ހުރާ ފުޓުބޯޅައިގެ ރަންޒަމާނުން ވިދުވައިލި އެއް ނަންބަރު ކީޕަރު އިސްހާގު

އިސްހާގު އީސާ --

ކ. ހުރާއަށް އުފަން އިސްހާގު އީސާ ފުޓުބޯޅައިގެ ދުނިޔޭގައި އޭނާ ދޫކޮށްފައި އޮތް މާޒީގެ ވާހަކަ ކިޔައިދޭން ފެށީ އޭނާ މިއަދާ ހަމައަށް ވެސް ހަނދާން ނުނެތޭ އެންމެ އުފާވެރި ކާމިޔާބީންނެވެ.

މީގެ އެތައް އަހަރެއް ކުރިން ހުރާގެ ހުއްރިއްޔާ ސްޕޯޓްސް ކުލަބުން ފުޓުބޯޅައަަށް ނުކުތް އިސްހާގު ކިޔައިދިން ގޮތުގައި މިއަދު ވެސް އެންމެ ހަނދާންވަނީ 2000ވަނަ އަހަރު، ރަށެއްގެ ޓީމަކަށް އެންމެ ފުރަތަމަ ޕޮމިސް ކަޕް ކާމިޔާބުވީ ޓީމަކަށް ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ޓީމުވީ ފަހަރެވެ.

"އޭރު އަޅުގަނޑު ކުޅުނުއިރު ރާއްޖެ ތެރޭ ޓީމަކަށް އިންނާނެ ޕޮމިސް ކަޕް ހަމައެކަނި ރާއްޖެ ތެރޭ ޓީމަކަށް ލިބިފައި. އެ ދުވަސް ވަރަށް ހަނދާންވޭ. އެއީ ހުއްރިއްޔާ ސްޕޯޓްސް ކްލަބަށް ޕޮމިސް ކަޕް ލިބުނު ފަހަރު. އޭގެ ފަހުން ވެސް ދެ ފަހަރު ޕޮމިސް ކްލަބު ހޯދައިފައިވޭ،" އިސްހާގު ކިޔައިދިނެވެ.

ހުރާ ޓީމަށް ޕޮމިސް ކަޕް ކާމިޔާބުވުން --

އިސްހާގު ބުނި ގޮތުގައި އޭރު ރަށު ޓީމަކުން ފުޓުބޯޅަ ޓީމަކަށް ވަނުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. އެ ކަމުގެ ޝައުގާއި އަޚުލާގު ދެމެހެއްޓޭނަމަ ކުރިއަށްދާން އޮންނަ މަގު އިންތިހާއަށް ތަނަވަސްވެއެވެ. އެއީ، އޭނާއަށް ވެސް މި ކަމުގައި އޭރު ކުރިއަށްދާން ލިބުނު މަގެވެ.

ހުއްރިއްޔާއަށް ކުޅުމަށް ފަހު ދެން އޭނާ ކުޅުނީ އައިއެފްސީއަށެވެ. އެއީ މާލޭގައި އޭރު ހިންގަމުން އައި ކުލަބެކެވެ. އޭގެ ފަހުން 19 އަހަރުން ދަށުގެ އުމުރުފުރައިން ގައުމީ ޓީމާ ގުޅި، ކުޅެމުން އައެވެ.

"އޭރު ގައުމީ ޓީމު، ވަރަށް އެކުވެރިކަމާ އެކު ހުރިހާ ކުޅުންތެރިން ވެސް ވަރަށް ގުޅިގެން މަސައްކަތްކުރީ. އޭރު އަޅުގަނޑު ފުރަތަމަ ގައުމީ ޓީމަށް ޖޮއިންކުރިއިރު ސީނިއާ ކުޅުންތެރިން އަޅުގަނޑާ ބެހެއްޓީ ވަރަށް ގާތްކޮށް،" އިސްހާގު ބުންޏެވެ.

އަދި ފަހަރަކު ކާމިޔާބީއެއްގެ އޮޅި ގިރާކޮށް، ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރުކަން އިސްހާގު ހާސިލުކުރިއެވެ. މިއީ އޭނާ އޭރު ރާއްޖޭގެ ކުޅިވަރު ދުނިޔޭގައި ވިދުވައިލި އެއް ކާމިޔާބެވެ.

އިސްހާގު އީސާ --

ނަމަވެސް ފަހުން އޭނާއަށް ލިބުނު އަނިޔާއަކާ ހެދި ކުޅުން ހުއްޓައިލީއެވެ.

"ފުޓުބޯޅަ ކުޅުން އަޅުގަނޑު ހުއްޓައިލީ އަޅުގަނޑުގެ ފަޔަށް ލިބުނު އިންޖަރީއެއްގެ ސަބަބުން. އެއީ އަސްލު ރަށުގައި އޮތް މުބާރާތެއް ކުޅެނިކޮށް އަޅުގަނޑުގެ ކަކުލަށް ލިބުނު އަނިޔާއެއް،"

މިއަދު ނުފެންނަނީ އިހުގައި އޮތް ޖޯޝު

ފުޓުބޯޅައިގެ އެހާރާއި މިހާރުގެ ތަފާތު އޭނާއަށް ވެސް ފެންނަނީ ކުރީގެ އެހެން ތަޖުރިބާކާރުންނަ ފެންނަ މަންޒަރާ އެއްގޮތް ކޮށެވެ. އޭރު ފުޓުބޯޅަ ދަނޑުތައް ފަޅުފިލުވައިލަދިން ރޫހާއި، އޭރު އޮތް ފޯރި މިއަދު އޮތީ 'މަރުވެފައި' ކަމަށް އޭނާ ދެކެއެވެ.

"ހަމަ ގަލޮޅު ދަނޑު އެއްކޮށް އޮންނާނީ ފުރިފައި މެޗެއް ކުޅެންޏާ. މިހާރު އެ ތަނެއް ނުފެނޭ،" އޭނާ ބުންޏެވެ.

ފަހަރުގައި މިއީ މިއަދު ރާއްޖޭގެ އާންމު ހާލަތު އޮތް ގޮތުން އައި ބަދަލަކަށްވުމަކީ ވެދާނެ ކަމެއްކަމަށް އޭނާ ބުނެއެވެ. އެގޮތުން ސިޔާސީ އޮއިވަރާއި، އިޖުތިމާއީ ގުޅުންތައް މިއަދު އޮތް ގޮތަކީ މިކަމުގެ ސަބަބެއް ކަމަށް ވެދާނެކަމަށް އޭނާ ދެކެއެވެ.

ނަމަވެސް ކުޅިވަރާއި، ސިޔާސީ ކަންކަމަކީ ވަކި ދެ ކަމެއްގެ ގޮތުގައި ހަދައި، ކުޅިވަރަކީ އެންމެންގެ ޝާމިލުވުން ހިމެނޭ އެއްޗަކަށްވާނަމަ އެ ރޫހު ގެނެވޭނެކަމާމެދު އޭނާ ދެބަހެއް ނުވެއެވެ.

އިސްހާގު ކުޅުނު ޓީމު --

ޒުވާން ޖީލަށް އޮތް ނަސޭހަތަކީ އަޚުލާގު ހިފަހައްޓާށޭ

މިއަދު ކުޅިވަރުގެ މައިދާނުގައި އަމަލީ ގޮތުން ހަރަކާތްތެރިނުވި ނަމަވެސް، މިއަދުގެ ޒުވާނުންނަށް އޭނާ ދޭން އޮތް މެސެޖެއް އެބައޮތެވެ. އެއީ، ކުޅިވަރު ކުޅޭ ނަމަ އަޚުލާގު ހިފަހައްޓަން އިސްކަން ދިނުމެވެ.

އޭނާ ބުނީ، އެންމެ މުހިންމީ ކޯޗުގެ ބަހަށް ކިޔަމަންވެ، ވަގުތަށް ފަރުވާތެރިވުން ކަމަށެވެ. އަދި، ހަރަކާތްތެރި މީހެއްގެ ގޮތުގައި އުޅުމެވެ.

މުސްތަގުބަލުގައި އުންމީދަކީ އަލުން ހުރާގައި ވަރުގަދަ ޓީމެއް އުފެދިގެން އައުންކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ވަރަށް ދެކެން ބޭނުންވޭ ކުރީގައިހެން ގަލޮޅު ދަނޑުގައި ސަޕޯޓަރުން ފުލްކޮށް އޮވެފައި، ހުރާގައި ވެސް ރަނގަޅު ފުޓުބޯޅަ ޓީމެއް އޮތުން،" އޭނާ ބުންޏެވެ.

މައިދާނުގެ ތަޖުރިބާކާރުންގެ އަގު ވަޒަންކުރެވި، މިހާރަށްވުރެ ބޮޑަށް އެ މީހުން ބޭނުންކުރުމަކީ ވެސް ކުޅިވަރު ހަރުދަނާކުރުމަށް ކުރާނެ ކަމެއްގެ ގޮތުގައި އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް