ގެތަކުގެ ބުޑުގައި މިސްކިތް ހުންނަ ނަމަ އެންމެ ރަނގަޅީ ބޭރަށް އަޑުނީވޭގޮތަށް ނަމާދުކުރުން: ޝަހީމް

ރޭ ބަޔަކު ތަރާވީހް ނަމާދު ކުރަނީ: މިނިސްޓަރު ވިދާޅުވީ ގެތަކާ ކައިރީގައި ހުންނަ މިސްކިތްތަކުން އެންމެ ރަނގަޅީ ބޭރަށް އަޑުނީއްވުން ކަމަށް -- ސަން ފޮޓޯ/ މުހައްމަދު މާވީ

ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުން އެންމެ ރަނގަޅު ގޮތަކީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައްޔާއި ތަރާވީޙު ނަމާދާއި ދަމު ނަމާދުގައި މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ނަމާދުކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ގޭގެ ބުޑުގައި ހުންނަ މިސްކިތްތަގައި އަޑުހަރުކޮށް ނަމާދުކުރާތީ ގޭގައި އަޅުކަން ކުރާ މިހުންނަށާއި ކުޑަކުދިންނަށް އުނދަގޫވާކަން ފާހަގަކޮށް މީހަކު ވަނީ އެކްސްގައި ޝުއޫރު ފާޅުކޮށްފައެވެ.

"މި ގޭދޮށު ގޭގޭގެ މީހުންނަށް ޢިޝާނަމާދު ކޮށްލެވޭނީ މިސްކިތުން ތަރާވީޙްނަމާދުކޮށް ނިމުނީމައެވެ،" އޭނާ ލިޔެފައިވެއެވެ.

މި ކަމަށް ޖަވާބު ދެއްވާ މިނިސްޓަރު ވިދާޅުވީ، އެންމެ ރަނގަޅުގޮތަކީ ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން މިސްކިތުގެ ނަމާދުތައް ގެންދިއުން ކަމަށެވެ.

މިސްކިތުން ލައުޑް ސްޕީކަރު ބޭނުންކޮށްގެން ނަމާދު ކުރުމުން މިސްކިތްތަކުގެ ކައިރީގައި ދިރިއުޅޭ އާންމުންނަށް އުނދަގޫވުމަކީ ކުރިން ވެސް ފެންމަތިވެފައިވާ މައްސަލައެކެވެ. މިކަން ރާއްޖޭގެ ރަށްރަށުގައި ވެސް ދިމާވެއެވެ.

މިކަމާ ގުޅިގެން މިދިޔަ ސަރުކާރުން ނަމާދުކުރާ އަޑު ލައުޑް ސްޕީކަރުން ބޭރަށް ނީވޭގޮތް ހަދަން ބައެއް މިސްކިތްތަކަށް އެންގި ވެސް މެއެވެ. އޭރު ވެސް މިނިސްޓްރީން މިފަދައިން ބައެއް މިސްކިތްތަކަށް އެންގީ އެ މިސްކިތްތަކުގެ ކައިރީގައި ދިރިއުޅޭ މީހުންގެ ޝަކުވާ ލިބިގެންނެވެ.

އޭރު މިނިސްޓްރީން ބުނީ، މިސްކިތަކުގައި ހުންނަ ސްޕީކަރު ނިއްވައިލަން އެއްވެސް މިސްކިތަކަށް އަންގާފައި ނުވާނެ ކަމަށެވެ. އެކަމަކު، އުސޫލެއްގެ ގޮތުން ނަމާދު ކުރާއިރު ބޭރަށް އަޑު އިވެން ނުޖެހޭ ކަމަށް އޭރު މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް