާރަތައް ބަންދުކުރައްވައިފައިވާ ތަޤްވާވެރީންތަކެކެވެ. އެބޭކަލުން މަޖިލިސްތައް ދޫކޮށްލައްވައިފައި ޤުރްއާން ކިޔަވާ ވިދާޅުވުމާ ކުރިމަތި ލައްވައެވެ. އެބޭކަލުން ވިދާޅުވެފައިވަނީ " މިއީ ރަމަޟާން މަހެވެ. ﷲގެ ދީލަތިފުޅުކަމާއި ރަޙްމަތަށް އެދޭ ރޯދަވެރިޔާއޭވެ! ތިބާ ޤުރްއާން ކިޔެވުމާ ކުރިމަތިލާށެވެ!

ރަމަޟަންމަހުގެ ރޭތައް ތަރާވީޙު ނަމާދާއި ޤިޔާމާއި ވިތުރިއާއި އިޢުތިކާފުފަދަ ސުންނަތްތަކުން އިޙްޔާކޮށް ދިރުވާށެވެ! ތިބާގެ ވަގުތު ބޭކާރު ޗެޓުތަކުގައި ހޭދަނުކުރާށެވެ! އެއީ ފައިދާއަށްވުރެ ގެއްލުން ބޮޑުކަމެކެވެ. އެއީ މުޅަމަސް ކެއުންފަދަ ކަމެކެވެ.

ރިފަރެންސް:

[1] - أخرجه البخاري (١٩٠٩)، ومسلم (١٠٨١)
[2] - أخرجه الترمذي (٢٤١٧)، والدارمي (٥٣٧) والبيهقي في ((المدخل إلى السنن الكبرى)) (٤٩٤)
[3] - أخرجه البخاري (٦٤١٢)
[4] - آل عمران: 190
[5] - القصص: 73
[6] - الإسراء: 12

comment ކޮމެންޓް