ޖީޑީއައި ޕްރޮޖެކްޓްތައް އަވަސްކުރަން ޗައިނާއިން ރާއްޖެއާއެކު މަސައްކަތް ކުރަން ތައްޔާރު: ޗައިނާ އެމްބަސީ

ރައީސް ޑރ. މުޙައްމަަދު މުއިއްޒު ޗައިނާގައި، އެގައުމުގެ ރައީސް ޝި ޖިންޕިންއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ޒިންހުއާ

ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (ޖީޑީއައި)ގައި ހިމެނޭ ޕްރޮޖެކްޓްތައް ތަންފީޒުކުރުން އަވަސްކުރަން ރާއްޖެއާއެކު މަސައްކަތް ކުރަން އެ ގައުމުން ތައްޔާރު ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ފަރާތުން އެފަދައިން ވިދާޅުވީ، އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލިޝިން ނެރުއްވި، ދުނިޔޭގެ މުސްތަގުބަލަށްޓަކައި އެންމެ ހިއްސާވެގެން މަސައްކަތް ކުރުމަށް ގޮވާލާ ބަޔާނެއްގައެވެ.

ޖީޑީއައި އަކީ، ގުޅިގެން ގައުމުތަކާ އެކު މަސައްކަތް ކުރުމަގައި ޗައިނާއިން ގެންގުޅޭ ސިޔާސަތުތަކުގެ މައްޗަށް 2021ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންޕިން އެކުލަވާލެއްވި ހަރަކާތެކެވެ. ޖެހިގެން އައި އަހަރު ޗައިނާއިން ވަނީ، ޔޫއެންގައި ގްރޫފް އޮފް ފްރެންޑްސް އޮފް ޖީޑީއައި އިފުތިތާހުކޮށްފައެވެ.

ޖީޑީއައިއަކީ، ގްލޯބަލް ސެކިއުރިޓީ އިނީޝިއޭޓިވް (ޖީއެސްއައި) އަދި ގްލޯބަލް ސިވިލައިޒޭޝަން އިނީޝިއޭޓިވް (ޖީސީއައި)އާ އެއްކޮށް، ބެލްޓް އެންޑް ރޯޑްއަކީ މައިގަނޑު ޕްލެޓްފޯމް ކަމުގައި ބަލައިގެން، ދެމެހެއްޓެނިވި އަދި އެންމެން ޝާމިލުވާ މުސްތަގުބަލަކަށް މަސައްކަތް ކުރާ ހަރަކާތެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޖަނަވަރީ އަށެއްގައި ޗައިނާއަށެވެ. ޗައިނާގެ ރައީސްގެ ދައުވަތަކަށް އެ ގައުމަށް ވަޑައިގެން މި ދަތުރުފުޅުގައި 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި، ޗައިނާ ސަރުކާރުން ވަނީ މުހިއްމު ގިނަ އެހީތަކެއް ރާއްޖެއަށް ދޭން ނިންމައިފައެވެ.

ވާންގްގެ ބަޔާނުގައި ވަނީ، ރާއްޖެއަކީ ޒަމާނުއްސުރެ އެކުވެރި ގައުމެއް ކަމަށާއި ޗައިނާއަށް ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅާއެކު، މިހާރަށް ވުރެ ފުޅާކޮށް އަދި އާ ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަގުފަހިވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ރާއްޖެއިން ޖީޑީއައިގެ ގުރޫޕް އޮފް ފްރެންޑްސްގައި ބައިވެރިވުމަކީ ޗައިނާއިން މަރުހަބާ ކިޔާ ކަމެއް ކަމަށާއި ޖީޑީއައި ޕްރޮޖެކްޓް ޕޫލްގައި ހިމެނޭ މަޝްރޫއުތައް އަވަސް ކުރުމުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާ ވާނެ ކަމަށެވެ.

ވާންގް ވިދާޅުވި ގޮތުގައި ޗައިނާއިން ވަނީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި)ގެ ދަށުން 150 ގައުމަކާއި 30 ބައިނަލްއަގުވާމީ ޖަމިއްޔާއަކާއެކު 200 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

"ބީއާރްއައިއިން ވަނީ 3،000އަށް ވުރެ ގިނަ މަޝްރޫއު އުފައްދައި ގާތްގަނޑަކަށް އެއް ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އެއްކޮށް، 420އަށް ވުރެ ގިނަ ވަޒީފާ އުފައްދައި، 40 މިލިއަން މީހުން ފަގީރުކަމުން ސަލާމަތްކޮށް، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު ފަދަ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބިނާތައް އަޅައިދީފައި،" ވާންގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޝީގެ ޖީޑީއައި، ޖީއެސްއައި އަދި ޖީސީއައިގެ މަންފާ މިހާރު ލިބެމުން އަންނަ ކަމަށާއި ޖީޑީއައި ޕްރޮޖެކްޓް ޕޫލްގައި މިހާރު އެހެން ފަރާތްތަކާ ގުޅިގެން ހިންގާނެ، ގާތްގަނޑަކަށް 200 މަޝްރޫއެއް ހިމެނޭ ކަމަށެވެ.

comment ކޮމެންޓް