މަޖިލީސް އިންތިޚާބާ ދިމާވާތީ ސުކޫލުތަކުގެ އިމްތިހާނުތައް އަވަސްކޮށްފި

ދަރިވަރުންތަކެއް: މަޖިލީސް އިންތިޚާބާ ދިމާވާތީ ސުކޫލުތަކުގެ އިމްތިހާނުތައް ވަނީ އަވަސްކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިއަހަރު ބޭއްވުމަށް ހަމަޖެހެފައިވާ ރައްޔިތުންގެ މަޖިލީސް އިންތިޚާބާ، ގްރޭޑް ހަތެއް، އަށެއް އަދި ނުވައެއްގެ ކުދިންގެ އިމްތިހާނާ ދިމާވާތީ ދަރިވަރުންގެ ފައިނަލް ޓެސްޓްތައް ފަށާ ދުވަސް އަވަސްކޮށްފިއެވެ.

މި ހިނގަމުންދާ ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން އިމްތިހާނުތައް ފަށަން ހަމަޖެހެފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީއިން ނެރުނު ސާކިއުލާގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަނީ އަންނަ މަހުގެ 21ގައި ކަމަށް ވާތީ ޓެސްޓްތައް ނެގުމުގެ ތާރީޚު އަވަސް ކުރީ ކަމަށެވެ.

އެ ސާކިއުލާގައި ވަނީ ޓެސްޓުތައް ބާއްވާނީ މި މަހުގެ 27 އިން އަންނަ މަހުގެ 25ގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގައި ކަމަށެވެ. އެހެންކަމުން، އެ ދުވަސްތައް ރޯދަމަހާ ވެސް ދިމާވެއެވެ.

އެ ސާކިއުލާގައި ވަނީ، އަންނަ މަހުގެ 20 ވަނަ ދުވަހު އިމްތިހާނު ކުރިއަށް ގެންދާނަމަ އީސީން އެ ސްކޫލަކަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި، 2023/2024ގެ ދިރާސީ އަހަރުގެ ކަލަންޑަރުގައި އޮތް ގޮތުން ދެވަނަ ޓާމް ނިމޭނީ ޖޫން 13ގައެވެ. އަދި ޖެހިގެން އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖުލައި 31ގައެވެ.

ނަމަވެސް ދިރާސީ އަހަރު ފެށުން ޖެނުއަރީ މަހަށް ބަދަލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނައި ބަދަލަކުން، ދެން އޮންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

comment ކޮމެންޓް