ކިޔަވަން މާ ބޮޑު ޝައުގެއް ނެތެވެ. މަދުރަސާއަށް ގޮސް ބޮޑަށް އުޅުނީ ސަކަރާތް ޖަހާށެވެ. އެ ކަމުގައި އަދަބެއް ނުލިބޭ ދުވަހެއް ހަނދާނުގައި ވެސް ނެތެވެ. އެ ދަތުރުގައި ގުރޭޑު ހަޔަކުން ފޭލިވީއެވެ. ދެން ނުކުމެ، މާލޭގެ މަޖީދީ މަގުގައި އެއްކޮޅުން އަނެއްކޮޅަށް ހިނގީ ވަޒީފާއެއްގެ އުންމީދުގައެވެ.
މިއީ މިހާރުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ވާހަކައެވެ.
ޅައިރުގެ ލާނެއްކަމުގެ އަވައިގައި މަދަރުސީ ދައުރުގެ ގިނަ ދުވަސްތައް ޝަހީމް ހޭދަކުރެއްވީ ސަކަރާތް ޖައްސަވާށެވެ. އޭރު ސްކޫލަށް ގޮސް ރަހުމަތްތެރިންނާ ގުޅިގެން ޖަހައި ސަކަރާތުގެ ތެރެއިން އަދަބެއް ނުލިބޭ ދުވަހެއް ހަނދާނެއް ނެތެވެ.
"އަޅުގަނޑަކީ ސަކަރާތް ޖެހުމުގައި ވަރަށް މަތީގައި އުޅުނު މީހެއް. ކޮންމެ ދުވަހަކު އަދަބު ލިބޭނެ. އެސެންބްލީ ކުރިމަތީގައި ކޮޅަށް ވެސް ބަހައްޓާނެ،" ހޭން ފައްޓަވާފައި ވިދާޅުވިއެވެ.
މިހާރު މާ ބޮޑު، މާ މޮޅު އިލްމުވެރިއެއް ވިޔަސް އޭރު އެއީ އާދައިގެ ސޮރެކެވެ.
ރާއްޖެތެރެއިން މާލެއަށް ހިޖުރަކޮށްގެން ތައުލީމެއްގެ އެދުމުގައި ގޮސް ވަނީ އަރަބިއްޔާ ސްކޫލަށެވެ. އެއީ، ރާއްޖޭގައި ތައުލީމު އުނގެނެން ދިޔަ ހަމައެކަނި ސްކޫލެވެ. އެކަމަކު، އެ ތަނުން ޝަހީމަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ. ޢަރަބި ބަހަށް ނުފަރިތަވުމާއި އެ ނޫން ވެސް ސަބަބުތަކާ ހެދި ފާސްނުވެގެން، ގްރޭޑް ހަޔަކުން ބޭރުކޮށްލައިފިއެވެ.
"އަޅުގަނޑު ރާއްޖޭގައި ކިޔެވި ވެސް އޮންނާނީ އެންމެ ސުކޫލެއް އެއީ އަރަބިއްޔާ. ގުރޭޑް ހަޔަކާ ހަމައަށް ކިޔެވީ ވެސް. ހަޔަކުން އަޅުގަނޑު ފާސް ނުވެގެން ދާން ޖެހުނީ،" މަޑުމަޑުން ހިނިތުންވެލާފައި ބުންޏެވެ.
"ފާސް ނުވެވުނީ ވެސް ރަށުގައި އެހެން އުޅެފައި އައިސް ދާން ޖެހުމާއި އަރަބި ބަހުގެ ފެންވަރު އޭރު އަޅުގަނޑުގެ ނެތުމާއެކު މަންމައާއި ވަކިން އުޅެން ޖެހުމާއެކު. އުމުރުން 10 އަހަރު 11 އަހަރުގައި ވަރަށް އުނދަގޫވާނެ ނޫންތޯ؟ އެއީ ވެސް ﷲ ލެއްވި ރަހުމަތެއް ކަމަށް ވެދާނެ،"
މާލެ އައިސް އެކަނި އުޅެންޖެހުންވީ ކުޑަކުޑަ ޝަހީމަށް ބޮޑު ވޭނަކަށެވެ. މަންމަގެ އަޅައިލުން މަތިން ހަނދާންވާ ވަރުންނެވެ. އެކަމަކު، ހާލަތު މަޖުބޫރުކުރީ އެ ގޮތުގައި ދިރިއުޅުން ބައްޓަންކުރާށެވެ.
އޭރުގައި މާ ބޮޑު ތަނަވަސްކަމެއް ނެތެވެ. އަތުގައި ވިއްކާނެ އިލްމެއް ވެސް އޭރަކު ނެތެވެ. އޮތީ، ހުސް އެކަނި އުންމީދެކެވެ.
މަދަރުސާއިން ފޭލިވީމާ ފިޔަލަ ބޮލަށް އޮޑި ދުއްވާ އުސޫލުން ވެސް ދުވަސްތަކެއް ދިޔައެވެ. އަވައްޓެރިންނާއި އެކުވެރިންނާ އެކު މަގުމަތީގައި ލާހޫރެން ވެސް އުޅެވުނު ހަނދާނެއް ހުރެއެވެ. އެކަމަކު، އޭރުގައި ވެސް އަތުންފައިން ގޯހެއް ހެދިފައި އޮވެދާނެ ކަމަށް ހަނދާނަކު ނެތެވެ. ބަރާބަރަށް ނަމާދު ކުރެވުނު ހަނދާން ހުރެއެވެ.
"ސުކޫލުން ވަކިވުމަށް ފަހު ދެން ގުރޫޕުތަކާއި ގުޅި އަވަށްޓެރި ހިސާބުތަކުގެ ކުދިންނާއި ގުޅި، ރަށު ތެރޭގައި ހިނގާ މިގޮތަށް ވަގުތުތަކެއް ދިޔަ. އެކަމަކު އަޅުގަނޑު ދުވަހަކު ވެސް ގޯސް އަމަލުތައް ނުހިންގަން،"
ދުވަސްތައް ނަގައިނުލާ ޝަހީމް ބޭނުންފުޅުވީ ވަޒީފާއެއް ހޯދާށެވެ. މިއަދު ސީވީގައި ތިން ހަތަރު ސަފުހާ އޮތަކަސް އޭރު ވިއްކާނެ އެއްޗެއް ނެތެވެ. އަތުގައި ފައިސާއެއް ނެތެވެ. ދައްކާނެ މާ ބޮޑު ތަޖުރިބާއެއް ނެތެވެ. އެއީ، 15 ވަރަކަށް އަހަރުގެ "ސޮރެކެވެ'.
އެކަމަކު، ހިތުގައި އޮތް އުންމީދެއްގެ ބޮޑުކަމުން އޭރު މާލޭގައި އޮތް ޗަސް ބިމުގައި އެއްކޮޅުން އަނެއްކޮޅަށް ރަތްދަކާ އަވީގައި ހިނގާން ފެށީއެވެ. ވަޒީފާއެއް ފެނޭތޯ އެއް ފިހާރައަށް ބޯ ކޮއްޕައިލާފައި އަނެއްކާ ވެސް ނާއުންމީދުގައި ނުކުމެ އަނެއް ދޮރުގައި ވެސް ޖަހައިލަނީއެވެ.
"އޭރު ދެން ވަޒީފާއެއް ހޯދުމަކީ ވަރަށް ބޮޑު ކަމެއް. މަޖީދީ މަގުގައި އެއްކޮޅުން އަނެއްކޮޅަށް ހިނގަން ޖެހެނީ،"
ކޮންމެއަކަސް ހިނގަނިކޮށް ޝަހީމަށް ނަސީބު ލައްވާލައިފިއެވެ. މަޖީދީ މަގުގައި އެ އޮތީ ބޮޑު އިއުލާނެކެވެ. ފިހާރައަކަށް ނޯކަރީކަން ކޮށްދޭނެ މީހަކު ހޯދާށެވެ. އެއީ، ހަޔާތުގެ އެތައް ކަމެއް ދަސްކޮށްދިން ދަތުރު ބަދަލުކޮށްލި ހިސާބުކަމުގައި ބުނެވިދާނެއެވެ. ތައުލީމީ ހަޔާތުގެ ޔަގީނުން ވެސް ބިންގަލެވެ.
"އަޅުގަނޑަށް މި ފެންނަނީ މަޖީދީ މަގު ހޯލި ކިޔާ ފިހާރައެއް. އެ ތަނުގައި އޮތީ އެ ތަނަށް ފޮޅާ ސާފުކުރާ މީހަކު ބޭނުންވެއްޖޭ. އޭރު ގާތްގަނޑަކަށް 15 އަހަރު ވާނީ،"
އެ ވަޒީފާ ކިތަންމެ ބުރަޔަސް، އޭރު ޝަހީމަށް އިތުރު ގޮތެއް ނެތެވެ.
އެ ފިހާރައިގައި ނޯކަރީކަން ކުރަން އުޅުމުގެ ތެރޭގައި އަނެއްކާ ވެސް މަޑުމަޑުން ކިޔަވަން ފެށުނީއެވެ. އެ ތަނުން ބައްދަލުވި އެކުވެރިންތަކަކީ ޤުރުއާން ކުލާހަކަށްދާ ބައެކެވެ. އެ މީހުންނާ ޖެހިގެން ޝަހީމް ވެސް ބޭނުންފުޅުވީ ކިޔަވަން ދާށެވެ.
އެ ފަހަރު ކިޔަވަން ފެށީ މަސައްކަތް ކުރަމުންނެވެ. މި ފަހަރު ޤުރުއާން އުނގެނެންވެގެން ފެށި ދަތުރު މިއީ އަސްލު ޝަހީމްގެ ތައުލީމީ ހަޔާތުގެ އެންމެ މުހިއްމު ފެށުމެވެ.
އޭގެ ފަހުން މިސްރުން އަރަބި ބަސް އުނގެނުނީ 1999 ވަނަ އަހަރެވެ. އޭގެ ފަހުން، މަދީނާގެ އިސްލާމިކް ޔުނިވާސިޓީން އިސްލާމިކް ޝަރީޢާ ދަސްކުރިއެވެ. މާސްޓާސް ހާސިލުކުރީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީންނެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ހަމަ އެ ޔުނިވާސިޓީން ޑޮކްޓާ އޮފް ފިލޯސޮފީ ނުވަތަ ޕީއެޗްޑީ ހާސިލުކުރީ އިސްލާމިކް އިކޮނަމީންނެވެ.
ނޯކަރީކަމުން ފެށި ވަޒީފާގެ ދަތުރުގައި އޭގެ ފަހުން އަދާކުރެއްވި ސަރުކާރުގެ އިސް މަގާމުތައް މިއަދު އެއް ސަފުހާއިން ނުވެސް ނިމެއެވެ.
ލެކްޗަރާކަން ވެސް ކުރިއެވެ. އޭގެ ފަހުން، 2008 ވަނަ އަހަރުން ފެށިގެން ދެ އަހަރެއްހާ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ. އޭނާ އެންމެ ފުރަތަމަ ވަޒީރުކަމަށް އިސްކުރެވުނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2012 ވަނަ އަހަރުއެވެ.
އޭގެ ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުކަން ކުރެއްވިއެވެ. ޖެހިގެން އައި 2018 ވަނަ އަހަރު ޔާމީންގެ ރަނިންމޭޓުކަން ވެސް ކުރެއްވިއެވެ.
ގުރޭޑު ހަޔަކުން ފޭލިވެ، މަގުމަތީ ފިހާރައެއްގައި ނޯކަރީކަން ކުރި ޝަހީމް އަނެއްކާ ވެސް މިއަދު އެ ހުންނެވީ ވަޒީރުކަމުގައެވެ. ހުވަފެނުގައި ކުލަ ޖައްސައިދިނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިތުގައި އޮތް އުންމީދެވެ. އެ ކަމަށް އެދިގެން ކުރި މަސައްކަތެވެ. މި މާ އުފާވެރި ހިނިތުންވުމުގެ ސިއްރަކީ އެއީއެވެ.