ކުށުގެ ބޮޑު ނެޓްވޯކެއް ހިންގަމުން އައި ޓެލެގްރާމް ޗެނަލްތަކެއް ހުއްޓުވައި ބަޔަކު ހައްޔަރުކޮށްފި

ތަފާތު އެކި ކުށްތަކަށް އަރައިގަތުމަށް ހިންގަމުން އައި ދިވެހި ޓެލެގްރާމް ޗެނަލްތަކެއްގެ މައްސލަަ ތަހުގީގުކޮށް އެ ހުއްޓުވައި ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ތަހުގީގުކޮށްފައިވަނީ ޓެލެގްރާމުގައި ހިންގަމުން އައި "ޖަޒީރާ އެޑްމިން" އާއި "ޖަޒީރާ ގާލްސް" ނަމަކަށް ކިޔާ ޗެނަލެއްގެ އިތުރުން "ޖަޒީރާ ލިންކް ޚަބަރު"ގެ ނަމުގައި ހިންގަމުން އައި ޗެނަލްތަކެއް ކަމަށެވެ.

ފުލުހުން ބުނީ މި ޗެނަލްތަކަކީ މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ހިންގަމުން އައި ޗެނަލްތަކެއް ކަމަށެވެ. މި ޗެނަލްތަކުގެ މައްސަލަ ބަލައި، އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި މީހުންގެ މައްޗަށް ކުރާ ތުހުމަތުތައް:

  • މަނީ ލޯންޑަރިން
  • ޑްރަގް ޓްރެފިކިން
  • ހަށިވިއްކުން
  • ހަށިވިއްކުމަށް ހިތްވަރު ދިނުން
  • އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުން

މީގެ އިތުރުން އެ މީހުންގެ މާލީ މުއާމަލާތްތަކުން އެނގޭ ގޮތުގައި، އެއީ އެ މީހުން ކުރާ މަސައްކަތާ ނުބައްދަލު މުއާމަލާތެއްކަން ފުލުހުންނަށް ފާހަގަވެފައިވާކަމަށް ވެސް ބުންޏެވެ.

އެ މީހުން ހައްޔަރުކުރީ ހަތަރު ތަނެއް ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރި ތަކެތި ފުލުހުން ހޯދުމަށްފަހުގައެވެ. އެ ތަކެތިން ހެކި ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މިހާރު މި ދެ މީހުން ވެސް ތިބީ ދެވަނަ ފަހަރަށް ބަންދު ޖަހައި، 30 ދުވަހަށް ބަންދުކޮށްފައެވެ.

ސަރުކރުން ޚާއްސަ އިސްކަމެއް ދީގެން މިފަދަ ކުށްކުރުމަށް ހިންގާ ޗެނަލްތަކާއި ސައިޓުތައް ހުއްޓުވުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެއާއެކު ފުލުހުން އިސް ނަގައިގެން އަންނަނީ ޝައްކު ކުރެވޭ ތަންތަނާއި މީހުން ވެސް ބަލައި ފާސްކުރަމުންނެވެ.

comment ކޮމެންޓް