އަޖޭއާއި ތައްބޫގެ ކޮމެޑީ ފިލްމު އަންނަ އަހަރު

ފިލްމު "ދޭ ދޭ ޕިޔާރު ދޭ"ގެ މަންޒަރެއްގައި ބަތަލާ ތައްބޫ/އަޖޭ ދޭވްގަން އަދި ރަކުލް ޕްރީތު ސިންގް-- ފޮޓޯ/ ބޮލީވުޑްހަންގާމާ

ލީޑް ރޯލުން އަޖޭ ދޭވްގަން، ތައްބޫ އަދި ރަކުލް ޕްރީތް ސިންގް ފެންނަ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2" އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

އަންނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމަކީ، މި އަހަރު ރިލީޒްކުރާނެ ކަމަށް ވަރަށް ގިނަ ބަޔަކު އުއްމީދުކުރި ފިލްމެކެވެ.

ބެލުންތެރިން ހެއްވާލާ ގިނަ ހާދިސާތަކެއް އެކުލެވޭ މި ފިލްމުގެ ފުރަތަމަ ބައި ރިލީޒްކޮށްފައިވަނީ 2019ވަނަ އަހަރުއެވެ. ޓީ-ސީރީސްއާއި މަޝްހޫރު ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމު ކުންފުނި ލަވް ފިލްމްސްއާ ގުޅިގެން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި 143 ކްރޯޑް ރުޕީސް (18 މިލިއަން އެމެރިކާ ޑޮލަރު)ގެ އާމްދަނީ ވަނީ ލިބިފައެވެ.

ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2" ވެސް ގެނެސްދެނީ ޓީ-ސީރީސްއާއި ލަވް ފިލްމްސް ގުޅިގެން ކަމުން ދެވަނަ ބައި ރިލީޒް ކުރުން ފަސްކުރުމަށް ނިންމީ ފިލްމުގެ ކޮލިޓީ އިތުރަށް ވަރުގަދަ ކުރުމަށް ކަމަށް ބޮލީވުޑް ހަންގާމާ ނިވްސްގައި ވަނީ ބުނެފައެވެ.

ފިލްމު "ދޭ ދޭ ޕިޔާރު ދޭ"ގެ މަންޒަރެއްގައި އަޖޭ ދޭވްގަން އަދި ރަކުލް ޕްރީތު ސިންގް-- ފޮޓޯ/ ބޮލީވުޑްހަންގާމާ
މި ފިލްމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ އަންޝުލް ޝަރުމާއެވެ. އެހެންނަމަވެސް މި ފިލްމުގެ މަސައްކަތް ޑައިރެކްޓަރު ލަވް ރަންޖަން ވަރަށް ގާތުން ބަލާނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ކާމިޔާބު ގިނަ ކޮމެޑީ ފިލްމުތައް ސިނަމާއަށް ގެނެސްދީފައިވާ އަޖޭ ދޭވްގަންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭ މި ފިލްމު ހިމެނޭއިރު ބެލުންތެރިން ތިބީ އަޖޭގެ ހެއްވާ މަޖާ ފިލްމެއްގެ އިންތިޒާރުގައެވެ.

ފިލްމު "ދޭ ދޭ ޕިޔާރު ދޭ" ގައި ދައްކުވައިދީފައި ވަނީ ޒުވާން ދެ ކުދިން ތިބި ދުވަސްވީ ބައްޕައަކު އުމުރަށްވުރެ ހަގު އަންހެން ކުއްޖަކާ އެކު ލޯބީގެ ގުޅުމެއް ފެށި އާއިލާތެރޭގައި ދިމާވާ ހެއްވާ މަޖާ ހާދިސާތަކެކެވެ.

comment ކޮމެންޓް