"ކީކުރީ އޭނަ؟" ރާދިން އަނޫފްއަށް ބަލައިލުމާއެކު، ކޮފީތަށި ތުމުގައި ޖަހައިގެން އިން އަނޫފް ކޮށިއަރާގޮތްވިއެވެ.

"އަނެއްކާ އަންހެން މަންޖެއެއްގެ ކަމެއް ދޯ…" އަނޫފްއަށް ވީ ގޮތުން ރާދިން ގާތަށް ހިނި އަންނަގޮތްވިއެވެ.

"މައާލްގެ ބެސްޓީއާއެކު ކުރިން ރެއަކު އައިސް އަހަރެމެން ކުރިމައްޗަށް ޖެހުނީ…" ނަސީފް ބުނެލިއެވެ.

"އާ... އަހަރެމެންނާއެކު ކޮފީއަށް ނާދެވުނީ ބިޒީ ކަމުންނޯ. އެކަމަކު އެންމެފަހު ވަގުތު އައިސް ވަދެވުނީ އެއް ރެސްޓޯރެންޓަކަށް." ލީވާން ހެމުން ހެމުން ކިޔައިދިނެވެ.

"އޭތް. ކީކޭ… މަށަށް ނޭނގޭ ކަމެއް ތީ އަދި. އެ ތެދެއް؟" ރާދިންއަށް ބުނެވުނެވެ. އަނޫފް ބޯ ކަހާލަމުން އާއެކޭ ބުނެލިއެވެ.

"ކިހިނެއްވީ ކަމެއް ތީ؟" ރާދިންއަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ.

"އަހަރެމެން އެންމެން މީގެ ދެ ހަފްތާ ވަރު ކުރިން ދިޔައިމެއްނު ތިގެއަށް މައާލްއާ ބައްދަލުކުރަން. އެރޭ އެ މަންޖެވެސް އުޅުނެއްނު. އެތަނުންކަމަށްވަނީ ނަންބަރާ އެއްޗެހި އެކަކު އަނެކަކަށް ދިނީ." ނަސީފް ހީނގަތެވެ. އެ ހުނުމުގައި އެންމެންވެސް ބައިވެރިވެ އަނޫފްއާ ދިމާކުރަން ފެށިއެވެ.

އެފަދަ ވާހަކަތަކެއްގައި އެތައް އިރަކު އެމީހުން ތިބެފައި، ގެއަށް ދާން ނުކުމެފައި ރާދިން އަނޫފްއާ ވާހަކަދެއްކިއެވެ.

"ސާދާއަކީ ރަނގަޅު ކުއްޖެއް އިނގޭ… އަހަންނަށް އެނގޭ ކަލޭ ތީ އަންހެން ކުއްޖެއްގެ އިޙްސާސްތަކާ ކުޅޭނެ މީހެއް ނޫންކަން. އެއަށްވުރެ ވިސްނޭ މީހެއްކަން ތީ. އެކަމަކު ވެސް އަހަމަ ބުނެލީ އިނގޭ. ސާދާކަހަލަ ކުއްޖަކު ދޫނުކޮށްލާތި." ސާދާގެ ގޮތް ރަނގަޅަށް އެނގޭތީ ރާދިން ބުނެލިއެވެ.

"އާނ. އަހަންނަށް ހަމަ އަސްލުވެސް އޭނަ ކަމުދޭ…" އަނޫފް ބުނެލިއެވެ.

"ތީ ހަމަ އެންމެ ފުރަތަމަ ނަޒަރުން ވެވުނު ލޯބި؟ އެ ދުވަހުގެ ފަހުން…." ރާދިން ފާޑަކަށް ހީނގަނެފައި ބުނެލިއެވެ. ރާދިން އެ ދައްކަނީ ކޮން ދުވަހެއްގެ ވާހަކަކަން އެނގޭތީ، އަނޫފްއަށް އަނެއްކާވެސް ބޯ ކަހާލެވުނެވެ.

"އާނ… އެދުވަހު އަސްލުވެސް ގޮތެއްވި އިނގޭ.. އެކަމަކު މައްސަލައަކީ އަދިވެސް ސީދާ ސީދަލަށް އޭނަ އާބަސް ނުދޭކަން." އަނޫފް ބުނެލުމާއެކު، ރާދިން ހީނލަމުން އަނޫފްގެ ކޮނޑުގައި ޖަހާލިއެވެ.

"ސާދާ ކަލޭއާއެކު ޑޭޓަކަށް ދިޔައިއްޔާ އޭގެ މާނައަކީ އޭނައަށް ވެސް ކަލޭ ކަމުދަނިއްޔޭ. އެހެން ނޫނީ އެއީ ކޮންމެ ކޮންމެ މީހަކާ އެކު އެގޮތަށް ދާނެ އަންހެން ކުއްޖެއް ނޫން." ރާދިން ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ.

"އޭތް. ތިޔެއް ނޫނޭ! އަދި އެބައޮތް އެއްވާހަކަ. ކުރިން ދުވަހު މަ މަންމަ ޑޮކްޓަރަށް ދައްކަންވެގެން ދިޔައިރު، ސަޖާ އުޅުނު ޑޮކްޓަރަށް ދައްކަން ގެނެސްގެން. އޭނައާ ހަވާލުވެގެން ހުރި ދެ އަންހެން އޮފިސަރުންގެ ތެރެއިން އެކަކީ މަ ދަންނަ މީހެއް. ސަޖާ މާ ބަލި ވައްތަރު ޖަހާތީ މިބުނާ އޮފިސަރު ކައިރިން މަ އަހާލިން ކިހިނެއްވީހޭ. ބުނީމަ ބުނި ސަޖާ ބަލިކަމުންނޭ… އަދި ބުނި އެއްވެސް އުންމީދެއް ނެތޭ ރަނގަޅުވާނެކަމުގެ. އޭނަ ސީދާ ސީދަލަށް ސަޖާގެ ބަލި ނުބުންޏަސް ވާހަކަތަކުން އަހަންނަށް ޔަޤީންވި ވަރަށް ބޮޑު ބައްޔެއް ސަޖާއަށް ޖެހިފައިވާކަން…. ސަޖާގެ މޫނުމަތި ވެސް ހުރީ އެއްކޮށް މިލާފަ. ބަލާލާފަ ހިޔެއްނުވޭ އެއީ ކުރީގެ ކިބުރުވެރި، ބޮޑާ ސަޖާހެންވެސް. ފަހުން އަނެއްކާ ލޭނަގަން ލެބޯޓްރީގަ ތިއްބާ ސަޖާއަށް އަހަރެން ފެންނަން ވެސް ފެނުނު. އިރުކޮޅަކު ބަލަން ހުރުމަށްފަހު ނަޒަރު ވަކިކޮށްލާ އިސްޖަހާލި ގޮތަށް ދެން ބަލާވެސް ނުލި. ހީވި އެއްޗެއް ބުނަން އުޅުނުހެންވެސް." އަނޫފް ރާދިންއާ ހިއްސާކޮށްލިއެވެ.

"އެހެންތަ؟" އެހެން ބުނެލުން ފިޔަވާ އިތުރު އެއްޗެއް ރާދިން ނުބުނެއެވެ.

އިރުކޮޅަހު ވާހަކަ ދައްކަން ހުރުމަށްފަހު، އަނޫފްވެސް ގެއަށް ދާން ނައްޓާލުމުން، ރާދިންވެސް ދިޔައީ ގެއަށެވެ. އޭނާ އާ މައާލްއާ މިހާރު އުޅެނީ މުނީރާއެކު މޫން ވެލީގައެވެ.

އެރޭ ނިދަން އޮށޯވެފައި، ރާދިން އަނޫފްއާ ސާދާގެ ވާހަކަ މައާލްއާ ގާތު ބުނުމުން މައާލް ބުނީ އެ ވާހަކަ ސާދާ އޭނާއާ ހިއްސާކުރިކަމުގައެވެ. އަދި އަނޫފްއަކީ ރަނގަޅު ޒުވާނެއްކަމުގައި އޭނާ ސާދާގެ ކައިރީގައި ބުނި ކަމުގައެވެ. ވިސްނާލާފައި ވަރަށް އަވަހަށް ސާދާ އަނޫފްއަށް ޖަވާބެއް ދޭނެކަމުގައި ބުނެފައިވާކަމުގައިވެސް މައާލް ރާދިންގެ ކައިރީގައި ބުންޏެވެ. އަނޫފްގެ ރަނގަޅުކަން އެންމެ ފުރަތަމަ ދުވަހުވެސް އޭނާއަށް އިޙްސާސްވިކަމުގައި ބުނެލުމަށްފަހު، އޭނާގެ ލޮލަށް ނުފެންނަ އިރު އަނޫފް އޭނާ ސަލާމަތް ކޮށްދިންކަން ވެސް މައާލް ހަނދާންކޮށްލިއެވެ.

***

ޖެހިގެން އަދި ދުވަހު ރާދިންއާ މައާލްއާ ދެމީހުން އުޅުނީ ވަރަށް ބުރަކޮށެވެ. ފުރަން ވާއިރަށް ގަންނަން ޖެހޭ އެއްޗެހި ގަނެ ޕެކްކުރުމުގައެވެ. އޭގެ އިތުރުން ރާދިން، ޕެލެސް ވެލީގައި ހުރި ހުރިހާ ސާމާނެއްވެސް މޫން ވެލީއަށް ބަދަލުކުރިއެވެ. އަދި މައާލްއަށް ކުރަހަން ވަކިން ޚާއްސަ ކޮޓަރިއެއް އޭނާ މޫން ވެލީގައިވެސް ތައްޔާކުރިއެވެ.

ޖެހިގެން އައި ދުވަހަކީ ފުރަން ހަމަޖެހިފައިވާ ދުވަސްކަމުން މައާލްމެން ފުރުމުގެ ކުރިން ޒުހުރީއާ އޭނާގެ އާއިލާވެސް މައާލްއާ ބައްދަލުކުރަން އައެވެ. މުނީރާއެކު އެ މީހުން އެންމެންވެސް މައާލްމެން ފުރުވަން ދިޔައެވެ.

ބޯޓު ނައްޓާލުމާއެކު މައާލް ތިރިން ފެންނަމުން ދިޔަ ރަށްތަކަށް ބަލާލިއެެވެ. އޭނާ އެ ދަނީ ވީ އެންމެ އަވަހަކަށް ކިޔަވާ ނިންމައިގެން އަވަހަކަށް ރާއްޖެ އައުުމުގެ އުންމީދުގައެވެ. އޭނާ މި ފަސްގަނޑު ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. ބޭނުންވަނީ ރާއްޖޭގައި ބާކީ ދުވަސްތައް ހޭދަކުރާށެވެ. ރާއްޖެއާ މެދު އެ ހިތުގައިވަނީ ވަރަށް ފުން ލޯތްބެކެވެ. ދޮރުން ބޭރު ބަލަހައްޓައިގެން އިން މައާލްގެ އަތުގައި ރާދިން ހިފައްޓާލިއެވެ. އެއާއެކު، މައާލް ރާދިންއަށް ބަލާލިއެވެ. ހިނިތުންވެލައިގެން އިން ރާދިން ފެނި މައާލްވެސް ރާދިންއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

1 އަހަރާ 6 މަސް ފަސް

******************

ހަވީރުގެ ވަގުތެކެވެ. ލަންޑަންގެ އެންމެ ބޮޑު އެއް އާރޓް ގެލެރީކަމަށްވާ "ލަންޑަން އާރޓް އެންޑް ކްރާފްޓްސް" ގެލެރީ ކައިރިއަށް އައިސް ހުއްޓުނު ކާުރުން ޑްރައިވަރު ފޭބުމަށްފަހު، ފަހަތު ދޮރުފަތް ހުޅުވާލުމާއެކު، ކާރުން ފޭބީ ރާދިން ނޫން އެހެން ދެވަނަ ޒުވާނެއް ނޫނެވެ. ކޯޓް ފަޓްލޫނުގައި ހުރިއިރު އޭނާ ފެންނަނީ ވަރަށް ފިރިހެންވަންތަކޮށެވެ. އުނގުގައި އިން ހަމަހަށް ދާ ތުއްތު ކުޑަ ފިރިހެން ކުއްޖާވެސް އިނީ ހުދުކުލައިގެ ގަމީހަކާއެކު، ވެސްޓް ސޫޓެއް ލައްވާލާފައެވެ.

"ލެޓްސް ގޯ…" އަތުގައި އޮތް ރޮލެކްސް ގަޑިއަށް ބަލާލުމާއެކު، އެ ތުއްތު ފިރިހެން ކުއްޖާއަށް ލޯބިން ފުރިގެންވީ ގޮތަކަށް ރާދިން ބަލާލިއެވެ. އެއަށްފަހު. އޭނާ އާރޓް ގެލެރީ ތެރެއަށް ވަންނަން ހިނގައިގަތެވެ. އެ އާރޓް ގެލެރީގެ އެންމެ ބޮޑު ހޯލާ ހިސާބަށް އާދެވުމުން ރާދިން އެތަނުގެ ބޭރުގައި ބަހަައްޓާފައި ހުރި ބޯޑަށް ބަލާލިއެވެ.

"މައާލް ގެ ކުރެހުންތައް" އިނގިރޭސީގެ އިތުރުން، ދިވެހިން ލިޔެފައިވާ ލިޔުންކޮޅު ކިޔާލުމާއެކު ރާދިންގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އެތެރެއަށް ވަނުމާއެކު، އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެތަނުގައި ބަހައްޓާފައި ހުރި ކުރެހުންތަކެވެ. ކެންވަސްގެ އިތުރުން ލަކުޑިއާ އެހެނިހެން އެއްޗެހީގައި ކުރަހާފައިވާ ކުރެހުންތައްވެސް އެތަނުގައި ހުއްޓެވެ. އޭގެ އިތުރުން އަރަބި ކެލިގްރަފީގެ މަސައްކަތްތައްވެސް ހުއްޓެވެ.

"ރާދިން…" އެ ކުރެހުންތަކަށް ގެއްލިފައި ހުރި ރާދިންއަށް ސިހުން ލިބުނީ އޭނާގެ ކޮނޑުގައި މީހަކު އަތް ޖައްސާލުމަށްފަހު، ގޮވާލުމުންނެވެ. އެ އަޑު ޖެހުމާއެކު، އެއީ މައާލްކަން ރާދިންއަށް ޔަޤީންވިއެވެ. އޭނާ ފަސް އެނބުރިލުމާއެކު، މައާލް ހުރި ގޮތް ފެނި އިތުރަށް ހިނިތުންވުން ފުޅާކޮށްލެވުނެވެ.

"ޔޫ ލުކް ބިއުޓިފުލް." މައާލްއަށް ތައުރީފްގެ ބަހެއް ބުނެނުލާ ރާދިންއަކަށް ނުހުރެވުނެވެ. މައާލް ހުރީ، އޭނާގެ ގްރެޖުއޭޝަން ގައުންގައެވެ.

"ޑެޑީއަށް ވަރަށް އުނދަގޫކޮށްލިން ދޯ…" މައާލް ރާދިންގެ އުނގުގައި އިން ތުއްތު ކުއްޖާއަށް ބަލާލުމާއެކު އަތް ދިއްކޮށްލިއެވެ. އެއާއެކު އެ ތުއްތު ކުއްޖާ ހީނލާފައި މައާލްގެ ގާތަށް ދާން އަތް ދިއްކޮށްލިއެވެ. މައާލް އެ ތުއްތު ދަރިފުޅު އުރާލުމާއެކު، ކޮލުގައި ބޮސް ދިނެވެ.

"ނޫން. އެއްވެސް އުނދަގުލެއް ނުކުރެ، ދޯ ޔާލް!…ޔާލްއަށް ވެސް އެނގެޔޭ މަންމި ޔާލް ނުލާއައީ މިތަން ތައްރާުކުރަންކަން." ރާދިންވެސް ސަކަރާތްޖަހަމުން އެ ދަރިފުޅުގެ ކޮލުގައި ކުޑަކޮށް ހިފާލިއެވެ. އެ ދަރިފުޅުގެ ނަމަކީ މިޒްޔަލްއެވެ. މިޒްޔަލްއަކީ އޭނާއާ މައާލްގެ ލޯބީގެ ނިޝާނެވެ. އެ ދަރިފުޅު ވެފައިވަނީ އެ ދެމީހުންގެ ޙަޔާތަށް ލިބުނު އުފާވެރިކަމަކަށެވެ. މިޒްޔަލް ބޮޑަށް ވައްތަރީ ރާދިންއާއެވެ. ހަމުގެ ކުލައާއި އިސްތަށިކޮޅުވެސް އޮންނަނީ ހަމަ ރާދިންއާ ދާދި އެއްގޮތަކަށެވެ. އެހެންނަމަވެސް، މިޒްޔަލްގެ ވެސް އެންމެ ތަފާތު ސިފައަކަށް ފާހަގަކުރެވެނީ ލޮލެވެ. މައާލްގެ ލޮލުގެ ކުލަ ގޮތަށް ސީދާ "އެންބަރ" ކުލައިގެ ލޮލެއް ނޫންނަމަވެސް މިޒްޔަލްއަށް ލިބިފައިވަނީ ވަރަށްވެސް މަޑުމަޑު މުށި ކުލައެއްގެ ކަޅިއެކެވެ. މިޒްޔަލްއަށް ބަލާލާ ކޮންމެ މީހަކުމެ އެ ތުއްތު ދަރިފުޅަށްޓަކާ ފިދާވާނެފަދަ ލޯބިކަމެއް އެ ތުއްތު ކުއްޖާއަށް ލިބިފައިވެއެވެ.

