19 ދުވަސްތެރޭ މާލޭ މަގުމަތިން 345.15 ޓަނުގެ ކުނި ނަގައިފި

މާލޭ މަގުމައްޗަށް އަޅައިފައިހުރި ކުނި މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން ސާފު ކުރަނީ --

ނަވާރަ ދުވަސްތެރޭގައި މާލޭ މަގުމަތިން 345.15 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ 19 ދުވަސް ތެރޭ 345.15 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު ކަމަށެވެ. އަދި، މިއީ 25 ފޫޓުގެ 13.80 ކޮންޓެއިނަރުގެ ކުނިކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރަށް، އާޒިމް ވިދާޅުވީ އިއްޔެ އެކަނި ވެސް މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން މާލޭ މަގުމަތިން 39.5 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.

މޭޔަރުގެ އެ ޕޯސްޓުގައި ވަނީ މަގުމައްޗަކީ ކުނި އަޅައި ތަނަކަށް ނުހެދުމަށް ގޮވާލައްވައިފައެވެ.

ފުލުހުން އިއްޔެ ވަނީ މާލޭ މަގުތަކަށް ކުނި އަޅާ މީހުން ދެނެގަނެވޭ ނަމަ, އެ މީހެއް ލައްވާ ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައެވެ.

ރޯދަ މަހާއި ގާތްކޮށް ގެތައް ސާފުކުރުމަށް ފަހު ބާ ފަރުނީޗަރުތަކާއި ކުނިތަކުން މަގުމަތި ފުރާލައި މުޅި މަގުމަތި ވަނީ ގޮނޑު ކޮށްލައިފައެވެ. ބާ ސޯފާތަކާ، ގޭސް އުނދުނުން ފެށިގެން ތެލިތަށި ވެސް އުކައިލަން ނެރެ މަގުމަތީ ބަހައްޓާފައި ހުއްޓެވެ. މި ކުނިތަކުން ދުވާރު ވެސް ވަނީ ފުރިފައެވެ.

މިކަމާ ގުޅުގެން މަގުމަތީގައި ހިނގައިބިނގާވެ އުޅޭ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ހިއްސާކޮށްފައެވެ.

މާލޭގެ މަގުތައް ގޮނޑުވުމާ ގުޅިގެން ވެމްކޯއިން ބުނީ، އެކަން އެ ކުންފުނީގެ ސަމާލުކަމަށް ވެސް އައިސްފައިވާކަމަށެވެ. އަދި، މާލޭސިޓީ ކައުންސިލާ ގުޅިގެން ކުނި ނެގުމުގެ މަސައްކަތް ކުރާއިރު، ކުނި ގިނަ ބައެއް ހިސާބުތަކުން ވެމްކޯއިން އަމިއްލައަށް ވެސް ކުނި ނަގާކަން އެ ކުންފުނިން ފާހަގަކުރިއެވެ.

ވެމްކޯއިން ވަނީ މަގުމައްޗަށް ކުނި އުކުމުގެ ބަދަލުގައި އޮންނަ އުސޫލުގެ ދަށުން އެންމެން ވެސް ކުނި ނައްތާލުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް