ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހޫނުމިން އިހުސާސް ކުރެވޭ މިންވަރު މަތިވެއްޖެ

ދުވަސްވީ މީހަކު ބައިސްކަލުގައި ދާއިރު އަންހެނަކު ހޫނުން ސަލާމަތްވުމަށް ކުޑަ ހިފައިގެން: ހޫނު މިން އިހުސާސް ކުރެވޭ މިންވަރު 40 ޑިގްރީއަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް މެޓުން ބުނޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހޫނުމިން އިހުސާސް ކުރެވޭ މިންވަރު މަތިވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މާޗު މަހާއި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާ ދުވަސްވަރު ކަމަށެވެ. އެގޮތުން ވިލާ މަދުވުމާއި ވައި މަޑުވުމުންނާއި ވައިގެ ތެތްކަން އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމުން ހޫނުމިން އިހުސާސް ކުރެވޭ މިންވަރު މަތިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހޫނު މިން އިހުސާސް ކުރެވޭ މިންވަރު މަތިވާނެކަމަށެވެ. މިއަދު ހުޅުލޭގައި 42 ޑިގްރީގައި ހުރި ކަމަށާއި މާލެގައި 33 ޑިގްރީގައި ހުރި ކަމަށް މެޓް އޮފީހުން ބުނެއެވެ.

އެއާއެކު، ދެކުނުގެ އަތޮޅުތަކުގައި 37-35 ޑިގްރީގައި ހުރިއިރު ލ. އަތޮޅުން ފެށިގެން އުތުރުގެ ރަށްތަކުގެ ހޫނު މިން ވަރަށް މައްޗަށް ގޮސްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މެޓް އޮފީހުން ބުނީ މި އަހަރަކީ އެލްނީނޯ އަހަރެއް ކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު ބޮޑު ކަމަށާއި އެންމެ ހޫނު ގަދަވާނީ މެންދުރު ދޭއް ޖަހާއިރު ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ހޫނު ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މިއަހަރު އެންމެ ހޫނުގަދަ ދުވަސްތައް ދިމާވެފައިވަނީ، މިއަދު ފެށޭ ރޯދަމަހާއެވެ.

comment ކޮމެންޓް