މާލޭގެ މަގުތަކުގައި ހުރި ޕެލެޓްތައް އަނެއްކާވެސް ނަގަން ފަށައިފި

ބޮޑުތަކުރުފާނު މަގުގައި ހުރި ޕަލެޓުތައް ނަގަނީ-- ފޮޓޯ: ސިޓީ ކައުންސިލް

މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުންނަ ޕެލެޓްތައް މާލޭ ސިޓީ ކައުންސިލުން ނަގަން ފަށައިފިއެވެ.

މީގެ ކުރިންވެސް މަގުތަކުގައި ޕާކު ކުރަން ޚާއްސަ ޖާގަތަކުގައި ޕެލެޓްތައް ބަހައްޓާ މައްސަލަ ފެންމަތިވެފައިވެއެވެ. އެގޮތުން މާލޭގެ ގިނަ ގެތަކުގެ ދޮރުމަތީގައިއާއި ފިހާރަތަކުގެ ކުރިމަތީގައި ހުއްދަ ނުހޯދައި ޕެލެޓް ބަހައްޓާ ހަދަައެވެ.

އެކަމުގެ ސަބަބުން ވެހިކަލްތައް ޕާކު ކުރުމަށް ވަރަށް ބޮޑު ދަތިވާ ކަމުގެ ޝަކުވާ މީހުންކުރެއެވެ. އަދި ގަރާޖުތައް ކުރިމަތީގައި ޕިކަޕް ޕާކު ކުރުމަށް ދުރާލާ ޕެލެޓްތައް ބަހައްޓާ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފައެވެ.

މިއަދު މާލޭ ސިޓީ ކައުންސިލުން ވަނީ ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައި ހުރި ޕުލެޓްތަކެއް ނަގާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު އާމިނަތު ޝަތުފާ "ސަން"އަށް ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް ނަގާފައިވަނީ ކިތައް ޕެލެޓުކަން ސީދާ ބުނަން ނޭނގުނު ނަމަވެސް، ގިނަ އަދަދެއްގެ ޕެލެޓު މިހާރު ނަގާފައިވާ ކަމަށެވެ.

ޕާކިން ޒޯނުތަކުގައި ފިލާ ބެހެއްޓުމަކީ މަނާކަމެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ކުރިންވެސް އިޢުލާނު ކޮށްފައެވެ.

މިދިޔަ އަހަރު ސިޓީ ކައުންސިލުން ވަނީ ޕާކުކުރަން ދަތިވާ ގޮތަށް ޕެލެޓުތައް މަގުމަތީ ބަހައްޓާނަމަ ނަސޭހަތްތެރިވެ، އޭގެ ފަހުން ވެސް ޕެލެޓު ނުނަގާ ނަމަ ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ދިފައެވެ. އެގޮތުން ޖޫރިމަނާ ކުރުމަށް ނިންމާފައިވަނީ 500 ރުފިޔާއިން ފެށިގެންނެވެ.

comment ކޮމެންޓް