މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫކުރާ ބަޔަށް ގެއްލުންދީފި

ބަންޑާރަ މިސްކިތް --- ފޮޓޯ/ ވިކިމަޕިއާ

މާލެ ސިޓީގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫކުރާ ބަޔަށް ގެއްލުން ދީފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިރޭ ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބަންޑާރަ މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫ ކުރާ ބައިގެ ފެން އިސްކުރު ތަކަށާއި ފާހަނާ ތަށްޓަށް ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ.

ނަމަވެސް މިކަން ކޮށްފައިވަނީ ކޮން ގަޑިއެއްގައި ކަމާއި އެއީ ކޮން ބައެއްކަން ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

ސިޓީ ކައުންސިލުން ބުނީ އެ މިސްކިތްތަކުގެ ގެއްލުންވި ފާހަނާތައްޓާއި ފެން އިސްކުރު މަރާމާތު ކުރުމުގެ މަސައްކަތް މިރޭ ކުރިއަށް ގެންދާނެ ކަމަށެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާދިމް ވިދާޅުވީ މި ފަދަ ނާތަހުޒީބު އަމަލުތައް ހުއްޓުވުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އެއާއެކު، މި ފަދަ އަަމަލުތައް ނުކުރާ ބަޔެއް ކަމުގައި ދެމިތިބުމަށް މޭޔަރު ވަނީ ގޮވައިލައްވާފައެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމަކީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ. މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށްފައި ހުންނަ ނަމަވެސް މި ކަމަށް އެދެވޭ ހައްލެއް މިހާތަނަށް އައިސްފައެއް ނުވެއެވެ.

comment ކޮމެންޓް