ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އާސެނަލް ޖާގަހޯދައިފި

އާސެނަލްގެ ކީޕާ ރާޔާވަނީ ޕޯޓޯގެ ދެ ޕެނަލްޓީ މަތަކޮށްފަ / ފޮޓޯ: ޑަބްލިޔުޓީއެކްސް ނިއުސް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އިންގްލިޝް ޕްރިމިއާ ލީގުގެ އާސެނަލް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލުން އާސެނަލް ޖާގަހޯދާފައިވަނީ ރައުންޑް އޮފް ސިކްސްޓީންގައި ޕޯޗުގަލްގެ އެފްސީ ޕޯޓޯއާ ބައްދަލުކޮށް އެއް ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ދެޓީމު އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު ދެ ލަނޑުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ޕޯޓޯގެ ދަނޑުގައި ކުޅެ ޕޯޓޯ އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކުރި އިރު އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ އާސެނަލްއެވެ.

ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނުނު ދެވަނަ ލެގުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. ނަމަވެސް މިމެޗުގައި ޕޯޓޯ ފެނުނީ އާސެނަލްއަށް ޑިފެންސް ފޫއަޅުވާލަން އުނދަގޫ ޓީމެއްގެ ގޮތުގައެވެ. އޭގެ އިތުރުން ޕޯޓޯއިން ދިޔައީ ލިބޭ ފުރުސަތުތަކުގައި އާސެނަލްގެ ގޯލަށް ނުރައްކާވެސް ކުރަމުންނެވެ.

އެ މެޗުގައި އާސެނަލްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ލިއާންޑްރޯ ޓްރޮސާޑްއެވެ. މިލަނޑާއެކު އެގްރިގޭޓް ނަތީޖާއިން ދެޓީމު ހަމަހަމަ ވެގެންދިޔައިރު ކުއާޓާ ފައިނަލް ކާމިޔާބު ކުރެވޭތޯ ދެޓީމުންވެސްވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވިއިރުވެސް މިނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

އެ މެޗުގެ ދެވަނަ ހާފުގައި އާސެނަލްއިން ޕޯޓޯގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް އެލަނޑު ޖެހުމުގެ ކުރިން ފައުލްއެއް ހިނގާފައިވާކަމަށް ނިންމައި އެލަނޑު ރެފްރީ ބަލައިގެންފައެއް ނުވެއެވެ. އަދި ދެވަނަ ހާފުގައި ކޮންމެވެސް ވަރަކަށް ދެޓީމުގެވެސް ފައުލް ގިނަވެ މެޗު އިތުރަށް ހޫނުވެގެންދިޔަ ތަންވެސް ފެނިގެންދިޔައެވެ.

ފުރިހަމަ ވަގުތުގައި ނަތީޖާއަށް ބަދަލެއް ނައިއިރު އިތުރު ވަގުތުގެ ދެ ހާފުވެސް ނިމުނީ މިނަތީޖާއަށް ބަދަލެއް ނައިސްއެވެ. ނަތީޖާއަކަށްވީ ޕެނަލްޓީ ޖެހުމެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި އާސެނަލްއިން ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބު ކުރި އިރު ޕޯޓޯއަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި އާސެނަލްގެ ތަރިއަކަށްވީ އެޓީމުގެ ކީޕަރު ޑޭވިޑް ރާޔާއެވެ. އޭނާވަނީ ޕޯޓޯގެ ދެ ޕެނަލްޓީ މަތަކޮށްފައެވެ.

މިކާމިޔާބީއާއެކު އާސެނަލް މިވަނީ 2010 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ. ކުއާޓާ ފައިނަލްގައި އާސެނަލް ކުޅޭގެ ޓީމެއް އެނގޭނީ މިއަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމުންނެވެ.

comment ކޮމެންޓް