ލަންޑަނަށް އައިސް، ކިޔަވަން ފެށިތާ މާ ގިނަ ދުވަސްތަކެއްނުވެ މައާލް މިޒްޔަލްއަށް ބަނޑުބޮޑުވިނަމަވެސް ކިޔެވުމުން ބްރޭކްއެއް ނަގާކަށް މައާލް ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް، ކަންތައް ދިމާކުރި ގޮތުން ވަކި ހިސާބަކުނ މައާލް ބަލިވެގެން ކިޔެވުން މެދު ކަނޑާލަން ޖެހުނެވެ. އެބައި އޭނާ ފުރިހަމަކުރީ މިޒްޔަލް ލިބުނު ފަހުންނެވެ. ކިޔެވުން ފުރިހަމަކުރުމަށް އެންމެ ބޮޑު ހިތްވަރެއް އޭނާއަށް ލިބުނީ ރާދިންގެ ފަރާތުންނެވެ. މައާލް ކޮލެޖަށް ދާ ވަގުތުތަކުގައި ރާދިން ދިޔައީ އޭނާގެ ހުރިހާ ވަގުތެއް ކުޑަ ދަރިފުޅަށްޓަކާ ހުސްކުރަމުންނެވެ. ދޭތެރެ ދޭތެރެއިން މުނީރާ ޒުހުރީވެސް ލަންޑަނަށް އާދެއެވެ. މައާލް ވިހެއި ފަހަރު އެ ދެމީހުން ތަންކޮޅެއް ގިނަ ދުވަހު މަޑުވެސް ކުރިއެވެ.

"ތެންކިއު ސޯ މަޗް ރާދިން…" މައާލް ރާދިންއަށް ޝުކުރުވެރިވިއެވެ. އޭނާ އެތަނަށް ވަށައިގެން ބަލާލިއެވެ. މިއަދު އެ ފުރިހަމަވީ އޭނާގެ އުންމީދެކެވެ. ކުޑަ އިރުއްސުރެ ދެކެމުން އައި ހުވަފެނެކެވެ. އެތަނުގައި ހުރި ކޮންމެ ކުރެހުމަކީ ވަރަށް ބުރަ މަސައްކަތެވެ. އެއް އަހަރަށް ވުރެ ގިނަ ދުވަހުގެ މަސައްކަތް އެ ތަނުން ފެނިގެން ދާއިރު ޖުމްލަ ފަންސަވީސް ހުރެހުން އެތަނުގައި ހުއްޓެވެ. އެ ހުރިހާ ކުރެހުމަކީ ވެސް މައާލްގެ ކުރެހުންތަކެވެ. އެ މައުރަޒު އޭނާ ޚާއްސަކުރީ އޭނާގެ މުޅި އާއިލާއަށެވެ. ޝާކިރާ ފަހުމާއާއި، އޭނާގެ ބައްޕައާއި މުނީރާ ރާދިންއަށާއި އޭނާގެ ތުއްތު ދަރިފުޅަށެވެ. އަދި ނުފެނުނެއްކަމަކު އޭނާ މި ދުނިޔެއަށް އައުމަށް މެދުވެރިވި ސަބަބު ކަމެއްވަ މަންމަ "މަޝާރާ" އަށެވެ.

މައާލް ގްރެގުއޭޓްވީ މީގެ ތިން ދުވަސްކުރިންނެވެ. ގްރެޖުއޭޝަން ފޮޓޯ ޝޫޓް އޭނާ ނަގަން ބޭނުންވީ އޭނާގެ ކުރެހުންތަކު ތެރޭގައެވެ. މި އާރޓް ގެލެރީތެރޭގައެވެ. އެ ދުވަހު ފޮޓީ ނުނަގާ އޭނާ މަޑުކުރީވެސް މިކަން މާކުރިން ރޭވިފައި އޮތުމުންނެވެ.

"ކޮން އިރަކުންތަ ފޮޓޯ ގްރާފަރ އަންނަނީ؟ މީހުންތައް އައުމުގެ ކުރިން ޖެހޭނެއެއްނު ޝޫޓް ނިންމާލަން." ގަޑިއަށް ބަލާލަމުން ރާދިން ސުވާލުކޮށްލިއެވެ.

"މިހާރު އަންނަން އުޅޭނެ." މައާލް ބުނެލިއެވެ. އެއަށްފަހު، އޭނާ އަނެއްކާވެސް މިިޒްޔަލްއާ ސަކަރާތް ޖަހާލިއެވެ. ފޮޓޯ ގްރާފަރ އައުމުން މައާލް އޭނާގެ ގްރެޖުއޭޝަން ފޮޓޯތައް ނެގިއެވެ. ރާދިންއާ މިޒްޔަލްއާއެކުވެސް އެތަކެއް ފޮޓޯތަކެއް މައާލް ނެގިއެވެ. ފޮޓޯތައް ނަގާފައި ފޮޓޯގްރާފަރ ދިޔުމުން މައާލް ރާދިންއަށް އަދިވެސް އެއްފަހަރު ޝުކުރު އަދާކުރިއެވެ.

"ރާދިންއާ ނުލާ އަހަންނަށް މިހާ ހިސާބަށް ނާދެވޭނެ. ތެންކިއު ފޯ ސަޕޯޓިން މީ…" މައާލްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.

"އަދި ރޯކަށް ނުވެއެއްނު. ކިހާ އުފާވެރި ދުވަހެއްތަ މީ… އައި ވިލް ޑޫ އެނީތިންގް ފޯ ޔޫ… އައި ލަވްޔޫ…" މިޒްޔަލް އުރާލައިގެން ހުރެ ރާދިން މައާލްގެ ލޮލުން އައި ކަރުނަތައް ފުހެލިއެވެ. މައާލްގެ ލޮލުގެ ތެރެއަށް ފީނާލަން ބޭނުންވެފައި އިރުކޮޅަކު އޭނާ އަށް ހުރެވުނެވެ. އެހެންނަމަވެސް، އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން އޭނާ މައާލްގެ ނިތުގައި ބޮސް ދިނެވެ. މާގިނަ އިރުތަކެއްނުވެ އެތަނަށް މީހުން ވަންނަން ފަށައިފިއެވެ.

އެ މައުރަޒުގައި ހުރި ހުރިހާ ކުރެހުމެއްވެސް ވިކުނެވެ. އެއީ މައާލްއަށް ލިބުނު ވަރަށް ބޮޑު އުފާވެރިކަމެކެވެ. ބޮޑު އާރޓް ގެލެލީއެއްގެ ތެރޭގައި އޭނާގެ ކުރެހުންތައް މީހުންނަށް ފެންނާނެހެން ދައްކާލުމަކީ އޭނާ ކުޑަ އިރުއްސުރެވެސް ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެން ސީދާ ވީ ކަމަށްޓަކައި އޭނާއަށް އެންމެ ފުރަތަމަވެސް ޝުކުރު ކުރެވުނީ ﷲގެ ހަޟްރަތަށެވެ. އެއަށްފަހު، އޭނާގެ ފިރިމީހާއާ އާއިލާއެވެ. ކިޔަވަމުން ކުޑަ ދަރިފުޅަށް ވީހާވެސް ގިނަ ވަގުތު ދެމުން ކުރެހުންތައް ފުރިހަމަކުރުން ބޮޑު ގޮންޖެހުމަކަށް ވީނަމަވެސް، ރާދިންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއެކު، އޭނާ އެ މަސައްކަތް ނިންމާލީ ވަރަށްވެސް ފުރިހަމަކަމާއެކުގައެވެ.

"ބައްޕަމެންވެސް މިކޮޅުގައި ތިބި ނަމަ ދޯ." މައާލް އެހެން ބުނެލީ އެރޭ އެތަނުން ނުކުންނަމުންނެވެ. ރާދިންވެސް ހީނލަމުން އާއެކޭ ބުނެލިއެވެ. ގެއަށް ދާން ކާރަށް އެރިތަނާ މިޒްޔަލް ނިދައިފިއެވެ.

"ނިދީ ދޯ." މައާލް އުނގުގައި ނިދާލާފައި އޮތް މިޒްޔަލްއަށް ބަލާލާފައި ރާދިން ބުނެލިއެވެ.

"އާނ. އަންނަން ވެގެން ހޭލިގޮތަށް ނުނިދައޭ ވިއްޔަ ރާދިން ބުނީ.." މައާލް ބުނެލިއެވެ.

"ގެނޭ އަހަރެން އަތަށް." މައާލް ރާދިންއަތަށް މިޒްޔަލް ލައިދިނެވެ. ގެއަށް އާދެވުމާއެކު، ޑްރައިވަރު ކާރު މަޑުކޮށްލާފައި އައިސް ދޮރު ހުޅުވާލުމާއެކު، ރާދިންއާ މައާލްއާ ދެމީހުން ނުކުތެވެ. ކޮޓަރިއަށް ގޮސް މިޒްޔަލް އޭނާގެ އެނދުގައި ބާއްވާފައި ރާދިން، މައާލްއާ ދިމާލަށް އެނބުރިލިއެވެ. އޭނާ އަތް ދިއްކޮށްލުމާއެކު، މައާލް އައިސް ރާދިންގެ އުނަގަނޑުގައި އޭނާގެ އަތް އަޅުވާލިއެވެ.

"ތެންކިއު ސޯ މަޗް… ރާދިންއަށް ޝުކުރު ކުރާނެ ގޮތެއް ހަމަ ހަޤީގަތުގައިވެސް އަހަންނަކަށް ނޭނގެ. އަހަންނާއެކު ރާދިން ނެތްނަމަ، މި ހުރިހާކަމެއް މިހާ ފުރިހަމައަށްކޮށް ނިންމާލުމަކީ އަހަންނަށް ކުރަން ފަސޭހަކަމަކަށް ނުވާނެ! އަހަރެން ބަނޑުބޮޑުއިރު، ރާދިން އަހަންނަށްޓަކާ ވީ ޤުރުބާނީ ހަނދާނެއް ނުނެތޭ. އަދި ވިހެއުމަށްފަހުވެސް. ކިޔެވުމަށް އަހަންނަށް ވަގުތު ދޭންވެގެން ރާދިންގެ ހުރިހާ ވަގުތައް ރާދިން ޤުރުބާންކުރީ އަހަރެމެންގެ ތުއްތު ދަރިފުޅަށްޓަކާ." މައާލްގެ އަޑުން އޭނާ ރޮނީކަން ދޭހަވުމާއެކު، ރާދިން މައާލް ދުރުކޮށްލިއެވެ.

"އަހަރެން މީ މާލްގެ ފިރިމީހާއޭ… އަހަރެން މާލްއަށް އެއްބާރުލުން ނުދޭނަމަ… އެހީތެރިނުވާނަމަ ދެން ކާކު ހުންނާނީ… ކޮންމެ ކަމެއްވެސް އަހަރެން ކުރީ އުފަލުން. މިހާ އުފާވެރި ރެއެއް... ކީއްވެ ރޮނީ؟" ރާދިން މައާލްގެ ކަރުނަތައް ފުހެދިނެވެ.

"ބައެއް މީހުންނަށް އުފަލުންވެސް ރޮވޭނެ." މައާލް ހިނިތުންވެލިއެވެ. ރާދިން ހީނލާފައި އަނެއްކާވެސް މައާލްއަށް އޭނާގެ އަތުގެ ހިމާޔަތް ދިނެވެ. ރާދިން ކުއްލިއަކަށް މައާލް އޭނާގެ އަތްދަނޑި މައްޗަށް އުފުއްލާލުމުން ބޭއިޚްތިޔާރުގައި މައާލްއަށް ހަޅޭއްލަވައިގަނެވުނެވެ.

"ޝްޝްޝް… ޔާލް ނިދާފައޭ…" ރާދިން މިޒްޔަލް އޮތް އެނދާ ދިމާލަށް ބަލާލުމަށްފަހު، ބުނެލުމާއެކު މައާލްއަށް ހީނލެވުނެވެ. ރާދިން މައާލް ގޮވައިގެން ހިނގައިގަތީ އެނދާ ދިމާލަށެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ނާސްތާގެ ވަގުތަވެެ.

"މާދަމައަށް ޓިކެޓް ކޮންފާރމްކޮށްފިން ދޯ." މައާލް ސުވާލުކޮށްލުމާއެކު، ރާދިން އާއެކޭ ބުނެލިއެވެ.

"މިއަދު ވާނެ ޝޮޕިންއަށް ގޮސްލަން ދޯ." ރާދިން އެހެން ބުނެލުމާއެކު، މައާލް އެކަމާ އެއްބަސްވިއެވެ. ކައިގެން މިޒްޔަލްވެސް ގޮވައިގެން މައާލް އާ ރާދިންއާ ދެމީހުން ދިޔައީ ފުރަން ވާއިރަށް ބާޒާރުކޮށްލުމުގެ ބޭނުމުގައެވެ. އެމީހުން ރަޙްމަތްތެރިންނާ އާއިލާގެ މީހުންނަށް ތަފާތު ހަދިޔާތައް ގަތެވެ.

ބޭރުގައި އުޅެފައި އެމީހުން ގެއަށް އައީ ހަވީރެވެ. އައި ގޮތަށް ޕެކްނުކުރެވި ހުރި އެއްޗެހި ޕެކްކުރުމަށްފަހު، ކުރަން ހުރި ކަންތައް ނިންމާލިއެވެ. އެއަށްފަހު ރާދިން ދިޔައީ ލަންޑަންގައި ހުންނަ "ސްޓާރ ޕެލެސް" ބަލަހައްޓަން އެމީހުން ހަވާލުކުރާ މީހުންނާ ބައްދަލުކުރާށެވެ. ގަޑިއިރެއްފަހުން އޭނާ އައިއިރު، މިޒްޔަލް ނިންދަވާފައި މައާލް އުޅެނީ މިޒްޔަލްގެ ޕެކް ނުކުރެވި ހުރި އެއްޗެހިތައް ޕެކްކުރާށެވެ. ރާދިން އައިސް މައާލްއަށް އެހީތެރިވެދިނެވެ. އެ މަސައްކަތްކޮށްފައި، ރާދިންމެންނަށް ނިދުނުއިރު ދަންވަރު ބާރަޖަހަނީއެވެ. ގަޑިން ދެއެއް ޖަހަން އުޅެނިކޮށް މައާލްއަށް ހޭލެވުނީ ކުޑަ ދަރިފުޅު ރޮއިގަތް އަޑަށެވެ. އޭނާ ތެދުވެގެން ގޮސް މިޒްޔަލް ނަގައިގެން މަސަލަސްކުރަން އުޅެނިކޮށް ރާދިންވެސް ހޭލައިފިއެވެ.

"ހޭލީތަ؟" ނިދި ބަރު އަޑަކުން ރާދިން ސުވާލުކޮށްލަމުން ތެދުވެލިއެވެ.

"ބަނޑުހައިވީކަންނޭނގެ. ރާދިން ނިދާލާ. އަހަރެން މިޒްޔަލް ނިންދަވާލާނަން." މައާލް ބުނެލިއެވެ. އެކި ގޮތްގޮތުންވެސް މިޒްޔަލް ހުއްޓުވުން މައާލްއަށް ވީ އުނދަގޫކަމަކަށެވެ.

"ދީބަ އަހަަރެން އަތަށް." ރާދިން މިޒްޔަލް އުރާލުމާއެކު، އިރުކޮޅަކުން ހުއްޓާލައިފިއެވެ. ރާދިން އޭނާގެ މޭމަތީގައި މިޒްޔަލް ބާއްވާލައިގެން އޮތެވެ. އިރުކޮޅަކުން މިޒްޔަލް ނިދައިފިއެވެ. މައާލް ރާދިންއަށް ބަލައިލިއިރު، ރާދިންއަށްވެސް އޮތީ ނިދިފައެވެ. ހިނިތުންވެލާފައި އޭނާ ފޯނު ނަގާފައި ފޮޓޯއެއް ފޯނުގައި ރައްކާކޮށްލިއެވެ.

****

ފުރުން އޮތީ ރޭގަނޑު ނުވައެއް ޖަހާއިރު ނަމަވެސް ފްލައިޓް ޑިލޭވެގެން ވެސް އިތުރު ގަޑިއިރެއް މަޑުކުރަން ޖެހުނެވެ. ފްލައިޓަށް އަރާފައި މިޒްޔަލް ރޯން ފެށުމުން މިފަހަރުވެސް ރާދިން މިޒްޔަލް މަސަލަސްކޮށްލިއެެވެ. އޭނޭ މޭމަތީގައި މިޒްޔަލް ޖައްސާލައިގެން އިންތަން ފެނި މައާލް ހިނިތުންވެލިއެވެ.

"ހާދަ ވަރަކަށް ތިބަލަނީ… އަހަރެންވެސް ލަދުގަނޭ!" މައާލް އޭނާއަށް މާ ވަރަކަށް ބަލާތީ ރާދިން ހީނލިއެވެ.

"އެއްޗެއް ދައްކާލަން؟" މައާލް އޭނާގެ ފޯނު ނެގާ އޭނާ ރޭގައި ނެގި ފޮޓޯ ދައްކާލިއެވެ.

"ފޮޓޯ ނެގީ ދޯ…" ރާދިން ބުނެލިއެވެ.

"ރާދިންއަަށް އެކަންޏެއް ނޫނެއްނު ނޭނގި ފޮޓޯ ނެގޭނީ…" މައާލްގެ އެ ޖުމްލައާއެކު، ރާދިންގެ ގާތަށް ހިނި އައެވެ.

