ދެ ދަންފަޅިއަށް ހަދައގެންވެސް ދެވަނަ ފިޔަވަހީ ދަރިވަރުންނަށް ތައުލީމު ކަށަވަރު ކުރާނަން: ޑރ. ޝަފީއު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު -- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކޮށްގެން ވިއަސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަރިވަރުންނަށް ތައުލީމު ކަށަވަރު ކޮށްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ވަރަށް ގިނަ ބެލެނިވެރިންގެ ފަރާތުން ދެވަނަ ފިޔަވަހިން ސްކޫލު ޖާގައަށް އެދި މިނިސްޓްރީއަށް ތަކުރާރުކޮށް ހުށަހަޅާ ކަމަށެވެ.

އެގޮތުން ދެވަނަ ފިޔަވަހިން ސްކޫލު ޖާގައަށް އެދި މިއަދާ ހަމައަށް 800އަށް ވުރެ ގިނަ ހުށަހެޅުން މިނިސްޓްރީއަށް ލިބިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. މިއަހަރު ނިމޭއިރު މި އަދަދު 1000އަށް އިތުރު ވާނެ ކަމަށް މިނިސްޓަރު ވަނީ ލަފާ ކުރައްވާފައެވެ.

މިހެންކަމުން، ސަލާހުއްދީން ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކޮށްގެން ނަމަވެސް، ހުޅުމާލޭ ދެވަނަ ދިޔަވަހިން ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ ތައުލީމު ކަށަވަރު ކުރާނެ ކަމަށް މިނިސްޓަރުގެ ޕޯސްޓުގައި ވެއެވެ.

"މިއީ ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބޭ ވަރަށް ބޮޑު ލުޔެއްކަން ފާހަގަ ކުރަމެވެ،" އޭނާ ލިޔުއްވާފައި ވެއެވެ.

މިނިސްޓަރު ވިދާޅުވީ، މިފަދަ ހާލަތަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ތައުލީމީ ހާލަތު ވެއްޓުނީ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވާނެ މިންވަރު ދެނެގަނެ، އަންދާޒާ ކުރެވޭ ދަރިވަރުންގެ އަދަދަށް ރިއާޔަތްކޮށް ސްކޫލު އެޅުމުގައި އިހުމާލު ވެފައި ވާތީ ކަމަށެވެ.

ދެވަނަ ފިޔަވަހީގައި 1،700 ކުދިންގެ ޖާގައިގެ އާ ސްކޫލެއް ބިނާ ކުރުމަށް މިދިޔަ ޑިސެމްބަރު 25ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބިންގާ އަޅައިދެއްވައިފައެވެ.

comment ކޮމެންޓް