މަޖިލިސް މެންބަރުން އަމިއްލައަށް މުސާރަ ބޮޑުކުރުމާ ދެކޮޅު: ދުންޔާ

މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން --

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމިއްލައަށް މުސާރައާއި އެލަވަންސް ބޮޑުކުރުމާ ދެކޮޅަށް ވަކާލާތު ކުރައްވާނެ ކަމަށް، މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލްގެ ޖަވާބާއީ ރައްދު ޕްރޮގްރާމުގައި ދުންޔާ ވިދާޅުވީ، މަޖިލީހުގެ ގިނަ މެންބަރުން މަސައްކަތް ކުރަނީ އަމިއްލަ މަސްލަހަތު ކުރިއެރުވުމަށް ކަމަށެވެ. އެގޮތުން މެންބަރުކަން ކުރުމަކީ ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައި ދެކި، ބައެއް މެންބަރުން މަޖިލީހަށް ހާޒިރުނުވެ، ފައިސާ ހޯދޭނެ ގޮތްތަކަށް އިސްކަން ދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި މެންބަރުންގެ މުސާރައާއި އިނާޔާތްތައް އަމިއްލައަށް އިތުރުކުރުން ހިމެނޭކަން ފާހަގަކުރައްވައި ދުންޔާ ވިދާޅުވީ އެ ބާރު ލިބިދީފައިވަނީ އެކަށީގެންވާ ވަރަށް ފާރަވެރިވެވޭނެ ގޮތެއް ނެތި ކަމަށެވެ.

"އަޅުގަނޑުމެންނަކީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި އަންނަ ބަޔެއް. އަޅުގަނޑުމެން ޖަވާބުދާރީވާން ޖެހޭނީ ރައްޔިތުންނަށް، އަޅުގަނޑުމެންގެ މަސައްކަތް ރަނގަޅަށް ނުކުރެވޭ ކަމަށްވަންޏާ ރައްޔިތުންނަށް އަޅުގަނޑުމެން ދުރުކުރުމުގެ ފުރުސަތު އޮންނަން ޖެހޭ،" މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ތާއިދުކުރައްވައި އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓު ފާސްކުރުމުގައި މެންބަރުންގެ ދައުރު ފާހަގަކުރައްވައި ދުންޔާ ވިދާޅުވީ، އެ މެންބަރަކު ނިސްބަތްވާ ދާއިރާއެއްގެ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތައް ހިމަނަން ވަކާލާތު ކުރުމުގެ އިތުރުން މުޅި ގައުމުގެ އިގުތިސާދަށް ބޭނުންވާ ކަންކަމަށް ވެސް މެންބަރުން އިސްކަން ދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އިސްރާފުތައް ވަރަށް ގިނަ ދައުލަތުގެ ޚަރަދުތައް، މިގޮތުން ސިޔާސީ އެކި މަގާމުތަކަށް އަދިވެސް އިތުރަށް ބޭފުޅުން އެ ވަޑައިގަންނަވަނީ، އަޅުގަނޑުމެންގެ މަޖިލިސް މި އޮތީ ބޮޑުވެފައި އިތުރަށް މަޖިލިސް މެންބަރުންގެ މުސާރަތައް އަބަދުވެސް މިއަންނަނީ ބޮޑުވަމުން. މިކަހަލަ ކަންތައްތަކާ އިދިކޮޅަށް އަޅުގަނޑު ވަކާލާތު ކުރާނަން،" އޭނާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރަން ޖެހޭނީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނަށް ފައިދާވާނެ ގޮތްތަކަށް ކަމަށެވެ. އެގޮތުން ނިކަމެތިންނަށް އިތުރަށް އަޅާލަން ޖެހޭ ކަމަށާއި ދައުލަތުން ލިބެން ޖެހޭ އެހީ ހަމަޖައްސައި ރަނގަޅު ބަލަމުންދާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޓެކްސް ފައިސާ ބަލަހައްޓާ ގޮތް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި މިހާރު ވެސް ދައުލަތުގެ އިސްރާފުތައް ގިނަވުމުގެ މައްސަލަ ބޮޑު ކަމަށް ދުންޔާ ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ހިނގާ ބައެއް ޚަރަދުތައް އޭނާ ފާހަގަކުރެއްވިއެވެ.

"ބޭރުގެ ދަތުރުތައް އެއީ ޚާރިޖީ ދާއިރާގައި ކުރަން ޖެހޭ މަސައްކަތްތަކެއް. އެކަމަކު ޑެލިގޭޝަންގެ ސައިޒާއި އިތުރަށް ހޮޓެލްތަކާއި، މިކުރައްވާ ޚަރަދުތަކަކީ ރައްޔިތުންގެ ފައިސާއިން ދާ ޚަރަދު، މިކަންތައްތައް އަޅުގަނޑުމެން އިތުރަށް ރަނގަޅުކޮށް ހައްލުކުރަން ޖެހޭ،" ދުންޔާ ވިދާޅުވިއެވެ.

"މޮޑަން ޑިޕްލޮމެސީގައި އޮންނަނީ ވެސް ޚަރަދު ވަރަށް ބޮޑަށް ބަލަހައްޓަން. އަޅުގަނޑުމެންނަށް ނުކުރެވޭ ވަރަށް ތަންތަނުގައި އެމްބަސީ ބަހައްޓައި، މިޝަން ބަހައްޓައި އެތަންތަނަށް މީހުން ފޮނުވުމެއް ނޫން."

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ، ކޮމިޓީ އެލަވަންސާއެކު އެއް ލައްކައަށް އަރާ ވަރަށް ބޮޑު ކުރަން މާލިއްޔަތު ކޮމިޓީން މިދިޔަ ޑިސެމްބަރު މަހު ފާސްކުރިއެވެ. އޭގެ ސަބަބުން މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

އޭގެ ފަހުން، މުއައްސަސާތަކުގެ މުސާރަތައް ބޮޑުކުރަން މިދިޔަ މަހު މަޖިލީހުން ފާސްކުރީ މެންބަރުންގެ މުސާރަ ނުހިމެނޭ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހަށް އާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 21ގައެވެ.

comment ކޮމެންޓް