ގައިގަނޑަކަށް އެގާރަ ގަޑިއިރުގެ ދަތުރަކަށްފަހު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފްލައިޓް ޖައްސައިފިއެވެ. މިޒްޔަލް އޮތީ ނިދާލާފައެވެ. އިމިގްރޭޝަން ކައުންޓަރ އިން ހުރިހާ ކަމެއް ނިންމާލައިގެން ނުކުމެވުނުއިރު، ގަޑިން މެންދުރު އެގާރަ ޖަހާ ބޮޑުވަނީއެވެ. އޭރު އެރައިވަލް ގޭޓު ދޮށުގައި، މުނީރާ ޒުހުރީ ހުއްޓެވެ. އެމީހުންނަށް ވުރެ ތަންކޮޅެއް ފަހަތުގައި ސާދާގެ އިތުރުން އަނޫފް ވެސް ހުރިތަން ފެނުނެވެ. އެ އެންމެން ފެނި ރާދިންއާ މައާލްގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

ކުޑަކޮށް ކުކުރާލުމަށްފަހު، މިޒްޔަލް ހޭލީ އެވަގުތެވެ.

"ހޭލީދޯ…" މުނީރު މިޒްޔަލްއަށް ބަލާލަމުން ބުނެލިއެވެ. ޒުހުރީވެސް ދަތުރާ ބެހޭ ގޮތުން ރާދިންއާ ސުވާލުކޮށްލިއެވެ.

ޑްރައިވަރު އައުމުން ފޮށިތައް އެރުވުމަށް ރާދިން ޑްރައިވަރަށް އެހީތެރިވާން ފެށުމުން އަނޫފްވެސް ރާދިންގެ ކައިރިއަށް އައިސް އެހީތެރިވާން ފެށިއެވެ. ސާދާ މައާލްގެ ގައިގައި ބައްދާލަމުން މަރުހަބާ ކިޔެވެ.

"ކޮބާ ކޮން އިރަކުން ދެން މެރީ ކުރަނީ؟" އަނޫފް ކުރެން ރާދިން ސުވާލުކޮށްލިއެވެ.

"އުޅެންވީ ތިކަމާ ދެން." އަނޫފް ހީނލިއެވެ.

މައާލްމެންނާއެކު، "މޫން ވެލީ"އަށް ސާދާމެންވެސް ދިޔައެވެ. ނާސްތާކުރީ އެންމެން އެކުގައެވެ. އެއަށްފަހު، ރާދިންމެން އަރާމުކޮށްލަން ވަނުމުން ސާދާއާ އަނޫފްއާ ދެމީހުން ވެސް ދާންވެގެން ނުކުމެލިއެވެ. އަސުރު ނަމާދުކޮށްލައިގެން ރާދިންއާ މައާލް މިޒްޔަލް ގޮވައިގެން ދިޔައީ ޕެލެސް ވެލީއަށެވެ. އެގެ ސާފުކޮށް ބެލެހެއްޓުމަށް ނޯކަރުން ތިބެއެވެ. އޭވާއަށް މައާލް ފެނުުމުން ހުރީ ވަރަށް އުފާވެފައެވެ. ބަގީޗާއަށް ނުކުމެފައި ޕޫލް ދޮށުގައި މައާލްއާ ރާދިންއާ އެތަކެއް އިރަކު މިޒްޔަލްއާ ސަކަރާތް ޖަހަން ތިއްބެވެ. އެއަށްފަހު، އެތެރެއަށް ވަނުމަށްފަހު، ގޭގެ ތަންތަން ވެސް ބަލާލިއެވެ. ޕެލެސް ވެލީ ހޮޓެލަކަށް ބަދަލުކުރުމަށް ރާދިން ވަނީ ނިންމާފައެވެ. އެ ޚިޔާލު އޭނާއަށް ދިނީ މައާލްއެވެ. މައާލް އެގޮތް ބޭނުންވީ ބަޔަކު ނޫޅި އެގޮތަށް އެތަން ބަހައްޓަން ބޭނުން ނުވާތީއެވެ. އޭނާ ވަނީ ކުންފުނީގައި އާރކިޓެކްޓްގެ ގޮތުގައި މަސައްކަތް ކުރަން ނިންމާފައެވެ. އަދި އެ ހޮޓެލް ޑިޒްއިން ކުރުމަށް ވެސް ނިންމީ މައާލްއެވެ. ރާދިން ވެސްް ވަނީ ސްޓާރ ކުންފުނި ހިންގުމުގެ އިތުރުން އޭނާގެ ބައްޕައަށް ވެސް އެހީތެރިވާން ނިންމާފައެވެ.

އެގޭގައި ތިބެފައި އެމީހުން ގެއަށް ދިޔައީ އިޝާ ފަހުންނެވެ. ދިޔައިރު މުނީރާ ޒުހުރީ ސިޓިން ރޫމުގައި ތިއްބެވެ.

"ދަރިފުޅުމެން އަންނަންދެން މިތިބީ… ހިނގާ ކާން ދަމާ…" މުނީރު ބުނެލިއެވެ.

ނާސްތާއަށްފަހު މައާލްއާ ރާދިންއާ މިޒްޔަލް ގޮވައިގެން ކޮޓަރިއަށް ވަތްތާ ގިނަ އިރެއްނުވެ މިޒްޔަލް ނިދައިފިއެވެ. މިޒްޔަލްއަށްޓަކައި ތައްޔާރުކޮށްފައިވާ އެނދުގައި މިޒްޔަލް ބާއްވާލުމަށްފަހު، މައާލް އެނބުރިލުމާއެކު، އޭނާ ޖެހުނީ ރާދިންގެ މޭމަތީގައެވެ. އެނހިނދު ރާދިންގެ ދެ އަތުގައި މައާލްއަށް ހިފައްޓާލެވުނެވެ. ރާދިން ހިފެއްޓީ މައާލްގެ އުނަގަނޑުގައެވެ. ދެމީހުން މިޒްޔަލްއަށް ބަލާލިއެވެ. އޭރު އެ ދެމީހުންގެ ތުންފަތްމަތީގައިވެސް ވަނީ ނުފިލާފަދަ ފުޅާ ހިނިތުންވުމެކެވެ. މިއަދު އެ ދެމީހުންގެ ޢާއިލާ ވަނީ ފުރިހަމަވެފައެވެ. އެ ދެމަފިރިންގެ ހިނިތުންވުމުން ނިމުމެއް ނެތް އުފާވެރިކަމެއް ލިބިފައިވާ ފަދައެވެ.

