މިއީ ދުނިޔޭގެ އެންމެ ބޮޑު ބްލޫބެރީ

ބަރުދަނުގައި 20.4 ގްރާމް ހުރި ބްލޫބެރީ އެއް ދުނިޔޭގެ ރިކޯޑު ފޮތުން ޖާގައެއް ހޯދައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ބްލޫބެރީ ކަމަށް ބެލެވޭ މި މޭވާ ބިނދެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއަށްފަހު މި ބްލޫބެރީގެ ސައިޒު ކަށަވަރުކޮށް ރިކޯޑެއްގެ ގޮތުގައި ހިމެނި ދާނެ ކަމަށް ބެލުމަށް ގިނެސް ބުކް އޮފް ވޯލްޑް ރިކޯޑްސްއިން ވަނީ ފޮނުވާފައެވެ.

އެންމެފަހުން ގިނެސްއިން ވަނީ މިދިޔަ ހަފުތާގައި މި މައުލޫމާތު ކަށަވަރު ކޮށްދީފައެވެ. އެއާއެކު މި ބްލޫބެރީ އަކީ މިހާތަނަށް ފެނުނު އެންމެ ބޮޑު ބްލޫބެރީއަށް ވަނީ ވެފައެވެ.

ޓޭބަލް ޓެނިސް ބޯޅައެއްގެ ބޮޑުމިން ހުރި މި ބެރީގެ ފުޅާ މިނުގައި 1.55 އިންޗި އެބަހުއްޓެވެ. މި ބެރީ ފެނިފައިވަނީ އޮސްޓްރޭލިއާގައި ބްލޫބެރީ ހައްދާ ކުންފުންޏެއް ކަމަށްވާ ކޮސްޓާ ގްރޫޕުގެ ދަނޑަކުންނެވެ. މި ބެރީ ފެނިފައިވަނީ އެ ދަނޑުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފަކަށެވެ.

އެ ކުންފުނިން ބުނިގޮތުގައި ބޮޑު ބެރީއެއް ފެނިފައިވަނީ "އިޓާނާ" ނަމަކަށް ކިޔާ ބާވަތުގެ ބްލޫބެރީއަކުންނެވެ. އެ ބާވަތަކީ އެހެން ބްލޫބެރީއަށް ވުރެ ބޮޑެތި ބްލޫބެރީ އުފައްދާ ބާވަތެއް ކަމުގައި އެ ކުންފުނިން ބުނެއެވެ. ރިކޯޑު މުގުރާލި ބްލޫބެރީގެ ސައިޒަކީ އާންމުކޮށް ފިހާރަތަކުން ގަންނަން ލިބޭ ބްލޫބެރީއަށް ވުރެ 10 ގުނަ ބޮޑު ބްލޫބެރީ އެކެވެ.

މީގެ ކުރީން އެންމެ ބޮޑު ބްލޫބެރީގެ ރިކޯޑު އޮތީ ވެސް ކޮސްޓާ ގްރޫޕުގެ ބްލޫބެރީއެއްގެ އެވެ. އެއީ 2020 ވަނަ އަހަރު ކޮސްޓާ ގްރޫޕުގެ ދަނޑަކުން ފެނުނު ބެރީއެކެވެ. އެ ބެރީގެ ބަރުދަނުގައި 16.2 ގްރާމް ހުއްޓެވެ. އަދި މި ބެރީގެ ފުޅާ މިނުގައި 0.9 އިންޗި ހުއްޓެވެ.

comment ކޮމެންޓް