އިންޑިއާގެ ފަތުރުވެރިން އިތުރުކުރަން މަސައްކަތްތައް އަންނަނީ ކުރަމުން: އެމްއެމްޕީއާރުސީ

އެމްއެމްޕީއަރުސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަސައްކަތްކުރާ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވިދާޅުވި -- ސަން ފޮޓޯ/ އަމަން ލަތީފް

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު މިއަދު ވިދާޅުވެއްޖެއެވެ.

މި މަހުގެ ފަހަކުން ހަތަކަށް އޮތް އައިޓީބީ ބާލިން ފެއާއާ ގުޅޭ މައުލޫމާތު ދިނުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާތިމަތު ތައުފީގު ވިދާޅުވީ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުކުރުމަށް އައިޓީބީގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އޮފް ސީޒަންގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ކުރިޔަށް އޮތް ދެތިން މަހެއްގެ ތެރޭގައި އިންޑިއާ މާކެޓް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައީ އިންޑިއާއިންނެވެ. އެހެން ނަމަވެސް މިހާރު އެ ގައުމު އޮތީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަވަނައިގައެވެ.

މި މައްސަލަ އުފެދިގެން އައީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަލާމާތްކޮށް، އެ ގައުމަށް ތަކުރާރުކޮށް ފާޑުކިޔަމުން ދިއުމާ ގުޅިގެން އިންޑިއާގެ ފަންނާނުން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި، ސޯޝަލް މީޑިއާގައި ފެށި ކެމްޕޭނުގެ ސަބަބުންނެވެ.

އެއާއެކު އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ވެސް ވަނީ ދަށްވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް މި އަހަރު ތެރޭގައި 478،416 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގޮތުން ގައުމުން 58،139 ފަތުރުވެރިން ވަނީ އައިސްފައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރަޝިޔާއިން އަންނައިރު، އެ ގައުމުން މިއަހަރުގެ މިހާތަނަށް 47،647 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެެވެ. ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިޓަލީއިންނެވެ. އެ ގޮތުން އެ ގައުމުން އެކަނި ވެސް 46،030 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ދެ ވަނަ ދުވަހާ ހަމައަށް، މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 33 ޕަސެންޓް ދަށްވެފައެވެ. އެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް 41،054 ފަތުރުވެރިން ޒިޔާރަތް ކުރިއިރު މިއަހަރު އެހާތަނަށް އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރީ 27،224 ފަތުރުވެރިންނެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު މިކަމުގެ ސަބަބުން ރާއްޖެއަށް 1.8 ބިލިއަން ޑޮލަރާއި ދެ ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބިދާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އިސް ބައެއް ތަޖުރިބާކާރުން ލަފާ ކުރައްވައެވެ.

https://sun.mv/189740

ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފައި އޮތީ މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

comment ކޮމެންޓް