ވާނަން އެކުގައި... 16

ފޮށިތައް ގެއަށް ލާފައި ޝަފާޒު ނުކުތީ ސުމާ ފާހާނާއަށް ވަން ވަގުތު ބަލާފައެވެ. ކުރިމަތީގައި ހުރި އިމާރާތާއި ދިމާއަށް އޭނާ ހިނގައިގަތެވެ. ޕިންކްވިލާ ގޭގެ ބޭރުގައި ހަރުކޮށްފައިވާ ބެލް އަޅައިލުމާއިއެކު ދޮރު ހުޅުވާލާފައި އަންހެނަކު ނުކުތެވެ. މެދުއުމުރުގެ މީހެކެވެ. އަޅައިގެން ހުރި ހެދުމުން އެއީ ތަނުގައި ގެންގުޅޭ މީހެއް ފާޑު ޖަހައެވެ.

********

"ހާއި..." އަތުން ހަނާ އަޅައިލަމުން ޝަފާޒު ބުނެލިއެވެ.

އަންހެންމީހާ އެއްޗެއް ނުބުނެ ޝަފާޒަށް ބަލަން ހުއްޓެވެ. ދެލޯ ހަނިކޮށްލައިގެން ހުރިގޮތުން އެއްޗެކޭ ބުނަން ޝަފާޒް ހުރީ ޖެހިލުންވެފައެވެ.

"އަހަރެން މިއައީ މިގޭގަ އުޅުނު މީހެއްގެ މައުލޫމާތު ހޯދަން..." ޝަފާޒު ވާހަކަ ދެއްކީ އިނގިރޭސިންނެވެ.

އަންހެންމީހާ ދެންވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރީއެވެ. ޝަފާޒު ކީ އެއްޗެއް އޭނާއަށް ފަހުމުވެސް ނުވާ ކަހަލައެވެ. ހިންދީބަހުން ކޮންމެވެސް އެއްޗެއް ބުނެފައި އޭނާ އުޅުނީ ދޮރު ލައްޕާށެވެ. ޝަފާޒު ދޮރުގައި ހިފެހެއްޓިއެވެ.

"ދައްތާ އަހަންނަށް އެހީވެދީ..." އާދޭހުގެ ރާގަކަށް ޝަފާޒު ބުނެލިއެވެ.

ޝަފާޒު އޭނާގެ ފޯނުން ލިޝާގެ ތަސްވީރެއް ދައްކައިލިއެވެ. ތަސްވީރު ފެނުނު ވަގުތު އަންހެންމީހާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ޝަފާޒަށް ރީތިކޮށް ފެނުނެވެ. އެ މޫނުން ފެނުނީ ހާސްކަމެވެ. އަވަސް އަވަހަށް ފަސްއެނބުރި ބަލައިލިގޮތުންވެސް ކޮންމެވެސް ނުބައެއް އުޅޭކަމަށް ޝަފާޒުގެ ހަވަނަ ހިއްސު ބުނެދިނެވެ.

"ޝަފް...މިތާތަ؟..." ޝަފާޒުގެ ފަހަތުން އިވުނީ ސުމާގެ އަޑެވެ.

ޝަފާޒު ފަސްއެނބުރުނެވެ. ދެއުކުޅުގައި އަތްވިދެލައިގެން ސުމާ ހުއްޓެވެ. ހިތްހަމަނުޖެހުމުގެ އަސަރުތައް މޫނުން ފެންނަން ހުއްޓެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި، އަންހެންމީހާ އަވަހަށް ދޮރު ލެއްޕިއެވެ. ޝަފާޒް އެތައް ފަހަރަކު ބެލް އެޅުމުންވެސް ދޮރެއް ނުހުޅުވިއެވެ.

"ވަރަށް ސަކަރާތް ކަމެއް ތިކުރީ..." ސުމާގެ މޫނުން ފެނުނީ ކަންބޮޑުވެފައިވާކަމުގެ އަސަރުތަކެވެ. "އަހަރެން ބުނީމެއްނު އަހަރެން ތިކަން ހޭންޑަލް ކުރާނަމޭ..."

"އަހަރެން ކިހިނެއް ބަލަން ހުންނާނީ؟..." ޝަފާޒު ދޫކޮށްލީ ފުން ނޭވާއެކެވެ.

"އަހަންނަށް ހިންދީން ވާހަކަ ދައްކަން އެނގެޔޭ... ކީއްވެތަ ޝަފް އެކަނި ތިއައީ؟... މިތަންތާ އުޅޭ ގިނަ މީހުންނަށް އިނގިރޭސި ނޭނގޭނެ... ޝަފް ތިކުރި ކަމަކުން ދެން ނޭނގެ އޭނަ އަހަންނާވެސް ވާހަކަ ދައްކާނެކަމެއް...." ސުމާ ހުރީ ޝަފާޒުދެކެ ހިތްހަމަނުޖެހިފައެވެ.

"އޭނަ އެބަ ކަމެއް ފޮރުވާ..." އިނގިރޭސި ބަހުން ޝަފާޒު ބުނެލިއެވެ. "ލިޝްގެ ފޮޓޯ ދެއްކީމަ، އަހަންނަށް ފެނުނޭ އޭނަގެ އެކްސްޕްރެޝަން..."

"އަހަރެމެންނަށް މާކުރިންވެސް އެބަ އެނގެއެއްނު ގޯހެއް އުޅޭކަން... މިކަހަލަ ކަންކަން ކުރަންވާނީ ވަރަށް ބޯ ބަހައްޓައިގެން... މިވަގުތު އިހަށް ހިނގާ.... އަދި މިއުޅެނީ އައިގޮތަށް ހަމަޖެހިނުލެވިގެން..." ސުމާ އެދުނެވެ.

"ސޮރީ..." ކުރެވުނު ކަންތައް އިހުސާސްވެ، ޝަފާޒް މަޢާފަށް އެދުނެވެ.

"ޝަފް..." ގެއަށް ވަދެފައި ސުމާ ގޮވައިލިއެވެ. "ޓްރަސްޓް މީ... އަހަރެން މިތަނުން ދާނީ ލިޝް ހޯދައިގެން އެކުއްޖާވެސް ގޮވައިގެން... އައި ޕްރޮމިސް..."

ޝަފާޒު ބޯ ޖަހާލާފައި ކޮޓަރިއަށް ވަނެވެ. އެނދަށް ވެއްޓިގަތެވެ. އޭނާގެ ހިތް ވަނީ ކުރިއަށްވުރެ ނުތަނަވަސްވެފައެވެ. އަންހެންމީހާގެ މޫނުން ފެނުނު އަސަރުތަކުން ލިޝާ ސަލާމަތުން ހުރިކަމާއިމެދުވެސް އޭނާއަށް ޝައްކުވަނީއެވެ. ކޮންމެވެސް ބޮޑު ގޯހެއް ހިނގައިފިއެވެ. ލިޝާ ނުފެނިއްޖެނަމަ، އޭނާ މޮޔަވެދާނެއެވެ. ޝަފާޒަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. އިސާހިތަކު ދެލޮލަށް ކަރުނަ ޖަމާވިއެވެ. ވެދިޔަ ކަންތަކުގައި ޝަފާޒަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފުސެވެ. ލިޝާ އެހެން މީހެއްގެ އަތް މައްޗަށް ދާން ދޫކޮށްނުލެވުނުނަމައޭ ހިތަށް އެރިއެވެ. ކައިވެނި ހުއްޓުވުނު ނަމައެވެ. އެންމެންގެ ނުރުހުމުގައިވެސް އޭނާ ލިޝާ ބަލާނެއެވެ. އުފަލުގައި ގެންގުޅޭނެއެވެ.

********

ކައުސަރާއިއެކު އޮފީސްތެރެއަށް ވަދެގެންދިޔަ ލިޝާގެ މޫނު އެހެން ދުވަސްދުވަހަށްވުރެ އުޖާލާއެވެ. އާރިޒާއިއެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅަށްފަހު، އޭނާގެ ހިތުގައި ޖަހަމުންދިޔަ ވިންދު ވަނީ އިތުރުވެފައެވެ. ދިރިއުޅުމުގެ އައު ފަލްސަފާއެއް ފެށުނުއިރު، ނުތަނަވަސްކަމެއްވެސް އޭނާގެ ހިތުގައި ވިއެވެ. އަމިއްލަ ގައުމާއި މައިންބަފައިން ދޫކޮށް މާދުރުގައި ހުރި ހަނދާން ލިޝާގެ ހިތުން ފިލުވައެއް ނުލައެވެ. އެކުގައި އާރިޒް ހުރިނަމަ، އެ ހުރިހާ ކަމަކުން އަރައިގަންނަން ލިޝާ ހުރީ ތައްޔާރަށެވެ. ލިޝާ ނިންމީ، ހިތުގެ އެދުމަށް އިޖާބަދޭށެވެ.

ފުން ވިސްނުމެއްގައި ހުރެ ހިނގަމުންދިޔަ ލިޝާއަށް ހުއްޓެން މަޖުބޫރުވީ، ކުރިމަތިން ހުރަސްކޮށްލި މީހަކު ފެނުމުންނެވެ. ލިޝާއަށް ރަނގަޅަށް ނުފެންނަނީސް އެމީހަކު ލިފްޓްގެ ތެރެއަށް ވަނެވެ. ކޯޓުފަޓުލޫނުގައި ހުރީ އާރިޒްހެން ލިޝާއަށް ހީވިއެވެ. އެކަމަކު، އެއީ އާރިޒަށް ވާނަމަ، އެ އޮފީހުގައި ކުރަނީ ކީއްހެއްޔެވެ؟ އޭނާގެ ފަހަތުން ދިޔައީ ކާކު ހެއްޔެވެ؟ ނޫނެކެވެ. އެހާ ބޮޑު އޮފީހަކުން އާރިޒް ކަހަލަ ނިކަމެއްޗަކަށް ރަނގަޅު ވަޒީފާއެއް ނުލިބޭނެއެވެ. ލިޝާ ނިންމީ އާރިޒްގެ ހިޔާލުގައި ހުރުމުން ހީވިގޮތެއް ކަމަށެވެ.

********

ލިފްޓްގައި ހުރިއިރުވެސް ސަޗިންއަށް ބެލުނީ އާރިޒްގެ މޫނަށެވެ. ތުނބުޅި ދިގުކޮށްފައި ހުރި އާރިޒް ކުއްލިއަކަށް ތުނބުޅި ބޭލުމުން، އޭނާ ހުރީ އަޖައިބުވެފައެވެ. އާރިޒަކީ އެހާ ފަސޭހައިން އަމިއްލަ ދިރިއުޅުމުގެ ކަންކަން ބަދަލުކުރާނެ މީހެއް ނޫނެވެ. އެކަމަކު، ލިޝާ އެ ހަޔާތަށް އައިފަހުން، ސަޗިންއަށް ފެންނަންފެށީ މުޅީން ތަފާތު އާރިޒެކެވެ.

"ކީއްވެ މާ ވަރަކަށް ތި ބަލަނީ؟.... ގޯސްޓެއް ވައްތަރު ޖަހަނީތަ؟..." ސަޗިން ހުރީ އާރިޒްގެ ފަހަތުގައި ނަމަވެސް އާރިޒަށް ސަޗިން ބަލާކަން ފަޅާއެރިއެވެ.

"ނޫން ސަރ... ސޮރީ ސަރ..." ސަޗިން އިސްޖަހައިލަމުން މާފަށް އެދުނެވެ.

ލިފްޓްގެ ދޮރު ހުޅުވުނެވެ. އާރިޒް ފަސްއެނބުރި ސަޗިންއަށް ބަލައިލިއެވެ. އޭރުވެސް ސަޗިން ހުރީ އިސްޖަހާލައިގެންނެވެ.

"އިޓްސް އޯކޭ..." ސަޗިންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން އާރިޒް ބުނެލިއެވެ.

ކެބިންގެ ދޮރު ހުޅުވާލި އާރިޒްގެ ފިޔަވަޅުތައް މަޑުޖެހުނީ އެތެރޭގައި އިން މާނަވް ފެނުމުންނެވެ. އާރިޒް އަވަހަށް އަނެއް ފަރާތަށް އެނބުރެން އުޅުނެވެ. މާނަވަކީ، އޭނާ ތުނބުޅި ބާލައިގެން ހުއްޓާ ފެންނަން އެންމެ ބޭނުންނުވާ މީހާއެވެ. އާރިޒް އެނބުރުމުގެ ކުރިން މާނަވް ފަސްއެނބުރި ބަލާލައިފިއެވެ. އާރިޒް ފެނުމުން ފުންމައިގެން ތެދުވިއެވެ. ދެލޯ ބޮޑުކޮށްގެން ބަލަން އިރުކޮޅަކު ހުއްޓެވެ. އާރިޒް ނޫންކަމަށް ހަދާލާފައި ގޮސް ގޮނޑީގައި އިށީނެވެ.

"ވަޓް ދަ..." މާނަވްއަށް ބުނެވުނެވެ.

މާނަވް ގޮސް އާރިޒްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. މޭޒުގައި ދެއުޅަނބޮށި ވިއްދާފައި ދެއަތްތިލަ ދެކޮލުގައި ޖައްސައިލިއެވެ. އޭރުވެސް އާރިޒްގެ މޫނުން ނަޒަރު ވަކިނުވެއެވެ.

"ތީ އަންހެނެއްތަ؟... އަހަރެން މާ ރީތިވީމަތަ އެވަރަކަށް ތި ބަލަނީ؟...." ޖެއްސުމުގެ ރާގަކަށް އާރިޒް އަހައިލިއެވެ.

"ދިމާކުރަންވެގެނޭ މިބަލަނީ..." މާނަވް ހީގަތެވެ. "އަހަރެން ތުނބުޅިއެއް ނުބާލާނަން.... ވަރިހަމަ ކޮންމެ މީހަކު ބުންޏަސް... ހަނދާންވެއްޖެތަ އެހެން ބުނި ދުވަސް؟..."

"ނުވޭ..." އާރިޒް ނޫންކަމަށް ހަދައިލިއެވެ.

"ކޮން އަންހެން ކުއްޖެއް ތިހާ ބާރުގަދައީ.... ހަމަ މިހާރު ފޮޓޯ ދައްކާ..." މާނަވް އުޅުނީ މޭޒުމަތީގައި އޮތް އާރިޒްގެ ފޯނު ޖަހައިގަންނާށެވެ. އޭގެ ކުރިން އާރިޒް ފޯނު ނަގައި ޖީބަށް ލިއެވެ.

"މޮޔަ ވާހަކައޭ މިހާރު ތިދައްކަނީ..." ކޮމްޕިއުޓަރުގެ އިސްކްރީނަށް ނަޒަރު ހުއްޓައިލަމުން އާރިޒް ބުންޏެވެ.

"ވަގުވެސް ވެއްޖެއޭ... މިހާރު ލޮލަށް ފެންނަނީއެއް ނޫން... އެމަންޖެ ކައިރީ ދޯ ތި ނިދަނީވެސް މިހާރު... ކަލޭ ނުވާނެ ރަނގަޅެއް... މަ ހީކުރީ ވަރަށް ޑީސެންޓް ކަމަށޭ... އެކަމު މަށަށްވުރެ ކުރީގަ ތިއުޅެނީ... އަދި އެހާ ސިއްރުކަން ބޮޑު... ހުރެބަލަ ފާރަލައިގެން މަންޖެގަނޑު ހޯދާނަން..." މާނަވް ދެލޯ ހަނިކޮށްލިއެވެ.

"ބޭކާރު ވާހަކަ ނުދައްކާ އަވަހަށް އަހަންނާއެކީ މީޓިންއަށް ދާން ތައްޔާރުވޭ... ދިހަމިނެޓުތެރޭ މީޓިން ފެށޭނެ..." ގަޑިއަށް ބަލައިލަމުން އާރިޒް ބުންޏެވެ.

"ދިހަ މިނެޓު ވަންދެން ދިމާވެސް ކޮށްފާނަން..." މާނަވް ހީގަތެވެ.

********

"ކޮންތާކަށް ތިދަނީ؟..." ލިފްޓާއި ދިމާއަށް ދިޔަ ލިޝާގެ އަތުގައި ހިފަހައްޓަމުން ކައުސަރު ބުނެލިއެވެ.

ހަމަހޭވެރިކަންވުމާއިއެކު ލިޝާ އަވަސް އަވަހަށް ހުއްޓުނެވެ. ކައުސަރާއިއެކު ގޮސް އޭނާ މަސައްކަތްކުރާ ބަޔަށް ވަނެވެ. ތަނުގައި ތިބި މީހުން ލިޝާއަށް ބެލީ ނުރުހުމުގެ ނަޒަރުންނެވެ. ލިޝާ އެއިން ކޮންމެ މީހަކަށް ހިނިތުންވި ނަމަވެސް އެމީހުން ދައްކަނީ ފުސްމޫނެވެ.

