ބަންގްލާ ބަހުން ދީނީ ޕްރޮގްރާމެއް ހިންގާނެ އިލްމުވެރިން ހޯދަނީ

މާލޭގައި އުޅޭ ބަންގަލްދޭޝް މީހުންނަށް ހާއްސަ ކޮށްގެން މީގެ ކުރިން ސޯޝަލް ސެންޓަރުގައި ބޭއްވި ދަރުހެއްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް އަމިއްލަ ބަހުން ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގާނެ އިލްމުވެރިން ހޯދަން އިސްލާމިކް މިނިސްޓްރީއިން އިޢުލާންކޮށްފިއެވެ.

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، މި ޕްރޮގްރާމް ބޭއްވުމުގެ މަގުސަދަކީ ދީނުގެ ކަންކަން އޮންނަ ގޮތާއި، ދީނީ ކަންކަން ކުރާނެ ގޮތް އަދި އިސްލާމް ދީނުގެ މައުލޫމާތު އެންމެ ފުރިހަމަ ގޮތެއްގައި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންނަށް ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމްގެ ސެޝަންއެއް ނަގައިދޭ އިލްމުވެރިއަކަށް 500 ރުފިޔާ ދިނުމަށް މިނިސްޓްރީއިން ވަނީ ކަނޑައަޅާފައެވެ. އަދި ހުތުބާ ބަންގްލަދޭޝް ބަހަށް ތަރުޖަމާ ކޮށްދޭ ފަރާތަކަށް 1000 ރުފިޔާގެ އުޖޫރައެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ސެޝަންތައް ނަގައިދިނުމަށް ރަޖިސްޓަރީ ވުމަށް މިނިސްޓަރީއިން ވަނީ ޝަރުތުތަކެއް ކަނޑައަޅާފައެވެ.

ޝަރުތުތައް:

  • ސެޝަން ނަގައިދޭ ފަރާތަކީ ސުންނީ މުސްލިމަކަށްވުން
  • ދީނާ ގުޅުން ހުރި ކޯހަކުން އިސްލާމިކް ޔުނިވާސިޓީއިން ބަލައިގަންނަ ޑިގްރީއެއް ޙާސިލްކޮށްފައިވުން
  • ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން ކުށުގެ ރިކޯޑެއް އޮތް މީހެއް ކަމުގައި ނުވުން

މި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ސެޝަން ނަގައިދޭން ޝައުގުވެރިކަން ހުންނަ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ 14:00ގެ ކުރިން ލިޔެކިއުންތައް ހުށަހެޅުމަށް އިސްލާމީކް މިނިސްޓްރީން ވަނީ އެދިފައެވެ. އެކަމާ ގުޅުންހުރި އިތުރު މައުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓްއިން ލިބޭނެއެވެ.

comment ކޮމެންޓް