މިދިޔަ މަހު އާންމު ރޯގާގެ ކޭސްތައް މަދުވެއްޖެ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް: މިދިޔަ މަހު އާންމު 4 ރޯގާގެ ކޭސްތައް ދަށްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ހަތަރު ބަލި ކަމަށްވާ ޑެންގީ ހުމާއި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ އިތުރުން ބޭރަށް ހިންގުމުގެ ކޭސްތައް ޖެނުއަރީ މަހާ އަޅާ ބަލާއިރު މިދިޔަ ފެބްރުއަރީގައި ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ހާމަކޮށްފައިވާ އަދާހަމައިން ދައްކާ ގޮތުން މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 115 މީހުން ރިޕޯޓްކޮށްފައިވެއެވެ.

އޭގެ ކުރީ ޖެނުއަރީ މަހު 145 ކޭސް ރިޕޯޓުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޑެނގީ ހުން ޖެހިގެން ރިޕޯޓްކުރީ 155 ކޭސް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެހެންވެ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވެސް އަދި މިދިޔަ ޖެނުއަރީއާ އަޅާ ބަލާއިރު ވެސް ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު މިދިޔަ މަހު ވަނީ ދަށްވެފައެވެ.

،މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެނދުން އެޅުމަށާއި މަދިރި ލޯޝަން ބޭނުން ކުރުމަށާއި ފަތިސް ވަގުތާއި އިރުއޮއްސޭ ގަޑިތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ޑެންގީ ހުން ޖެހިއްޖެނަމަ ދެވިދާނެ ފަރުވާތަކުގެ ތެރޭގައި:

  • އަރާމު ކުރުން
  • ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން
  • ހުން މަޑުކުރުމަށާއި ގައިގައި ރިއްސުމަށް ޕެރެސެޓްމޯލް ބޭނުންކުރުން

މީގެ އިތުރުން، މިދިޔަ މަހުގެ ތެރޭގައި 29،170 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު ޖެނުއަރީ މަހު ރިޕޯޓްކޮށްފައިވަނީ 29،764 ކޭސް ކަމަށް އެޗްޕިއޭގެ އަދާހަމައިން ދައްކައެވެ.

އައިޖީއެމްއެޗު ސަރަހައްދުން ދެމީހަކު މާސްކު އަޅައިގެން ހިނގާފައި ދަނީ: މިދިޔަ މަހު އާންމު 4 ރޯގާގެ ކޭސްތައް ދަށްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނޭ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެޗްޕީއޭއިން ބުނީ އަހަރުގެ މިހާތަނަށް އިންފުލުއެންޒާއަށް ޖުމްލަ 99 ކޭސް ޕޮޒިޓިވްވެފައިވާ ކަމަށާއި 31 މީހުން މިދިޔަ މަހު ޕޮޒިވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހު އެކަނި ވެސް އިންފުލުއެންޒާގެ 269 ސާންޕަލް ނެގުނު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހަމައެއާ އެކު، މިދިޔަ ޖެނުއަރީ މަހާ އަޅާބަލާއިރު ބޭރަށް ހިންގުމުގެ ކޭސްތައް ވެސް މިދިޔަ މަހު ދަށްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެގޮތުން ޖެނުއަރީ މަހު 5،400 ކޭސް ރިޕޯޓްކޮށްފައިވާއިރު މިދިޔަ މަހު ރިޕޯޓްކުރީ 5،148 މީހުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތައް:

  • ކެއުމުގެ ކުރިންނާއި ފަހުން ސައިބޯނި ލައިގެން އަތް ދޮވުން
  • ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ކައްކައިގެން ބޭނުންކުރުން
  • ކެއުމަށާއި ފެން ބުއިމަށް ބަންދުކޮށްފައިވާ ފެން ނުވަތަ ވޯޓާ ސަޕްލައި ފެން ނުވަތަ ފެން ކައްްކައިގެން ބޭނުންކުރުން
  • ކާބޯތަކެތި ތައްޔާރުކުރާ ތަން ސާފުކޮށް ބެލެހެއްޓުން

އެވަރެޖް ރޭޓާއި އާބާދީގެ ކޮންމެ 10،000 މީހުންގެ ނިސްބަތުން ބަލާއިރު މިދިޔަ މަހު ޑެންގީ ހުން އިތުރުވެފައިވަނީ ހއ. އަތޮޅު، ރ. އަތޮޅު، ކ. އަތޮޅު، ލ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަރިދަފުސް ރޯގާގެ ކޭސްތައް ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އިތުރުވެފައިވާ ކަމަށާއި ބޭރަށް ހިންގުން އިތުރުވެފައިވަނީ މާލެ ސަރަހައްދާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި މ. އަދި ދ. އަތޮޅުގައި ކަމަށް އެޗްޕީއޭގެ އަދާހަމައިން ދައްކައެވެ.

comment ކޮމެންޓް