"އަހަރެމެން މިދަނީ މީޓިންއަށް... އަންނަންވާއިރަށް މިހުރިހާ އެއްޗެހި ފަތްޖަހާތި!..." ދޮވެފައި ހުރި ބެޓްޝީޓްތައް އަޅާފައިވާ ބާސްކެޓްތައް ދައްކައިލަމުން މީހަކު ބުންޏެވެ.

"ލިޝާވެސް ޖެހޭނެނު މީޓިންގަ ބައިވެރިވާން... އޭނަ އެކަނި މިހުރިހާ މަސައްކަތެއް ކުރަންޖެހެނީ ކީއްވެ؟..." ކައުސަރުގެ މޫނު މިލައިގެން ދިޔައެވެ.

"އެންމެން މީޓިންއަށް ދިޔާމަ މި މަސައްކަތް ކުރަނީ ކާކު؟..." އެހެން މީހަކު ބުނެލިއެވެ.

"ދެން ކީއްވެ ލިޝާއަށް އެކަނި މަސައްކަތްކުރަން ޖެހެނީ؟..." ކައުސަރު ޝަކުވާކުރިއެވެ.

"އެއީ ޕްރޮބޭޝަންގަ ހުރި މީހެއްވީމަ..." ތަނުގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފު ބުނެލިއެވެ.

"ތިހެންވިއްޔާ އަހަރެންވެސް މަޑުކުރާނީ..." ކައުސަރު ނުރުހިފައި ބުންޏެވެ.

"ސްޕަވައިޒަރު އަންގާފަ އޮތީ އޭނަ ނޫން އެންމެން މީޓިންއަށް ދާންވާނެކަމަށް..." ލިޝާއަށް އިޝާރާތްކުރަމުން، އެމީހާ ބުންޏެވެ.

"ސޮރީ ޑިއަރ..." ދަމުން ކައުސަރު ދިޔައީ ލިޝާގެ ބުރަކަށީގައި ފިރުމައިލާފައެވެ.

އެންމެން ދިޔަތާ ގިނައިރެއް ނުވެއެވެ. ކޮންމެވެސް މީހަކު ދޮރުމަތީގައި ހުއްޓުނުހެން ހީވެ، ލިޝާ ފަހަތް ބަލައިލިއެވެ. ކުރިމަތީގައި ހުރީ އޭގެ ކުރިން ލިޝާއަށް ފެނިފައިވާ ކުއްޖެއް ނޫނެވެ. ރީތި އަންހެންކުއްޖެކެވެ. ހަމުގެ ކުލަ އަލިވެފައި އޮމާނެވެ. އިސްތަށިގަނޑު ވަރުގަދައެވެ. އަޅައިގެން ހުރީ ތަނުގައި މަސައްކަތްކުރާ މީހަކު ލާނެފަދަ ހެދުމެއް ނޫނެވެ. "މޮޑާން" ހެދުމެކެވެ. ކަކުލާއި ހަމައަށް ހުރި ކަޅުކުލައިގެ ބާރު ހެދުންކޮޅެކެވެ. އޭނާ ހުރީ ލިޝާއަށް ބަލާށެވެ. ސިފަ ރީތިވިޔަސް، އޭނާގެ ނަޒަރުގައި ސާފުކަމެއް ނެތެވެ. ނުރުހުން އެކުލެވޭ އެ ނަޒަރުން ލިޝާގެ ހިތުގައި ހާސްކަމެއް އުފައްދާލިއެވެ. އެ ނަޒަރު މާ ރަނގަޅު ނޫންކަން ލިޝާއަށް އެނގުނެވެ. އެންމެންނާއިވެސް ގުޅޭ، އެކުވެރި ލިޝާ އެ އަންހެންކުއްޖާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު، ކުރަންހުރި މަސައްކަތާއިގެން މަސްއޫލުވިއެވެ. ނަފުރަތު ކުރާ މީހާއަށްވެސް ހެޔޮކޮށް ހިތަންވާނެކަމަށް ލިޝާ ގަބޫލުކުރެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު