17 ދުވަހުން މާލެއިން 10 ކޮންޓެއިނަރުގެ ކުނި ނަގައިފި

މިދިޔަ 17 ދުވަސްތެރޭ މާލެއިން 263 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރޯދަ މަހާ ދިމާކޮށް، ގެތައް ސާފުކުރުމަށް ފަހު ބާ ފަރުނީޗަރުތަކާއި ކުނިތަކުން މަގުމަތި ފުރާލައި މުޅި މާލޭގެ މަގުމަތި އޮތީ ގޮނޑު ކޮށްލައިފައެވެ. ކުނީގެ ސަބަބުން ދުވާރުމަތީގައި ހިނގާ ބިނގާވެ އުޅުމަށްވެސް ވަނީ އުނދަގޫވެފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކޮށްފައެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ އެކަނި މާލެއިން 83 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. މިދިޔަ 17 ދުވަސް ތެރޭ 263.5 ޓަނުގެ ކުނި ނަގާފައިވާއިރު، މިއީ 25 ފޫޓުގެ 10.54 ކޮންޓޭނަރުގެ ކުނި ކަމަށް އާޒިމް ވިދާޅުވިއެވެ.

އެވްރެޖްކޮށް ބުނާނަމަ މިއީ ފުޓްބޯޅަ ދަނޑުގެ ފަސް ދަނޑަށް އެޅޭހާ ކުންޏެވެ.

"އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދުވުމަށް،" މޭޔަރު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ގޮނޑުވުމާ ގުޅިގެން ވެމްކޯއިން ބުނީ، މާލޭސިޓީ ކައުންސިލާ ގުޅިގެން ކުނި ނެގުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި ކުނި ގިނަ ބައެއް ހިސާބުތަކުން ވެމްކޯއިން އަމިއްލައަށް ވެސް ކުނި ނަގާކަން އެ ކުންފުނިން ފާހަގަކުރިއެވެ.

ވެމްކޯއިން ވެސް ވަނީ މަގުމައްޗަށް ކުނި އުކުމުގެ ބަދަލުގައި އޮންނަ އުސޫލުގެ ދަށުން އެންމެން ވެސް ކުނި ނައްތާލުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް