އެޑިޓްކޮށްފައިވާ ފޮޓޯއެއް ކަމަށްބުނެ، ކޭޓްގެ އެންމެ ފަހުގެ ފޮޓޯ ފުހެލައިފި

މަންމައިގެ ދުވަހާ ގުޅިގެން އާންމުކޮށްފައިވާ ކޭޓާއި އޭނާގެ ކުދިންގެ ފޮޓޯ -- ފޮޓޯ/ރޮއިޓާސް

ވަރަށް ބޮޑަށް އެޑިޓްކޮށްފައިވާ ފޮޓޯއެއް ކަމަށްބުނެ، އިނގިރޭސިވިލާތުގެ އަމީރާ ކޭޓް މިޑްލްޓެންގެ އެންމެ ފަހުން އާންމުވެފައިވާ ފޮޓޯ، ބޮޑެތި ފޮޓޯ އެޖެންސީތަކުން ނަގައިފިއެވެ.

ރޮއިޓާސް، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަދި އެޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ) އިން މީޑިއާތަކަށް ބުނި ގޮތުގައި އެ ފޮޓޯ އެ މީހުންގެ ސިސްޓަމްތަކާއި ފުހެލުމުގެ ކުރިން ގިނަ އަދަދެއްގެ ޕިކްޗާ އެޖެންސީތަކުން ވަނީ އެ ފޮޓޯ ދައުރުކޮށްފައެވެ.

އެ ފޮޓޯއަކީ މަންމައިންގެ ދުވަސް ފާހަގަ ކުރުމަށް ނެރުނު ފޮޓޯއެއް ކަމަށާއި، ފޮޓޯއިން ފެންނަނީ ކޭޓް ކައިރީގައި އޭނާއާއި އަމީރު ވިލިއަމްގެ ތިން ކުދިން ކަމަށްވާ ޕްރިންސް ޖޯޖް، ޕްރިންސެސް ޝާލޮޓް އަދި ޕްރިންސް ލޫއީ ތިއްބައެވެ. ނަމަވެސް އެ ފޮޓޯއަކީ އެޑިޓްކޮށްފައިވާ ފޮޓޯއެއް ކަމަށާއި، ފޮޓޯގައި ޕްރިންސެސް ޝާލޮޓްގެ ކަނާތު އަތުގެ އެލައިންމަންޓްގައި އެއްގޮތްނުވާ ކަމަށް ސްކައި ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ކޭޓް އަދި ވިލިއަމްގެ ރަސްމީ ގަނޑުވަރު، ކެންޒިންގްޓަންއިން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

އޭޕީއިން ބުނީ އެ ނޫހުން ފުރަތަމަ ޝާއިއުކުރި ފޮޓޯއަކީ ކެންޒިންގްޓަންއިން ނެރުނު ފޮޓޯއެއް ކަމަށެވެ. ނަމަވެސް ފަހުން އެ ފޮޓޯއާމެދު ޝައްކު އުފެދި ބެލިއިރު، އޭޕީގެ ފޮޓޯ ސްޓޭންޑާޑްތަކަށް ވެސް ނުފެތޭ ކަމަށް އެ ނޫހުން ބުނެއެވެ.

ޕްރޮފެޝަނަލް ބޭނުމަކަށް ފޮޓޯ ނެގުމަށްފަހު އެޑިޓް ކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް ގަނޑުވަރުން ރަސްމީ ޖަވާބެއް ނުލިބި، އެ ފޮޓޯގެ ވަށައިގެން އުފެދިފައިވާ އޮޅުން ބޮޅުން ބޮޑުވުމަކީ ކޭޓްގެ ބަނޑުގެ އޮޕަރޭޝަނަށް ފަހު އިންޓަނެޓްގައި ދައުރުވަމުން އަންނަ ތަފާތު ވާހަކަތައް އިތުރަށް ދެކެވޭނެ ކަމެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހު ބަނޑުގެ ބައްޔަކަށް ފަރުވާ ކުރުމަށް ކޭޓް ހޮސްޕިޓަލްގައި އެޑްމިޓް ކުރި ފަހުން އޭނާގެ ސިއްހަތާމެދު ތަފާތު ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ކޭޓުގެ ބަލި ހާލަތުގެ ތަފުސީލު ހާމަކޮށްފައިނުވި ނަމަވެސް ކެންޒިންގްޓަންއިން ކުރިން ބުނެފައިވަނީ އެއީ ކެންސަރާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި ކޭޓް އެދެނީ އޭނާގެ އަމިއްލަ ސިއްހަތާބެހޭ މައުލޫމާތު ހާމަ ނުކުރުން ކަމަށެވެ.

comment ކޮމެންޓް