މައާލް މަޑުމަޑުން ރާދިންއާ ހަތަރުކަޅި ހަމަކޮށްލި އެވެ. މައާލްއަށް ރާދިންގެ ލޮލުން އޭނާއަށްޓަކައި ވާ ފުން ލޯބި ނޫން އެއްޗެއް ނުފެނެއެވެ. ރާދިން އޭނާއަށްޓަކައި ވީ ޤުރުބާނީ މަތިން އޭނާ އަބަދުވެ ހަނދާންކުރާނެއެވެ. އޭނާ ބޭނުންވަނީ އުމުރު ދުވަހު މި އުފާވެރިކަމުގައި ރާދިންއާއެކު ވާށެވެ. އޭނާގެ ހިތުން ރާދިންއަށްޓަކައި ދެވިފައިވަނީ ވަރަށް މަތިވެރި ޤަދަރަކާއި ލޯތްބެކެވެ. ދުވަހެއް ދުވަހަކަށް އެ ލޯބި ދަނީ ކުރިފަޅާ ހެދެމުންނެވެ. ރާދިންއަށްޓަކައި އެހިތުގައިވާ އިޙްސާސްތަކާ ޖަޒުބާތުތައް އޭނާގެ ހިތުގައި ދަނީ އިތުރުވަމުންނެވެ.

ރާދިން މައާލްގެ ނިތަށް ބޮސްދިނެވެ. ރާދިންގެ ތުންފަތް މައާލްގެ ނިތުގައި ޖެހުނު ހިނދު އޭނާގެ ގައިން ހީބިނި ނެގިއެވެ.

ރާދިން އަނެއްކާވެސް މައާލްއާ ހަތަރުކަޅި ހަމަކޮށްލިއެވެ. މައާލްގެ "އެންބަރ" ކުލައިގެ ދެލޮލުގެ ތެރެއަށް ރާދިން ގެއްލުނީ ހިނދުކޮޅެއްގެ ތެރޭގައެވެ. އެ ލޮލުގެ ފުންކަމާއި ތޫނުކަމަކީ، މިއަދާ ހިސާބަށް އައި އިރުވެސް އޭނާއަށް އާދަނުވެވުނު ކަމެއް ފަދައެވެ. އެންމެ ފުރަތަމަ އެ ދެލޮލުން އޭނާއަށް ކުރުވި އަސަރު މިއަދުވެސް ކުރުވައެވެ. އެންމެ ފުރަތަމަ އެ ދެލޮލުގެ މަހިނޫރުގެ ބާރުގައި އެހިތަށް ވީ ގޮތް އަދިވެސް އެ ދެލޮލަށް ބަލާލާ ކޮންމެ ފަހަރަކު ވެއެވެ. އެ ދެލޮލުން އޭނާއަށް އެ ޖައްސަނީ ކޮންފަދަ ސިހުރެއްހެއްޔެވެ؟ ކޮންފަދަ ޖާދުލެއް ހެއްޔެވެ؟ އެ ދެލޮލުގެ މަހިނޫރުގެ ބާރުގައި އޭނާގެ މުޅި ޖިސްމާ ރޫހިވެސް ގައިދުވެއެވެ. އެއީ އޭނާއަށް ލޯބީގެ އިޙްސާސް އެންމެ ފުރަތަމަ އިޙްސާސްކޮށްލަދިން ނަޒަރެވެ. އެ ނަޒަރުން އޭނާއަށް ފެންނަނީ އޭނާގެ ޖަޒުބާތުތަކާ ކުޅެމުންދާ ތޫނުކަމަކާއި ރީތިކަމެކެވެ. ހިއްސުތައް ކިޔަމަން ކުރުވަން އުނދަގޫވާފަދަ އަސަރުތަކެކެވެ. ލޯބީގެ ޖަޒުބާތާއި، އޭގެ ފުންކަމުގައި އޭނާގެ ހިތާ ޖިސްމު ގައިދުކޮށްލީ މައާލްގެ އެ ދެލޮލުގެ މަހިނޫރުގެ ބާރުގައެވެ. މައާލްގެ ފަރާތުން އޭނާއަށް ފެންނަ އެންމެ ޚާއްސަ ސިފައަކީ ވެސް އެެއީއެވެ. އާއެކެވެ. އެ "އެންބަރ" ކުލައިގެ ދެލޮލުގައިވާ ކަނޑެއްފަދަ ފުންކަމުގެ ތެރެއިން ފެންނަމުންދާ މަހިނޫރެވެ.

(ނިމުނީ)

ނޯޓް: ٱلْحَمْدُ لِلَّٰهِ. ވާހަކަ ނިންމާލުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަން. ވާހަކަ ފެށިގެން ނިމެންދެން ވިދާޅުވި ހުރިހާ ކިޔުންތެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. ވާހަކަ ކުރިއަށް ގެންދެވުނީ ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ދެއްވި ތަރުހީބާއި އެއްބާރުލުމުގެ ސަބަބުންކަން އުފަލާއެކު ފާހަގަކޮށްލަން. ހަމައެއާއެކު ވާހަކަ ފެށިގެން ނިމެންދެން ކޮމެންޓްކުރި ހުރިހާ ކިޔުންތެރިންނަށް ވެސް އިޚްލާސްތެރިކަމާއެކު ޝުކުރުރައްދުކުރަން. މި ވާހަކައަކީ ވެސް ތިޔަ ކިޔުންތެރިންނަށް ކަމުދިޔަ، އިބުރަތްތެރި، ތަފާތު ރީތި ވާހަކައަކަށް ވީކަމަށް އުންމީދުކުރަން.

ޝުކުރިއްޔާ!

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު