ވާނަން އެކުގައި... 15

އަމިއްލަ މީހާއަށް އައިސްފައި ހުރި ބަދަލު ހުދު އާރިޒަށްވެސް ނޭނގުނެވެ. އޭނާއަށް ބަލަން އިނދެވުނެވެ. އެ ހުރިހާ ދުވަހު ތުނބުޅި ދިގުކޮށްގެން އޭނާ އުޅުނީ އެގޮތް ފަސޭހަވެގެނެއް ނޫނެވެ. އަމިއްލަ ނަފުސާއިމެދު މާބޮޑު ފަރުވާލެއް ނުބަހައްޓަންވެގެނެވެ. އެކަމަކު މިއަދު އަމިއްލަ ނަފުސުގެ މުހިއްމުކަން އޭނާއަށް ވިސްނެން ފަށައިފިއެވެ. ފޫހިވެފައިވާ ދިރިއުޅުންދެކެ ލޯބިވާން ފަށައިފިއެވެ. އެ ހުރިހާ ކަމަކަށް އެހީވާ މީހަކީ ލިޝާއެވެ.

********

"ރީތި ދޯ؟...." ލޯގަނޑު ދުރަށްލައިފައި ލިޝާ އަހައިލިއެވެ.

"އަހަރެންގެ އެއްވެސް ކަމަކާ ސުވާލު ނުކުރަނީ ކީއްވެ؟..." ލިޝާގެ މޫނަށް ބަލަން އިނދެފައި އާރިޒް އަހައިލިއެވެ. "އަހަރެން އުޅޭ ތަނަކާ، ކުރާ ކަމަކާ... މީން އެއްވެސް ކަމެއް އެނގޭކަށް ބޭނުމެއް ނުވޭތަ؟..."

ރޭގައި ގެއިން ނުކުމެގެން ގޮސްފައި އެނބުރި އައުމުންވެސް ލިޝާ ސުވާލެއް ނުކުރާތީ އާރިޒްގެ ހިތުގައި ޝަކުވާ އުފެދުނެވެ. އޭނާ އުޅޭ ތަނެއް އެނގުންވެސް ލިޝާއަށް މުހިއްމު ނުވަނީ ހެއްޔެވެ؟ ނޫނީ އާރިޒްގެ އެއްވެސް ކަމެއް ލިޝާއަށް މުހިއްމު ނުވަނީ ހެއްޔެވެ؟ ލިޝާގެ ފަރާތުން އޭނާ ބޭނުންވަނީ އެއަށްވުރެ ގާތް ގުޅުމެކެވެ.

"އަހަންނަށް އެނގޭ އާރި ގޯސްކަމެއް ނުކުރާނެކަން..." ލިޝާ ޔަގީންކަމާއި އެކުގައި ބުނެލިއެވެ.

"ކީއްވެ އަހަންނަށް ތިހާ އިތުބާރު ކުރަނީ؟... އަހަރެންގެ ހަގީގަތް އެނގިއްޖެއްޔާ ފޫހިވާނެ...." ކުށްވެރިއަކު ފަދައިން އާރިޒް އިސްޖަހައިލިއެވެ.

އާރިޒްގެ ހިތަށް ތަދުވިއެވެ. އޭނާ ލިޝާއަށް އެތައް އޮޅުވާލުމެއް އޮޅުވާލައިފިއެވެ. އެންމެ ކަމަކަށް ނޫނެވެ. އެތައް ކަމަކަށެވެ. ލިޝާއަށް ލިބުނު ހުރިހާ އަނިޔާގެ އަސްލަކީވެސް އޭނާއެވެ. ހަގީގަތް އެނގޭ ދުވަހަކުން ލިޝާއަށް ވާނެގޮތް އާރިޒަށް އެނގެއެވެ. އެ ނިކަމެތި އަންހެން ކުއްޖާގެ ހިތް ފޮތިފޮތިވާނެއެވެ.

"ތިހެން ބުނީމަ ހީވަނީ ބޮޑު ކުށެއް ކޮށްގެން އުޅޭހެން..." ލިޝާ ހީގަތެވެ. "މިއަދު ބިޒީތަ؟... ޝޮޕިންއަކަށް ދެވޭނެތަ؟..."

އާރިޒް ބޯ ޖަހައިލުމުން ލިޝާ ހިނިތުންވެލިއެވެ. ޝުކުރު އަދާކޮށްފައި އާރިޒްގެ ކައިރީގައި އިށީނެވެ. ކޮނޑުގައި ބޯއަޅައިލިއެވެ. ލިޝާ ހީވަނީ އާރިޒް އިމްތިހާނުކުރަން އުޅޭހެންނެވެ. އާރިޒަކީ ކުޑަކުއްޖެއް ނޫނެވެ. ގޭގައި ގެންގުޅޭ ދިރޭ އެއްޗެއްވެސް ނޫނެވެ. އެފަދަ ގާތްވެލުންތަކުން ފިރިހެނުންގެ ހިތުގައި ތަފާތު ވިންދެއް ޖަހާނެކަން ލިޝާއަށް ނޭނގެނީ ހެއްޔެވެ؟

އާރިޒް ތެދުވިއެވެ. ލިޝާއަށް ފުރަގަސްދިނެވެ. އޭރުވެސް އޭނާގެ ހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. ލިޝާ އާރިޒްގެ ކުރިމައްޗަށް އެރިއެވެ. ބޯ އަރިކޮށްލާފައި މޫނަށް ބަލައިލިއެވެ. ދެމީހުންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓުނެވެ. ލިޝާއާއި ދުރުގައި ހުންނަން އާރިޒް ކިތަންމެ މަސައްކަތް ކުރިޔަސް، ލިޝާ އޭނާއަށް އެފުރުސަތެއް ނުދެއެވެ.

"ދެން އަބަދުވެސް މިހެން ހުންނައްޗޭ... ޔަގީން އަންހެންކުދިން ހިތްކިޔާނެ..." އާރިޒްގެ ކޮލުގައި އަތް ޖައްސައިލަމުން ލިޝާ ބުނެލިއެވެ. "ދުވަސްކޮޅަކުން ލިޝްއަށް ނުވެސް ފެންނާނެ ކަންނޭނގެ... ގެއްލޭނެ..."

އާރިޒް ލިޝާގެ އަތް މަތީގައި އަތް ބާއްވައިލިއެވެ. އެ ފިނިފިނި އަތް ތިރިކޮށްލިއެވެ. އެއަށްފަހު ލިޝާއާއި ގާތަށް ޖެހިލިއެވެ. މޫނާއި ދިމާއަށް ގުދުވިއެވެ. ލިޝާ ހުރީ ދެލޯ ބޮޑުކޮށްލިގޮތަށް އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ. މަޑުމަޑުން ހުރެފައި އާރިޒް ކޮށްލާ ކަންކަމުން އޭނާގެ ހިތަށް ޒަލްޒަލާއެއް ގެނުވައެވެ.

"ތިއުޅެނީ އަހަރެން މީހަކާ ރައްޓެހިނުވެގެންތަ؟..." އާރިޒްގެ ބަރު އަޑުން ލިޝާގެ ހިތް ވިރުވައިލިއެވެ.

"ނޫން..." ލިޝާއަށް ބުނެވުނެވެ.

"އަހަންނަށް ކާންދޭންޖެހޭތީ ބޮޑުކަމަކަށްވީތަ؟..." ކުރިއަށްވުރެ ގާތްވެލަމުން އާރިޒް އަހައިލިއެވެ.

"ނޫން..." ލިޝާގެ އަޑު ނުކުތީ އެތައް ހިތްވަރެއް ކޮށްގެންނެވެ.

"ގެއަށް ނާންނަންވީތަ؟..." އާރިޒް އަނެއްކާވެސް ސުވާލުކުރިއެވެ.

"ނޫން..." ލިޝާ ބޯ ހޫރައިލިއެވެ.

"އަހަރެމެން ދެމީހުން ރައްޓެހިވުން އެއީ މައްސަލައެއްތަ؟..." އާރިޒް ދެން ކޮށްލީ ލިޝާ ހީވެސް ނުކުރާނެ ކަހަލަ ސުވާލެކެވެ. ލިޝާ ހުންނާނީ އެ ސުވާލަށް ތައްޔާރުވެގެން ނޫންކަން އާރިޒަށް ރަނގަޅަށް އެނގެއެވެ.

"ނޫން..." އާރިޒް ބުނި އެއްޗެއް ރަނގަޅަށް ފަހުމުނުވަނީސް ލިޝާއަށް ބުނެވުނެވެ. ބުނެވުނު އެއްޗެއް ވިސްނުމާއިއެކު ލިޝާއަށް ތެޅިގަނެވުނެވެ. "އޭނ؟..."

"އޯކޭ..." ލިޝާގެ ދެކޮނޑުގައި ހިފަހައްޓައިލަމުން އާރިޒް ބުންޏެވެ.

"ކޮން...ކަމަ..ކާ؟...." ލިޝާ ހާސްވެގެން ތެޅިގަތެވެ. އާރިޒްގެ އަތްދަށުން މިނިވަންވާން އުޅުނެވެ.

"ހުރިހާ ކަމަކާ..." ލިޝާ ހާސްވެގެން އުޅެންފެށުމުން، އާރިޒްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

އެއީ އާރިޒް ހިނިތުންވެލިތަން ލިޝާއަށް ފެނުނު ފުރަތަމަ ފަހަރެވެ. ހިނިތުންވެލާއިރު އާރިޒްގެ ފިރިހެންވަންތަކަން ވަކީން އިތުރުވިހެން ލިޝާއަށް ހީވިއެވެ.

"އަހަރެމެން މީ ފެމެލީ..." ލިޝާ އެއްޗެއް ބުނަން އުޅުނެވެ.

އާރިޒް ލިޝާގެ ތުންފަތުގައި އިނގިލި ޖައްސާލައިފައި އެވާހަކަ ހުއްޓުވިއެވެ. އާރިޒްގެ އެފަދަ ކޮންމެ އަމަލަކުން ލިޝާގެ ހިތުގެ އިހުސާސްތައް ދިޔައީ ގަދަވަމުންނެވެ. އާރިޒްގެ ގާތްވެލުންތަކަށް އޭނާގެ ހިތް އެދެވެން ފަށައިފިއެވެ. އަމިއްލަ ނަފުސަށް ވިސްނައިދޭން އުޅުނަސް، އޭނާގެ ބަސްނާހާ ހިތް އެކަމަށް ދެކޮޅުހަދަނީއެވެ. އާރިޒްގެ މީހަކަށް ވާން ހިތް އެދެނީއެވެ. އެމޭގެ ހިމާޔަތަށް ހިތް އެދި ގޮވަނީއެވެ.

"އަހަރެމެން ދެމީހުންނަށްވެސް އެކަކު އަނެކަކު މީ ފެމެލީ ބައެއްގެ ގޮތުގަ ދެކެވޭތަ؟.... ހަމަގައިމުވެސް އަހަންނަކަށް ނުދެކެވޭ...." އާރިޒް ހާމަކުރީ އޭނާގެ ހިތުގައި އޮތް ގޮތަށެވެ.

އާރިޒް ގާތްވެލުމުން ލިޝާއަށް ލޯ މަރައިލެވުނެވެ. އާރިޒްގެ އެދުމަށް ދައުވަތު ދިން ފަދައިންނެވެ. އާރިޒް ބުނީ ތެދެކެވެ. އާއިލީ ގުޅުމަކުން ނަންދޭން އުޅުނަސް، އެކަކު އަނެކަކުގެ ހިތުގައި އޮތީ މުޅީން ތަފާތު އިހުސާސެކެވެ. ވީއިރު، ހިތުގެ އެދުމަށް ފުރަގަސްދީފައި، ދިރިއުޅުން ކުރިއަށް ގެންދެވޭނީ ކިހިނެއް ހެއްޔެވެ؟

ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދެމީހުންނަށް އަމިއްލަ ނަފުސުގެ މަތިން ހަނދާންނެތުނެވެ. އަމިއްލަ އިހުސާސްތައް ފޮރުވަން އާރިޒް ނުކުޅެދުނީ ލިޝާ ދިން ފޮނިފޮނި ދައުވަތުގެ ސަބަބުންނެވެ. އެ ދައުވަތުގެ ބޭނުން އޭނާ ހިފިއެވެ. ލިޝާގެ ކުޑަކުޑަ މޫނުކޮޅުގައި ހިފައި އުފުލައިލިއެވެ. އޭރުވެސް ލިޝާ ހުރީ ދެލޯ މަރާލައިގެންނެވެ.

ފަހުން ވާނެގޮތަކާއިމެދު ވިސްނުނު ނަމަވެސް، އާރިޒް އެ ހިޔާލުތައް ސިކުނޑިން ނެރެ އެއްލައިލިއެވެ. އެވަގުތު އޭނާ ބޭނުންވީ ހަމައެކަނި ލިޝާއެވެ. ހިތް އެދުނީ އެ އަންހެންކުއްޖާގެ މޫނުގައި ބީހިލުމަށެވެ. ލިޝާއަކީ ހަމައެކަނި އޭނާގެ ހައްގަކަށް ހަދާށެވެ. އެހެން މީހަކަށް އެ ފުރުސަތު ލިބުމެއް ނެތެވެ.

އާރިޒްގެ ލުއި ބީހިލުމުން ލިޝާގެ މުޅި މޫނު ރަތްވެގެން ދިޔައެވެ. ކުރެވުނު ފޮނި އިހުސާސް އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.

ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އާރިޒް ލިޝާއާއި ދުރަށްޖެހުނެވެ. ކުރެވުނު ކަންތަކުން އަމިއްލަ ނަފުސު ކުށްވެރިވެފައިވާ ހާލު އާރިޒަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކާމޭޒުގައި ލައްވެލިގޮތަށް ލިޝާ ހުރީ އެތަނުން ދުރަށްޖެހިލަންވެސް ނޭނގިފައެވެ. ކުއްލިއަކަށް އާރިޒް ދުރަށްޖެހުނުގޮތުން އޭނާގެ ހިތަށް ތަދުވިއެވެ.

"ސޮރީ..." މައާފަށް އެދިފައި އާރިޒް އެތަނުން ނުކުންނަން ހިނގައިގަތެވެ.

އާރިޒް ސިހުނީ ލިޝާ އޭނާގެ ފުރަގަހުން ބައްދައިލުމުންނެވެ. ނުދާށޭ ބުނާ ފަދައިން އާރިޒްގެ ގައިގައި ހިފަހައްޓާލައިގެން ލިޝާ އިރުކޮޅަކު ހުއްޓެވެ.

"އަހަންނަކަށްވެސް ނުދެކެވޭ..." ލިޝާ ބުންޏެވެ.

ލިޝާ ދިނީ އާރިޒް ކުރިން ކުރި ސުވާލުގެ ޖަވާބެވެ. އާއިލާގެ މީހެއްގެ ގޮތުގައި އާރިޒް ބަލައިގަންނަން ލިޝާއަށްވެސް އުނދަގުލެވެ. ލިޝާ ބުނި އެއްޗެއް ވިސްނުމުން، އާރިޒަށް ހިނިތުންވެލެވުނެވެ. ލިޝާ ގެނެސް މޭގައި ޖައްސާލަން ހިތް އެދުނެވެ. އެހެނަސް ހިތުގެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން އޭނާ ލިޝާއާއި ދުރަށްޖެހުނެވެ.

********

އެއާޕޯޓުން ނުކުތްއިރު، ސުމާގެ މޫނުން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ފޮށި ދަމާލާނެ ވަރުވެސް އޭނާގެ ގަޔަކު ނެތެވެ. ހުރިހާ ފޮށިތައް ކާރާއި ހަމައަށް ގެންދިޔައީ ޝަފާޒެވެ. ކާރަށް އެރިގޮތަށް ސުމާ ލޯ މަރައިލިއެވެ.

"ނިދިއްޖެއްޔާ ގޮވާލައްޗޭ!..." އާފުރެމުން ސުމާ ވާހަކަ ދެއްކިއެވެ.

ޝަފާޒު ހިނިތުންވެލިއެވެ. ސުމާ ކަހަލަ އެކުވެރިއަކު ލިބޭނީ މަދު މީހަކަށެވެ. ސުމާގެ ސަބަބުން އޭނާއަށް އޭނާގެ އަލަތު ލޯތްބާއި ކައިރިއަށް އާދެވިއްޖެއެވެ. އެލޯބި އަލުން ހާސިލުކުރުމުގެ އުއްމީދުވެސް އައުވެއްޖެއެވެ.

"މިއާދެވުނީ..." ޝަފާޒު ދެތިން ފަހަރަކު ގޮވާލުމުންވެސް ސުމާއަކަށް ހޭލެވުނުކަމަކަށް ނުވިއެވެ.

ޑްރައިވަރު ބަލަން ފެށުމުން ޝަފާޒަށް ގޮތް ހުސްވިއެވެ. ގަދަކަމުން އަތް އުފުލާލުމަށްފަހު، ސުމާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. މަޑުމަޑުން ތަޅުވައިލިއެވެ. ސުމާ ފުންމައިގެން ތެދުވިއެވެ.

"އާދެވިއްޖެ..." ޝަފާޒު ބުނެލިއެވެ.

ކަންތައްވީގޮތުން ސުމާގެ މޫނު ލަދުން ރަތްވިއެވެ. އަވަސް އަވަހަށް ކާރުން ފައިބަން އުޅުމުގެ ތެރޭގައި ކާރުގެ ދޮރުގައި ބޯޖެހުނެވެ. ޝަފާޒަށް އެމަންޒަރުވެސް ފެނުނެވެ.

"ހާދަ ނުބަލާ އުޅޭ ކުއްޖެކޭ..." ޝަފާޒު ލުއި ހިނިގަނޑެއް ޖަހައިލިއެވެ. "ތަދުވިތަ؟..."

"ނުވޭ... އެއްވެސް ތަދެއް ނުވޭ..." ބޮލުގައި މަޑުމަޑުން ޖަހައިލަމުން ސުމާ ބުންޏެވެ.

ޝަފާޒަށް ހެވުނެވެ. ތަދުވިވަރު ސުމާގެ މޫނުން ރީތިކޮށް ފެންނަން ހުރިއިރުވެސް އެކުއްޖާ ބެލީ އޭނާއަށް އޮޅުވާލެވޭތޯއެވެ. ފޮށިތައް ގެއަށް ވެއްދުމުގެ ކުރިން ކުރިމަތީގައި ހުރި އިމާރާތާއި ދިމާއަށް ބަލަން ޝަފާޒު ހުއްޓެވެ. އެއީ ލިޝާ ހުރިކަމަށް ބުނެ ސުމާ އޭނާއަށް ދެއްކި ގެއެވެ. ހަމަލޮލަށް ފެންނައިރު ގަނޑުވަރެއްފަދަ އެގޭގައި އޭނާގެ ލޯބިވެރިޔާއަށް ދިމާވީ ކޮންފަދަ ކަމެއް ބާއޭ ޝަފާޒުގެ ހިތަށް އެރިއެވެ.

ފޮށިތައް ގެއަށް ލާފައި ޝަފާޒު ނުކުތީ ސުމާ ފާހާނާއަށް ވަން ވަގުތު ބަލާފައެވެ. ކުރިމަތީގައި ހުރި އިމާރާތާއި ދިމާއަށް އޭނާ ހިނގައިގަތެވެ. ޕިންކްވިލާ ގޭގެ ބޭރުގައި ހަރުކޮށްފައިވާ ބެލް އަޅައިލުމާއިއެކު ދޮރު ހުޅުވާލާފައި އަންހެނަކު ނުކުތެވެ. މެދުއުމުރުގެ މީހެކެވެ. އަޅައިގެން ހުރި ހެދުމުން އެއީ ތަނުގައި ގެންގުޅޭ މީހެއް ފާޑު ޖަހައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު