ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ކުޑަ، ހައްލުކުރެވޭނީ މަޖިލީހަށް: ރައީސް

ރައީސް ޑރ. މުއިއްޒު ރ. މީދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ކައުންސިލް އިދާރާތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ކުޑަކަމަށާއި، އެ މައްސަލަ ހައްލުކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ސިލްސިލާކޮށް ކުރިއަށްގެންދާ އާންމުންނަށް ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައެވެ.

މިއަދުގެ ޕުރޮގްރާމްގައި މ.ނާލާފުށީ މަތަރެސްމާގޭ، މޫސާ ޞާބިރު ވަނީ ސިވިލް ސާވިސްގައި ޚިދުމަތްކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ.

އޭނާ ބުނީ އޭނާއަކީ، ޑިގްރީ ހާސިލް ކުރުމަށް ފަހު އެރަށު ކައުންސިލްގައި މަސައްކަތް ކުރާ މީހެއް ކަމަށެެވެ. ނަމަވެސް، އެމީހުންނަށް ލިބެނީ ވަރަށް ކުޑަ މުސާރައެއްކަން އޭނާ ފާހަގަކުރިއެވެ.

ޞާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ގިންތި ކޮށްފައި ވަނީ ވަރަށް ދަށު ފަންތިއެއްގައި ކަމަށެވެ.

"އެއީ މައިގަނޑު މަގުސަދަކީ. ސަރުކާރުން ފިނޭންސް މިނިސްޓްރީން މުސާރަ ބޮޑުކުރަން ބޭނުން ވިއަސް އެކަމެއް ނުއެއް ކުރެވޭނެ ކެޓަގަރައިޒް ކޮށްފައި އޮންނަ ގޮތުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޖުމުލަކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްދޭން ބޭނުންވާ ކަމަށެވެ. އެެހެން ނަމަވެސް، އެކަން ކުރެވޭނީ އިގްތިޞާދު ފުޅާވެ އާމުދަނީ އިތުރުވާ މިންވަރަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމަށް މިހާރުން މިހާރަށް ވެސް ހައްލެއް ގެނެވޭނީ މަޖިލިސް ތެރެއިން. މަޖިލިސް ތެރެއިން ކަންތައްތަކެއް ކުރެވިގެން އެކަމަށް ހައްލެއް ލިބޭނީ،" ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކުގެ ހިންގުމަށާއި މުސާރައަށް ބަދަލުތަކެއް ގެންނަ ވާހަކަ ރައީސް ތަކުރާރުކޮށް ދައްކަވައެވެ. އެގޮތުން، މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރިކުރުމުވުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޖިލީހުން ވަނީ ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ވެސް ފާސްކޮށްފައެވެ.

comment ކޮމެންޓް