ރޯދައަކީ ނަފުސު އެދުންތަކުން ދުރުހެލިކޮށްދޭ އަޅުކަމެއް: ޚުތުބާ

އިސްލާމީ މަރުކަޒުގައި ގިނަ ބަޔަކު ހުކުރު ޚުތުބާ އަޑުއަހަނީ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ރަމަޟާން މަހުގެ ރޯދައަކީ ނަފުސުގެ އެދުންތަކުން ދުރުހެލިކޮށްދޭ އަޅުކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް ކަމެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމަށެވެ.

"ﷲ تَعَالَى ގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ ޢަޛާބުން މިންޖުވުމަށްޓަކައި، ޙަލާލު ކާބޯތަކެއްޗާއި، އޭނާއަށް ޙަލާލު ކުރައްވާފައިވާ، އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، ﷲ تَعَالَى ޙަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް، އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބެއެވެ. އެހެންކަމުން ރޯދައަކީ، އިންސާނާގެ ނަފުސު ހެޔޮކަންކަމަށް ހާނުވައިދޭ، ތަރުބަވީ އަޅުކަމެކެވެ،" ޚުތުބާގައި ބުންޏެވެ.

އެގޮތުން، ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުމާއި، ރޯދައަށް ހުންނައިރު، ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން ނަފުސު ދުރުހެލިކުރުން ހިމެނޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން، ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާ ޙަރާމް ކަންތައްތަކާ ދުރުހެލިކުރުވުން ހިމެނޭކަން ވެސް ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

އިސްލާމީ މަރުކަޒުގައި ކުޑަކުދިންތަކެއް ހުކުރު ޚުތުބާ އަޑުއަހަނީ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އެގޮތުން، މާތް ﷲގެ ރުހިވޮޑިގަތުން ހޯދުމަށާއި، ޢަޛާބުން މިންޖުވުމަށްޓަކައި، ޙަލާލު ކާބޯތަކެއްޗާއި، އޭނާއަށް ޙަލާލު ކުރައްވާފައިވާ، އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، ހަރާމްކުރައްވައިފައިވާ ކަންކަމުން ދުރުހެލިވެ ހުންނަން ބާރު އަޅައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، ސިއްރާއި ފާޅުގައި، ތިމާ ކުރާ ޢަމަލުތައް ﷲ تَعَالَى ބައްލަވައި ވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޛީބު ކުރުމެވެ. ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެކެވެ،" ޚުތުބާގައި ބުންޏެވެ.

"ރޯދަވެރިޔާ ރޯދަގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެކަމެއް ނޭނގޭނެއެވެ. ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވަޢުދު ކުރައްވާފައި ވަނީ، މި އަޅުކަމުގައި ހުރި އިޚްލާޞްތެރިކަމުގެ ބޮޑުކަމުންނެވެ،"

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނޭ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެެވެ.

އޭޕްރީލް 16، 2021: މީހަކު މިސްކިތުގައި ޤުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި، ހަމައެހެންމެ ރޯދައިގެ ސަބަބުން ﷲ އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިޢުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި، ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވާކަން ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައިވެއެެވެ.

މީގެ އިތުރަށް ޚުތުބާގައި ބުނީ ރޯދައިގެ މައިގަނޑު ހިކުމަތަކީ ﷲ އަށް ބިރުވެތިވެ، ތަޤުވާވެރިވުން ކަމަށެވެ.

އެގޮތުން ކުރުމަށް އާދަވެފައިވާ ބައެއް ނުބައި ކަންކަމުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެހުރުމަކީ ދުނިޔޭގެ އެދުންތަކުން ނަފުސު ސަލާމަތްކުރަން ދެވޭ މުހިންމު ފިލާވަޅެއް ކަމަށް ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އަދި، މުޅި ދުވާލު ކެއިން ބުއިމުން އެއްކިބާވެ ހުރުމުން، ހިތުން ޝަހުވަތާއި، ދުނިޔޭގެ ދަހިވެތިކަން ކުޑަވެ، ރޫޙާނީބައި ވަރުގަދަވާނެކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އޭގެ ސަބަބުން ނުބައިކަންތައްތަކަށް އަރައިގަތުމުން މީހާ ދުރުހެލިވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

comment ކޮމެންޓް