ހިތަދޫ-ހުޅުދޫމީދޫ ބްރިޖު މަޝްރޫއު: ފުރަތަމަ ސާވޭތައް ނިންމާލައިފި

އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ބްރިޖަކުން ގުޅާލާ މަޝްރޫޢުގެ ޑިޒައިން ތައްޔާރު ކުރުމަށް ކުރި ފުރަތަމަ ސާވޭތައް މިއަދު ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބުނުން -- ފޮޓޯ/ އިންފްރާސްޓްރަކްޗަރު މިނިސްޓްރީ

އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ބްރިޖަކުން ގުޅާލާ މަޝްރޫޢުގެ ޑިޒައިން ތައްޔާރު ކުރުމަށް ކުރި ފުރަތަމަ ސާވޭތައް މިއަދު ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ބުނީ ބްރިޖުގެ ޑިޒައިން ތައްޔާރު ކުރުމަށް އަރަބި ކޮންޓްރެކްޓަރުން ސާވޭ ފެށީ މިދިޔަ ބުދަ ދުވަހުގައި ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު އެޅުމުގެ ސާވޭއާއީ ޑިޒައިން ހިލޭ ހަދައިދޭ ގޮތަށް، އެ މަސައްކަތް މިސްރުގެ 'ދި އަރަބް ކޮންޓްރެކްޓާޒް"އާ ސަރުކާރުން ހަވާލުކުރީ މިދިޔަ ފެބްރުއަރީމަހުގެ 19ވަނަ ދުވަހުގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ދި އަރަބް ކޮންޓްރެކްޓާޒްއިން ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ޕްރޮޕޯޒަލް ސަރުކާރުން ދިރާސާކުރުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހުޅުދޫއާއި މީދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އައްޑޫ ބްރިޖުގެ މަސައްކަތަކީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ މަގު ޗާޓުގައި އެންމެ ފަހު ހަފުތާއަށް ތާވަލުކޮށްފައިވާ އޮތް މަސައްކަތެކެވެ. ހިތަދުއާއި ހުޅުމީދޫ ގުޅުވާލުމަށް މި ބްރިޖުގެ ސާވޭ މަސައްކަތަށް މި އަހަރު އޮތީ 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ.

ބުރިޖަކުން ހިތަދޫއާއި ހުޅުމީދޫ ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް 2018 ވަނަ އަހަރުގެ އިންތިޚާބު ތެރޭ ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

comment ކޮމެންޓް