އިންޑިއާ ފަތުރުވެރިން މަދުވެ، ބިލިއަން ޑޮލަރުގެ ގެއްލުމަކާ ދިމާޔަށް

އިންޑިއާ ފަތުރުވެރިން ރާއްޖޭގެ ރިސޯޓެއްގައި: އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓްގެ އަދަދު ދަށް--

އިންޑިއާ އާ ނުލައި އުޅެން ނިންމައި، އަތް އުރާލައިގެން އެއްބަޔަކު ތިބިއިރު ކުރިމަތި ވަމުން އަންނަ ބިރުވެރިކަމާ މެދު އެ މީހުން ވިސްނައެއް ނުލައެވެ. ހެޔޮ ވިސްނޭ ބަޔަކުނަމަ ސިޔާސީ ފިކުރާއި ޒާތީ ވިސްނުމަށް ވުރެން އިސްކަން ދޭނީ ގައުމުގެ އިގްތިސާދީ ހާލަތަށެވެ. ޖަޒުބާތުގައި ޖެހި އެކަން ގުރުބާނެއް ނުކުރާނެއެވެ. ނަމަވެސް ރާއްޖޭން މިއަދު ފެންނަނީ އެ މަންޒަރެއް ނޫނެވެ.

ކޮވިޑާއެކު ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތައް ގޮތްހުސްވާ ހިސާބަށް ދިޔައިރު ނިސްބަތުން މި ކުޑަކުޑަ ރާއްޖެއަށް ކުރި އަސަރު ކުޑައެވެ. އެހެން އެކަން ދިމާވީ އިންޑިއާއިން ދިން އެތައް މިލިއަން ޑޮލަރެއްގެ ބަޖެޓް ސަޕޯޓާއި ކޮވިޑް ވެކްސިންތަކުގެ ސަބަބުން އެކަންޏެއް ނޫނެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އެ ގައުމުން ރާއްޖެއަށް އައި އެތައް ލައްކަ ފަތުރުވެރިންގެ ވެސް ސަބަބުންނެވެ. އަވައްޓެރި ސްރީ ލަންކާފަދަ ގައުމުތައް ބަނގުރޫޓް ވިއިރު ރާއްޖެއަށް ހަމަޖެހިލައިގެން އޮވެވުނީ މި ގައުމުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމަށް އިންޑިއާއިން ދިން އެއްބާރުލުމުގެ ސަބަބުންނެވެ.

އިންޑިއާއަކީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އެއީ އަހަރެއްގެ މައްޗަށް ދެ ލައްކައަށް ވުރެން ގިނަ ޓޫރިސްޓުން އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކޮށްގެންނެވެ. ނަމަވެސް އެ މަންޒަރު މިހާރު ބަދަލުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާޗް މަހުގެ ދެ ވަނަ ދުވަހާ ހަމައަށް، މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 33 ޕަސެންޓް ދަށްވެފައެވެ. އެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް 41،054 ފަތުރުވެރިން ޒިޔާރަތް ކުރިއިރު މިއަހަރު އެހާތަނަށް އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރީ 27،224 ފަތުރުވެރިންނެވެ. ފަތުއަޑު ކިޔާފައި އިންޑިއާގެ ޓޫރިސްޓުންގެ އަދަދު ދަށަށް ދަނީއެވެ.

މިހެން މިކަން ދިމާވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ރައްޔިތުންނާ ގުޅޭ ގޮތުން މި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުގެ ސިޔާސަތުތައް އިންޑިއާއާ ފެޔަށް ޖެހުނީތީއެވެ. މިކަންކަމުގެ ސަބަބުން އިންޑިއާގެ މަޝްހޫރު ތަރިންތަކެއް ހިމެނޭ ގޮތަށް، ރާއްޖެ ނައުމަށް ގޮވާލައި ވަރުގަދަ ބޮއިކޮޓް ކެމްޕެއިނެއް އިންޑިއާގައި ކުރިއަށް ގެންދިޔައީއެވެ. އޭގެ ހިތި ނަތީޖާ މިހާރު ރާއްޖެއަށް މިދަނީ ފެންނަމުންނެވެ.

https://sun.mv/187085

ބިލިއަން ޑޮލަރުގެ ގެއްލުމެއް، އިންޑިއާ މުހިންމުވަނީ ކީއްވެ؟

އިންޑިއާގެ ޓޫރިސްޓުންނަށް ޚާއްސަކޮށްގެން މަތީ ފަންތީގެ ގިނަ ރިސޯޓްތަކެއް ރާއްޖޭގައި ހިންގައެވެ. އަދި އެ ގައުމުގެ ޓޫރިސްޓުންނަކީ ރާއްޖޭގެ ގެސްޓް ހައުސްތަކަށް ވެސް މުހިންމު މާކެޓެކެވެ.

އިންޑިއާގެ ޓޫރިސްޓުން އެންމެ ގިނައިން ރާއްޖެ އަންނަނީ އެންމެ މުހިންމު ދުވަސްވަރެވެ. އެއީ ޔޫރަޕުގެ މާކެޓްތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ދާ ދުވަސްވަރެވެ. ޔޫރަޕުގެ ޓޫރިސްޓުން ފިނި މޫސުމުގައި ގިނައިން ރާއްޖެ އަންނައިރު އިންޑިއާގެ ޓޫރިސްޓުން ގިނައިން އަންނަނީ ހޫނު މޫސުމުގައެވެ. ނުވަތަ ރާއްޖޭގެ އޮފް ސީޒަންގައެވެ. މީގެ ސަބަބުން އޮފް ސީޒަންގެ މުއްދަތުތަކުގައި ފަތުރުވެރިކަމުގެ ޙަރަކާތްތަކާއި އާމްދަނީ ދެމެހެއްޓުމަށް އިންޑިއާގެ ފަތުރުވެރިން އެހީތެރިވެދެއެވެ. އެކަން ވަނީ އިންޑަސްޓްރީއަށް ވަރަށް ވެސް މުހިންމު ކަމަކަށެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އިސް ބައެއް ތަޖުރިބާކާރުން ލަފާ ކުރައްވާގޮތުގައި މިކަމުގެ ސަބަބުން ރާއްޖެއަށް 1.8 ބިލިއަން ޑޮލަރާއި ދެ ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބިދާނެއެވެ. އިންޑިއާ ޓޫރިސްޓުން ރާއްޖެ ގެންނަ ބައެއް ޓްރެވަލް އެޖެންސީތަކުން ބުނާގޮތުގައި އެ މީހުންގެ އާމްދަނީ 80 ޕަސެންޓް މިހާރު ދަށަށް ގޮސްފިއެވެ. މިއީ ވަރަށް ނުރައްކާތެރި ނިޝާނެކެވެ.

އިންޑަސްޓްރީން ބުނަނީ އިންޑިއާ ވަރަށް މުހިންމޭ

ފުޅާދާއިރާއެއްގައި ރާއްޖެއަށް ޓޫރިސްޓުން ގެންނަން ލެޓްސް ގޯ މޯލްޑިވްސްގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި އިންޑިއާއަކީ އެކި ފަންތީގެ ޓޫރިސްޓުން އަންނަ ގައުމެކެވެ. އެގޮތުން އަގުބޮޑު ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންނާއި ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން އިންޑިއާގައި ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޑިއާ އަކީ ބޮޑަށް ސަމާ މާކެޓެއް. މިހާރު އެ މާކެޓް ދަށް ވުމުން ބައެއް ރިސޯޓްތަކުން ވަރަށް މައްސަލަ ޖައްސާ. އެއީ ވިޔަފާރިއަށް ލޮޅުން އަންނާތީ. އަސްލު މުހިންމު މާކެޓެއް އެއީ. އިންޑިއާ ނެތިއްޔާ އޮކިއުޕެންސީއަށް އަސަރު ކުރާނެ ވަރަށް ބޮޑަށް. އެހެންވީމަ އެ މާކެޓާ ނުލާ ނުވާނެ މާކެޓެއް އެއީ،" އޮފިޝަލް ވިދާޅުވިއެވެ.

ބޮއިކޮޓް ކެމްޕެއިން ފެށުމުގެ ކުރިން އަބަދު ކަހަލަ ގޮތަކަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންތަކެއް ޗުއްޓީއަށް ރާއްޖެ އައިސް އުޅެއެވެ. އޭގެ ތެރޭގައި އެތައް ހާސް މިލިއަން ބަޔަކު ފޮލޯކުރާ ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކްހާން ފަދަ ތަރިން ހިމެނެއެވެ. އިންސްޓަގުރާމާއި ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތަކުގައި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާ ފޮޓޯއާއި ވީޑިއޯ އެ ތަރިން ހިއްސާ ކުރުމާއެކު އިންޑިއާގެ އެތައް ބަޔަކު ރާއްޖެއަށް މިސްރާބު ޖަހައެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ފިލްމީ ތަރިންގެ އެކްސްޕީރިއަންސް ހިއްސާ ކުރުމުން އެކަން ތަޖުރިބާ ކުރަން ރާސްލާފައި އިންޑިއާއިން މީހުން އަންނަކަން. އެކަހަލަ ރަނގަޅު މާކެޓެއް އިންޑިއާ މާކެޓަކީ،" ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ގިނަ އަހަރުތަކެއް ވަންދެން އިސް ދައުރެއް އަދާ ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވިއެވެ.

"ސްޓާރަކު ރާއްޖޭގައި ވޯޓާ ސްޕޯޓްސް ޖައްސާފައި އެ ފޮޓޯ ލާއިރަށް އެކަން ކުރަން އެތައް ބަޔަކު އާދޭ. އޭގެ ފައިދާ ރިސޯޓްތަކަށް ވަރަށް ބޮޑަށް ކުރޭ."

އެ ބޭފުޅާ ވިދާޅުވިގޮތުގައި ރާއްޖޭގެ ޚާއްޞަ ކަންކަން ތަޖުރިބާ ކުރުމަކީ އިންޑިއާގެ ގިނަ ފަތުރުވެރިންތަކެއް ލޯބި ކުރާ ކަމެކެވެ. އެކަމަށް ވަރަށް ހޭދަ ވެސް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްސަކޮށް ހަނީމޫން ހޭދަ ކުރުމަށް އިންޑިއާއިން އަންނަ ފަތުރުވެރިންނަކީ ވަރަށް ޚަރަދު ކުރާ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަނީމޫނަށް އަންނައިރު އިންޑިއާގެ އާއިލާތަކުން ކަޕުލްއިންނަށް ވަރަށް ފައިސާ ދޭ. އެހެންވެ ހަނީމޫނަށް އަންނަނީ ވެސް ވަރަށް ފައިސާ ހިފައިގެން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އިސްކޮށް މަސައްކަތް ކުރައްވާތާ އެތައް އަހަރެއް ވެފައިވާ އެ ބޭފުޅާ ވިދާޅުވިގޮތުގައި އިންޑިއާ ޓޫރިސްޓުންގެ އަދަދު ދަށްނަމަ ހޫނު މޫސުމުގައި ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެއެވެ. އޭގެ ތެރޭގައި އިންޑިއާގެ މާކެޓަށް ޚާއްޞަ ރިސޯޓްތަކާއި އެހެން ރިސޯޓްތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވި ނަމަވެސް އޭގެ ތެރެއިން ގިނަ ފަތުރުވެރިން ތިބެނީ ގެސްޓްހައުސްތަކުގައި ކަމަށްވެފައި، އެ މީހުން ރާއްޖޭގައި ތިބޭ މުއްދަތު ކުރުވުމުން އާމްދަނީ ލިބޭ މިންވަރު ދަށެވެ. ނަމަވެސް އިންޑިއާ ފަތުރުވެރިން އަންނައިރު، އެމީހުން ރިޒޯޓުތަކުގައި ހޭދަކުރާވަރު އިތުރުކަން އެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ފާހަގަކުރެއެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ، ޓްރެވަލް ކަނެކްޝަން މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު މިރުޝާދު ވިދާޅުވިގޮތުގައި މި ދޭތެރެއިން ރާއްޖެ އާއި އިންޑިއާއާ ދެމެދު ހިނގި ސިޔާސީ ކަންކަމުގެ ސަބަބުން އިންޑިއާގެ ޓޫރިސްޓުން އެޑްވާންސް ބުކިންތައް ހެދުން ވަރަށް ބޮޑަށް ހުއްޓުނެވެ. އޭގެ ސަބަބުން އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި މީގެ ސަބަބުން ގެއްލުންތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިރުޝާދު ވިދާޅުވީ ދުނިޔޭގެ މުއްސަނދި ގައުމުތަކުގައި އެތައް މިލިއަން އިންޑިއާ މީހުން އުޅޭއިރު އޭގެ ތެރޭގައި ވެސް ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އަންނަ ވަރަށް ތަނަވަސް އިންޑިއާ ދަރިކޮޅުގެ މީހުން ހިމެނޭ ކަމަށެވެ. މިފަހުން ކުރިމަތިވި ކަންކަމުގެ ސަބަބުން އެފަދަ ބައެއް މީހުން ވެސް ރާއްޖެއަށް ޗުއްޓީއަށް އައުން ހުއްޓާލި ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ބެޑް ކެޕޭސިޓީއަށް ބަލާއިރު ޔޫރަޕާއި މިޑުލް އީސްޓުން ޓޫރިސްޓް އައިސްގެން އެކަނި ފުލްއެއް ނުވޭ. އިންޑިއާއަކީ ވަރަށް ބޮޑު އާބާދީއެއް. އެހެންވީމަ އިންޑިއާ މާކެޓަކީ ވަރަށް މުހިންމު މާކެޓެއް. އަދި މިހާރު ވަރަށް ގިނަ ފްލައިޓްތައް ދެ ގައުމުގެ ދެމެދުގައި އޮންނާތީ ވަރަށް ފަސޭހައިން އިންޑިއާއިން އާދެވޭ ގޮތަށް މި އޮންނަނީ ވެސް،" މިރުޝާދު ވިދާޅުވިއެވެ.

މި މައްސަލަ ހައްލު ކުރެވެން އޮތީ ރާއްޖޭން ވަރަށް ބޮޑަށް މި ކަމަށް ސަމާލުކަން ދީގެން ކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ގަބޫލު ކުރައްވައެވެ. އެގޮތުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށް ސުލްހަ ވާން ޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. އަދި ނެގަޓިވް ކެމްޕެއިންތައް ހުއްޓާލައި އިންޑިއާގައި މިހާރު ނެގެޓިވްވެފައިވާ ރާއްޖޭގެ ނަން ޕޮސިޓިވް ކުރުމަށް ޕީއާރު ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެ ބޭފުޅުން ގަބޫލު ކުރައްވައެވެ. ނޫނީ ރާއްޖެއަށް ލިބޭނެ ގެއްލުން އަދި މާ ބޮޑުވާނެތީއެވެ.

މި ރިޕޯޓަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ހޯދާލުމަށް އެދުނު ނަމަވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ޒުވާބު ކުރުމާއި ގަދަ ބަސް ބުނުންފަދަ ކަންކަމަކީ މި ޒަމާނާ ގުޅޭ ކަންކަމެއް ނޫނެވެ. އިސްކުރަންވާނީ ސުލްހައެވެ. ރާއްޖެއަކީ ޒަމާނުއްސުރެ ސުލްހައަށް ލޯބިކުރާ އަދި އަވައްޓެރިންނަށް އިހުތިރާމު ކުރާ ގައުމެކެވެ. މި ގައުމަށް ދެން ވެސް ކުރިއެރުން އޮތީ އެގޮތަށް އަމަލު ކޮށްގެންނެވެ. އެ ނޫން ގޮތަކަށް އަމަލުތައް ބެހެއްޓުމުގެ ހިތި ނަތީޖާ މިހާރު އެ އަންނަނީ ފެންނަމުންނެވެ. ދެން ވެސް ގޮތްދޫކޮށް ސުލްހަވާން މަސައްކަތް ކުރަންވީއެވެ. ނޫނީ ލިބޭނެ ގެއްލުން މާ ބޮޑުވާނެއެވެ.

comment ކޮމެންޓް